ދެ ގަޑިއިރު ނުވަނީސް މެރަތަން ނިންމައި، ސާވޭ ދުނިޔޭގެ ރެކޯޑެއް ހަދައިފި

ސަބާސްޓިއަން ސާވޭ ގާއިމުކުރި ދުނިޔޭގެ މެރަތަން ރެކޯޑަށްފަހު-

ލަންޑަން މެރެތަންގައި ކެންޔާގެ ސަބާސްޓިއަން ސާވޭ ވަނީ އިންސާނިއްޔަތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރަސްމީ މުބާރާތެއްގައި ދެ ގަޑިއިރަށްވުރެ އަވަހަށް މެރެތަންއެއް ނިންމައި ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފައެވެ. އޭނާ ރޭސް ނިންމާފައިވަނީ 1:59:30 އިންނެވެ. މި ރޭހުގައި ދެވަނައަށް ދިޔަ ޔޯމިފް ކެޖެލްޗާ ވެސް ވަނީ ދެ ގަޑިއިރަށްވުރެ އަވަހަށް ރޭސް ނިންމާފައެވެ. މީގެ އިތުރުން އަންހެނުންގެ މެރެތަން ރެކޯޑު ތިގްސްތު އައްސެފާ އާކުރިއިރު، ފުރޮޅުލީ ގޮނޑީގެ ރޭހުން މާސެލް ހަގް ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ.

  • ސަބާސްޓިއަން ސާވޭ 1:59:30 އިން ރޭސް ނިންމައި ދުނިޔޭގެ ރެކޯޑު މުގުރާލުން
  • ރަސްމީ މެރެތަންއެއް ދެ ގަޑިއިރަށްވުރެ އަވަހަށް ނިންމި ފުރަތަމަ ފަހަރު
  • ދެވަނައަށް ދިޔަ ޔޯމިފް ކެޖެލްޗާ ވެސް 1:59:41 އިން ރޭސް ނިންމުން
  • ތިގްސްތު އައްސެފާ އަންހެނުންގެ މެރެތަން ދުނިޔޭގެ ރެކޯޑު 2:15:41 އިން އާކުރުން

ލަންޑަން މެރެތަންގައި ކެންޔާގެ ދުވުންތެރިޔާ ސަބާސްޓިއަން ސާވޭ މުޅި ދުނިޔެ ސިއްސުވާލައި، ކުޅިވަރުގެ ތާރީޚުގައި މީގެ ކުރިން މީހަކަށް ހާސިލުކުރެވިފައި ނުވާ ފަދަ އާދަޔާޚިލާފު ކާމިޔާބީއެއް ހޯދައިފިއެވެ.

ރަސްމީ މުބާރާތެއްގައި ދެ ގަޑިއިރަށް ވުރެ އަވަހަށް މެރެތަންއެއް ނިންމި ފުރަތަމަ އެތުލީޓުގެ ޝަރަފު ސާވޭ ހޯދީ، އެއް ގަޑިއިރު 59 މިނެޓު 30 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިއީ 2023 ވަނަ އަހަރު ކެލްވިން ކިޕްޓަމް ގާއިމުކުރި 2:00:35 (ދެ ގަޑިއިރާއި 35 ސިކުންތު) ގެ ދުނިޔޭގެ ރެކޯޑަށްވުރެ މިނެޓަކަށް ވުރެ ވެސް ގިނަ އިރު އަވަސް ވަގުތެކެވެ.

މީގެ ކުރިން 2019 ވަނަ އަހަރު އެލިއުޑް ކިޕްޗޯޖޭ ދެ ގަޑިއިރަށް ވުރެ އަވަހަށް ދުވެފައިވީ ނަމަވެސް، އެއީ ޚާއްސަ ހާލަތްތަކެއްގެ ދަށުން ދުވި ދުވުމަކަށް ވާތީ ރަސްމީ ރެކޯޑެއްގެ ގޮތުގައި ބަލައިގެންފައެއް ނުވެއެވެ. ނަމަވެސް ސާވޭގެ މި ކާމިޔާބީއާ އެކު، އިންސާނުންނަށް މެރެތަންއެއްގައި ނުކުރެވޭނެ ކަމަށް ކުރިން ހީކުރެވުނު ކަންކަން މިވަނީ މާޒީއާ އެކުވެފައެވެ.

ދުނިޔޭގެ މެރަތަން ރެކޯޑު ގާއިމުކުރި ސާވޭ ދުވުން ނިންމަނީ--

މި ރޭހުގެ ފޯރިގަދަވެގެން ދިޔައީ ހަމައެކަނި ސާވޭގެ ސަބަބަކުން ނޫނެވެ. މެރެތަންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެއް ރޭހެއްގައި ދެ ދުވުންތެރިން ވަނީ ދެ ގަޑިއިރަށް ވުރެ އަވަހަށް ރޭސް ނިންމާފައެވެ.

އެގޮތުން އަލަށް މެރެތަންއެއްގައި ވާދަކުރި ޔޯމިފް ކެޖެލްޗާ ވަނީ އެއް ގަޑިއިރު 59 މިނެޓު 41 ސިކުންތުން ރޭސް ނިންމައި ދެވަނަ ހޯދާފަ އެވެ. މީގެ އިތުރުން ތިންވަނައަށް ދިޔަ ޖޭކޮބް ކިޕްލީމޯ ވެސް ވަނީ ކިޕްޓަމްގެ ކުރީގެ ރެކޯޑަށްވުރެ އަވަހަށް، ދެ ގަޑިއިރު 28 ސިކުންތުން ރޭސް ނިންމާފައެވެ. މި ނަތީޖާތަކުން ދޭހަކޮށްދެނީ މެރެތަން ދުވުމުގެ މިންގަނޑުތައް މުޅިން އާ އުސްމިންތަކަކަށް ބަދަލުވެގެން ގޮސްފައިވާ ކަމެވެ.

ދުނިޔޭގެ ރެކޯޑު ގާއިމުކުރި ދުވުންތެރިޔާ--

ސާވޭގެ މި ކާމިޔާބީގެ ފަހަތުގައި ވަނީ ވަރަށް ބޮޑު ރޭވުންތެރިކަމެކެވެ. ރޭހުގެ ފުރަތަމަ ބައި އޭނާ ނިންމާލީ އެއް ގަޑިއިރު 29 ސިކުންތުންނެވެ. ނަމަވެސް ރޭހުގެ ފަހު ދިހަ ކިލޯމީޓަރުގެ ތެރޭގައި އޭނާ ދެއްކި ހަލުވި ދުވުމަކީ އެންމެން ހައިރާންކޮށްލި ކަމެކެވެ.

ރޭހުގެ ފަހު ދެބައިކުޅަ އެއްބައި އޭނާ ނިންމީ އެންމެ 59 މިނެޓު އެއް ސިކުންތުންނެވެ. މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ހާފް މެރެތަންއެއް އެންމެ އަވަހަށް ދުވާ މަދު އެތުލީޓުންނަށް ނޫނީ ހާސިލުކުރެވޭނެ ވަގުތެއް ނޫނެވެ.

ސާވޭ ބުނި ގޮތުގައި ރޭސް ފެށުނީއްސުރެ އޭނާއަށް ހުރީ ވަރަށް ރަނގަޅު އިހުސާސެއް ކުރެވިފަ އެވެ. އަދި ނިންމާލި އިރު ފެނުނު ވަގުތުގެ ސަބަބުން ލިބުނު އުފާ ބަޔާންކުރަން ވެސް ދަތި ކަމަށް އޭނާ ބުންޏެވެ.

އަންހެނުންގެ ކެޓަގަރީއަށް ބަލާއިރު، އިތިއޯޕިއާގެ ތިގްސްތު އައްސެފާ ވަނީ 2:15:41 (ދެ ގަޑިއިރާއި ފަނަރަ މިނެޓު 41 ސިކުންތު) އިން ރޭސް ނިންމައި، އަންހެނުންގެ މެރެތަންގެ ދުނިޔޭގެ ރެކޯޑު އާކޮށްފައެވެ.

މި ކާމިޔާބީއާ އެކު އޭނާ ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ލަންޑަން މެރެތަން ކާމިޔާބުކޮށްފަ އެވެ. ފުރޮޅުލީ ގޮނޑީގެ ރޭސްތަކުން ވެސް ފެނިގެންދިޔައީ ތާރީޚީ ކާމިޔާބީތަކެކެވެ. އެގޮތުން މާސެލް ހަގް ވަނީ އަށްވަނަ ފަހަރަށް ލަންޑަން މެރެތަން ކާމިޔާބުކޮށް، ޑޭވިޑް ވެއާގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ.

މިފަހަރުގެ ލަންޑަން މެރެތަންއަކީ ހުރިހާ ގޮތަކުން ވެސް އިންސާނީ ގާބިލުކަން ހުރި މިންވަރު މުޅި ދުނިޔެއަށް ސާބިތުކޮށްދިން، ތާރީޚީ ދުވުމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު