އަކްޝޭގެ ބޫތު ބަންގްލާ ބޮކްސް އޮފީހުގެ 100 ކްރޯޑު ކްލަބަށް

ފިލްމު "ބޫތު ބަންގްލާ"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރާއި ޑައިރެކްޓަރު ޕްރިޔަދަރްޝަން ގުޅިގެން އުފެއްދި ފިލްމު ބޫތު ބަންގްލާ އިންޑިއާގެ ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފިއެވެ. އަދި ބޭރު ދުނިޔޭގެ އެކި މާކެޓްތަކުން ލިބުނު އާމްދަނީއާއެކު ޖުމުލަ 150 ކްރޯޑަށް އަރާފައިވެއެވެ. 120 ކްރޯޑުގެ ބަޖެޓަކުން އުފެއްދި މި ހޮރޯ ކޮމެޑީ ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މިއީ އާދަޔާޚިލާފު ބިރުވެރި ކަންތައްތަކެއް ދައްކުވައިދޭ ކާމިޔާބު ފިލްމެކެވެ.

  • ފިލްމު ބޫތު ބަންގްލާއަށް އިންޑިއާގެ ބޮކްސް އޮފީހުގައި 100 ކްރޯޑު ރުޕީސް ލިބުން
  • ދުނިޔޭގެ އެކި މާކެޓްތަކުން ފިލްމަށް ޖުމުލަ 150 ކްރޯޑު ރުޕީސް ލިބުން
  • މި ފިލްމު އުފެއްދުމަށް 120 ކްރޯޑު ރުޕީސް ޚަރަދުކޮށްފައިވުން
  • މިއީ އަކްޝޭ ކުމާރާއި ޕްރިޔަދަރްޝަން ގުޅިގެން އުފައްދާފައިވާ ހޮރޯ ކޮމެޑީ ފިލްމެއްކަން

ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރާއި ޑައިރެކްޓަރު ޕްރިޔަދަރްޝަން ގުޅިގެން އުފެއްދި އެންމެ ފަހުގެ ފިލްމު "ބޫތު ބަންގްލާ"އަށް އިންޑިއާގެ ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބި، ބޭރު ދުނިޔޭގެ އެކި މާކެޓްތަކުން ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 150 ކްރޯޑަށް އަރައިފިއެވެ.

މި އަދަދާ އެކު ފިލްމު "ބޫތު ބަންގްލާ"އަށް ބޮކްސް އޮފީހުގެ 100 ކްރޯޑު ކްލަބުން ޖާގަ ކަށަވަރުވެފައިވާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. މި މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރި މި ހޮރޯ-ކޮމެޑީ ފިލްމަށް ފެށުނީއްސުރެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ދެވަނަ ހަފުތާ ބަންދުގައި ވެސް ފިލްމުގެ އާމްދަނީ ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.

މި ފިލްމު އަންނަނީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ދުރަންދަރު 2" އާއި، މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ހޮލީވުޑް ފިލްމު "މައިކަލް"އާ ވާދަކޮށް ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ.

ފިލްމު "ބޫތު ބަންގްލާ"ގެ ޑައިރެކްޓަރު ޕްރިޔާދަރުޝަން އަދި އެ ފިލްމުގެ ލީޑް އެކްޓަރު އަކްޝޭ ކުމާރު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ފިލްމީ ދާއިރާގެ ތަފާސްހިސާބުތައް ދިރާސާކުރާ "ސެކްނިލްކް"އިން ހާމަކޮށްފައިވާ ގޮތުގައި، "ބޫތު ބަންގްލާ" ރިލީޒްކުރި ނުވަވަނަ ދުވަހު އެކަނި ވެސް 10.75 ކްރޯޑް ރުޕީސް ފިލްމަށް ލިބިފައިވެއެވެ. މިއާއެކު އިންޑިއާގެ މާކެޓުން މި ފިލްމަށް ލިބުނު ޖުމުލަ އާމްދަނީ ވަނީ 100.90 ކްރޯޑް ރުޕީސްއަށް އަރާފައެވެ. ފިލްމު "ބޫތު ބަންގްލާ" އުފެއްދީ 120 ކްރޯޑް ރުޕީސް (12.96 މިލިއަން ޑޮލަރު)ގެ ބަޖެޓަކުންނެވެ.

އަކްޝޭ ލީޑް ރޯލް ކުޅެފައިވާ "ބޫތު ބަންގްލާ"އަކީ ރަށްފުށުގެ ސަރަހައްދެއްގައި ހުންނަ ބޯދާ ގަނޑުވަރެއްގެ މިލްކުވެރިކަން ލިބޭ މީހަކަށް، އެ ތަނުގެ ސިއްރުވެރި މާޒީ ނޭނގި ހުއްޓާ ދިމާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

އޭނާގެ އާއިލީ ކައިވެނި ހަފުލާއެއް އެ ގަނޑުވަރުގައި ބާއްވަން އުޅުމުގެ ތެރޭގައި ހިނގާ އާދަޔާޚިލާފު ބިރުވެރި ކަންތައްތަކެއް މި ފިލްމުން ދައްކުވައިދޭނެއެވެ. މި ފިލްމުގައި އަކްޝޭ ކުމާރުގެ އިތުރުން ވަމީގާ ގައްބީ، ރާޖްޕާލް ޔާދަވް، ޕަރޭޝް ރާވަލް، ޖިޝޫ ސެންގުޕްތާ އަދި ތާބޫ ފަދަ ހުނަރުވެރި ތަރިން މުހިންމު ރޯލުތަކުން ފެންނާނެއެވެ.

comment ކޮމެންޓް