ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ހުކުމް ކުރުން އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފިއެވެ.
އެންމެ މަތީ ކޯޓުން މި މައްސަލައިގައި ހުކުމްކުރުމަށް ބާއްވާ އަޑުއެހުން ތާވަލުކޮށްފައިވަނީ ބުދަ ދުވަހުގެ ހެނދުނު 10:15 އަށެވެ.
މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައެކެވެ. މި މައްސަލައިގެ ތެރެއަށް އިދިކޮޅު އެމްޑީޕީން ވެސް ވަނީ ތަދައްހުލްވެފައެވެ.
މައްސަލައިގެ ފުރަތަމަ އަޑުއެހުން ފެބްރުއަރީ 17، 2025 ގައި ބޭއްވިއިރު، ދެވަނަ އަޑުއެހުން ބާއްވާފައިވަނީ އޭގެ 421 ދުވަސް ފަހުން މި ހިނގާ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހެވެ. ފުރަތަމަ އަޑުއެހުމާއި ދެވަނަ އަޑުއެހުމާ ދެމެދު ސުޕްރީމް ކޯޓުގެ ބެންޗަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ވަނީ އިޖުރާއީ ނުކުތާއެއް ނަގައި، ސުޕްރީމް ކޯޓަށް މި މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެންނުވާ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން މަޝްވަރާ ކުރުމަށް ފަހު ނިންމީ އެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ އެއްވަނަ ނަންބަރުގައި ބުނެފައިވަނީ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން މެންބަރަކު ވަކިކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ. ނަމަވެސް، ދައުލަތުން ބުނަމުންދަނީ އެ މާއްދާގައި ބުނާ ގާނޫނު އަދި ވުޖޫދުގައި ނެތް ކަމަށެވެ.
"އަޅުގަނޑުމެން މި ގާނޫނު މާނަ ކުރަނީ ކުރިއަށް އޮތް ތަނުގައި އަންނާނެ ގާނޫނެކޭ،" ދައުލަތުގެ ވަކީލު ވިދާޅުވެފައިވެއެވެ. އެހެންކަމުން ޕާޓީއަކުން މެންބަރަކު ވަކިކުރިޔަސް މިހާރު އޮތް ގޮތުން ގޮނޑި ނުގެއްލޭނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ބުނެފައެވެ.
މައްސަލަ ހުށަހެޅުއްވި އަލީ ހުސައިން ފާހަގަކުރައްވާފައިވާ ގޮތުގައި، ގާނޫނުއަސާސީއަށް ގެނައި މި ބަދަލަކީ ގާނޫނުއަސާސީގެ 26، 75 އަދި 90 ވަނަ މާއްދާއާ ފުށުއަރާ ބަދަލެކެވެ. އަދި، މިއީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވާނެ އިސްލާހެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
އެހެންކަމުން އެ އިސްލާހަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ ބާތިލު އިސްލާހެއް ކަމަށް ކަނޑައަޅައިދިނުމަށް އޭނާ ވަނީ އެދިފައެވެ.
ޕީއެންސީގެ ސުޕަ މެޖޯރިޓީން ފާސްކުރި މި އިސްލާހުގައިވާ ގޮތުން، އިންތިޚާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވުން، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމުން ގޮނޑި ގެއްލޭނެއެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރާ ހުކުމަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ނުހަނު މުހިންމު ނިންމުމަކަށް ވާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.
އިންތިޚާބުވި ޕާޓީ ބަދަލު ކުރުމުން އެ މީހެއްގެ ގޮނޑި ގެއްލޭގޮތަށް މަޖިލީހުން ފާސްކުރީ މި އެޕްރީލް 1, 2024 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެ އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައެވެ. ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް މަޖިލީހުން ފާސްކުރި ގާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައިވަނީ ޖޫން 6، 2024 ގައެވެ.