ސެންޓޭގެ ގޯލާއެކު ޖިބިއްލީ ސެމީއަށް، އަލިފުށި ކަޓައިފި

މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގައި ރޭ އަލިފުށި ރެކްރިއޭޝަން ކްލަބާއި ޖިބިއްލީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސިޑިބަރި

މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގެ ގްރޫޕް އޭ ގައި އަލިފުށި ރެކްރިއޭޝަން ކްލަބާއި ޖިބިއްލީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމާއެކު، ޖިބިއްލީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި މެޗުން މޮޅުވުން މަޖުބޫރުވެފައި އޮތް އަލިފުށި ވަނީ މުބާރާތުން ކަޓާފައެވެ. ގްރޫޕް އޭ އިން ސެމީއަށް ދިޔައީ މާޒިޔާ ޖޫނިއާސް އަދި ޖިބިއްލީއެވެ. ގްރޫޕް ބީ އިން ސެމީއަށް ދިޔައީ ނައިފަރު ޗެލްސީ އަދި އެފްސީ މާފަރެވެ. ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 27 ގައެވެ.

  • ޖިބިއްލީ އަދި އަލިފުށި ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުން.
  • މެޗުގެ ފުރަތަމަ ގޯލު ޖިބިއްލީގެ އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރުން.
  • ގްރޫޕް އޭ އިން މާޒިޔާ ޖޫނިއާސް އަދި ޖިބިއްލީ ސެމީ ފައިނަލަށް ދަތުރުކުރުން.
  • ގްރޫޕް ބީ އިން ނައިފަރު ޗެލްސީ އަދި އެފްސީ މާފަރު ސެމީ ފައިނަލަށް ދަތުރުކުރުން.
  • ސެމީ ފައިނަލް މެޗުތައް އޭޕްރީލް 27 ގައި އަދި ފައިނަލް މެޗު އޭޕްރީލް 30 ގައި ކުޅުމަށް ހަމަޖެހިފައިވުން.

މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގައި ރޭ އަލިފުށި ރެކްރިއޭޝަން ކްލަބާ ވާދަކޮށް 1-1 އިން މެޗު އެއްވަރުކޮށް، މަހިބަދޫގެ ޖިބިއްލީ ސްޕޯޓްސް ކްލަބުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 73 ވަނަ މިނެޓުގައި ޖިބިއްލީއަށް ލީޑު ނަގައިދިނީ ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެވެ.

ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އަލިފުށީގެ ބިދޭސީ ކުޅުންތެރިޔާ ގާނިއު އަޓަންޑާ ޖެހި ގޯލުން މެޗުގެ ނަތީޖާ އެއްވަރުވިއެވެ.

މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގައި ރޭ އަލިފުށި ރެކްރިއޭޝަން ކްލަބާއި ޖިބިއްލީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސިޑިބަރި

މެޗު އެއްވަރުވުމުން އަލިފުއްޓަށް ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ. ސަބަބަކީ ސެމީގެ ޖާގައެއް ހޯދަން އެޓީމަށް މި މެޗުން މޮޅުވުން މަޖުބޫރުވެފައި އޮތުމެވެ.

ގްރޫޕް އޭގެ ނަތީޖާތަކަށް ބަލާއިރު، މާޒިޔާ ޖޫނިއާސް، ޖިބިއްލީ އަދި އަލިފުއްޓަށް ވެސް ލިބިފައިވަނީ 5 ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ތަފާތުން މާޒިޔާ އެއްވަނަ ހޯދިއިރު، ޖިބިއްލީއަށް ލިބުނީ ދެވަނައެވެ.

ތިންވަނައަށް ދިޔަ އަލިފުއްޓާއި ފުލަށްދިޔަ ކެނދިކުޅުދޫ ވަނީ މުބާރާތުން ކަޓާފައެވެ. ގްރޫޕް ބީ އިން ސެމީއަށް ހޮވުނީ ނައިފަރު ޗެލްސީ އާއި އެފްސީ މާފަރެވެ.

މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގައި ރޭ އަލިފުށި ރެކްރިއޭޝަން ކްލަބާއި ޖިބިއްލީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސިޑިބަރި

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޭޕްރީލް 27 ވާ ހޯމަ ދުވަހު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި މާޒިޔާ ޖޫނިއާސް ނުކުންނާނީ އެފްސީ މާފަރާ ދެކޮޅަށެވެ.

ދެވަނަ މެޗުގައި ޖިބިއްލީ ވާދަކުރާނީ ނައިފަރު ޗެލްސީއާއެވެ. މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އޭޕްރީލް 30 ގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު