ރިޕޯޓް ލިބުމާއެކު، އައިރާ ގޮސް ރޫމުން ނުކުމެލިއެވެ. އަދި ވަށައިގެންވީ މާހައުލަށްވެސް ބަލައިލުމެއްނެތި ގޮސް ބޭރަށް ނުކުމެއްޖެއެވެ.
ނަސީބަކުން މާގިނައިރު މަޑުކުރަން ނުޖެހި ޓެކްސީއެއްވެސް ލިބިއްޖެއެވެ.
އައިރާ ގޮސް ކާރަށް އެރުމާއެކު ޑްރައިވަރު ކާރު ދުއްވައިލިއެވެ. އާދައިގެ ވަރެއްގައި ދުވެލި ބަހައްޓައިގެން ގޮސް، އެޕާރޓްމެންޓުގެ ޕޯޓިކޯއަށް ކާރު މަޑުކޮށްލުމާއެކު، އައިރާވެސް ފައިސާ ދީފައި ކާރުން ފޭބުމަށްފަހު ލިފްޓް ލޮބީއަށް ދާން ހިނގައިގަތެވެ. އެވަގުތަކީ އެތަނަށް އައިސް މަޑުކޮށްލި ޕްރައިވެޓް ކާރުން އީލާފްވެސް ފޭބި ވަގުތެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކަށް ބަލައިލެވުނެވެ. އައިރާ ވަގުތުން އީލާފްއާ ނަޒަރު ވަކިކޮށްލަމުން ގޮސް ލިފްޓް ލޮބީއަށް ވަނެވެ. ތިން ލިފްޓުވެސް ހުރީ އެންމެ މަތީގައެވެ. އެހެންކަމުން ބަޓަނަށް ފިތާލާފައި އޭނައަށް ޖެހުނީ މަޑުކޮށްލާށެވެ. އީލާފް ވެސް އައިސް މަޑުކޮށްލިއެވެ. އެހެންނަމަވެސް އެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ހަޤީޤަތުގައި އީލާފްހުރީ، އައިރާގެ ގާތުން މާފަށް އެދެން ބޭނުންވެފައި ނަމަވެސް، އޭނައަށް އެހިތްވަރެއް ނުލިބުނެވެ. އަމިއްލަ ނަފްސާމެދު އޭނަވަނީ ލަދުގަނެފައެވެ. އޭނައަކީ މީހުންނާ މެދު އެހާ ހިތްނުބައި މީހެއް ނޫން ނަމަވެސް، އައިރާއާ މެދު ކަންތައް ކުރެވުނީ އިންސާފަކުން ނޫނެވެ. ހަޤީޤަތް ނޭނގި ގޮތް ނިންމައިގެން ނުވާނެއެވެ. އެއީ މަންމަމެން އޭނައަށް ދަސްކޮށްދީފައިވާ ސިފައެއް ވެސް ނޫނެވެ. އެކަމަށް އީލާފް އަމިއްލަ ނަފްސަށް އަޑުވެސް ލިޔެވެ.
*****
ހެނދުނު ހޭލިގޮތަށް އޮފީހަށް ދިޔަ ރިހާމް އެ ދުވަހު ހަތަރު ދަމު އުޅުނީވެސް އޮފީހުގައެވެ. އައިރާގެ އެތަކެއް މިސްކޯލެއް އޭނައަށް ލިބުނުނަމަވެސް، ރިހާމް ފޯނެއް ނުނަގައެވެ. އޭނަ ޑޮކްޓަރަށް ދައްކަން ދާން ޖެހޭ ކަމަށާއި، ރިހާމް އަންނާނެކަމަށް އުންމީދުކުރާކަމަށް ބުނެ އައިރާ ފޮނުވި އެންމެ މެސެޖަކަށްވެސް އޭނަ ޖަވާބެއް ނުދިނެވެ.
އަނެއްކޮޅުން ރިހާމްއާ ވާހަކަ ދައްކަން ބޭނުންވެފައި ހުރި ޝާފިޔާއަށްވެސް އެ ފުރުޞަތު ލިބޭގޮތެއް ނުވިއެވެ. އައިރާއާ ރިހާމްއާ ދެމެދު ދެބަސްވުމެއް ނުހިނގާ ނުދާނެކަމުގެ ޔަޤީންކަން އޮތްލެއް ބޮޑުކަމުން، ހުރިހާކަމެއްގެ ތަފްސީލް އެނގެން އޭނަ ހުރީ ނުހަނު ބޭނުންވެފައެވެ. ރިހާމް އައިރާ ވަރިކުރާނެކަމަށް ކުރެވެމުންދިޔަ އުންމީދުތަކުގެ ސަބަބުން އޭނަގެ ކެތްތެރިކަންވެސް ކޮޅުންލަމުން ދިޔައެވެ. ރޭގަނޑު އަށެއް ޖެހިތަނާ ރިހާމް ގެއަށް ނައިސްގެން އެންމެފަހުން ގުޅަންވެސް ފަށައިފިއެވެ.
ދިހައެއް ޖަހަނިކޮށް ގެއަށް އައި ރިހާމް ފެންވަރާލައިގެން އެރީ ޓެރެސްއަށެވެ. އެކަން އެނގުނު ޝާފިޔާ ވެސް ޓެރެސްއާ ދިމާލަށް މިސްރާބުޖެހިއެވެ. އޭނަ ގޮސް ޓެރެސްގެ ދޮރު ހުޅުވާލާފައި ނުކުމެލިއެވެ. ފިނި ކަމެއް ފަޒާގައި ހިފާލާފައިވާއިރު، ލުއިލުއި ވައިރޯޅިތަކުން ތަނަށް ދިރުން ގެނެސްދެމުން ދިޔައެވެ. ރޭގަނޑުގެ ފަރުދާއިން ދުނިޔެމަތި ފޮރުވާލެވިފައިވާއިރު، އުޑުމަތީގައި ތަރިތައް ގިނަ ނަމަވެސް، މުޅި ތަނުގައި ދިއްލާފައިވާ ލައިޓްތަކުގެ އަލިން ތަރިތަކުގެ ވިދުން ވަނީ ފަނޑުވެފައެވެ. ދުރުން ފެންނަނީ އުސް އިމާރާތްތަކުގެ ލައިޓްތައް ނަމަވެސް، މާހައުލުގައި ހުވަފެނީ ގޮތެއް ހުއްޓެވެ.
ރިހާމް ހުރީ ވިސްނުމަކަށް ގެއްލިފައެވެ. އޭރު އޭނަގެ އަތުގައި ކޮފީ ތައްޓެއް ހުއްޓެވެ. ރެއިލިންގައި އެއް އަތް އަޅުވާލައިގެން ހުރެފައި، އޭގެން އެތި ފޮދެއް ރިހާމް ބޮއިލިއެވެ. އޭނަ ވިސްނަމުން ދިޔައީ އައިރާއާ މެދުގައެވެ. އެއީ ވިޔާނުދާކޮށް އުޅޭނެ އަންހެން ކުއްޖެއް ނޫންކަމުގައި ރިހާމްއަށް ޤަބޫލުކުރެވުނެވެ. އައިރާ ދެއްކި ވާހަކަތައްވެސް ރިހާމްއަށް ޤަބޫލުކުރެވެން ފެށިއެވެ. އަދި އައިރާގެ ބަނޑުގައި އުފެދެމުން ދާ ދަރިފުޅާ މެދުވެސް ވިއްނާލެވުނެވެ. އެހެންނަމަވެސް އެ ޚިޔާލަކުން އެހެން ފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް ރިހާމްއަކަށް އުފާވެރިކަން އިޙްސާސެއް ނުވެއެވެ. އެއީ ޔަޤީނުންވެސް އޭނަގެ ހިތުން އައިރާއަށް ދެވިފައިވާ މަޤާމު މަޑުމަޑުން ފަނޑުވުމުގެ ނަތީޖާއެވެ.
ރިހާމަށް ބަލަހައްޓައިގެން އިރުކޮޅަކު ޝާފިޔާ ހުއްޓެވެ. އެތަނަށް އިތުރު މީހަކު އައިކަން ރިހާމްއަށް ނޭނގުނީ އޭނަ ވިސްނުންތަކަށް ސިކުނޑި ދޫކޮށްލައިގެން ހުރިލެއް ބޮޑުކަމުންނެވެ. އެންމެފަހުން ޝާފިޔާ ރިހާމްއަށް ގޮވާލައިފިއެވެ.
"ދަރިފުޅާ." ރިހާމް ފަސްއެނބުރުނީ ޝާފިޔާގެ އަޑަށެވެ.
"ކިހިނެއްވެފަ އެކަނި މާއެކަނި މިތާ ތިހުރީ؟" ޝާފިޔާ ނިކަން ފުންކޮށް ރިހާމްއަށް ބަލައިލަމުން އެމޫނުމަތީގައިވި އަސަރުތައް ދިރާސާކުރަން މަސައްކަތްކުރިއެވެ. ވިސްނުންތެރިކަމާއެކު ކަންތައްތައް ކުރުމުގެ މުހިންމުކަން އޭނައަށް އިޙްސާސްވާތީއެވެ. އޭނަގެ މަޤްސަދަކީ އައިރާ ރިހާމްގެ ޙަޔާތުން ބޭރުކޮށްލުމެވެ.
"ކަމެއްނުވޭ މަންމާ..." ރިހާމަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
"ނުވާނެ އެހެންނެއް. ކޮންމެވެސް ކަމެއް ވެފަ ތިހުރީ. މަންމައަށް ކިޔައިދީބަލަ." ޝާފިޔާ ގޮސް ރިހާމްގެ ކޮނޑުގައި އަތް ޖައްސައިލުމަށްފަހު، އޯގާތެރިކަމާއެކު ވާހަކަ ދެއްކިއެވެ. އައިރާއާ ރިހާމްއާ ދެމެދުގައި ހިނގި ކަންތައްތަކާ ބެހޭގޮތުން ސުވާލުކުރަން ބޭނުންވެފައިވީ ނަމަވެސް، ވިސްނުންތެރިކަމާއެކު، މައުޟޫއުގެ ތެރެއަށް ވަންނަން ޝާފިޔާ ގަސްތުކުރިއެވެ.
"ކޮންކަމަކާތަ ތި ވިސްނަނީ؟ ދަރިފުޅަށް އެނގެއެއްނު މަންމައާ ހުރިހާ ވާހަކައެއްވެސް ހިއްސާކުރެވޭނެކަން." ޝާފިޔާ ބުނެލިއެވެ. އޭނަ ރިހާމްއާ މެދު ޙަމްދަރުދީވެފައިވާކަން ދައްކަމުން ދިޔައެވެ. ރިހާމްގެ ސިކުނޑިއާ ކުޅެލެވޭނެ އުކުޅުތައް ޝާފިޔާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ރިހާމް ޚިޔާރުކުރީ ހިމޭންކަމެކެވެ. އެހެންނަމަވެސް، ޝާފިޔާ ދެވަނަ ފަހަރަށްވެސް އޭނަގެ ވާހަކަތައް ތަކުރާރުކުރަން ފެށުމުން އެންމެފަހުން ރިހާމް ވާހަކަ ދެއްކިއެވެ.
"މި ވިސްނަނީ އައިރާއާ މެދު..." ރިހާމްއަށް ބުނެވުނެވެ.
"އައިރާ ވަރިކުރީތަ ދަރިފުޅާ؟" ޝާފިޔާ އެންމެފަހުން ސުވާލުކޮށްލައިފިއެވެ. އުންމީދުގެ ހުޅުކޮޅެއް އޭނަގެ ހިތުގައި ދިއްލިގެން ދިޔައެވެ. ރިހާމް އަނެއްކާވެސް ޚިޔާރުކުރީ ހިމޭންކަމެކެވެ. "ދަރިފުޅާ! އައިރާ ވަރިކުރީހޭ؟"
ކެތްތެރިކަން ކުޑަވެފައިވާ ޙާލު ޝާފިޔާ ދެވަނަ ފަހަރަށްވެސް ސުވާލުކޮށްލިއެވެ.
"ނުކުރަން..." ރިހާމް ބުނެލިއެވެ.
"އެ ކީއްވެ ދަރިފުޅާ؟. ވެދިޔަ ހުރިހާކަމަށްފަހުވެސް ކީއްވެތަ އޭނަ ވަރިނުކުރަން ތިއުޅެނީ؟" ޝާފިޔާ އެހެން ބުނެލިއިރު، އޭނަގެ އަޑު ކުޑަކޮށް ބާރުވެސް ވެލިއެވެ. އެއީ ހިތްހަމަނުޖެހުމުގެ ނަތީޖާއެވެ.
"އަހަރެން އޭނަ... އޭނަ ވަރިކުރާކަށް ބޭނުމެއް ނޫން މަންމާ... އެ ޙާލަށް އެކަނި ދޫކޮށްލާކަށް ނުކެރޭނެ." ރިހާމަށް ބުނެވުނެވެ. އޭނަ ކުރިއެކޭ އެއްގޮތަށް އައިރާ ދެކެ ލޯބި ނުވިއެއްކަމަކު، އައިރާ ވަރިކޮށްލާކަށް ނުކެރޭނެއެވެ.
"ރިހާމް! އަދިވެސް ތި ބުރަވަނީ އެ އަންހެނާގެ ކޮޅަށްތަ؟ ދަރިފުޅަށް ތިފެންނަނީ އޭނަގެ އަސްލު ސިފައެއް ނޫނޭ..." ޝާފިޔާގެ އަނގަ ސަކަރާތްވިއެވެ. ކުރި އުންމީދު ފުނޑުފުނޑުވެގެން ދިޔަ އިޙްސާސާއެކު، އޭނައަށް އެހެން ބުނެވުނީވެސް ނުރުހިފައެވެ. "ފެނުނު ކަންތަކަށްފަހުވެސް އޭނަ ވަރިނުކުރަން ތިއުޅެނީ ކީއްވެގެންތަ އަޅެ؟"
"މަންމާ ޕްލީޒް... ހެޔޮނުވާނެ! މަންމަ އަބަދުވެސް ބޭނުންވާގޮތެއްނު ތީ!. އެކަމަކު އަހަންނަށް އައިރާ ވަރިކުރެވޭކަށް ނެތޭ... އަނެއްކޮޅުން މަންމައަށް ކުރެވުނީވެސް ކުށް ހީއެއް... އައިރާ ގޯސްގޮތަކަށް ނޫޅެޔޭ."
ކުރީގައި ވީ ފަދަ ލޯތްބެއް ހިތުގައި ނުވިޔަސް، އައިރާ ގޯސްގޮތަކަށް އުޅޭނެކަމުގައި ޤަބޫލުކުރަން ރިހާމްގެ ހިތް އުޒުރުވެރިވަނީއެވެ. އޭނައަށް އައިރާގެ ވާހަކަތައް ޤަބޫލުކުރެވެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެހެންނަމަވެސް، އޭނައަށް އައިރާގެ އުޅުން މީގެ ކުރިންވެސް ފެނިފައިވާތީއެވެ.
ރަށުގައި އުޅުނުއިރު އައިރާ އުޅުނުގޮތް އޭނައަށް އެނގޭތީއެވެ. އައިރާއާ ކައިވެނިކުރީ ދިމާވިތާ މާ ގިނަ ދުވަސްތަކެއް ނުވެ ނަމަވެސް، އައިރާގެ މިޒާޖުވެސް އޭނައަށް ދަސްވެފައިވާތީއާވެސް އެކުގައެވެ.
"ކީއްވެގެންހޭ؟ މަންމަ މި އަހަނީ ކީއްވެގެންހޭ؟ އެ އަންހެނާގެ ފުށުން ރިހާމްއަށް ފެންނަނީ ކޮންކަމެއްތަ؟ އަޅެ މަންމައަށް އެއެއް ބުނެލަދީބަލަ. އެއީ ރާއްޖެތެރޭގެ ހަށި ވިއްކާ އަންހެނަކަށް ލިބިފަ ހުރި ހަރާން ދަރިއެއް. ވީއިރު އޭނަ ވަކި ރަނގަޅުވާނެ. އޭނަވެސް އުޅޭނީ ހަމަ އެހެން." ޝާފިޔާ ގާތަށް އިންތިހާއަށް ރުޅި އަތުވެއްޖެއެވެ. އެނުބައި ނުލަފާ އަންހެނާ އޭނަގެ ދަރިފުޅަށް އެ ޖެއްސީ ކޮންފަދަ ނުބައި ސިހުރެއް ހެއްޔެވެ؟ އެ މުސީބާތުން ސަލާމަތްވުމަށް އޭނަ ކުރަންވީ ކީއްހެއްޔެވެ؟
"ރިހާމަށް މަންމަމެންނަށް ވުރެ ވެސް ބޮޑަށް މިހާރު އިތުބާރުކުރެވެނީ އައިރާއަށް ދޯ!. އެންމެ ފަހަރަކު ވެސް ވިސްނާލަބަލަ. އޭނަ އައިރާއަށް އެހީވިނަމަ، އައިރާ އަރާނީ ކާރުގެ ކުރީ ސީޓަކަށް ނޫނެއްނު. އެ ދެމީހުން ތިބި ގޮތްވެސް ރިހާމްއަށް ނުފެންނަނީތަ؟ އެއީ އާދައިގެ ގުޅުމެއް ނޫނޭ. ގިނަ ދުވަހު ދުނިޔޭގައި އުޅެ ގިނަ ތަޖުރިބާ ހުރީ މަންމަގެ. މަންމަގެ ހިތް ދޮގެއް ނުބުނާނެ!" ޝާފިޔާ ބުނެލިއެވެ.
"އެއީ މިސްއަންޑަރސްޓޭންޑިންއެއް..." އެހެން ބުނެލާފައި ރިހާމް އޭނައަށް އައިރާގެ ފަރާތުން އެނގު ކަންތައްތައް އޮޅުން ފިލުވައިދިނެވެ. އެ ޒުވާނާ އައިރާއަށް އެހީވީ ގޮތްވެސް މެއެވެ.
"ރިހާމް ތިހުރީ ކިހިނެއްވެފަތަ؟ އޭނަ ވަރިނުކުރެވޭ ވަރަށް..." ޝާފިޔާ އިތުރު އެއްޗެއް ބުނަން އުޅުނު ނަމަވެސް ރިހާމް މިފަހަރު ޝާފިޔާ ހުއްޓުވިއެވެ.
"މަންމާ... އައިރާ ބަނޑުބޮޑޭ... އަހަރެން ކިހިނެއްތަ އޭނަ ވަރިކުރާނީ؟" އެންމެފަހުން ރިހާމް ބުނެލައިފިއެވެ. އެއާއެކު ޝާފިޔާގެ ދުލުގައި ހީވީ ތަޅެއް ލެވުނުހެންނެވެ. ބުނަން އުޅުނު ބަސްތައްވެސް އޭނައަށް ޖެހުނީ ދިރުވާލާށެވެ.
"އޭތް... ކީކޭ؟ އައިރާ... ބަނޑުބޮޑޭ؟" ޝާފިޔާގެ ފައިދަށުން ހީބީ ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ނޫނެކެވެ. އެހެން ވެގެން ނުވާނެއެވެ. އައިރާ ބަނޑުބޮޑުވެގެން ނުވާނެއެވެ. އެހެންވެއްޖެނަމަ ރިހާމްއާ އައިރާގެ ގުޅުން އިތުރަށް ބަދަހިވެގެން ހިނގައިދާނެއެވެ. ދާނިޔާއަށް ވުރެ ބޮޑަށް އައިރާއަށް އޭނަގެ ހިތް ދީލާލައިގެން ހިނގައިދާނެއެވެ. ޝާފިޔާގެ ސިކުނޑީގެ މަސައްކަތް ހުއްޓުނީ ހިނދުކޮޅަކަށެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ލޯންޗެއްގެ އިންޖީނެއް ފަދައިން ބާރު މިނުގައި އޭނަގެ ސިކުނޑި މަސައްކަތްކުރަން ފެށިއެވެ.
"ރިހާމަށް އެނގޭތަ ތި ކިޔޭ އެއްޗެއް؟" ޝާފިޔާ ބުނެލިއެވެ.
"އާނ. އަހަރެން މިބުނީ އައިރާ އިނީ އަހަރެންގެ ދަރިއަކަށް ބަލިވެޔޭ.." ރިހާމްވެސް ބުނެލައިފިއެވެ.
"ތިހާ ޔަޤީންކޮށް ރިހާމްއަށް ބުނަން ކެރެނީ ކިހިނެއް؟ ޔަޤީންތަ އެއީ ރިހާމްގެ ދަރިއެއްކަން؟" ޝާފިޔާގެ ސުވާލާއެކު، ރިހާމްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.
"ދެން އެހެން ކާކުގެ ދަރިއެއް؟" އޭނައަށް ބުނެވުނެވެ.
"ދަރިފުޅުގެ ސިކުނޑި ހާދަ ޅައޭ... މަންމަ ހިޔެއް ނުކުރަން ދަރިފުޅުގެ ވިސްނުން ތިހާ ކޮށިވެދާނެކަމަކަށް." ޝާފިޔާ ބުނެލިއެވެ. އޭނަ މަލާމާތުގެ ގޮތަކަށް ހީނލިއެވެ.
"ތި ސިކުނޑިން އެއްފަހަރުވެސް ވިސްނާނުލަންތަ؟ ދާނިޔާ އާ ކައިވެނި ކުރިފަހުން ރިހާމް އައިރާ ކައިރިއަށް ދިޔައީ ކިތަށް ފަހަރުތަ؟ ރިހާމް ހާލަކުން ފަހަރަކުވެސް އެގެއަށް ވަދެނުލަން. ދެން ކިހިނެއް އައިރާ ބަނޑުބޮޑުވާނީ؟ އެވެސް ރިހާމްގެ ދަރިއަކަށް." ޝާފިޔާ އޭނަގެ ރޭވުމާ އެއްގޮތަށް ވާހަކަ ދައްކަން ފެށިއެވެ. އިތުބާރަށް ލޮޅުން އަރުވައިލެވޭނެ އެންމެ ފަސޭހަ ވަސީލަތަކީ ޝައްކެވެ. ޝައްކުގެ އޮށެއް ހިތުގައި އިންދާލެވިއްޖެނަމަ ކިތަންމެ ވަރުގަދަ އިތުބާރަކަށްވެސް ލޮޅުން އަރައިގެން ހިނގައިދާނެއެވެ. ޚާއްސަކޮށް އިތުރު މީހަކު އެގޮތަށް އެކަން ކުރުމަށް މަސައްކަތްކުރާނަމަ އެވެ. އިންސާނާގެ ހިތަކީވެސް އަޖައިބުން ފުރިގެންވާ އެއްޗެކެވެ. ހަޤީޤަތެއް ނެތް މަންޒަރުތަކެއްގެ މައްޗަށް ބުރަވެވެނީ އެއީ އިންސާނާތެ ތަބީޢަތުގައިވާ ސިފައެއް ކަމުގައިވާތީއެވެ.
"މަންމާ.. ކީކޭ ތިކިޔަނީ؟ އައިރާއަކީ އެކަހަލަ ކުއްޖެއް ނޫން..." ރިހާމްއަށް ބުނެވުނެވެ.
"ތިހާ ޔަޤީންކޮށް ރިހާމްއަށް ބުނަން އެނގެނީ ކިހިނެއްހޭ މަންމަގެ ސުވާލަކީ؟ އެ ސުވާލަކަށް ރިހާމްއަށް ޖަވާބެއް ނުދެވުނެއްނު. ވިސްނާލަބަލަ އޭނަގެ ހުރި މަކަރުވެރިކަމާމެދު! އޭނަ އެހެން މީހަކާ އެކީ އުޅޭނެ ގޮތަކަށް އުޅެފަ ދަރި ރިހާމްގެ ބޮލުގަ އަޅުވާލީމަ އޭނައަށް ރިހާމްގެ މުދަލުން ބައެއްވެސް ލިބުނީ. ދަރީގެ ބޭނުންކޮށްގެން މުއްސަނދިކަންވެސް ލިބުނީ. އެއީ އެކަހަލަ މީހުންގެ ވައްތަރޭ... އޭނަ މަންމައަކީ ހަށި ވިއްކަމުން ދިޔަ އަންހެނެކޭ. އޭނަ ވަކި ރަނގަޅުވާނެތަ؟ އެމީހުންނަކީ ފައިސާއަށް ކޮންމެ ފަދަ ކަމެއްވެސް ވެސް ކޮށްފާނެބައެއް. އެހެންވެތާ މަދު ފައިސާކޮޅަކަށް އަމިއްލަ ހަށިގަނޑުވެސް ފިރިހެނުންނަށް ނީލަން ކިޔާނީ. ދެން ރިހާމް ތިބުނަނީ އޭނަ އެހެން ނޫޅޭނެޔޭ. ކިހިނެއް ޔަޤީން ކޮށްގެން. އެ ވީޑިއޯ ހެއްކަކަށް ނުފުދޭތަ؟" ޝާފިޔާ ވާހަކަ ދައްކަމުން ދިޔައެވެ.
"މަންމާ... " ރިހާމްއަށް ޝާފިޔާއަށް ގޮވައިލެވުނީ ކުޑަކޮށް ބާރަށެވެ.
"ރިހާމްއަށް ނޭނގުނަސް އޭނަ އެ ނަގަނީ ރިހާމްގެ އޯގާތެރިކަމުގެ ފައިދާ. މަންމަ ބުނަންތަ ވާހަކައެއް؟ ރިހާމް ހަޤީޤަތުގެ މިހާރު އައިރާ ދެކެ ލޯތްބެއް ނުވެޔޭ... މިހާރަކު އެކަންޏެއް ނޫން. އެއް އިރެއްގަވެސް.... އެއީ ރިހާމް އައިރާ ދެކެ ހަޤީޤީ ލޯބިވާނަމަ، ރިހާމްއަށް ދެވަނަ ފަހަރަށް އެހެން މީހެއް ދެކެ ލޯތްބެއް ނުވެވޭނެ. ރިހާމްގެ ހިތް ދާނިޔާގެ މައްޗަކަށް ނުލެނބޭނެ. އައިރާއަށް ވުރެ ރިހާމްއަށް ދާނިޔާ މުހިންމެއް ނުވާނެ. އެނގޭތަ؟ އައިރާ އޭނަގެ ނިކަމެތިކަން އެ ބޭނުންކުރަނީ ރިހާމް ހާސިލްކުރުމަށް ހަތިޔާރެއްގެ ގޮތުގަ. އޭނަ އެ މަސައްކަތްކުރަނީ ރިހާމްގެ ޙަމްދަރުދީ ހޯދައިގެން ރިހާމް އަދިވެސް އޭނަގެ މީހެއްގެ ގޮތުގައި ބެހެއްޓޭތޯ. ރިހާމް އޭނައާ ދުރުވާކަށް އަމިއްލައަށް އިޙްސާސްވީމަ މިހާރު އެ އުޅެނީ އޭނަގެ ބަނޑުގައި އޮތް ދަރި ރިހާމްގެ ބޮލުގައި އެޅުވޭތޯ... މިހާވަރަށް މަންމަ މިކަންތައްތައް ތިލަކޮށް ނުދެންޏާ ހަމަ ރިހާމްއަށް ހަމަ ނޭނގެނީތަ؟." ޝާފިޔާ އޭނަގެ ފަހު ސުވާލު ރިހާމްއަށް އަމާޒުކޮށްލިއެވެ. އެއާއެކު ރިހާމްއަށް އެ ވާހަކަތަކާ މެދު ވިސްނާލަމުން ހިމޭންކަން އިޚްތިޔާރުކުރެވުނެވެ.
"މި ދެއްކި ހުރިހާ ވާހަކަތަކާ މެދު ވިސްނާލީމަ އޭނަގެ ބަނޑުގައި އެވަނީ ރިހާމްގެ ދަރިއެއްތޯ ޝައްކެތް ނެތް މިންވަރަށް ޔަޤީންވޭތަ؟ ތި ހިތް އެއީ ރިހާމްގެ ދަރިއެއްކަމަށް ޤަބޫލުކުރޭތަ؟ ރިހާމްއަށް ދާނިޔާ ދޫކޮށްލެވިދާނެތަ؟ ނޫން... ރިހާމްގެ ހިތުން ހަމައެކަނި ޖާގަ ދެވިފައިވާ އަންހެން ކުއްޖަކީ ދާނިޔާ. އަދި ރިހާމްއަށްވެސް ދާނިޔާ ކަހަލަ އެހެން އަންހެން ކުއްޖަކު ނުލިބޭނެ. މި ޒަމާނުގަ ކާކުތަ ދެ އަނތްބަށް އިނދެގެން އުޅޭނީ... އެން... އެވެސް ދާނިޔާ ކަހަލަ މުއްސަނދި، ހުރިހާ ގޮތުންވެސް ފުރިހަމަ ކުއްޖެއް. އޭނަ ރިހާމްގެ ދެވަނަ އަނތްބެއްގެ ގޮތުގައި އެހުންނަނީ ހާދަ ލޯބިވާތީއޭ... އެހެންވީމަ... ދަރިފުޅު އަމިއްލައަށް ހިތާ މިހުރިހާ ސުވާލެއް ކޮށްލާ... ރިހާމް ޤަބޫލުކުރާނީ އައިރާ ދައްކާ ވާހަކަތޯ؟ ރިހާމް އުޅެން ބޭނުންވަނީ އައިރާ އާ އެކީތޯ؟ ނުވަތަ ދާނިޔާއާ އެކީ ތޯ؟ މަންމަ ބުނާނީ އެންމެ ވާހަކައެއް، ދަރިފުޅުގެ މުސްތަޤްބަލް ބިނާވާނީ ދާނިޔާއާއެކީ. އައިރާފަދަ އަންހެނަކާ އެކީގައެއް ނޫން.!" ޝާފިޔާ ރިހާމްގެ މޭގައި ޝަހާދަތް އިނގިލި ޖައްސައިލުމަށްފަހު، އެހެން ބުނެލާފައި އެތަނުން ދާންވެގެން ހިނގައިގަތެވެ. ޝާފިޔާ ގޮސް ޓެރެސްއިން ނުކުތުމާއެކު، ރިހާމްއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ.
އައިރާއާ މެދު އޭނަގެ ހިތުގައި ޝައްކު އުފެދުނީ ދެންމެ އޭނަގެ މަންމަ ދެއްކި ވާހަކަތަކުގެ ސަބަބުންނެވެ. މަންމަ އެބުނީވެސް ތެދެކެވެ. އޭނަ ދާނިޔާއާ ކައިވެނި ކުރިފަހުން އައިރާގެ ކައިރިއަށް ގޮސްފައިވަނީ އެހާމެ މަދުންނެވެ. އެ ދެމެދުގައި ގުޅުމެއް ވެސް ހިނގާފައިވަނީ ހަނދާންވާން ގޮތުން އެންމެ ފަހަރަކު ކަންނޭނގެއެވެ. އޭނަ އެ ސުވާލު އައިރާއާ ކުރަން ބޭނުމެވެ. ރިހާމް ފުން ނޭވާއެއް ދޫކޮށްލާފައި، ޓެރެސްއިން ނުކުންނަން ދާން އުޅެނިކޮށް ދާނިޔާ މައްޗަށް އަރައިފިއެވެ. ދާނިޔާ ފެނުމާއެކު، ދެންމެ މަންމަ ދެއްކި ވާހަކަތައް ރިހާމްގެ ސިކުނޑީގައި އަނެއްކާވެސް ގުގުމާލައިފިއެވެ.
"ތިރިއަށް ދަނީތަ؟" ދާނިޔާ ސުވާލުކޮށްލިއެވެ.
"އެބަ އަންނަން އިނގޭ ބޭރަށް ގޮސްލާފަ." އެހެން ބުނެލާފައި ދާނިޔާގެ ކޯތާފަތުގައި އަތް ޖައްސާލާފައި ރިހާމް ތިރިއަށް ދިޔުމާއެކު ދާނިޔާއަށްވެސް ބުމަ ގާތްކޮށްލެވުނެވެ.
ރިހާމް ދެކެ ހިތްހަމަނުޖެހިފައި ހުރި ޝާފިޔާ ގޮސް ވަނީ، ކާކޮޓަރިއަށެވެ. އެ ދިޔަގޮތަށް ގޮސް އައިސް އަލަމާރި ކައިރިއަށް ހުއްޓުމާއެކު އޭގެން ނެގީ ފިނި ފެންފުޅިއެކެވެ. ބިއްލޫރި ތައްޓެއް ފުރާ ފެން އަޅައިލުމަށްފަހ،ު އޭނަ އެއް ނޭވާއިން ފެންތަށި ބޮއިލިއެވެ. އިވުނު ޚަބަރަކުން އޭނަގެ މުޅި މޫޑު ވަނީ ޚަރާބުވެފައެވެ.
ޝާފިޔާގެ ދަތްކުޑި ވިކިފައިވާއިރު އައިރާއާ މެދު އެހިތުގައި އުފެދިފައިވާ ހަސަދަވެރިކަންވެސް އިތުރުވަމުން ދިޔައެވެ. ހަސަދަވެރިކަމަކީ އިންސާނާގެ ހިތް ފަސާދަކުރުވާ ކަމެކެވެ. އޭގެ މޫތައް ހިތެއްގައި ވަކި ހިއްޕާލައިފިނަމަ، ހެވާ ނުބައި ދެނެގަތުމުގެ ޤާބިލުކަންވެސް އިންސާނާގެ ސިކުނޑިން ފުހެލައެވެ. އޯގާތެރިކަމާއި ލޯބީގެ ބަދަލުގައި ނަފްރަތާ ރުޅިވެރިކަމަށް ޖާގަދެވެއެވެ. ޝާފިޔާއަށްވެސް މިއަދު ވެފައިވަނީ އެފަދަ ގޮތެކެވެ. އޭނަގެ ހިތުގައި އައިރާއާ މެދު އިންތިހާ ދަރަޖައިގެ ނަފްރަތު އުފެދިފައިވެއެވެ. ޝާފިޔާ އެންމެ ހިތްހަމަނުޖެހުނީ އޭނަގެ އުންމީދުތައް ވެއްޔާ މޮޑެވިގެން ދިޔައީތީއެވެ. އޭނަ ހީކުރީ ރިހާމް އައިރާ ވަރިކުރާނެ ކަމުގައެވެ. އައިރާއަށް ޝައްކު ކުރާނެކަމުގައެވެ. އައިރާއަށް ފުރުސަތެއް ނުދޭނެކަމުގައެވެ. އެހެންނަމަވެސް ވީ އެހެންނެއް ނޫނެވެ. ރިހާމް އޭނަގެ ބަދަލުގައި އައިރާއަށް އިތުބާރުކުރީއެވެ. އެއީ ޝާފިޔާއަށް ބަލައިގަނެވޭކަމަކަށް ނުވިއެވެ. ރިހާމް އައިރާއާ މެދު ފަރުވާކުޑަ ކުރިއެއްކަމަކު، އެހިތުގައި ނަފްރަތުގެ ހުޅު ރޯކޮށްލުމުގައި އަދި އޭނައާ ކުރިމަތިލާން ޖެހިފައިވަނީ ނާކާމިޔާބީއާއެވެ.
"އެ ސުންޕާ އަންހެނާއާ ހެދި މިހުރިހާކަމެއް މިވަނީ... ދެން ކިހިނެއްތަ ހަދާނީ؟ ރިހާމް އެ އަންހެނާ ކައިރިއަށް އެއްވަރަކަށްވެސް ނުދާނީ ކިހިނެއް ކަންތައްކޮށްފިއްޔާތަ؟" ޝާފިޔާއަށް ވިސްނައިލެވުނެވެ. އޭނަ އެތަނުގައި ހުއްޓާ ދާނިޔާ ވެސް އައިސް ވަނެވެ. މޭޒުކައިރީގައި ޝާފިޔާ ހުރި ގޮތުން ކޮންމެވެސް ކަމެއް ގޯހުން ގޯހަށް ހިނގައްޖެކަމުގައި، ދާނިޔާއަށް ވިސްނުނެވެ.
"މަންމާ...ކިހިނެއްވީ؟ ހާދަ ކަންބޮޑުވެފައޭ..." ދާނިޔާއަށް ސުވާލުކޮށްލެވުނުއިރު، އެ އަޑުގައިވެސް ހާސްކަމެއް ވިއެވެ.
"ދާނިޔާއަށްވެސް އެނގެއެއްނު ކަންތައްތައް މިވާގޮތް. ރިހާމް އައިރާއާ އިނދެގެން އުޅޭހާ ހިނދަކު މަންމަގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެ." ޝާފިޔާ ބުނެލިއެވެ.
"ރިހާމް އެއްޗެކޭ ބުނީތަ؟" ދާނިޔާ ޝައުޤުވެރިވިއެވެ. އެއާއެކު ޝާފިޔާ ދޫކޮށްލީ ފުންނޭވާއެކެވެ.
"އޭނަ އަދިވެސް އައިރާ ވަރިކުރާކަށް އެއްބަހެއް ނުވޭ. އަދިވެސް އެ އައިރާ ކައިރިއަށް ދިޔުމެއްވެސް ނުހުއްޓޭ. ކޮބާތަ މިހާރު؟" ޝާފިޔާއަށް ބުނެވުނެވެ.
"ބޭރަށް އެދިޔައީ..." ދާނިޔާ ބުނެލިއެވެ.
"ޔަޤީނުންވެސް އެ ދިޔައީ އައިރާ ކައިރިއަށް." ޝާފިޔާގެ މޫޑު އިތުރަށް ސަކަރާތްވިއެވެ.
"ވަރިނުކުރާހާ ހިނދަކު ދާންވެސް މަޖުބޫރުވާނެތާ!. އެކަމަކު މަންމަ ކަންބޮޑުނުވޭ. އަހަރެން ރިހާމް އެ އަންހެނާގެ ކިބައިން ސަލާމަތްކުރާނަން. މިހާރުވެސް އޭނަ އައިރާ ކައިރިއަށް ދަނީ ޙާލަކުން ފަހަރަކުއެއްނު. ދެން މާގިނަ ދުވަހެއްނުވެ ފޫހިވެދާނެ. ފަހަރުގައި އައިރާވެސް އެގޮތަށް އުޅެން ބޭނުންނުވެ ވަރިވެދާނެއެއްނު." ދާނިޔާގެ ހިތުގައިވާ ހަސަދައިގެ ހުޅުގަނޑު ފަޅައިގެން ދިޔަނަމަވެސް، އޭނަ ވާހަކަ ދެއްކީ މަޑުމައިތިރިކަމާ ވިސްނުންތެރިކަމާއެކުގައެވެ. އޭނަ އެހެން ބުނެލިއިރު، އެ އަޑުގައި ސާބިތުކަމެއް ވެއެވެ. ދާނިޔާ އެއްމިޔަކަށް ކުޑަކޮށް ހީނވެސް ލިއެވެ.
"ތީ އެހާ ފަސޭހަކަމަކަށް ނުވާނެ. އެކަހަލަ އަންހެނުން ނިކަން ހުޝިއާރުވާނެ. އެހެންވީމަތާ ރިހާމް އަތު އަޅުވައިލެވޭނީ... އެހެން ގޮސް އުޅެނިކޮށް އަނެއްކާ ދެމީހުން ގާތްވެދާނެތީ މަންމަ ބިރުގަންނަނީ.... އަލުން އަނެއްކާ ދެމީހުން ދެމެދު އޮތް ގުޅުން ރަނގަޅުވެދާނެތީ... ދާނިޔާ ޖެހޭނެ މިކަމާ މެދު ވަރަށް ވިސްނަން. ރިހާމް އިތުރަށް އައިރާއާ މެދު ފޫހިކުރުވަން ބޭނުމިއްޔާ އައިރާ ކައިރިއަށް ރިހާމް އެއްގޮތަކަށްވެސް ނުދާނެ ގޮތަމާ މެދު ވިސްނަންވީ...." ޝާފިޔާ ދާނިޔާއަށް ނަޞޭޙަތްތެރިވަމުން ދިޔައެވެ. ދާނިޔާއާ ވާހަކަ ދައްކަން ފެށުމުން އޭނަގެ ސިކުނޑީގެ މަސައްކަތްތައް އަވަސްވެ، މޮޅެތި ޚިޔާލުތައް ވެރިވާން ފަށައިފިއެވެ.
"ވަރަށް މަސައްކަތް އެބަ ކުރަމޭ މަންމާ... ކީއްތަވާނީ އަހަރެމެން އިނދެގެން އުޅޭކަން އައިރާއަށް އެންގިއްޔާ، އޭރުން އޭނަ ރިހާމް ދޫކޮށްލަފާނެއެއްނު." ދާނިޔާ އޭނަގެ ޚިޔާލެއް ފާޅުކުރިއެވެ. އައިރާއަށް ރިހާމްއާ އެހެން އަންހެނަކާ ގުޅުން އޮތްކަން އެނގުނު ނަމަވެސް، އުޅެނީ އިނދެގެންކަމެއް އަދި ނޭނގޭނެއެވެ.
"ނޫނޭ. ތީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ... ރިހާމްއަށް ތިކަންތައް އެނގިއްޖެއްޔާ ހިތްހަމަނުޖެހިދާނެ، އެ ދެމެދުގައި އޮތް ގުޅުން އިތުރަށް ރަނގަޅުވާން އެއްވެސް ފުރުސަތެއް އަހަރެމެން ދީގެން ނުވާނެ." ޝާފިޔާ ދާނިޔާ ގޮވައިގެން ކާކޮޓަރިން ނުކުމެގެން ގޮސް ސިޓިން ރޫމުގައި ހުރި ސޯފާގައި އިށީނދެލިއެވެ. އޭނަ ދައްކަން އެ އުޅެނީ ބޮޑު ވާހަކައެއްކަން ދާނިޔާއަށްވެސް، އެމޫނުމަތީގައިވި އަސަރުތަކުން ދޭހަވިއެވެ. ޝާފިޔާ ބުނާ އެއްޗެއް ޝައުޤުވެރިކަމާއެކު އަޑު އަހަން ދާނިޔާ އިނެވެ.
"ތި ދެކުދިންގެ ޢާއިލާ ފުރިހަމަކުރަންވީ. އޭރުން ހަމަގައިމުވެސް ރިހާމްގެ ވިސްނުން ބަދަލުވާނެ." ޝާފިޔާ ނުސީދާކޮށް ބުނި ނަމަވެސް، އެބުނި އެއްޗެއްގެ މާނަ ވަރަށް ސާފުކޮށް ދާނިޔާއަށް ދެނެގަނެވުނެވެ. އޭނަ ވިސްނައިލިއެވެ.
ޝާފިޔާ ދާނިޔާގެ އަތުގައި ހިފައްޓާލާފައި އެއަތަށް މަޑުމަޑުން ފިތައިލަމުން ބޯ ޖަހައިލީ އޭނަ އެބުނި އެއްޗަކާ ދޭތެރޭ ވިސްނާށޭ ބުނާ ބީދައިންނެވެ.
(ނުނިމޭ)