4 ގަޑިއިރަށްވުރެ ގިނައިރު ފަހުން ކަރަންޓު ކެނޑުނު ޓަވަރުތަކަށް އަލުން ކަރަންޓު ލިބިއްޖެ

ވިނަރެސް ފުލެޓްތައް: -- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެ، ގިނަ ޓަވަރުތަކަކުން ކަރަންޓު ކެނޑުނު މައްސަލަ ސްޓެލްކޯއިން ހައްލުކޮށްފިއެވެ. މިއަދު މެންދުރުފަހު ދޭއް ޖަހާކަންހާއިރު ދިމާވި މި މައްސަލައިގެ ސަބަބުން ހިޔާ ފްލެޓްތަކާއި އެހެނިހެން ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިގެން ދިޔައެވެ. ނަމަވެސް ހަތަރު ގަޑިއިރަށްވުރެ ގިނައިރުގެ މަސައްކަތުން މިހާރު ވަނީ އަލުން ކަރަންޓު ދީފައެވެ. މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޗްޑީސީއާއެކު ދަނީ މަޝްވަރާ ކުރަމުންނެވެ.

  • މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޭބަލަކަށް ގެއްލުންވުން
  • ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ގިނަ ޓަވަރުތަކަކުން ކަރަންޓު ކެނޑުން
  • ހަތަރު ގަޑިއިރަށްވުރެ ގިނައިރު ފަހުން މައްސަލަ ހައްލުކުރުން
  • ދާއިމީ ހައްލެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުން

މަގު ހެދުމުގެ މަސައްކަތެއްގެ ތެރެއިން ކަރަންޓު ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ގިނަ ޓަވަރުތަކަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް، ހަތަރު ގަޑިއިރަށްވުރެ ގިނައިރު ފަހުން އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފި ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިއަދު މެންދުރުފަހު 14:00 އެހާކަންހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާކަން އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ ފަރާތުން ވަނީ ސަމާލުކަމަށް އައިސްފައެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން 14:30 ހާއިރު ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓު ކެނޑިފައިވާ ކަމަށާއި، މައްސަލަ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ ހިޔާ ޓަވަރު 5، 6، 7 އާއި، ވިނަރެސް 10، އަމާން ދޯދި 12 އިން 16 އަށް، އަމާން އުދަރެސް 5 އަދި 6 ގެ އިތުރުން އެމްޕީއެލް ޓަވަރުތަކުންނެވެ.

ކަރަންޓު ކެނޑެން މެދުވެރިވި ސަބަބާ ގުޅޭގޮތުން އެ ކުންފުނިން ބުނީ، ކަރަންޓު ކެނޑުނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުން ކަމަށެވެ.

https://sun.mv/221087
މި މަހުގެ 12 ވަނަ ދުވަހު ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ގިނަ އަދަދެއްގެ ޓަވަރުތަކުން ކަރަންޓު ކެނޑި، އަށް ގަޑިއިރަށްވުރެ ގިނަ އިރުވަންދެން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އެ ދުވަހު ވެސް ކަރަންޓު ކެނޑުނީ ބަޔަކު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މައި ކޭބަލަކަށް ގެއްލުންވުމުން ކަމަށް ސްޓެލްކޯއިން މައުލޫމާތު ދީފައިވެއެވެ.

ދެވަނަ ފިޔަވަހިން ތަކުރާރުކޮށް ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ސްޓެލްކޯއިން ވަނީ ހުޅުމާލެ ބަލަހައްޓާ ކުންފުނި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.

comment ކޮމެންޓް