މި ވާހަކައިގައި ފެނިގެންދަނީ ކާދިން، ކަންޒާގެ ކޮއްކޮމެންނަށް ކިޔަވައިދިނުމުގެ ޚަރަދު ހަމަޖައްސައިދިނުމަށްފަހު، ކައިވެނިކުރުމަށް ޝަރުޠުކުރާ މަންޒަރެވެ. ކަންޒާގެ މަންމަ މަރުވި އެކްސިޑެންޓުގެ ޒިންމާ ނަގަންޖެހޭ މީހަކީ ކާދިންކަމާއި، ބަދަލުހިފުމުގެ ގޮތުން ކަންޒާ ކާދިން ކޮށްޕާލައި ވައްޓާލިކަން ކާދިންގެ މަންމަ މެހެރް ހާމަކުރެއެވެ. މިކަން ކާދިންއަށް އިވި، އޭނާގެ ހަނދާންނެތިފައިވާ މާޒީގެ ޙަޤީޤަތް އެނގިގެންދެއެވެ.

  • ކާދިން، ކަންޒާއަށް އެހީތެރިވުމަށް ކައިވެނީގެ ޝަރުޠު ހުށަހެޅުން.
  • ކަންޒާގެ މަންމަގެ މަރުގެ ޙަޤީޤަތާއި ކާދިންގެ ހަނދާންނެތުމުގެ ސިއްރު ފަޅާއެރުން.
  • މެހެރް ކަންޒާއާ ކުރިމަތިލައި، އޭނާގެ މަޤްޞަދާމެދު ސުވާލުއުފެއްދުން.
  • މާޒީގެ ޙަޤީޤަތް އެނގުމުން ކާދިންއަށް ފުން އަސަރުތަކެއް ކުރުން.
  • ކަންޒާ ކާދިންގެ މަލުގެ ހަދިޔާ ހަލާކުކޮށް، މާފުނުކުރާނެކަން ހާމަކުރުން.

"ދިރިއުޅުމުގައި ދިމާވާ އެންމެ ބޮޑު އިމްތިހާނަކީ ތަދާއި ވޭނާއި މުސީބާތެއް ނޫނެވެ. ބައެއްފަހަރު އެއީ އަރާމާއި އިއްޒަތާއި މުދާވެރިކަމެވެ. ދިރިއުޅުން ފަސޭހަވުމެވެ. ކާމިޔާބެވެ. ހުރިހާކަމެއް ބަރާބަރަށް ދަންޏާ ހިތްތިރިވެ، ޝުކުރުވެރިވެ، އަދި ކިޔަމަންތެރިވެގެން ހުރެވޭނެހެއްޔެވެ؟ ހަގީގީ އިމްތިހާނަކީ އެއީއެވެ."

***

"އެއީ ކޮއްކޮމެން....ކިޔަވަން ބޭރަށް ދާންވެގެން އުޅެނީ....އާރާ ޔޫކޭ އިން މެޑިސިން ހަދަން ނިންމީ...އަތުގައި އެހާވަރަށް ފައިސާއެއްނެތް...އެހެންވެ ހިތަށް އެރީ ލޯނެއް ނަގާނީއޭ..........ކާދިންއަށް ހެލްޕް ވެވިދާނެތަ؟ ސަބަބަކީ އަހަންނަށް ލިބުނު މައުލޫމާތު ރަގަޅުކަމަށް ވަންޏާ ތިއީ މުހުސިނެއް...މުހުސިން ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެދޭނެ........."

"އަހަރެން ނޫނެކޭ ބުނެފިއްޔާ؟" ކާދިންގެ ޖުމްލައިން އިން އޭނައަށް ލޯ ބޮޑުކޮށްލެވުނެވެ.

ކާދިންއަކީ އާދައިގެ އިންސާނެއް ނޫނެވެ. އަނެއްކާ ކާދިން މަރުވުމުން އެ ސިފަ ޖެހިގެން އައި ޖިންނިއެއްހެއްޔެވެ؟ އެލޮލަށް ބަލައިލެވުމުންވެސް ގައިން ހީބިހިނަގާވަރުވެއެވެ. އެހާ ތޫނު ފުން ލޮލެކެވެ. ދެމީހުން އެއްކޮށް ހިނގާފައި އައިސް ހާމަ ފެންޑާގައި ވައިރޯޅިތަކުގެ ބޮސްދިނުންތަކަށް ނަފުސު ހަދިޔާކޮށްލިއެވެ.

"އޭރުން ކުރާނެ ކަމެއް ނޯންނާނެ..އެހެން މީހެއްގެ އެހީއަކަށް އެދެން ޖެހޭނީ.." އޭނަގެ ސްކާފާއި ވައިރޯޅިއެއް ކުޅެލާ މޫނު ނިވާކޮށްލިއެވެ.

"އެހެން ވިޔަކަ ނުދޭނަން...އޭރުން މަގޭ މޮޔަ ހިތަށް ފަރުވާދޭނީ ކާކު؟"ކާދިން ލުއިކޮށް ހީލިއެވެ.

ކަންޒާގެ ނަޒަރު ހުއްޓިފައިވީ ވައިގެ "ޒޫމް"ރާގާއި އެއްވަރަށް ހެލެމުން ނަށަމުން ދިޔަ ގަސްތަަކަށެވެ. އެއީވެސް ދިރުން ލައްވާފައިވާ އެއްޗިއްސެވެ.ﷲތައާލާއަށް ތަސްބީހަކިޔައެވެ.ސިކުނޑި ފުރިހަމަކުރައްވާފައިވާ އިންސާނާއަށް އެވަރުވެސް ނުކުރެވެއެވެ. އޭނަ ބޭނުންވީ ޚިޔާލުތައް އެހެން ދިމާލަކަށް ގެންދިޔުމަށެވެ.

"މުހުސިންގެ މާނައަކީ ކޮބާ؟"

"އަހަންނަށް އެނގޭގޮތުން ވިއްޔާ ޕިލާންތްރޮޕިސްޓް...."

"ކަންޒާ...އަހަރެން އެހީވެދޭނީ ޝަރުތެއްގެ މަތިން. މެރީކުރީމަ....ގަބޫލުވާނަން؟ އޭރުން ކިތަންމެ ބޮޑު ލޯނެއް ކީއްކުރަން ހިލޭވެސް ކިޔެވިދާނެ. ކަންޒާގެ ކޮއްކޮމެން ވާނީ މަގޭވެސް އާއިލާއަށް......" ކާދިންގެ ޖުމްލައިން އޭނަގެ ހިތަށް މަސްހުނި އިހުސާސްތަކެއް ކުރެވުނެވެ. އޭނަގެ ޟަމީރު މަލާމާތްކުރާން ފެށިހެންވެސް ހީވިއެވެ. ކާދިންއަކީ ކާކުކަން އެނގިހުރެ އޭނަ އެހެންގޮތަކަށް ބަދަލު ހިފަން އުޅޭހެންވެސް ހީވިއެވެ. ނޫނީ އޯގާތެރި މީހެއްގެ ފަރާތުން ނާޖާއިޒު ފައިދާ ނެގެނީހެއްޔެވެ؟ ކާދިންއަކީ މަންމަގެ ގާތިލުކަން އެނގިހުރެ އެފަދަ މީހެއްގެ އިހުސާންތެރިކަން ގަބޫލުކުރަން ޖެހޭހެއްޔެވެ؟

"މަޖުބޫރުކުރަނީހެން ހީވާން ފަށައިފި...ޝަރުތު ކަނޑައަޅައިގެން ކުރާ ކައިވެނި ހުއްދައެއްނުވާނެ..އަހަންނަކީ ކާކުކަން ދަސްވީމަ ނޫނީ އެހާ ބޮޑު ނިންމުމެއް ނިންމާކަށް ނުވާނެ..ޅަ އެއްޗެއް އެޅިދާނެ..."

"ވަރަށް މިސްޓީރިޔަސް ދޯ...އަަހަންނަށް ކަމުދަނީ އެކަހަލަ ކުދިން.."

"ވިސްނާފައި ޖަވާބެއް ދޭނަން...އެންމެ ރަގަޅުތަ؟"

ކާދިން ހިނިތުންވެލިއެވެ.

***

ހެނދުނު އިރުގެ ފުރަތަމަ އަލި ދޯދިތައް ދުނިޔެއާއި ހަމަޔަށް ފޯރިއިރު ރިޒޯޓަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. އިރުގެ އަލި އެޅެންފެށުމުން ކަނޑުގެ ރާޅުތައް ވިދަންފެށީ އަލި ބިއްލޫރިގަނޑެއްހެންނެވެ. އެކަތި އަނެކައްޗާއި މައްލަވަ ކުރަމުން ގޮނޑުދޮށަށް ޖެހިލަނީ ދޮންވެލިގަނޑަށް އަނިޔާއެއް ވެދާނެތީ އެހާ މަޑުމަޑުންނެވެ. މިވަގުތުގައި ދުނިޔޭގެ އަޑުތައް ހިތްތަކަށް ރާހަތު ގެނެސް ފުރާނަވެސް ތާޒާކުރުވައެވެ.

ބަރަކާތް ލައްވާފައިވާ ހެނދުނުގެ ބޭނުން ހިފަން އެނދުން ހިއްލައިލި މީހުންގެ ތެރޭގައި ކަންޒާ ހިމެނުނެވެ.

އޭނަވެސް ފެންޑާއަށް ނުކުތީ ފަތިސް ނަމާދަށްފަހު ގުރުއާނާއި ޒިކުރު ކިޔަވައިގެންނެވެ. އޭނަ ކަނޑާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު ޚިޔާލުތައްވެސް އެ ރާޅުތައް ފަދައިން އޮޅެމުން ދިޔައެވެ. އެންމެފަހުން ކާދިންވަނީ ކޮއްކޮމެން ފުރުމުގެ ޚަރަދު ކާދިން ހަމަޖައްސާދީފިއެވެ. އެކަން ކާމިޔާބުވިޔަސް އަދި ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ހިތްހަމަޖެހުން ކުށްވެރި އިހުސާސްތަކަށް އަދި ލިބުނު ފަޚުރުވެރިކަން ހާސްކަމާއި ލާމެހިކަމަށް ބަދަލުވެ ހިތުގެ ހަމަޖެހުން ނަގައިލަނީއެވެ.

ކާދިންގެ ފިޔަވަޅުގެ އަޑު އިވުމުން އޭނަ ސިހިފައި އިސްއުފުލައިލީ ސްކާފް ރީތިކޮށްލަމުންނެވެ. ކާދިން ހުރީ ޖިންސްގެ ޖީބަށް އަތް ޖަހާލައިގެންނެވެ. ސެންޓުގެ މީރުވަހުން މުޅި ހިސާބު ހުވަދުލެވުނެވެ. ސެންޓް އިޝްތިހާރެއް ކުޅެން އެކަށީގެންވާފަދަ ޝަޚުސެކެވެ.

"އަދިވެސް ހާސްވެފައި؟ ކޮއްކޮމެންގެ ލޯނު ހަމަޖެހުނީމަވެސް..ޕްލޭން ކުރިގޮތަށް ނުދިޔައީތަަ؟"

"އިންސާނުން އަބަދުވެސް އުޅޭނީ ކޮންމެވެސް ކަމަކާއި ސިކުނޑި ގާނައިގެން..ﷲ ތައާލާ އެކި މީހުން އެކި ގޮތަށް އިމްތިހާނުކުރައްވާ...ގިނަ މީހުން ފެއިލް ކަން ނޭގޭވާނީ.. އުފަލަކަށްފަހު ހިތާމައެއް ކުރިމަތިވާނެ. އެއްވެސް އިންސާނަކަށް އަބަދު އުފަލުގައި ނުުހުރެވޭނެ..ފައުޅާއި ސިއްރުން ހިތާމަކުރާނެ ކިތަންމެ ހާލަތެއް ދިރިއުޅުމުގައި ދިމާވާނެ..އެކަމަކު އަހަރެން ކަހަލަ މާޒީއިން އަރައިނުގަނެވޭ، ޝުކުރުވެރިވާން ނޭގޭ މީހުންނަށް ހިތުގެ ހަމަޖެހުން ހައްގެއްނޫން........އެނީވޭސް ވަރަށް ބޮޑަށް ޝުކުރުވެރިވަން...ﷲ ހެޔޮ ޖަޒާ ދެއްވާށި...އަހަންނަށް އެކަމެއް ނުކުރެވޭނެ ކާދިންގެ އެހީއާއި ނުލާ....."އޭނަ ހިނިތުންވެލިއެވެ.

"ކަންޒާ ތިބުނީ ތެދެއް...މުދަލަކީވެސް އިމްތިހާނެއް. ގިނައިން ލިބޭމީހުން ޒަކާތް ދީ ތިމާއަށްވުރެ މަދުން ލިބޭ މީހުންނަށް އެހީތެރިވާން ޖެހޭ...މިވެސް އަމިއްލަ އެއްޗެއްނޫން ދޯ...ނަތިން ބިލޯންގްސް ޓު އަސް. ދެއްވި ފަރާތުން އަނބުރާ ގެންދަވައފިއްޔާ އެކަން އިހުސާސްވާނީ...."ކާދިން ގެ ހިނިތުންވުމުގައި އެއްވެސް ފޮނިކަމެއްނެތެވެ."ކަންޒާއަށްވެސް އެހީއަށް އެދުމަކީ ފަސޭހަކަމެއްނޫން....އަހަންނަށް އެބަފެނޭ ކުށްވެރި އިހުސާސެއް. ކަންޒާގެ ލޮލަށް ބަލައިލީމަ ދެނެފަރިތަހެންވެސް ހީވޭ...."

ކަންޒާ ކަންބޮޑުވެފައިވާ ގޮތަކަށް ހިނިތުންވެލިއެވެ.

ކާދިންއަށް އެނގިއްޖެއްޔާ އޭނަދެކެ ރުޅިއަންނާނެހެއްޔެވެ؟ އޭނަ އަމިއްލައަށް ކުށްވެރި އިހުސާސްކުރާއިރު ކާދިންވެސް ކުށްވެރިކުރެވެއެވެ.

"އަހަންނަށް ފަސޭހަކަމެއް ނޫން މީހުން ގާތަށް ފައިސާއާއި ލޯނު ހޯދަން ދިޔުން...އެކަމަކު އެ ކުދިންނަށްޓަކާ...އެކުދިންނަށް ފުރުސަތު ހޯދަދޭން...ނޫނެކޭ ނުބުނެވުނީ އެހެންވެ.."

"ކޮންމެ މީހެއްގެ އަމަލުގެ ފަހަތުގައި ސަބަބެއްވާނެ..ކަންޒާ ބަލިކަށިވެގެނެއްނޫން ފައިސާ ހޯދަންބުނީ...އެއީ އިންސާނަކަށް ވީތީ..."

ކަންޒާގެ ހިތަށް ފިނިވާގޮތްވިއެވެ. ކާދިންގެ ލަފުޒުތަކުގައި ސިހުރެއްވާފަދައެވެ. ކާދިން ބޭނުންވެއްޖެއްޔާ އެ ލަފުޒުތަކުން ހިތަށް ފަރުވާ ދެވިދާނެއެވެ. ނޫނީ ހަލާކުކޮށްލެވިދާނެއެވެ. އޭނަ ގެ ހިތާއި ރޫހުވެސް އެދުނީ ކާދިންއަށް ހުރިހާ ވާހަކައެއް ކިޔައިދިނުމަށެވެ. އެކްސިޑެންޓްގެ ވާހަކައެވެ. އޭނަ ކާދިންގެ މޭގައި އަތް އަޅާ ކޮށްޕައިލީއެވެ. އޭނަ އެ ކުށުގެ އިހުސާސް އުފުލަމުންދާތާ ކިތައް އަހަރުހެއްޔެވެ؟ އޭނަ ހަގީގަތް ކިޔާދޭން އުޅެފައިވެސް ފަސްޖެހުނީ ކާދިން ގެއްލިދާނެތީއެވެ. ކާދިން އޭނައާއި ދޭތެރޭ ވިސްނާގޮތް ބަދަލުވެނާދެތީއެވެ. ދޫ ތަޅުލެވުނު ސަބަބަކީ އެއީއެވެ.

***

ކަންޒާ ނޫޑުލްސް ތަށީގެ ތެރެއަށް އޫ ލައިގެންގޮސް އިށީނީ ކުޑަދޮރު ކައިރީގައި ހުރި ގޮނޑިއެއްގައެވެ. އުޑުމަތީގައި ތަރިތައް ވިދާ ބަބުޅާ މަންޒަރު ފެނުނެވެ. މެހެރް ސަލާމް ދީފައި ވަނުމުން ކަންޒާގެ ހިތް އަވަސްވިއެވެ. ކާދިންގެ މަންމަ ޒިޔާރަތް ކުރީ ހާދަ ނުގަޑިއެއްގައެވެ،

"ކަންޒާ....އަހަންނަށް ތިއީ ކާކުކަން އެނގިއްޖެ.."މެހެރްގެ ލޮލުން ފެނުނީ ނުރުހުމެވެ.

"ތިބުނީ..."އޭނަ ހިންދިރުވައިލިއެވެ.

"ތިީ މުރުޝިދާގެ އަންހެންދަރި...ބަދަލު ހިފަންވެގެން ކާދިން ތިގޭ ސިޑިބަރިން ވައްޓައިލީ ހަމަ މަރަންވެގެން..އެކަން އެނގިހުރެ އަހަރެމެން ދައުވާ ނުކުރަން..ދެ މީހުން ހަމަހަމަވީ ކަމަށް ނިންމީ...ނަމަވެސް މިހާރު ކާދިންގެ ލައިފަށް ތިއަންނަނީ ބަދަލުހިފަން ކަން އެނގޭ...ކަންޒާ ހާދަ ނުލަފައޭ...ކާދިންއަކީ ކާކުކަން އެނގިގެން ފަހަތުން ނުނެއްޓިގެން ތިއުޅެނީ؟ އަހަރެމެންވެސް ކަންޒާ ކުރި ކަންތައް އެނގިގެންވެސް ހިމޭނުން ތިބީ..."

އޭނައަށް އިވުނު ވާހަކަތަކުން ހިތަށް ބިރުވެރިަކން ވަނެވެ. ކެމެރާ ހަމަ ހުރިހެއްޔެވެ؟ އޭނަ ދެނެހުރިގޮތުން އެ ކެމެރާ ހުރީ ހަލާކުވެފައެވެ.

"ޢޭނަ ވައްޓައިލާކަށް ނޫން ކޮށްޕައިލީ...އެއީ...."

"އާނ...ކާދިންވެސް ގަސްތުގައެއްނޫން ކާރުން ޖެއްސީ...."މެހެރްގެ އަޑު ބާރުވިއެވެ.

ކަންޒާގެ އަރުތެރެ ބެދުނެވެ. އެންމެެ އެތިކޮޅެއްވެސް ދިރުވައިނުލެވިގެން ތަށީގައި ހުރި ނޫޑުލްސް ޑަސްބިނަށް ލާފައި ތަށި ދޮންނަންފެށިއެވެ.

"އަޅުގަނޑުގެ މަންމަ ނިޔާވީ..ކާދިން އެބަހުރި ދުނިޔޭގައި..."

"ހަނދާންތައް ގެއްލިފައި...ކާކު ޒިންމާ ނަގާނީ؟"

"މަންމައާއި ކަންޒާ ކޮންކަމަކާއި ބަހުސްކުރަނީ؟" ކާދިން އައީ ބުކޭއެއް ހިފައިގެންނެވެ. ވާރޭގެ ތިކިތައް މާތަކުގެ ފިޔައިގާ ހަރުލާފައިވާއިރު ރަންމުތްފަދައެވެ.

މެހެރް ހިނިތުންވެލަމުން ތެދުވުނެވެ." ހާދަ ރީތި މާތަކޭ..މިއީ ކާކަށް؟"

"އަންހެންކުއްޖަކަށް ކަން ނޭގޭ ދެވޭނީ...."ކާދިންގެ ނަޒަރު ހުއްޓުނީ ކަންޒާގެ މޫނަށެވެ. މެހެރްގެ ހިތަށް ނުބައި ގޮތްތަކެއްވިއެވެ. ކާދިންއާއިމެދު ހަމްދަރުދީވިއެވެ. އެއްވެސް ކަމެއް ނޭގިހުރެ މި މަކަރުވެރި އަންހެންކުއްޖާގެ ދަލުގެ ޝިކާރައަކަށް ވަނީއެވެ. އޭނަ ގުރުބާންވެގެންވެސް ދަރިފުޅު ސަލާމަތްކުރާނެއެވެ.

***

ކާދިން މޭމަތީގައި ބާލީސް ޖައްސާ ބާރުކޮށްލައިގެން އޮތްއިރު އެލޮލުގައި ނިދީގެ އަސަރެއްނެތެވެ. މަންމައާއި ކަންޒާގެ ޖުމްލަތައް އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ތޫފާނެއް ފަދައިންނެވެ.

"ޢޭނަ ވައްޓައިލާކަށް ނޫން ކޮށްޕައިލީ...އެއީ...."

"އާނ...ކާދިންވެސް ގަސްތުގައެއްނޫން ކާރުން ޖެއްސީ..."

"އަޅުގަނޑުގެ މަންމަ ނިޔާވީ..ކާދިން އެބަހުރި ދުނިޔޭގައި..."

"ހަނދާންތައް ގެއްލިފައި...ކާކު ޒިންމާ ނަގާނީ؟"

އެ ޖުމްލަތަކުން އޭނައަށް މާޒިގެ ހަނދާންނެތިފައިވާ ސަފުހާތަކުގެ ސިއްރު އެނގިއްޖެއެވެ. އޭނަގެ ކާރުންޖެހިފައި ކަންޒާގެ މަންމަ ނިޔާވީއެވެ. އެކަމުގެ ބަދަލު ހިފަންވެގެން ކަންޒާ އޭަނަ ކޮށްޕައިލީއެވެ. ކަންޒާގެ މޫނު ފެނުމުން ދެކެފަރިތަގޮތެއް ހުރީ އެހެންވެއެވެ. އޭނަގެ ސިކުނޑިއަށް އެ ހާދިސާ ނަގައިގަންނަން އުދަގޫވީއެވެ. އޭނައަކީ މަންމައާއި ކަންޒާގެ އަރަައިރުމުގެ ސަބބަުކަން އެނގުމުން ހިތަށް ހާސް އަސަރުކޮށް ފެންކަޅިވިއެވެ.

***

މެހެރްއާއި ކާދިން ގެއިން ދިޔުމުން ކަންޒާ އެކަނިވިއެވެ. އޭނައަށް ކާދިންގެ ފަރާތުން ލިބުނީ ނިކަން ރީތި މާ ބޮނޑިއެކެވެ. އޭނަ މޫނުގައި ޖައްސާލައިގެން އިރުކޮޅެއްވާންދެން ލޯ މަރާލައިގެން ހުރީ އޭގެ މީރުވަހާއި މަޑު ފިޔަތަކުން ހިއްސުތައް ހޭލައްވަމުންނެވެ. ލޯ މަރާލައިގެން ހުރެފައި ކުއްލިއަކަށް އޭނަގެ މިޒާޖުބަދަލުވިއެވެ. ބުމަ ކައިރިވިއެވެ.

"ކާދިން ހީކުރީ މާ ބޮނޑިއަކީ މަރުގެ ދިޔަކަމަށްތަ؟ ދުނިޔެ ގެނެސް ފައިބުޑަށް ވެއްޓިޔަސް މާފެއްނުދޭނަން... ޔޫ ކިލްޑް މައި މަމް.. ."

އޭނަ މާތަކުގެ ފިޔަތައް ނޮޅައިލުމަށްފަހު އެކި ދިމާލަށް އުކައިލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު