"މި ހިނގަމުންދާ ވަގުތުކޮޅާއިމެދު ވިސްނާށެވެ. އެ ވަގުތު ދެނެއް އަނބުރާ ލިބުމެއްނެތެވެ. މި ވަގުތުކޮޅުގެ ބޭނުންކުރަނީ އާޚިރާތް ދުވަހުގެ ނަސީބު ލިބިގަންނަން ހެއްޔެވެ؟ ނޫނީ ތިބާގެ ދުނިޔެ ބޭކާރުކުރަން ހެއްޔެވެ؟ ގަޑީގެ ކަށި އެއްވެސް މީހަކަށްޓަކާ ހުއްޓުމެއް ނުވެއެވެ.

***

ފިނިގަދަ ރެއެކެވެ. އަޔާޝްއާއި ހަޔާވެސް އިޝާ ނަމާދަށްފަހު ކައިގެން ބޭރަށް ނުކުތެވެ. ފިނިން ސަލާމަތްވާން ޖެކެޓްލައިގެން ތިބެ އަތު ގުޅުވާލައިގެން ހިނގަމުންގޮސް އައިސްކޯން ވިއްކާ ދިމާލަކަށް ނުކުމެވުނެވެ. ޔަލްވީ ނެގީ ރޯޒް އައިސްކޯނެކެވެ. އަޔާޝް އަޖްވާ އެކެވެ.

"މިތާ ހުރިމަ ލިބޭ ރޫހާނީ އުފާވެރިކަން އެެެހެން ތަނަކުން ނުލިބޭ..މިހާރު ހިތަށް އަރަނީ އުމުރުގެ ބޮޑުބައި ވޭސްޓްވީއޭ..."

"މިހެން ހިތަށް އަރަންޏާ ކަށްވަޅަށް ގޮސް އަދި ކިހާ ރިގްރެޓްކުރާނެ...ތައުބާވުމުން ޝަރީކުކުރުން ފިޔަވާ އެހެން ހުރިހާ ފާފައެއް ފުއްސަވާ..."

"ޔަލް ..ވާހަކައެއް ބުނަން...."އަޔާޝް މަޑުމަޑުން ބުނެލިއެވެ."ވެކްސިން ޖެހުނީތީ އަދި އެހެން މީހުން އެ ޖަހަން މަޖުބޫރު ކުރެވުނީތީ ހިތާމަކުރަން..."

"ވެކްސިންއިން ނޫނީ ކިހިނެއް ބައެއްކަހަލަ ނުރައްކާތެރި ބަލިތަކުން ސަލާމަތްވާނީ؟"ޔަލްވީ ސުވާލުކުރިއެވެ.

"އެހެން ވެކްސިންތައް އޯކޭއޭ..މިބުނަނީ މިފަހަރު މި ވައިރަސްއާއި ދެކޮޅަށް ވެކްސިން ބޭނުންކުރުމުގެ މާނައެއް ނެތޭ...އެހާވެސް ސައިޑް އިފެކްޓްސް ގިނަ. އަހަރެންވެސް އެ ޖެހި ފަހުން އޯކޭއެއްނޫން....."

"ޔަލްވީ ސިއްސައިގެން ދިޔައެވެ."އަޅެ އަޔާއަށް ކިހިނެއްވީ؟"

އޭނަ ހީވީ ދެންމެ ދެންމެ ރޮއިގެންފާނެހްނެނެވެ.

.ނަސީބެއްނު ފަހުން އެކަންތައްގަނޑުގެ ތެރޭގައި އުޅެން ހަދައިގެން ޔަލްއަށް ފޯސް ނުކުރެވުނުކަން..އޭރު ހިތް ހާދަ ހަރޭ...ހިތް މަޑުކުރަނީ ކިހިނެއްކަން އެނގުނީވެސް ޕޯސްޓެއް ފެނުނީމަ. ނަމާދު ގާއިމުކުރުން، .ޒިކުރުކުރުމާއި ވިސްނާ ފިކުރުކޮށް ގުުރުއާން ކިޔެވުން...ދުޢާކުރުން، ދީނީ އިލްމު އުނގެނުން...މިހުރިހާ ކަމަކުން ހިތަށާއި ރޫހަށްވެސް ބޮޑު ބަދަލެއް އަންނާނެޔޯ....ޔަލް ..އަހަރެންގެ މަންމައަށް ގިނައިން ދުޢާކޮށްދެއްޗޭ...."އަޔާޝް ބުނެލިއެވެ.

"އަބަދުވެސް...."

އަޔާޝް އޭނަގެ ނިތްކުރިއަށް ބޮސްދިނެވެ. ޔަލްވީގެ ހިތް އުފަލުން ފުރުނެވެ.

"ހިނދާ ދާން..ދަމުނަމާދަށް ހަރަމްފުޅަށް ދާންވާނެ...އެކަމަކު މި އައިސްކްރީމް ކެއިމަތަ؟ ކުޑަކޮށް މޭގައި ރިއްސާގޮތްވެއްޖެ....މިއޮތް ފިނިއިރުވެސް ހޫނު...."

"ޑޮކްޓަރަކަށް ދައްކާނީ." ޔަލްވީ ކަންބޮޑުވެފައި އަތުގައި ހިފައިލިއެވެ.

"އެއީ ބޮޑު މައްސަލައެއްނޫން. މާ ބޮޑަށް ވަރުބަލިވީ......."

"އެއްޗެއް ކައިގެން ނިދާނީ..އައިސްކްރީމްއަކީ ކެއުމެއްނޫން..."

"ނޫން ޔަލް..ދެން މިރޭ ކާހިތެއްނެތް..." އަޔާޝް އޭނަގެ އަތުގައި ހިފަހައްޓައިގެން ހުރިއިރު އެއަތް ގަނޑުފެންގަނޑެއްފަދައެވެ.

"ޢައިސްކޯނުން ބަނޑު ފުރިއްޖެ....އިޝްތިހާރުކުރާ ވަރަށްވުރެ ކުރީގައި އުޅެނީ.......އަދިވެސް އަންނަންވާނެ ދޯ....."

ޔަލްއަށް އެނގޭތަ؟ ރޭ މަންމަގެ ޑްރީމެއް ފެނުނު....މަންމަ ވަރަށް ރީތިކޮށް ހީލި..ކޮންމެވެސް ކަމަކާއި ހެދި އުފާވިއޭ ބުނީ.......އަހަންނަށް ގޮސް މަންމަގެ އަތުގައި ހިފައިލެވުނީ...."އަޔާޝް ހޭލެވުނުއިރުވެސް ލޮލުގައިވީ ކަރުނަ ކަމުގައި އޭނަ ޔަލްވީ ގާތު ނުބުނެއެވެ. އޭނަ ހިތާމަކުރަނީ އެކަނި އަމިއްލަ ހާލަތާއިމެދުގައެއްނޫނެވެ. މަންމަގެ ފާފައާއިމެދުވެސް ވިސްނެއެވެ. އޭނަގެ މަންމަގެ ފާފަ ފޮރުވުމަށްޓަކާ އޭނަ ދަރިއެއްފަދައިން ބަލާބޮޑުކުރި ސަލާހުއްދީންއާއި ތަގުވާއައި ދޭތެރޭ ކަންތައް ކުރެވުނުގޮތާއިމެދުގައިވެސް ލަދުވެތިވިއެވެ. ޚާއްސަކޮށް ދޮންމަންމަގެ އޯގާތެރިކަމާއި ލޯބި ބަލައިގަންނަން އޭނަ އިންކާރުކުރިއެވެ. ކިރިޔާވެސް ހަމަޖެހުމެއްލިބުނީ މި މާތް ބިމަށް އާދެވުމުންނެވެ.

***

ކްލޮކް ޓަވަރުގެ ކޮޓަރިއަށް ވެރިވެފައިވީ އަމާންކަމާއި ހިމޭންކަމެވެ. ޔަލްވީ ކުޑަދޮރުގެ ފަރުދާތަކުން ބޭރަށް ބަލަން އޮތީ ނުނިދިފައެވެ. އަޔާޝް މިރޭ އިޝާނަމާދުކޮށްގެން އައިގޮތަށް ބަސްމަދުކަމަށް ފާހަގަކުރެވުނެވެ. އެތައްފަހަރަކު ނިތްކުރީގައި ފިރުމައިލިތަން ފެނުނެވެ.

"ޢަދިވެސް ބޮލުގައި ރިއްސަނީތަ؟"

"އާނ....ދޭތެރެއަކުން...ނޭގޭ އުދަގުލެއް އެބަވޭ...."

އަޔާޝް ބުނީ ވެކްސިނަށްފަހު އުދަގޫތައް ވާން ފެށިކަމަށެވެ. މަޑުމަޑުންގޮސް އެކަންތައް ފިލައިދާނެކަމަށް ކުރެވުނީ ކުށްހީއެކެވެ. ދިހައެއް ޖަހަމުން ދިޔައިރު ދެމީހުންވެސް ތިބީ ރަޖާގެ ދަށުގައި ފޮނި ނިންޖެއްގައެވެ. އަޔާޝް ނިދެމުން ދިޔައިރު ފައިތިލަ މަސާޖްކޮށްލަދޭން އެދުނެވެ. އޭނަވެސް ނިދި ބަރުކައިގެންފާވާތީ އެކަމަށް ސަމާލުކަމެއްނުދީ ލޯ މަރައިލެވުނީއެވެ.

ޔަލްވީއަށް ކުއްލިއަކަށް ހޭލެވުނީ ކޮންމެވެސް ކަމަކާއި ބިރުގެންފައޮވެއެވެ. ފެނުނު ހުވަފެނެއް ހަނދާނެއްނެތަސް އެއާއި ގުޅުމެއް ވެދާނެކަން ޔަގީންވިއެވެ. އޭރު ހިތްވެސް ހީވަނީ ފުންމާލަފާނެހެންނެވެ. ކުޑަދޮރުގެ ފަރުދާތައް ފުރާނާލާފައި ކޮޓަރިތެރޭގައި އިރުގެ އަލި ނަށަމުން ދިޔައެވެ. އޭނައަށް ފަތިސްނަމާދަށްވެސް ހޭނުލެވުނީއެވެ. އަޔާޝް އޭނައަށް ގޮވިނަމައެވެ. ޝަކުވާކުރަންވެގެން އެނބުރުނުއިރު އަޔާޝްވެސް އޮތީ ފިން ނިންޖެއްގައެވެ. ނިދަނީހެއްޔެވެ؟ ނޫނީ މާބޮޑަށް ބަލިވީހެއްޔެވެ؟ އަޔާޝް އުދަގޫގޮތަކަށް ނޭވާލާކަން ފާހަގަވިއެވެ. އައިސްކްރީމް ބުއީމަ ރޯގާގެ އުދަގޫތައް ހުރީބާވައެވެ. އަޔާޝްގެ ނޭވާގެ އަޑު މިނޫނީ ފާހަގައެއްނުވެއެވެ. އެކަމަކު އަޔާޝް މިއޮތީ ހާދަ މަޑުންނެވެ.

"ޢަޔާ..އަހަންނަށްވެސް މާ ގަދަޔަށް ނިދުނީ؟ވޭކްއަޕް...ފަތިސްނަމާދަށްވެސް ނުތެދުވަމެއްނު......."އޭނަ ބޮކި ދިއްލައިލަމުން އަތުގައި ހިފައިލިއެވެ.

"އަޔާ...؟"އޭނަގެ އަޑު ތޫނުވިއެވެ.އަޔާޝްގެ މޫނުގައި ހިފަހައްޓައިލާފައި ބަލައިލިއިރު ލޯކުޑަކޮށް ހުޅުވި ކަޅި ހުއްޓިފައެވެ. ނިދީގައި އޮންނަން ޖެހޭ ފަދަ ގޮތަކަށް ނޫނެވެ. އޭނަގެ ނޭވާވެސް އެތެރެހަށީގައި ތާށިވިއެވެ.

"ނޫން. ނޫން...ތެދުވެބަލަ...ޕްލީޒް ޕްލީޒް.." އޭނަ އަޔާޝްގެ އަތުގައި ހިފާ ތަޅުވައިގަރެވެ. އަތްތިލަވެސް ގަނޑުފެންގަނޑެއްފަދައެވެ. ހަރުވެފައެވެ. ކަމެއް ގޯސްވެއްޖެކަމަށް ސިކުނޑި ސިގްނަލްދޭން ފެށުމާއެކު ފޯނު ނެގިއެވެ. ރިސެޕްޝަނަށް ގުޅިއިރުވެސް އިނގިލި ރޫރޫއަޅާވަރުން ހިފެހެއްޓެނީ ކިރިޔާއެވެ.

"މައި ހަޒްބެންޑް....ހީޒް ނޮޓް ވޭކިން..ޕްލީޒް ކަމް..ޕްލީޒް..."

އޭނަ ވާހަކަ ނުދެއްކިގެން ހުއްޓާލިއެވެ.

އޭގެ ފަހުން ހުރިހާކަމެއް ހިނގާދިޔައީ ނިކަން އަވަހަށެވެ. މުވައްޒަފުން އެއްވިއެވެ. އެތާތެރޭގައި އަޑުގަދަވިއެވެ. އޭނައާއި ސުވާލުކުރެވުނެވެ. އެތަނުން އެކަކު އަޔާޝްގެ ވިންދު ބަލައިލިއެވެ. އެމްބިއުލެންސްއަށް ގުޅައިގެން އެވީ ހިނދުކޮޅު އޭނައަށް އެނދުގައި އިށީދެވުނެވެ. އަޔާޝްގެ މޫނުގައި މަޑުމަޑުން ހިފަހައްޓައިލެވުނުއިރު ލޮލުން ކަރުނަ އޮހިގެންފިއެވެ. މީހަކު ކޮންމެހެން އޭނަގެ ވާހަކައަށް ސަމާލުކަން ނުދިނަސް އަމިއްލަ ނަފުސާއި ވާހަކަ ދެއްކިއެވެ. "އަޔާ އޮތީ ނިދާފައި.....ހަމަ ރަގަޅަށް ހުރީ...މިވީ ކިހިނެއް؟ އޭރު ފައިތިލައަށް ތަދުވެގެން އުޅުނީ..އަނެއްކާ......."

ހޮސްޕިޓަލް ތެރެއިން އިވެނީ މެޝިންތަކުގެ ބިރުވެރި އަޑެވެ. މީހުން ގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. މާޔޫސްވެ ވަރުބަލިވެފައިވާ މޫނުތަކެވެ. ޔަލްވީ އިންތިޒާރުގައި ހުރިއިރު މޫނުމަތިން ފެންނަނީ ހިތް ހަލާކުވެފައިވާފަަދަ އަސަރެކެވެ. އޭނަ ދުޢާކުރަންވެސް ހަނދާނެއްނުވިއެވެ. ގަނޑުވެފައި ހުރިއިރު ސިކުނޑިތެރޭގައި ތޫފާނެއް އެނބުރެނީއެވެ. އިރުކޮޅަކުން ހޭވެރިކަން ވީ ކޯޓުގައި ހުރި ޑޮކްޓަރަކު އޭނައަށް ގޮވައިލުމުންނެވެ.

"އަޔާޝް ކިހިނެއް؟ ބޮލުގައި ރިއްސާތީ އުޅުނު...އޭގެ ފަހުން ނިދިއިރު އަނެއްހެން އޯކޭ............."

"ކުއްލިއަކަށް ސިކުނޑިއަށް ލޭ އެޅުނީ...ބްރެއިން ހެމަރެޖް..އެވެސް ވައްތަރެއްގެ ސްޓްރޯކެއް..."ޑޮކްޓަރުގެ އަޑުގައިވީ އޯގާތެރިކަމެވެ." ތި ބޭފުޅާގެ ފިރިކަލުން ސްޓޭބަލް ކުރަން އަޅުގަނޑުމެންނަށް ކުރެވުނުހާ ކަމެއް އެބަކުރަން..."

ޔަލްވީ އަނގަ ހުޅުވިފައި ބަލަހައްޓައިގެން ހުރީއެވެ. ޑޮކްޓަރގެ ޖުމްލަތައް ސިކުނޑިއަކަށް ނަގައި ނުގަނެވުނެވެ.

"ފިރިކަލުން އޮންނެވީ ކޯމާއެއްގައި...."އެހެން ޑޮކްޓަރަކު ބުނެދިނެވެ.

"ކޯމާ؟"އޭނައަށް ހީވީ ދުނިޔެވެސް އަރިއަޅައިލިހެންނެވެ. ހަތަރެސްފައި ފިނިވެ ކަކުލު ހުޅުން ވާގި ދޫވިއެވެ."ނޫން..ތިއީ އެކަށީގެންވާކަމެއްނޫން..ނިދުމުގެ ކުރިންވެސް ރީތިކޮށް ވާހަކަދެއްކި.......އޭނަ......އޭނަގެ ހާލު ރަގަޅު.............."

އޭނަ އަނގަމަތީގައި އަތް އެޅިނަމަވެސް ރުއިން މަތައެއް ނުކުރެވުނެވެ. އަޑު ވީއްލާ ރޯން ފެށުނުގޮތަށް ބޭނުންވީ ހަޅޭއްލަވައިގަތުމަށެވެ. ނަރުސް ކުއްޖަކު އޭނަ ގެންގޮސް ގޮނޑިއެއްގައި ބޭންދިއެވެ. ފެންތަށްޓެއްދިނެވެ. އޭނަގެ ސިކުނޑީގެ ލޯގަނޑުން ފެންނަންފެށީި އަޔާޝް ކޮޓަރީގައި ހޭދަކުރި އެންމެ ފަހު ވަގުތުތަކެވެ. އެވަގުތުކޮޅު ކަންތައް ހިނގިގޮތާއިމެދު ވިސްނިއެވެ. އަޔާޝް ނިދިއިރު ފައިތިލަ މަސާޖުކޮށްދޭން އެދުނެވެ. އޭގެ ފަހުން އިތުރު ވޭނެއް ނޫނީ ތަފާތެއް ނުފެނެއެވެ. ބަދަލުވީ ހަމަ އެކަނި ނޭވާގެ އަޑެވެ. ޔަލްވީގެ ހަނދާނަށް އައީ ހަޔާގެ އެކު ޕޯސްޓްތަކެވެ. ދުނިޔޭގައި އިމްތިހާނުތަކާއި ކުރިމަތިލާން ޖެހޭނެކަމެވެ. މިފަދަ ހާލަތެއްގައި އޮތީ ﷲތައާލާއަށް ދުޢާކުރުމެވެ. ހިތްވަރުކުރުމާއި ވަކީލުކުރުމެވެ.

"ޢަހަންނަށް ލަހުން ހޭލެވުނީ..ޗެކް ކުރެވުނަމަ...ޗެކްކުރަން ޖެހޭނެއްނު އެވަރަށް ބޮލުގައި ރިއްސާފައި ވިއްޔާ އޮށޯތީ..ހިސާބަށްވުރެ ފަރުވާކުޑައީ..އެހެންނޫންނަމަ މިހެން ނުވީސް....އެކަމަކު އަޔާގެ ފެމިލީއަށް އެނގެންވާނެ..ކީކޭ އެމީހުން ކައިރީ މި ވާހަކަ ބުނާނެގޮތެއްވެސް ނޭގޭ..........."

މިނާހް ފޯނު ނެގުމުން އޭނަ ގަދަޔަށް ރޯންފެށިއެވެ.

"ހޭ ޔަލް..ކިހިނެއްވީ؟ ނުރޮއި ވެެގެން އުޅޭގޮތް ކިޔާދީބަލަ...އަނެއްކާ...ދޮންބެ އަނިޔާކުރީތަ؟"

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު