ނަތަންޔާހޫ ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯއްދެވިކަން ހާމަކުރައްވައިފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ: ނަތަންޔާހޫއަށް ކެންސަރު ޖެހިފައިވާކަން ހާމަކޮށްފި -- ފޮޓޯ/ ރޮއިޓާސް

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހަށިގަނޑުން ޕްރޮސްޓޭޓް ކެންސަރުގެ ޓިއުމަރެއް ފެނި، އެކަމަށް ކާމިޔާބުކަމާއެކު ފަރުވާ ހޯއްދަވާފައިވާކަން އޭނާގެ އަހަރީ މެޑިކަލް ރިޕޯޓުން ވަނީ ހާމަވެފައެވެ. ނަތަންޔާހޫ ހާމަކުރެއްވި ގޮތުގައި މި މައުލޫމާތު އާންމުކުރުން ލަސްކުރެއްވީ، އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމައިގެ ތެރޭގައި އީރާނުން ދޮގު ޕްރޮޕެގެންޑާ ފެތުރުން ހުއްޓުވުމުގެ މަގުސަދުގައެވެ. މިހާރު ކެންސަރުގެ އެއްވެސް އަސަރެއް ނެތްކަމަށާއި އޭނާގެ ސިއްހީ ހާލަތު ވަރަށް ރަނގަޅުކަމަށް ޑޮކްޓަރުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

  • ނަތަންޔާހޫގެ ޕްރޮސްޓޭޓުން ކެންސަރުގެ ޓިއުމަރެއް ފެނި ކާމިޔާބުކަމާއެކު ފަރުވާ ހޯއްދަވައިފި.
  • ބަލި ދެނެގަނެވިފައިވަނީ ވަރަށް ކުރީކޮޅު ކަމަށާއި މިހާރު ކެންސަރުގެ އަސަރެއް ނެތް.
  • މެޑިކަލް ރިޕޯޓު އާންމުކުރުން ލަސްކުރީ އީރާނުގެ ޕްރޮޕެގެންޑާއިން ސަލާމަތްވުމަށް.
  • ސުލްހައިގެ އެއްބަސްވުމަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ނަތަންޔާހޫ ވައިޓް ހައުސްއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހަށިގަނޑުން ކެންސަރު ޓިއުމަރެއް ފެނި، ފަރުވާ ހޯދާފައިވާކަން އޭނާގެ އަހަރީ މެޑިކަލް ރިޕޯޓުން ހާމަވެއްޖެއެވެ.

އެކަން ހާމަކުރަމުން އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަތަންޔާހޫ ވިދާޅުވީ ޕްރޮސްޓޭޓް ދުޅަވުމާ ގުޅިގެން ކުރި އޮޕަރޭޝަނަކަށްފަހު، ހަދަމުންދިޔަ ޗެކަޕްތަކުގެ ތެރެއިން ކެންސަރުގެ އަލާމާތް ހުރި ޓިއުމަރެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް ފަރުވާއަށްފަހު ކެންސަރުގެ އެއްވެސް އަސަރެއް މިހާރު ނެތް ކަމަށާއި މިހާރު ހުރީ ޖިސްމާނީ ގޮތުން ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އޭނާގެ މެޑިކަލް ރިޕޯޓު އާންމު ކުރުން ލަސްކުރަން އެދިފައިވާ ކަމަަށާއި، އެގޮތަށް އެދުނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމައިގެ އެންމެ ނުރައްކާތެރި ދަނޑިވަޅުގައި، އިސްރާއީލާ ދެކޮޅަށް އީރާނުން ދޮގު ޕްރޮޕެގެންޑާ ފެތުރުން ހުއްޓުވުމަށް ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވިއެވެ.

ހަދާސާ ހޮސްޕިޓަލުގެ ކެންސަރާ ބެހޭ ޔުނިޓްގެ ޑިރެކްޓަރު އަހަރޮން ޕޮޕޮވްޓްސާ ވިދާޅުވީ ނަތަންޔާހޫއަށް ބަލި ޖެހިފައިވާކަން އެނގުނީ ވަރަށް ކުރީކޮޅު ކަމަށާއި ޕްރޮސްޓޭޓް ކެންސަރަކީ އޭނާގެ އުމުރުގެ ފިރިހެނުންގެ ތެރޭގައި އާންމު ބައްޔެއް ކަމަށެވެ.

ނަތަންޔާހޫއަށް ކެންސަރު ޖެހި ފަރުވާ ހޯދިކަން ހާމަކޮށްފައިވާއިރު، އިސްރާއީލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތައް ހުއްޓާލައި ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް އެމެރިކާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމާ ގުޅިގެން ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ނަތަންޔާހޫ ވައިޓް ހައުސްއަށް ދާން ވެސް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް