އެމްޓީސީސީ ބަލިކޮށް، އޮފީސް ލީގުގެ ތަށި ސްޓެލްކޯއިން ދިފާއުކޮށްފި

އޮފީސް ލީގު 2026 ގެ ޗެމްޕިއަންކަން ހޯދި ސްޓެލްކޯ-- ފޮޓޯ: އޮފީސް ލީގު

ބިގް ގޭމް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އޮފީސް ލީގު 2026 ގެ ފައިނަލް މެޗުގައި އެމްޓީސީސީއާ ވާދަކޮށް ތިނެއް އެކެއްގެ ނަތީޖާއަކުން މޮޅުވެ، ސްޓެލްކޯއިން މުބާރާތުގެ ޗެމްޕިއަންކަން ދިފާއުކޮށްފިއެވެ. ހުޅުމާލެ ރެހެންދި ޓާފްގައި ކުޅުނު މި މެޗުގައި ސްޓެލްކޯގެ މުއާޒް އަލީ ވަނީ ހެޓްރިކް ފުރިހަމަކޮށް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. މުޅި މުބާރާތުގައި ސްޓެލްކޯއިން ދައްކާފައިވަނީ ތަފާތު މޮޅު ކުޅުމެކެވެ. އެގޮތުން ކުޅުނު ހުރިހާ މެޗަކުން އެ ޓީމު މޮޅުވެފައިވާއިރު، އިދިކޮޅު ޓީމުތަކުގެ ކޮޅަށް ފަސްދޮޅަސް ހަ ގޯލު ވަނީ ޖަހާފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކޯޗުގެ މަގާމުވެސް ހޯދާފައިވަނީ ސްޓެލްކޯއިންނެވެ.

  • ފައިނަލް މެޗުގައި ތިނެއް އެކަކުން އެމްޓީސީސީ ބަލިކޮށް ސްޓެލްކޯއިން ތަށި ދިފާއުކުރުން.
  • ސްޓެލްކޯގެ މުއާޒް އަލީ ފައިނަލް މެޗުގައި ހެޓްރިކް ފުރިހަމަކުރުން.
  • ސްޓެލްކޯއިން މުބާރާތުގެ ހުރިހާ މެޗަކުން މޮޅުވެ ފަސްދޮޅަސް ހަ ގޯލު ކާމިޔާބުކުރުން.
  • މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ސްޓެލްކޯގެ އިބްރާހީމް ރިމާހު ހޮވުން.

ބިގް ގޭމް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "އޮފީސް ލީގު 2026" ގެ ފޯރިގަދަ ފައިނަލް މެޗަށްފަހު، އެމްޓީސީސީގެ މައްޗަށް ކުރިހޯދައި ސްޓެލްކޯ އިން މުބާރާތުގެ ޗެމްޕިއަންކަން މި އަހަރުވެސް ދިފާއުކޮށްފި އެވެ.

ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗު ސްޓެލްކޯ އިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ސްޓެލްކޯގެ ތަރިއަކަށް ފެނިގެންދިޔައީ ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކައި، ހެޓްރިކް ފުރިހަމަކުރި މުއާޒް އަލީ އެވެ. މުޅި މެޗުގެ ކޮންޓްރޯލް ސްޓެލްކޯއިން ހިފަހައްޓާފައިވާއިރު، އެމްޓީސީސީގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއީލް ރަޔާން އެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އުފުލާލީ ހެޓްރިކް ހީރޯ މުއާޒް އެވެ.

ސްޓެލްކޯއިން މި ފަހަރުގެ މުބާރާތް ނިންމާލީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ރެކޯޑު ނަތީޖާތަކަކާއެކުގަ އެވެ. އެގޮތުން ކުޅުނު ހަ މެޗުގައި އެ ޓީމުން ވަނީ އިދިކޮޅު ޓީމުތަކުގެ ގޯލަށް 56 ލަނޑު ފޮނުވާލާފަ އެވެ. އަދި މުޅި މުބާރާތުގައި އެ ޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ފަސް ގޯލުކަން ފާހަގަކޮށްލެވެ އެވެ.

މުބާރާތުގެ ވަކިވަކި މަގާމުތައް

  • ރަން ބޫޓު: މުއާޒް އަލީ އަދި އިބްރާހީމް ރިމާހު (ސްޓެލްކޯ)
  • މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: އިބްރާހީމް ރިމާހު (ސްޓެލްކޯ)
  • އެންމެ މޮޅު ކޯޗު: އުސްމާން ނަސީރު (ސްޓެލްކޯ)
  • މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން: ސްޓެލްކޯގެ މުއާޒް އަލީ، މުހައްމަދު ސިރުޚާން، އަދި އަދުހަމް އަހުމަދުގެ އިތުރުން އެމްޓީސީސީގެ ހުސައިން ޝަރީފް (މުޑާ) އަދި އިސްމާއީލް ރަޔާން އެވެ.

މި ކާމިޔާބީއާއެކު ސްޓެލްކޯއިން ވަނީ އޮފީސްތަކުގެ މެދުގައި ބޭއްވޭ މި ފުޓްސަލް މުބާރާތްތަކުގައި އެ ޓީމަކީ ބަލިކުރަން އުނދަގޫ ބާރެއްކަން އަނެއްކާވެސް ސާބިތުކޮށްދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު