ނައިފަރު ޗެލްސީ އަތުން ބަލިވިޔަސް، ގޯލުގެ ތަފާތުން މާފަރު ސެމީއަށް

ވިންޑް ވޯރިއާސް ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕުގައި ނައިފަރު ޗެލްސީއާއި މާފަރު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސިޑިބަރި

ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ ވިންޑް ވޯރިއާސް ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް 2026 ގައި ނައިފަރު ޗެލްސީއާއި އެފްސީ މާފަރު ބައްދަލުކުރި މެޗު ނައިފަރުން ކާމިޔާބުކޮށްފިއެވެ. ނައިފަރު ޗެލްސީން 3-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، ގޯލުގެ ތަފާތުން މާފަރަށް ވަނީ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ލިބިފައެވެ. ނައިފަރުން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކޮށްފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މި މަހުގެ 27 ގައި އަދި ފައިނަލް މެޗު އޭޕްރީލް 30 ގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

  • ނައިފަރު ޗެލްސީން 3-0 ގެ ނަތީޖާއަކުން މާފަރުގެ މައްޗަށް ކުރިހޯދުން.
  • ބަލިވި ނަމަވެސް ގޯލުގެ ތަފާތުން މާފަރަށް ސެމީ ފައިނަލުގެ ޖާގަ ލިބުން.
  • ނައިފަރު ޗެލްސީން ގްރޫޕް ބީގެ އެއްވަނަ ހޯދައިގެން ސެމީއަށް ދަތުރުކުރުން.
  • ސެމީ ފައިނަލް މެޗުތައް އޭޕްރީލް 27 ގައި އަދި ފައިނަލް މެޗު އޭޕްރީލް 30 ގައި ކުޅުން.

ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ "ވިންޑް ވޯރިއާސް ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް 2026" ގެ ފޯރިގަދަ މެޗުތަކެއް ކުޅެވެމުންދާއިރު، ރޭ ކުޅުނު މެޗުން ނައިފަރު ޗެލްސީ އަތުން ބަލިވި ނަމަވެސް، އެފްސީ މާފަރުން މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

މި މެޗު ނައިފަރުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ނައިފަރު ޗެލްސީން ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެ، ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކޮށްފައެވެ.

މެޗުގެ ތަފްސީލަށް ބަލާއިރު، ނައިފަރު ޗެލްސީން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ޖަހައި ލީޑު ނަގާފަ އެވެ. އަދި ދެވަނަ ހާފުގައި އިތުރު ދެ ގޯލު ކާމިޔާބުކޮށް، މާފަރުގެ މައްޗަށް ފުރިހަމަ ކުރިހޯދުމެއް ހޯދިއެވެ.

ނައިފަރުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އަލްހާޖީ ޖޭރޯ އާއި، ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ނާއިމްގެ އިތުރުން އިބްރާހީމް ލާބީ އެވެ.

މި ބަލިވުމާއެކުވެސް މާފަރަށް ސެމީގެ ޖާގަ ލިބުނީ، ގްރޫޕްގެ ތިންވަނައިގައި އޮތް މަނަދޫ ސްޕޯޓްސް ކްލަބަށްވުރެ ފައިދާ ގޯލުގެ ތަފާތުން ކުރި ލިބޭތީއެވެ. މާފަރާއި މަނަދޫއަށްވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ނަމަވެސް މަނަދޫ ކޮޅަށް ހަތް ގޯލު ވަދެފައިވާއިރު، މާފަރު ކޮޅަށް ވަދެފައިވަނީ އެންމެ ދެ ގޯލެވެ.

މުބާރާތުގެ ގްރޫޕް އޭގެ ފޯރިވެސް މިހާރު ވަނީ ގަދަވެފަ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ކެނދިކުޅުދޫ ސްޕޯޓްސް ކްލަބާއި މާޒިޔާ ޖޫނިއާސް އެވެ.

ކެނދިކުޅުދޫ މިހާރު މުބާރާތުން ކަޓާފައިވީ ނަމަވެސް، މާޒިޔާ އޮތީ ދެ ޕޮއިންޓާއެކު ސެމީގެ އުންމީދުގަ އެވެ. އަދި މިރޭ ކުޅޭ ފޯރިގަދަ މެޗުގައި ބައްދަލުކުރާނީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތް ޖިބިއްލީ ސްޕޯޓްސް ކްލަބާއި އަލިފުށި ރެކްރިއޭޝަން ކްލަބެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގްރޫޕްގެ އެއްވަނަ ލިބޭނެ އެވެ.

މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ. ފޯރިގަދަ ފައިނަލް މެޗު އޮންނާނީ އޭޕްރީލް 30 ގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު