ނ. ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި މަހިބަދޫ ޖިބިއްލީ ސްޕޯޓްސް ކްލަބުން ހައިރާންކުރުވަނިވި ކުޅުމެއް ދައްކައި 0-9 ގެ ބޮޑު ތަފާތަކުން ކެނދިކުޅުދޫ ސްޕޯޓްސް ކްލަބް ބަލިކޮށްފިއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރުތައް އެއް ޓީމަކުން ފެނިގެންދިޔަ މި މެޗުގައި ޖިބިއްލީން ވަނީ ފެށުނީއްސުރެ މެޗުގެ ފުރިހަމަ ކޮންޓްރޯލް ނަގައި، ކެނދިކުޅުދޫގެ ޑިފެންސް ފޫއަޅުވާލައިފަ އެވެ.
މި މެޗުގެ ތަރިއަކީ މޮޅު ކުޅުމެއް ދައްކައި ހެޓްރިކް ފުރިހަމަކުރި އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭގެ އިތުރުން ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާގް (ދަގަނޑޭ) ވެސް ވަނީ ދެ ގޯލު ކާމިޔާބުކޮށް، އޭނާގެ ފެންވަރު އަދިވެސް ހުރިކަން ސާބިތުކޮށްދީފައެވެ.
ހަމައެއާއެކު، ރާއްޖޭގެ އުންމީދީ ޒުވާން ކުޅުންތެރިޔާ އަހުޒަމް ރަޝީދު ވެސް ވަނީ ދެ ގޯލު ޖަހައިފަ އެވެ. ޖިބިއްލީގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އަލީ ނަސޫހު ރަޝީދު އާއި އަބްދުﷲ ޖުނައިދު (ޖޭންނެ) އެވެ.
ކެނދިކުޅުދޫ އަށް ގޯލު ޖަހާނެ މަދު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެޓީމަށް ނަތީޖާއަށް ބަދަލެއް ގެނެވޭގޮތެއް ނުވި އެވެ.
މި ބޮޑު މޮޅާއެކު ޖިބިއްލީ މިހާރު އޮތީ ގްރޫޕް އޭގެ އެއްވަނައިގަ އެވެ. އެޓީމާއި ދެވަނައިގައި އޮތް އަލިފުށި ރެކްރިއޭޝަން ކްލަބަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ޖިބިއްލީ އަށް ކުރިލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
އަނެއްކޮޅުން، މުބާރާތް ބާއްވާ ރަށް ކަމަށްވާ ކެނދިކުޅުދޫ ކުޅުނު ދެ މެޗުން ވެސް ބަލިވެ، މުބާރާތުން ވަނީ ކަޓައިފަ އެވެ. ކެނދިކުޅުދޫން މިއަހަރު ނުކުތީ ރަށު ޓީމަކާއެކު ކަމަށްވިޔަސް، މުބާރާތުގެ އެހެން ޓީމުތަކުގައި ފުރަތަމަ ޑިވިޝަނުގެ ގިނަ ތަރިން ހިމެނުމަކީ ތަފާތު ބޮޑުވާން ދިމާވި ސަބަބެކެވެ.