އޭޝިއަން ބީޗް ގޭމްސް: ވަރުގަދަ ގަތަރާއި ޖަޕާނާ ދެކޮޅަށް ރާއްޖޭގެ ބީޗް ވޮލީ ޓީމުތަކުން ގަދަ ހިތްވަރެއް

ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ބީޗް ވޮލީބޯޅަ ޕެއާ-- ފޮޓޯ: އެމްއޯސީ

ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ބީޗް ވޮލީބޯޅަ ހަތަރު ޕެއާއަކުން މިއަދު ފުރަތަމަ މެޗުތަކުގައި ވާދަކޮށްފިއެވެ. މީގެ ތެރޭގައި ފިރިހެން ދެ ޕެއާއާއި އަންހެން ދެ ޕެއާ ހިމެނެއެވެ. ރާއްޖޭގެ ކުޅުންތެރިން މިއަދު ނުކުތީ އިންޑޮނޭޝިއާ، ޖަޕާނު އަދި ގަތަރުގެ ވަރަށް ވަރުގަދަ ޓީމުތަކަކާ ދެކޮޅަށެވެ. މެޗުތަކުން ބަލިވި ނަމަވެސް ރާއްޖޭގެ ކުޅުންތެރިން ވަނީ ގަދަ ހިތްވަރެއް ދައްކައިފައެވެ.

  • ޗައިނާގެ ސަންޔާގައި ކުރިއަށްދާ ގޭމްސްގައި ރާއްޖޭގެ ހަތަރު ޕެއާއަކުން ބައިވެރިވުން
  • އަންހެން ޕެއާތައް އިންޑޮނޭޝިއާ އަދި ޖަޕާނާ ވާދަކޮށް ބަލިވުން
  • ދުނިޔޭގެ އެންމެ ވަރުގަދަ ގަތަރުގެ ޕެއާއާ ދެކޮޅަށް ސާޖިދު އަދި ނަސީމްގެ ޕެއާއިން ރަނގަޅު ކުޅުމެއް ދެއްކުން
  • ރާކިން އަދި އަހުމަދުގެ ޕެއާއިން ޖަޕާނާ ދެކޮޅަށް ރަނގަޅަށް ވާދަކުރުން

ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ބީޗް ވޮލީބޯޅަ ޕެއާތަކުން މިއަދު ފުރަތަމަ މެޗުތަކުގައި ވާދަކޮށްފިއެވެ.

ސަންޔާގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ހަތަރު ޕެއާއެއް ބީޗް ވޮލީބޯޅައިގައި ވާދަކުރެއެވެ.

އެއީ ފިރިހެން ދެ ޕެއާގެ އިތުރުން އަންހެން ދެ ޕެއާއެވެ. ފިރިހެން ޕެއާތަކަކީ އަހުމަދު މުހައްމަދާއި އިބްރާހީމް ރާކިން ހަސަންގެ ޕެއާއާއި އިސްމާއީލް ސާޖިދުގެ އިތުރުން އާދަމް ނަސީމްގެ ޕެއާއެވެ. އަންހެން ދެ ޕެއާއަކީ އައިމިނަތު އަރީޝާއާއި ފާތިމަތު އަނާލްގެ ޕެއާގެ އިތުރުން މަރިޔަމް ރިޝްފާ އަދި އައިޝަތު އިޝްފާއު އިއްސާގެވެ.

ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ބީޗް ވޮލީބޯޅަ ޕެއާ-- ފޮޓޯ: އެމްއޯސީ

ރާއްޖޭގެ ޕެއާތަކުން މިއަދު ވާދަކުރަން ޖެހުނީ ވަރުގަދަ ޓީމުތަކަކާ ދެކޮޅަށެވެ. އަންހެން ޕޫލް އެފްގައި ހިމެނުނު ޒުވާން ޕެއާ ކަމަށްވާ ރިޝްފާ އަދި އިޝްފާއު ވާދަކުރީ އިންޑޮނޭޝިއާގެ ނޫރު އާތިކާ އަދި ޖޯސެފީން ސެލްވީނާއާ ދެކޮޅަށެވެ. އިންޑޮނޭޝިއާ ޕެއާ މޮޅުވީ ދެސެޓުންނެވެ.

އަންހެން ބީޗް ވޮލީގެ ޕޫލް އީގައި ހިމެނުނު އަނާލާއި އަރީޝާގެ ޕެއާ ވާދަކުރީ ޖަޕާނުގެ ވަރުގަދަ ޕެއާއެއް ކަމަށްވާ އިޓޯ ސަކޫރާއާއި މިކީ އިޝީގެ ޕެއާ ދެކޮޅާށެވެ. އެމެޗު ޖަޕާނު ޕެއާ ގެންދިޔައީ ދެ ސެޓުންނެވެ.

މިއަދު އެންމެ ފާހަގަކޮށްލެވުނު މެޗަކީ ޕޫލް ބީގައި ސާޖިދާއި އާދަމް ނަސީމްގެ ޕެއާއިން ވާދަކުރި މެޗެވެ.

ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ބީޗް ވޮލީބޯޅަ ޕެއާ-- ފޮޓޯ: އެމްއޯސީ

އެމެޗުގައި އިދިކޮޅަށް ނުކުތީ ދުނިޔޭގެވެސް އެންމެ ވަރުގަދަ އެއް ޕެއާ، އަދި ގޭމްސްގައި އެއްވަނައަށް ރޭންކް ކޮށްފައިވާ ގަތަރުގެ ސަމްބާ ޝެރީފް އަދި އަހުމަދު ޖާންކޯގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗު ދެސެޓުން ގަތަރު ޕެއާ ގެންދިޔަ ނަމަވެސް، އާދަމް ނަސީމާއި ސާޖިދުގެ ޕެއާ ވަނީ ފުރަތަމަ ސެޓުގައި ލީޑުވެސް ކޮށްފައެވެ.

އެ ސެޓު ގަތަރު ޕެއާއަށް ގެންދެވުނީ 16-21 އިންނެވެ. އަނެއްޓުގައިވެސް ރާއްޖޭގެ ޕެއާ ހިތްވަރުކުރި ނަމަވެސް ގަތަރު ޕެއާ ވަނީ 21-10 އިން ސެޓު ގެންގޮސްފައެވެ.

ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ބީޗް ވޮލީބޯޅަ ޕެއާ-- ފޮޓޯ: އެމްއޯސީ

ޕޫލް ޑީގައި ހިމެނޭ ރާކިންއާއި އަހުމަދުގެ ޕެއާއިން ޖަޕާނުގެ ހިރޯކީ ޑިލަންއާއި އިކެޑާ ޖުމްޕޭއާ ވާދަކުރި އިރު، 2-0 އިން މެޗު ކާމިޔާބުކުރީ ޖަޕާނު ޕެއާއެވެ. އެ މެޗުގެ ދެވަނަ ސެޓުގައި ރާއްޖޭގެ ޕެއާއިން ރަނގަޅަށް ވާދަކުރިކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ ހަތަރު ޕެއާއިން މާދަމާވެސް މެޗުތައް ކުޅޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު