ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި މިއަދު ރާއްޖޭގެ ފިރިހެން ހޭންޑްބޯޅަ ޓީމުން ކުޅުނު މެޗުގައި މޮންގޯލިއާ ބަލިކޮށްފިއެވެ.
ބީޗް ހޭންޑްބޯޅަ ފިރިހެން އިވެންޓުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. އެއީ އޮމާން، ޕާކިސްތާން، ޖޯޑަން، ބަންގްލަދޭޝް، ތައިލެންޑް، ގަތަރު އަދި މޮންގޯލިއާއާ އެކުގައެވެ.
ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް ކައިރިން މޮޅުވީވެސް ޕެނަލްޓީއަށް ގޮސް، 2-1 ގެ ނަތީޖާއަކުންނެވެ. އޭގެފަހުން ކުޅުނު މެޗުގައި ޖޯޑަންއިން ރާއްޖެ ކައިރިން ކުރިހޯދި ނަމަވެސް، އެމެޗުގައި ރާއްޖެ ވަނީ ވަރުގަދައަށް ކުޅެ، ރަނގަޅު ވާދައެއް ކޮށްފައެވެ.

ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި މިއަދު ރާއްޖޭގެ ފިރިހެން ހޭންޑްބޯޅަ ޓީމުން މޮންގޯލިއާ އާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: އެމްއޯސީ
މިއަދު މޮންގޯލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭން ވަނީ ތަފާތު ދައްކައިފައެވެ. ފުރަތަމަ ސެޓު ގެއްލުނު ނަމަވެސް ދެވަނަ ސެޓު ކާމިޔާބުކޮށް، ޕެނަލްޓީގައި ރާއްޖެ މެޗު ކާމިޔާބުކުރިއެވެ. 2-1 އިން ރާއްޖޭން މޮޅުވި އިރު، ޕެނަލްޓީގައިވެސް ދިޔައީ ވާދަވެރިކޮށެވެ.
ފުރަތަމަ ސެޓުގައިވެސް ބޮޑު ބައެއްގައި ލީޑު ކުރީ ރާއްޖޭންނެވެ. ފަށައިގެން 4-0 އިންވެސް ލީޑުގައި އޮތް އިރު، އަށްވަނަ މިނެޓާ ހަމައަށްވެސް ރާއްޖެ އޮތީ ލީޑުގައެވެ. އަށްވަނަ މިނެޓުގައި 11-10 އިން ރާއްޖެ ލީޑުގައި އޮތް ނަމަވެސް އެހިސާބުން މޮންގޯލިއާއިން ބަދަލެއް ގެނެސް، ސެޓު ގެންދިޔައީ 13-11 އިންނެވެ.

ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި މިއަދު ރާއްޖޭގެ ފިރިހެން ހޭންޑްބޯޅަ ޓީމުން މޮންގޯލިއާ އާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: އެމްއޯސީ
ދެވަނަ ސެޓުގައި ރާއްޖޭން ފެނުނީ ތަފާތު ރޫހެއްގައެވެ. ފެށުނީއްސުރެ މެޗު ލީޑު ކުރަމުން ގޮސް، ސެޓު ގެންދިޔައީ 13-9 ގެ ނަތީޖާއަކުންނެވެ. މެޗު ޕެނަލްޓީއަށް ގޮސް، ފުރަތަމަ ފަސް ޕެނަލްޓީ ނިމުނުއިރުވެސް އެއްވަރުވެފައި އޮތުމުން އިތުރަށް ޖެހި ޕެނަލްޓީގައި ރާއްޖެ މޮޅުވީ 8-6 އިންނެވެ. ޕެނަލްޓީގެ އިތުރުން މުޅި މެޗުގައިވެސް ރާއްޖޭގެ ކީޕަރު އަހުމީމް އަލީ ތަފާތު ދެއްކިއެވެ.
ރާއްޖޭގެ ޝިރާން އަބްދުﷲ 10 ގޯލް ޖެހި އިރު، ތަޖުރިބާކާރު ކުޅުންތެރިޔާ ފަތުހުﷲ އާދަމް އަށް ގޯލް ޖެހިއެވެ. އަދި ކެޕްޓަން މުހައްމަދު ޝަމްނޫޒް ނައީމާއި އަހުމަދު އަލީ، ކޮންމެ ކުޅުންތެރިޔަކު ހަ ގޯލް ޖެހިއެވެ.