ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ނަފްސާނީ ބަލިމަޑުކަން އިތުރުވަނީ

ހިނިތުންވިޔަސް ހަގީގަތުގައި އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައި ވަނީ އުފާވެރިކަންތޯ ދެނެގަތުން ވަރަށް މުހިއްމު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ކަމާބެހޭ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ގިނަ ބަޔަކު ނަފްސާނީ ބަލިމަޑުކަން ހިނިތުންވުމެއްގެ ފަހަތުގައި ފޮރުވައިގެން އުޅެއެވެ. މިއީ އާދައިގެ ޑިޕްރެޝަނަށްވުރެ މާ ނުރައްކާތެރި ހާލަތެކެވެ. ޚާއްސަކޮށް އަންހެނުންގެ ކިބައިން މި ބަލީގެ އަލާމާތްތައް ފެންނަނީ ޖިސްމާނީ ތަދުތަކެއްގެ ސިފައިގައެވެ. އޭގެ ތެރޭގައި އަބަދު ވަރުބަލިވުމާއި، ބޮލުގައި ރިއްސުމާއި، ބުރަކަށީގައި ރިއްސުން ހިމެނެއެވެ. މުޖުތަމައުގެ މަލާމާތަށް ބިރުން ބަލި ފޮރުވުމުގެ ސަބަބުން، އެހީއަށް އެދޭއިރު ގިނަ ފަހަރަށް އޮންނަނީ ވަގުތު ފާއިތުވެފައެވެ. ކޮވިޑް ބަލިމަޑުކަމަށްފަހު، މިފަދަ މައްސަލަތައް އިތުރުވެފައިވާއިރު، ލަސްނުކޮށް ފަރުވާ ހޯދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

  • އަންހެނުންގެ ކިބައިން ނަފްސާނީ ބަލިމަޑުކަން ގިނައިން ފެންނަނީ ހަށިގަނޑަށް ކުރިމަތިވާ ޖިސްމާނީ އުނދަގޫތަކެއްގެ ގޮތުގައި
  • ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ޑިޕްރެޝަން އަކީ އާދައިގެ ޑިޕްރެޝަނަށްވުރެ ނުރައްކާތެރި ކަމެއް
  • މުޖުތަމައުގެ މަލާމާތަށް ބިރުން ގިނަ ބަޔަކު ބަލި ފޮރުވައިގެން އުޅޭ
  • ވަގުތު ފާއިތުނުވަނީސް ސިއްހީ މާހިރެއްގެ އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެއް

ކަމާބެހޭ މާހިރުން ފާހަގަކުރައްވާ ގޮތުގައި، އަންހެނުންގެ ކިބައިން ނަފްސާނީ ބަލިމަޑުކަން ނުވަތަ ޑިޕްރެޝަން ގިނަ ފަހަރަށް ފެންނަނީ ހަށިގަނޑަށް ދިމާވާ އެކި އުނދަގޫތަކުގެ ސިފައިގައެވެ.

އޭގެ ތެރޭގައި އަބަދު ވަރުބަލިވުމާއި، ބޮލުގައި ރިއްސުމާއި، ބުރަކަށީގައި ރިއްސުން ފަދަ ކަންކަން ހިމެނެއެވެ. ތިޔަބޭފުޅުންގެ ވަށައިގެންވާ މީހަކު އަބަދުވެސް ހިނިތުންވެފައި، އުފަލުގައި ހުންނަހެން ހީވި ނަމަވެސް، އެމީހަކީ "ސްމައިލިންގް ޑިޕްރެޝަން" ނުވަތަ ހިނިތުންވުމުގެ ފަހަތުގައި ނަފްސާނީ ބަލިމަޑުކަން ފޮރުވައިގެން އުޅޭ މީހަކަށް ވެދާނެއެވެ.

މާހިރުން ވިދާޅުވާ ގޮތުގައި މިފަދަ "މާސްކްޑް ޑިޕްރެޝަން" އަކީ އާދައިގެ ޑިޕްރެޝަނަށްވުރެ ނުރައްކާތެރި ކަމެކެވެ. ސަބަބަކީ އެ މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ބޭރަށް ފެންނަން ފަށާއިރު ނުވަތަ އެ މީހަކު އަމިއްލައަށް އެ ބަލި ގަބޫލުކުރާއިރު، ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ވަގުތު ފާއިތުވެފައި އޮންނާތީއެވެ.

އަމިއްލަ ނަފުސަށް ބަޔާންކުރަން ނޭނގޭ އުނދަގޫތަކެއް އިހުސާސްވާ ހިސާބުން ސިއްހީ މާހިރެއްގެ އެހީތެރިކަން ހޯދުން ވަރަށް މުހިއްމު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

"މިއަދުވެސް ނަފްސާނީ ބަލިތަކާ މެދު މުޖުތަމައު ދެކޭ ގޮތް ގޯސް. ނަފްސާނީ ދުޅަހެޔޮކަމަކީ ސީރިއަސް ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ނުބަލާ. މީހުން ދައްކާފާނެ ވާހަކައަކަށް ނުވަތަ މަލާމާތަކަށް ބިރުން، ބަލި ތަހައްމަލު ކުރާ މީހުން އެ މީހުންގެ އަސްލު އިހުސާސްތައް ހިނިތުންވުމަކުން ފޮރުވަން މަސައްކަތްކުރޭ. ނަމަވެސް، ހާލަތު ކެތްނުކުރެވޭ މިންވަރަށް ގޯސްވުމުން ނޫނީ އެމީހުން އެހީއަކަށް ނޭދޭ. އޭރު އޮންނަނީ ވަގުތު ފާއިތުވެފަ. މިފަދަ ކޭސްތައް އިތުރުވަމުން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް" އިންޑިއާގެ ނިމްހާންސްގެ ސައިކިއޭޓްރިސްޓުން ވިދާޅުވެފައިވެއެވެ.

މިފަދަ ހާލަތެއްގައި ހުންނަ މީހެއްގެ ފަރާތުން ފެނިދާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި، މީހުންނާ އެކަހެރިވުން، ބޮލުގައި ރިއްސުން، ބުރަކަށީގައި ރިއްސުން، ބަނޑުގެ އުނދަގޫތައް ކުރިމަތިވުން، އަދި ބައެއް ހާލަތްތަކުގައި ހާޓް އެޓޭކް ޖެހުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން ނިދި މަދުވުމާއި ކާހިތްނުވުން ފަދަ ކަންކަން ވެސް ކުރިމަތިވެއެވެ.

ދުނިޔެއަށް ކުރިމަތިވި ކޮވިޑް ބަލިމަޑުކަމަށްފަހު، ގާތް ތިމާގެ މީހުންނާއި ރައްޓެހިން ވަކިވެދިއުމުގެ ހިތާމަ ތަހައްމަލު ކުރަމުންދާ މީހުން އަދިވެސް މަދެއް ނޫނެވެ. އަދި އާއިލާއާ ދުރުގައި އުޅޭ މީހުންނަށް ދިރިއުޅުމުގެ ހަލުވި ދުވެއްޔާއި ވަޒީފާއަށް އަންނަ ކުއްލި ބަދަލުތަކާ ގުޅިގެން ނަފްސާނީ މައްސަލަތައް ކުރިމަތިވެއެވެ.

މިފަދަ ތަދުތަކާއި ހިތާމަތަކާއެކުވެސް، މުޖުތަމައުގެ ތެރޭގައި "އޯކޭ" ކަމަށް ދައްކައިގެން ހިނިތުންވެފައި ހުންނަން މަސައްކަތްކުރާ މީހުން ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

މާހިރުން ވިދާޅުވާ ގޮތުގައި އަންހެނުންނަށް ދިމާވާ ނަފްސާނީ މައްސަލަތައް ގިނަ ފަހަރަށް ފެންނަނީ ޖިސްމާނީ ތަދުތަކެއްގެ ގޮތުގައެވެ.

"ގިނަގިނައިން ހަށިގަނޑުގެ އެކި ތަންތަނުގައި ރިއްސާތީ ޝަކުވާކުރާ އަންހެނުންގެ ދިރާސާތަކުން ދައްކާ ގޮތުގައި އެ މީހުން ތިބީ ޑިޕްރެޝަންގަ. ނަމަވެސް އާއިލީ އަދި އިޖުތިމާއީ ފިއްތުންތަކާ ހުރެ އެކަން ގަބޫލުކުރަން އެމީހުންނަށް އުނދަގޫވަނީ،" ނިމްހާންސްގެ ޑޮކްޓަރަކު ވިދާޅުވިއެވެ.

ނިމްހާންސްގެ ޑައިރެކްޓަ އަދި ސައިކިއޭޓްރީ ޑިޕާޓްމަންޓްގެ އިސްވެރިޔާ ޑރ. ޕްރަތީމާ މުރުތީ ވިދާޅުވި ގޮތުގައި، ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ މި ބަލިމަޑުކަމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި އާންމުން މިފަދަ ހާލަތްތައް ދެނެގަނެ، ލަސްނުކޮށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ޑރ. ޕްރަތީމާ މުރުތީ ފާހަގަކުރެއްވާފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު