'އޭސަސް'އިން ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފައްދާފައިވާ އައު ލެޕްޓޮޕް ލައިން-އަޕެއް ބުދަ ދުވަހު އިންޑިއާގައި ތަޢާރަފްކޮށްފިއެވެ.
މީގެ ތެރޭގައި އެ ކުންފުނީގެ އެންމެ މަތީ ފަންތީގެ މޮޑެލް ކަމަށްވާ "އެކްސްޕާޓްބުކް އަލްޓްރާ" ގެ އިތުރުން "އެކްސްޕާޓްބުކް ޕީ3" އަދި "އެކްސްޕާޓްބުކް ޕީ5" ސީރީޒް ހިމެނެއެވެ.
މިއީ އޭއައިގެ ބާރު ލިބިފައިވާ ކޮޕައިލޮޓް ޕްލަސް ޕީސީތަކެކެވެ. މުޅިން އަލަށް ނެރުނު މި ލެޕްޓޮޕްތަކުގައި ހަލުވި ޑިޒައިނަކާއި، އިންޓެލް ކޯ އަލްޓްރާ ޕްރޮސެސަރުތަކާއި، ޑެޑިކޭޓެޑް އެންޕީޔޫ، އޯލެޑް ޑިސްޕްލޭގެ އިތުރުން ގިނަ ވަގުތު ހިފަހައްޓާ ބެޓެރީއެއް އެކުލެވިގެންވެއެވެ.
މި އައު މޮޑެލްތަކުގެ އަގުތަކަށް ބަލާއިރު، އެންމެ އަގުބޮޑު އެކްސްޕާޓްބުކް އަލްޓްރާގެ އަގު ފެށެނީ ގާތްގަނޑަކަށް 2،874 އެމެރިކާ ޑޮލަރުންނެވެ. އަދި އެކްސްޕާޓްބުކް ޕީ5 ގެ އަގު ގާތްގަނޑަކަށް 2،574 ޑޮލަރުން ފެށޭއިރު، އެކްސްޕާޓްބުކް ޕީ3 ގެ އަގު ފެށެނީ ގާތްގަނޑަކަށް 1،137 ޑޮލަރުންނެވެ. މި ހުރިހާ ލެޕްޓޮޕެއްވެސް ވިއްކުމަށް ހަމަޖެހިފައިވަނީ ފްލިޕްކާޓް މެދުވެރިކޮށެވެ.

ޕްރީއޯޑަރު ކުރާ ފަރާތްތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ----
އަލްޓްރާ މޮޑެލްއަށް މިހާރު ޕްރީއޯޑަރަށް ހުޅުވާލާފައިވާއިރު، ޕީ5 ސީރީޒް ވަރަށް އަވަހަށް ބާޒާރަށް ނެރޭނެކަމަށް އޭސަސްއިން ބުނެއެވެ.
އޭޕްރީލް މަހުގެ 29ގެ ނިޔަލަށް އަލްޓްރާ މޮޑެލްއަށް ޕްރީއޯޑަރު ކުރާ ފަރާތްތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ގާތްގަނޑަކަށް 146 ޑޮލަރުގެ އަގުހުރި ފަސް އަހަރުގެ އޮންސައިޓް ވޮރަންޓީއާއި ބެޓެރީ ވޮރަންޓީގެ އިތުރުން އެކްސިޑެންޓަލް ޑެމޭޖް ޕްރޮޓެކްޝަން ހިމެނެއެވެ.
މީގެ އިތުރުން ޚާއްސަ ބޭންކު ކާޑުތައް މެދުވެރިކޮށް ގާތްގަނޑަކަށް 239 ޑޮލަރުގެ އިންސްޓަންޓް ޑިސްކައުންޓަކާއި، އެކްސްޗޭންޖް ބޯނަސްއެއްގެ އިތުރުން ސައުވީސް މަސް ދުވަހުގެ ނޯކޯސްޓް އީއެމްއައިގެ ހިދުމަތްވެސް ލިބޭނެއެވެ. ހަމައެއާއެކު ޕީ3 ސީރީޒްއަށް ލޯންޗް ޑިސްކައުންޓެއްގެ ގޮތުގައި ގާތްގަނޑަކަށް 71 ޑޮލަރުގެ ލުޔެއް ލިބޭނެއެވެ.
މި ލައިނަޕްގެ އެންމެ ޕްރީމިއަމް ލެޕްޓޮޕް ކަމަށްވާ "އަލްޓްރާ" އަކީ އެއް ކިލޯގްރާމަށްވުރެ ލުއި ބަރުދަނެއްގައި ފަރުމާކޮށްފައިވާ، އަދި އަސްކަރީ ފެންވަރުގެ މިލް-އެސްޓީޑީ-810އެޗް ރައްކާތެރިކަން ލިބިފައިވާ ޑިވައިސްއެކެވެ. ސާދަ އިންޗީގެ ޑަބްލިއުކިއުއެކްސްޖީއޭ ޕްލަސް އޯލެޑް ނުވަތަ ޓެންޑަމް އޯލެޑް ޓަޗްސްކްރީން ޑިސްޕްލޭއެއް ހިމެނޭ މި ލެޕްޓޮޕްގައި އިންޓެލް ކޯ އަލްޓްރާ ސީރީޒް ތިނެއްގެ ޕްރޮސެސަރެއް ވަނީ ހިމަނާފައެވެ. 64 ޖީބީއާ ހަމައަށް ރޭމް އަދި ދެ ޓީބީއާ ހަމައަށް ސްޓޯރޭޖް ލިބޭ މި މޮޑެލްގައި މަތީ ފެންވަރުގެ ސެކިއުރިޓީ ފީޗަރުތައް ކަމަށްވާ އެކްސްޕާޓްގާޑިއަން، ފިންގަޕްރިންޓް ސެންސަރު، އަދި އައިއާރު ފޭސް އަންލޮކް އެކުލެވިގެންވެއެވެ. އަދި އޭއައި ބޭނުންކޮށްގެން ކޮލިޓީ ރަނގަޅުކޮށްދޭ ކެމެރާއެއްގެ އިތުރުން 90 ވޮޓްސް ފާސްޓް ޗާޖިން ސަޕޯޓްކުރާ ބެޓެރީއެއްވެސް މީގައި ހިމެނެއެވެ.
މެދު ފަންތިއާއި މަތީ ފަންތީގެ ވިޔަފާރި ބޭނުންތަކަށް އަމާޒުކޮށްފައިވާ ޕީ3 އަދި ޕީ5 ސީރީޒް ލިބެން ހުންނާނީ ސާދަ އަދި ސޯޅަ އިންޗީގެ ސައިޒުތަކުގައެވެ. މި ދެ މޮޑެލްގައިވެސް އިންޓެލް ކޯ އަލްޓްރާ ޕްރޮސެސަރުތަކާއެކު 32 ޖީބީއާ ހަމައަށް ރޭމް އަދި އެއް ޓީބީއާ ހަމައަށް ސްޓޯރޭޖް ލިބެން ހުރެއެވެ. އަދި އޭއައި އެކްސްޕާޓްމީޓް ފަދަ ޚާއްސަ ސޮފްޓްވެއާތަކާއި، ޕްރައިވެސީ ޝަޓާ އާއެކު އަންނަ މަތީ ފެންވަރުގެ ކެމެރާއާއި ގިނަ ޕޯޓުތަކެއް މި މޮޑެލްތަކުގައި އެކުލެވިގެންވެއެވެ.
އޭސަސްގެ މި އައު އުފެއްދުންތަކަކީ އިންޑިއާގެ ކޯޕަރޭޓް ކުންފުނިތަކަށާއި، އޭއައި ފީޗަރުތަކާއި ރައްކާތެރި ވީޑިއޯ ކޮންފަރެންސިން ބޭނުންވާ ޕްރޮފެޝަނަލުންނަށް ޚާއްސަކޮށްފައިވާ ލެޕްޓޮޕްތަކެކެވެ.
މީގެ ތެރެއިން އަލްޓްރާ މޮޑެލްއަކީ ދަތުރުކުރާ އެގްޒެކެޓިވްސްއަށް އެންމެ އެކަށީގެންވާ ލުއި ޑިވައިސްއަށް ވާއިރު، ޕީ3 އަކީ ބަޖެޓާ ރައްޓެހި މޮޑެލްއެކެވެ.