'ސިޓަޑެލް'ގެ ދެވަނަ ސީޒަންގެ ޓްރެއިލާ ދުށިންތަ؟

ޕްރިޔަންކާ ޗޯޕްރާ އަދި ރިޗަޑް މެޑަން އިސް ރޯލުތަކުން ފެނިގެންދާ އެމެޒޯން ޕްރައިމްގެ ޖާސޫސީ ސިލްސިލާ ސިޓަޑެލްގެ ދެވަނަ ސީޒަންގެ ޓްރެއިލާ ވަނީ އާންމުކޮށްފައެވެ. މި ސީޒަންގައި އައު ޓީމަކާއެކު އިންސާނިއްޔަތު ސަލާމަތްކުރުމުގެ ބޮޑު މަސައްކަތްތަކެއް ފެނިގެންދާނެއެވެ. ޖުމުލަ ހަތް އެޕިސޯޑު ހިމެނޭ މި ސީޒަން މެއި މަހުގެ ހަވަނަ ދުވަހު ދައްކަން ފަށާނެއެވެ. މީގެ އިތުރުން، އިންޑިއާ އަދި އިޓަލީގައި އުފެއްދި ސިޓަޑެލްގެ ދެ ސްޕިންއޮފް ކެންސަލްކޮށް، އެ ވާހަކަތައް ވެސް ވަނީ މައި ސީރީޒްއާ ގުޅުވާލާފައެވެ.

  • ސިޓަޑެލްގެ ދެވަނަ ސީޒަންގެ ޓްރެއިލާ ދައްކާލައި ބޮޑު ތަރުހީބެއް ލިބުން.
  • މެއި ހަވަނަ ދުވަހު ޕްރިމިއާކުރާ މި ސީޒަންގައި ހަތް އެޕިސޯޑު ހިމެނުން.
  • ޕްރިޔަންކާ އަދި ރިޗަޑް އައު މިޝަނަކަށް ނުކުތުން.
  • އިންޑިއާ އަދި އިޓަލީގެ ސްޕިންއޮފް ސީރީޒްތައް މައި ސީރީޒްއާ ގުޅުވާލުން.

އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ، ރިޗަޑް މެޑަން އަދި ސްޓެންލީ ޓޫޗީގެ މުހިންމު ރޯލުތައް ކުޅެފައިވާ އެމެޒޯން ޕްރައިމް ވީޑިއޯގެ ޖާސޫސީ ތުރިލާ ސިލްސިލާ "ސިޓަޑެލް"ގެ ދެވަނަ ސީޒަންގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

މި ޓްރެއިލާއަށް މިހާތަނަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ޓްރެއިލާއިން ފެންނަ ގޮތުގައި މި ސީޒަންގައި ކުރިއަށްވުރެ މާ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ބެލުންތެރިން ތަޖުރިބާކުރާނެއެވެ.

މި ސީޒަންގެ ވާހަކަ ބިނާވެފައިވަނީ ޕްރިޔަންކާއާއި ރިޗަޑް އަލުން އާ މިޝަނަކަށް ނުކުންނަ ގޮތަށެވެ. އަދި، އެ މީހުން އަލުން މި މަސައްކަތަށް ނެރުމުގައި ސްޓެންލީ މުހިންމު ދައުރެއް އަދާކުރެއެވެ. މި ތިން ތަރިން ގުޅިގެން އައު ޓީމެއް އެކުލަވާލައި، އިންސާނިއްޔަތު ސަލާމަތް ކުރުމަށް ބޮޑު މަސައްކަތެއް ކުރާ ތަން ޓްރެއިލާއިން ދައްކުވައިދެއެވެ.

"ސިޓަޑެލް"ގެ ފުރަތަމަ ސީޒަންގައި ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި ހޮލީވުޑް އެކްޓަރު ރިޗަޑް މެޑްން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ޓްރެއިލާ ރިލީޒްކުރުމާ އެކު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން މި ސީރީޒަށް ވަނީ ހުއްޓިފައެވެ. ބައެއް ފޭނުން ބުނާ ގޮތުގައި މި ސީޒަން ފެންނަނީ ފުރަތަމަ ސީޒަނަށްވުރެ މާ ފުރިހަމަކޮށެވެ.

ދެވަނަ ސީޒަންގައި އިތުރު އާ ތަރިންތަކެއް ވެސް ބައިވެރިވެއެވެ. ޖުމުލަ ހަތް އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސީޒަން އެމެޒޯން ޕްރައިމް ވީޑިއޯއިން ދައްކަން ފަށާނީ އަންނަ މެއި މަހުގެ ހަވަނަ ދުވަހެވެ.

މީގެ އިތުރުން، އިންޑިއާގައި އުފެއްދި "ސިޓަޑެލް: ހަނީ ބަނީ" އަދި އިޓަލީގައި އުފެއްދި "ސިޓަޑެލް: ޑަޔާނާ" ވަނީ ކެންސަލްކޮށްފައެވެ. އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސްއިން ބުނެފައިވާ ގޮތުގައި އެ ދެ ސީރީޒްގެ ވާހަކަ މިހާރު ވަނީ "ސިޓަޑެލް"ގެ ދެވަނަ ސީޒަނާ ގުޅުވާލާފައެވެ.

އެހެންކަމުން އެ ދެ ސީރީޒް ދެން ވަކިވަކިން ކުރިއަކަށް ނުގެންދާނެއެވެ. އެ ސްޓޫޑިއޯއިން ސިފަކުރާ ގޮތުގައި މި ފަހަރުގެ ސީޒަންއަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ މިހާތަނަށް ފެންނާނެ އެންމެ ފޯރިގަދަ ސީޒަނެވެ.

comment ކޮމެންޓް