ދެ މަހަށްވުރެ ދިގު މުއްދަތަކަށް ފަނޑިޔާރަކު ސަސްޕެންޑުކޮށްފިނަމަ، ނުވަތަ ދިގު މުއްދަތަކަށް ޗުއްޓީއަށް ނުވަތަ ތަމްރީނު ޕްރޮގްރާމަކަށް ހިނގައްޖެނަމަ، ޖިނާއީ މައްސަލަތައް ބެލުން އެހެން ފަނޑިޔާރުންނާ ހަވާލުކުރެވޭ ގޮތަށް، ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު މިއަދު އިސްލާހުކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ވަނީ، ޖިނާއީ މައްސަލަތައް ބެލުން އެހެން ފަނޑިޔާރުންނާ ހަވާލުކުރެވޭ އުސޫލަށް ބަދަލު ގެނެސްފައެވެ.
އެގޮތުން، އެއްވެސް ސަބަބަކާހުރެ މައްސަލައެއް ބަލަމުން އަންނަ ފަނޑިޔާރަކު ދިގު މުއްދަތަކަށް ޗުއްޓީއަށް ދިއުން، ނުވަތަ ތަމްރީނު ޕްރޮގްރާމަކަށް ދިއުން، ނުވަތަ ދެ މަހަށް ވުރެ ދިގު މުއްދަތަކަށް ސަސްޕެންޑުކޮށްފައިވާނަމަ، ޖިނާއީ މައްސަަލަތައް ބެލުމަށް އެހެން ފަނޑިޔާރަކާ ހަވާލުކުރެވޭނެއެވެ.
މީގެ ކުރިން ނަމަ، އެހެން ފަނޑިޔާރަކާ ޖިނާއީ މައްސަލައެއް ހަވާލުކުރެވޭނީ، މައްސަލަ ބަލާ ފަނޑިޔާރު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފައި އޮތުމުން، ނުވަތަ މަގާމުން ވަކިކުރުމުން، ނުވަތަ މައްސަލައެއް ބެލުމުން ފަނޑިޔާރަކު ތަނާޒުލުވާން ޖެހޭ ހާލަތްތަކުގައެވެ.
ފާހަގަކުރެވޭ ގޮތުގައި، އާންމުންގެ ވެސް އެންމެ ބޮޑު އެއް ޝަކުވާއަކީ ކޯޓުތަކުގައި ޖިނާއީ މައްސަލަތައް ފުނިޖެހި، މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމެވެ.
މީގެ ނުވަ މަހެއްހާ ދުވަސް ކުރިން، ޖޭއެސްސީގެ ކުރީގެ ރައީސް ޙުސައިން ރިޟާ އާދަމް މިދިޔަ އޮގަސްޓް މަހު އާންމުކުރެއްވި ތަފާސްހިސާބުތަކުގައިވާ ގޮތުން:
- އެގާރަ ފަނޑިޔާރުން ތިއްބެވި ހައި ކޯޓުގައި 981 މައްސަލަ އެބައޮތް
- ކްރިމިނަލް ކޯޓުގައި 11 ފަނޑިޔާރުން ތިއްބެވިއިރު، 2،051 މައްސަލަ އެބައޮތް
- ސިވިލް ކޯޓުގައި 17 ފަނޑިޔާރުން ތިއްބެވިއިރު، 4،077 މައްސަލަ އެބައޮތް
- ފެމިލީ ކޯޓުގައި 214 މައްސަލައެއް އޮތްއިރު، ތިއްބެވީ ހަތް ފަނޑިޔާރުން
- ޖުވެނައިލް ކޯޓުގައި 21 މައްސަލަ އޮތްއިރުގައި، ތިން ފަނޑިޔާރުން އެބަތިއްބެވި
- ޑުރަގު ކޯޓުގައި 1،330 މައްސަލަ އެބައޮތް، ތިއްބެވީ ފަސް ފަނޑިޔާރުން
ކޯޓުތަކުގެ މައްސަަތައް އަވަސްކުރުމަށްޓަކައި ކުރަންޖެހޭ ކަންކަންވެސް ރިޟާ ފާހަގަކުރެއްވިއެވެ. އެއީ:
- އެއް ދަންފަޅީގައި މަސައްކަތްކޮށްގެން ހުކުމާ ހަމައަށް ނުދެވޭނަމަ، ދެ ދަންފަޅިއަށް ކޯޓުތަކުގެ މަސައްކަތް ބަހައިގެން ކުރިއަށް ގެންދިޔުން
- ކޯޓުތަކަށް ހުށަހަޅާ މައްސަލައިގެ ތަފާސްހިސާބު ކޮންމެ ތިން މަހަކުން ޖޭއެސްސީން ބަލާއިރު އަންނަ ސެޕްޓެންބަރުން ފެށިގެން ތަފާސްހިސާބު ފޮނުވާއިރު މައްސަލަތައް ކެންސަލްވާ ސަބަބު ބަޔާންކުރުން
ރިޟާ މީގެ ކުރިން ވިދާޅުވި ގޮތުގައި، ކޯޓުތަކުގައި މައްސަލަތައް ގިނަ ފަހަރަށް ލަސްވަނީ ދިފާއީ ވަކީލުން އެދިގެން މައްސަލަތަކުގެ އަޑުއެހުންތައް ފަސްކުރަން ޖެހުމާއި، ދައުލަތުގެ ވަކީލުން އަޑުއެހުންތައް ފަސްކޮށްދޭން އެދުމުގެ ސަބަބުން ކަމަށެވެ.
އިތުރަށް އޭނާ ފާހަގަކުރެއްވި ސަބަބުތަކުގެ ތެރޭގައި:
- ފުލުހުންނާއި ކަރެކްޝަންގެ ފަރާތުން ހާޒިރުކުރަންޖެހޭ މީހުން މައްސަލަތަކުގައި ހާޒިރުނުކުރެވުން
- ބޭރު މީހުން ހިމެނޭ މައްސަލަތަކުގައި ތަރުޖަމާނުން ހަމަނުޖެހުން
- މައްސަލަތަކުގައި ދައުވާކުރާ ފަރާތްތަކުގެ ލިޔެކިއުންތައް ފުރިހަމަނުވުން
- މައްސަލައިގައި ހިމެނޭ ވަކީލު ބަދަލުވެ މައްސަލަ ދިރާސާކުރުމަށް އާ ވަކީލަށް ވަގުތު ދޭން ޖެހުން
ދައުވާލިބޭ ފަރާތްތަކުގެ ހެކިން ހާޒިރުނުވުން - ޚަސްމުން ގިނަ މައްސަލަތަކުގައި އެންމެ ވަކީލަކަށް ނާދެވިގެން ވެސް މައްސަލަތައް ދިގުލައިގެންދިއުން
ރިޒާ ވިދާޅުވީ، ކޯޓުތަކުގައި މިހާރު މައްސަލައެއް ކެންސަލްކޮށްފިނަމަ އެންމެ އަވަހަށް އަޑުއެހުމެއް ތާވަލުކުރެވޭނީ ދޮޅުމަސް ފަހުން ކަމަށެވެ.