"ފުލުހުންނާހެދި މީހަކަށް އަނިޔާވި ވާހަކައަކީ ދޮގެއް، ރޭ ބާރުގެ ބޭނުމެއް ނުވެސް ކުރަން"

21 އެޕްރީލް 2026: އެމްޑީޕީން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން -- ސަން ފޮޓޯ/ މުޙައްމަދު އަފްވާން ސޮލާހު

ރޭ މާލޭގައި އިދިކޮޅު އެމްޑީޕީން ބޭއްވި އިހުތިޖާޖުގެ ތެރެއިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނީ ފުލުހުން ބާރުގެ ބޭނުންކުރުމުން ކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތައް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ދޮގުކޮށްފައެވެ. ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރޭގެ އެއްވުން ކޮންޓްރޯލް ކުރުމުގައި އެއްވެސް ވަރަކަށް ބާރުގެ ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔަ މީހާއަށް ދިމާވި ހާލަތަކީ ފުލުހުންގެ އެއްވެސް އަމަލަކާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެގެންދާނެކަން ފާހަގަކޮށް، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

  • ރޭގެ އިހުތިޖާޖުގައި ފުލުހުން ބާރުގެ ބޭނުންކުރި ކަމަށް ބުނާ ވާހަކަ ދޮގުކުރުން.
  • ހޮސްޕިޓަލަށް ގެންދެވުނު މީހާއަށް އަނިޔާވީ ފުލުހުންގެ ސަބަބުން ނޫންކަން ކަށަވަރުކޮށްދިނުން.
  • އެއްވުން ކޮންޓްރޯލްކުރުމަށް އެއްވެސް މިންވަރަކަށް ބާރުގެ ބޭނުންކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދިނުން.
  • ދޮގު މައުލޫމާތު ނުފެތުރުމަށް މީޑިއާތަކަށާއި އާންމުންނަށް އިލްތިމާސްކުރުން.

ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން ދޮގުކޮށްފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްވުމެއް ހިނގަމުންދިޔަ ސަރަހައްދަކުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައިވަނީ ފުލުހުން އެޅި ފިޔަވަޅެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތައް އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ނަމަވެސް، އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާ، އެ މީހާއަށް އަނިޔާ ލިބުމާ ނުވަތަ ހާލު ދެރަވުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުން ޔަގީންކޮށްދެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ސޯޝަލް މީޑިއާގައާއި ބައެއް މީޑިއާތަކުގައި ފެތުރެމުންދާ ވާހަކަތަކާ ޚިލާފަށް، ރޭގެ އެއްވުން ކޮންޓްރޯލް ކުރުމުގައި ފުލުހުން އެއްވެސް މިންވަރަކަށް ބާރުގެ ބޭނުންކޮށްފައި ނުވާ ކަމަށެވެ. އަދި އެ މީހާއަށް ދިމާވި ހާދިސާއަކީ ފުލުހުން އެޅި އެއްވެސް ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫން ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަން ފާހަގަކުރަމުން، ފުލުހުން ވަނީ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ މައުލޫމާތު ނުފެތުރުމަށް މީޑިއާތަކަށާއި އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މިހާރު އެމްޑީޕީން ގެންދަނީ ކޮންމެ ރެޔަކު މާލޭގައި އިހުތިޖާޖުކުރަމުންނެވެ. ރޭ މާލޭގައި ކުރިއަށްދިޔަ އިހުތިޖާޖުގައި ވެސް ބައެއް މީހުންނަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު