ދަގަނޑޭ ހިމެނޭހެން ރާއްޖެއިން ޑައިމަންޑް ޖުބިލީ މުބާރާތަށް ސްކޮޑު އެކުލަވާލައިފި

ގައުމީ ޓީމުން ޓިމޯ ލެސްޓޭއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ)-- ފޮޓޯ: އެފްއޭއެމް

ދިވެހިރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ބާއްވާ ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ކަޕަށް ތައްޔާރުވުމަށް އެފްއޭއެމުން ވަނީ 32 ކުޅުންތެރިންގެ ވަގުތީ ސްކޮޑެއް އިއުލާނުކޮށްފައެވެ. މި ސްކޮޑުގައި ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާގު އަދި އަލީ ފާސިރު ހިމެނޭއިރު، ޒުވާން އުންމީދީ ކުޅުންތެރިންނަށްވެސް ވަނީ ފުރުސަތު ދީފައެވެ. ހަންގޭރީގެ ކޯޗު އިސްތަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ތައްޔާރުވާ މި ޓީމު ވާދަކުރާނީ ސްރީލަންކާ، ޕާކިސްތާން އަދި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމުތަކާއެވެ.

  • މުބާރާތް އޮންނާނީ އަންނަ ޖޫން މަހުގެ 1 އިން 10 އަށް މާލޭގައެވެ.
  • ސްކޮޑުގައި ޖުމްލަ 32 ކުޅުންތެރިން ހިމެނެއެވެ.
  • އަލީ އަޝްފާގު އަދި އަލީ ފާސިރު ވަނީ ގައުމީ ޓީމަށް އެނބުރި އައިސްފައެވެ.
  • އެންމެ ގިނަ ކުޅުންތެރިން ހިމެނެނީ މާޒިޔާ ސްޕޯޓްސްއިންނެވެ.

ދިވެހިރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ "ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ކަޕް" އަށް ތައްޔާރުވުމަށްޓަކައި، ރާއްޖޭގެ ސީނިއާ ގައުމީ ފުޓުބޯޅަ ޓީމުގެ 32 ކުޅުންތެރިންގެ ވަގުތީ ސްކޮޑު އެފްއޭއެމުން އިއުލާނުކޮށްފިއެވެ.

އަންނަ ޖޫން މަހުގެ 1 އިން 10 އަށް މާލޭގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއާ ވާދަކުރާނީ ސްރީލަންކާ، ޕާކިސްތާން އަދި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުތަކެވެ.

ހަންގޭރީގެ ތަޖުރިބާކާރު ކޯޗު އިސްތަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ތައްޔާރުވާ މި ސްކޮޑަކީ ތަޖުރިބާކާރު ކުޅުންތެރިންނާއި، ޒުވާން އުންމީދީ ހުނަރުވެރިން އެކުލެވޭހެން ވަރަށް ބޮޑަށް ބަލައިގެން އެކުލަވާލާފައިވާ ވަރުގަދަ ޓީމެކެވެ.

ގައުމީ ޓީމުން ޓިމޯ ލެސްޓޭއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އަލީ ފާސިރު (ސެންޓޭ)-- ފޮޓޯ: އެފްއޭއެމް

މިފަހަރުގެ ސްކޮޑުން އެންމެ ބޮޑަށް ފާހަގަކުރެވެނީ ދިވެހި ފުޓުބޯޅައިގެ އެންމެ ބޮޑު ދެ ތަރިން ކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ޓީމަށް އެނބުރި އައުމެވެ.

އޭގެ އިތުރުން 20 އަހަރުން ދަށުގެ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ކުޅުންތެރިންނަށް ސީނިއާ ޓީމުން ފުރުސަތު ދީފައިވުމީ މުސްތަގުބަލަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އޭގެ ތެރޭގައި ޒުވާން ޓީމުގެ ކެޕްޓަން މުހައްމަދު އިލާން އިމްރާން އާއި، ވެލެންސިއާގެ އީތަން އިބްރާހީމް ޒަކީ އަދި ބުރު ސްޕޯޓްސްގެ މުހައްމަދު ނައިސަމް ނަދީމް ފާހަގަކޮށްލެވެއެވެ. އަދި އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ހަމްޒާ މުހައްމަދު (ހަމްޕު) ވެސް ވަނީ މި ސްކޮޑުގައި ހިމަނާފައެވެ.

މި މަހުގެ 26 ގައި ފަރިތަކުރުންތައް ފެށުމަށް ތައްޔާރުވަމުންދާއިރު، މި ސްކޮޑުގައި އެންމެ ގިނައީ ލީގު ޗެމްޕިއަން މާޒިޔާގެ ކުޅުންތެރިންނެވެ.


32 ކުޅުންތެރިންގެ ވަގުތީ ސްކޮޑު:

  • މާޒިޔާ ސްޕޯޓްސް: ސަމޫހު އަލީ (ސަމުއްޓެ)، ހުސެއިން ޝަރީފް (ހުސެން)، އިބްރާހިމް އައިސަމް، ހައިޝަމް ހަސަން، ހަމްޒާ މުހައްމަދު (ހަމްޕު)، ނާއިޒު ހަސަން (ދާދު)، އަހުމަދު އައިހަމް (ފަތޯ)، މުހައްމަަދު އިލާން އިމްރާން، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ނާޝިއު އަހުމަދު ޝިހާމް، ނައްސާހު އިބްރާހިމް ނާސިރު.
  • ނިއު ރޭޑިއަންޓް: މުހައްމަދު އިރުފާން (އިރޭ)، އަލީ ފާސިރު (ސެންޓޭ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، މުހައްމަދު ފައިސަލް، އަލީ އަޝްފާގު (ދަގަނޑޭ).
  • އޮޑި ސްޕޯޓްސް: އަހުމަދު އައިހަމް (އައިހު)، އަހުޒަމް ރަޝިދު (އަހު)، މުޒްދާން ހަސަން، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އަބްދުﷲ ލޫތު އިބްރާހިމް، މުހައްމަދު ޝަފީއު (ޗެކް).
  • ބުރު ސްޕޯޓްސް: ތޯއިފް ގާސިމް (ތޯއްޕެ)، އަހުމަދު އަބްދުﷲ (ލިލީ)، މުހައްމަދު ނައިސަމް ނަދީމް.
  • ކްލަބް އީގަލްސް: އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، މުހައްމަދު އަޝްވާން، ޒަހުރާން ހަސަން ޒިޔާދު (ޒަހު).
  • ވިކްޓަރީ ސްޕޯޓްސް: އަހުމަދު ރިޒުވާން (ރިޒޭ)، އަމްދާން އަލީ (އެންޑީ).
  • ޓީސީ ސްޕޯޓްސް: އަހުމަދު މާއިޝް ރަޝީދު (މާއި).
  • ކްލަބް ވެލެންސިއާ: އީތަން އިބްރާހިމް ޒަކީ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު