ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް 2026" ފެށުމުގެ ގޮތުން ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި، މާޒިޔާގެ 23 އަހަރުން ދަށުގެ ޓީމާއި އދ. މަހިބަދޫ ޖިބިއްލީ ސްޕޯޓްސް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރުތަކެއް ކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ފަދަ ތަޖުރިބާކާރު ކުޅުންތެރިންނާއެކު ނިކުތް ޖިބިއްލީން މެޗުގެ ފުރަތަމަ ހާފު ކޮންޓްރޯލްކުރިއެވެ.
މެޗުގެ ފުރަތަމަ ލަނޑު ސެންޓޭ ކާމިޔާބުކޮށްދިންއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަގަނޑޭ ވަނީ ހިތްގައިމު ގޯލެއް ޖަހައި ޖިބިއްލީއަށް ދެ ގޯލުގެ ލީޑެއް ހޯދައިދީފައެވެ. ނަމަވެސް، މާޒިޔާގެ ޒުވާން ޓީމުން ވަނީ މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ހައިރާންކުރުވަނިވި ކުޅުމެއް ދައްކައި ނަތީޖާ އަނބުރާލާފައެވެ.
މާޒިޔާއިން އުންމީދު އާކުރީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ސަމްދޫހު މުހައްމަދު ކާމިޔާބުކޮށްދިން ގޯލުންނެވެ.
އެއަށްފަހު، މުޅި މެޗުގެ އެންމެ ފޯރިގަދަ ވަގުތުކޮޅަކަށްވީ އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި މާޒިޔާއަށް ލިބުނު ކޯނަރެކެވެ. އެ ކޯނަރުން އައި ބޯޅަ ބޮލުން ފޮނުވާލައިގެން މާޒިޔާއަށް ޕޮއިންޓެއް ކަށަވަރުކޮށްދިނީ އެޓީމުގައި ހިމެނޭ ސީނިއާ ކުޅުންތެރިޔާ އަދި ގައުމީ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އެވެ.

މުބާރާތުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ޖިބިއްލީ ޓީމުގެ އަލީ އަޝްފާގު (ދަގަނޑޭ)-- ފޮޓޯ: ސިޑިބަރި
މި ގޯލަކީ ސަމުއްޓެގެ އުފަން ރަށް ކަމަށްވާ މަހިބަދޫގެ ޓީމާ ދެކޮޅަށް ޖެހި ގޯލަކަށް ވުމުން، އޭނާ ވަނީ ގޯލަށްފަހު އުފާފާޅުކުރުމުގެ ބަދަލުގައި އަތް މައްޗަށް ނަގައި ޖިބިއްލީގެ ސަޕޯޓަރުންނާއި އެ ޓީމަށް އިހުތިރާމް އަދާކޮށްފައެވެ.
ސަމުއްޓެއަކީ މީގެ ކުރިން ރަށު މުބާރާތްތަކުގައި ޖިބިއްލީގެ ޖާރޒީގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއަކަށް ވުމުން، މިއީ ގިނަ ބައެއްގެ ތައުރީފު އޭނާއަށް އޮހުނު މަންޒަރެކެވެ.
ޖުމްލަ ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތަކީ ކެނދިކުޅުދޫގެ ފުޓްބޯޅަ ފޯރި އާ އުސްމިނަކަށް ގެންދިއުމަށް ބާއްވާ ވަރަށް ފުރިހަމަ މުބާރާތެކެވެ.
ރޭގެ ފޯރިގަދަ މެޗަށްފަހު، މިއަދު ހަވީރު 4:00 ގައި ވެސް މި މުބާރާތުގެ ޝައުގުވެރި މެޗެއް އޮންނާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގައި ހިމެނޭ މުބާރާތް ބާއްވާ ރަށުގެ ޓީމު ކަމަށްވާ ކެނދިކުޅުދޫ ސްޕޯޓްސް ކްލަބާއި އަލިފުށި ރެކްރިއޭޝަން ކްލަބެވެ.