ނ. ކެނދިކުޅުދޫގައި މިއަދު ހަވީރު ފެށި "ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް" ގެ ފުރަތަމަ މެޗު ވާދަވެރި ކުޅުމަކަށްފަހު އެއްވަރުވެގެން ނިމިއްޖެއެވެ.
ގްރޫޕް ބީގައި ހިމެނޭ މަނަދޫ ސްޕޯޓްސް ކްލަބާއި އެފްސީ މާފަރު ބައްދަލުކުރި މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި މާފަރުން ދެ ފަހަރު ވެސް ލީޑު ނެގި ނަމަވެސް، މަނަދޫން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައި މެޗުގެ ތެރެއަށް އެނބުރި އައިސްފައެވެ.

މެންގްރޫވް ކަޕުގައި މާފަރާއި މަނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސިޑިބަރި
މެޗުގެ ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ޖަހައި މާފަރަށް ލީޑު ހޯދައިދިނީ އައިހަމް ހަމްދޫން އެވެ. ނަމަވެސް އޭގެ އަށް މިނެޓު ފަހުން، މެޗުގެ 31 ވަނަ މިނެޓުގައި މަނަދޫގެ މުހައްމަދު މާނިއު ވަނީ ގޯލެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.
މާފަރުން ދެވަނަ ފަހަރަށް ލީޑު ހޯދީ 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ފުރަތަމަ ޑިވިޝަނުގައި ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ އައްޒާމް އަބްދުﷲ އެވެ.
އެހެންނަމަވެސް، ދެވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް، 51 ވަނަ މިނެޓުގައި އަހުމަދު އަލީ ވަނީ މަނަދޫއަށް އަލުން ނަތީޖާ އިއާދަކޮށްދީފައެވެ.

މެންގްރޫވް ކަޕުގައި މާފަރާއި މަނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސިޑިބަރި
މި މެޗުން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ ދެ ޓީމު އެކުލަވާލާފައިވާ ގޮތެވެ. މާފަރުން މިއަހަރުގެ މުބާރާތަށް ނުކުތީ ފުރަތަމަ ޑިވިޝަނުގެ ވަރުގަދަ ކުޅުންތެރިން ހިމަނައިގެން ޓީމު ވަރަށް ބޮޑަށް ވަރުގަދަކޮށްގެން ކަމަށްވީ ނަމަވެސް، މަނަދޫން މެޗަށް ނުކުތީ މުޅިންވެސް އެ ރަށަށް ނިސްބަތްވާ "ލޯކަލް" ކުޅުންތެރިންނާއެކުގައެވެ.
މި ނަތީޖާއާއެކު ގްރޫޕް ބީގެ ފޯރި ގަދަވެފައިވާއިރު، މި ގްރޫޕުގައި ދެން ހިމެނެނީ ނައިފަރު ޗެލްސީއެވެ.