ނަފުސާނީ ދާއިރާގެ މާހިރުން ބަޔާންކުރައްވާ ގޮތުގައި އިންސާނާގެ ހަށިގަނޑުގެ ބޭރު ފުށުގެ ސިފަތަކާއި އޯޓިޒަމް ނުވަތަ އޭޑީއެޗްޑީއާ އެއްވެސް ގުޅުމެއް ނެތް ކަމަށް މާހިރުން ވިދާޅުވެއްޖެއެވެ.
އާންމުކޮށް މިފަދަ ކަންކަން ފެށިގެން އަންނަނީ މީސްމީޑިއާގައި ފެންނަ ކުރު ވީޑިއޯއަކުން ނުވަތަ ސައިންޓިފިކް ވާހަކަތަކެއްގެ ސިފަ ޖައްސާފައި ހުންނަ މައުލޫމާތުތަކަކުންނެވެ. މިފަހަކަށް އައިސް ދައުރުވަމުންދާ މިފަދަ އެއް ވާހަކައަކީ، މީހެއްގެ ފޫކޮޅު ބޮޑުކޮށް ހުރުމަކީ އޯޓިޒަމް ނުވަތަ އޭޑީއެޗްޑީ ހުރިކަމުގެ ނިޝާނެއް ކަމަށް ބުނެ ފަތުރާ ވާހަކައެވެ.
މިއީ އެއްވެސް އަސާސެއް ނެތް، އަދި އަމިއްލަ ނަފުސާ މެދު ނުވަތަ ދަރިފުޅާ މެދު ޝައްކު އުފެދިފައިވާ މީހުންނަށް ނުރައްކާތެރި ކުށްހީތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް މާހިރުން ވިދާޅުވެއެވެ.
ރެނޯވާ ހޮސްޕިޓަލްގެ ކައުންސެލިން ސައިކޮލޮޖިސްޓް، ސޯފީ މެތިއު ބަޔާން ކުރެއްވި ގޮތުގައި، ހަށިގަނޑުގެ ބައްޓަމާއި އޯޓިޒަމާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫނެވެ.

ހަށިގަނޑުގެ ބައްޓަމާއި އޯޓިޒަމާ ގުޅުންހުރި ކަމަށް ބުނާ އެއްވެސް ސައިންޓިފިކް ހެއްކެއް ނެތް ކަމަށް ސައިކޭޓްރިސްޓުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މިއީ ޖެނެޓިކްސްއާ ނުވަތަ ހަށިގަނޑުގެ ސަރުބީ ހުންނަ ގޮތާ ގުޅުންހުރި ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، މިފަދަ ސިފައެއް ފެންނަނީ "އެންޓީރިއާ ޕެލްވިކް ޓިލްޓް" ކިޔާ ހަށިގަނޑުގެ ކަށިގަނޑު ހުންނަ ގޮތެއްގެ ސަބަބުންނެވެ.
މިއީ އުނަގަނޑުގެ ކަށިގަނޑު ކުރިއަށް ލެނބިފައި ހުރުމުގެ ސަބަބުން، ބަނޑު ކުރިއަށް ނުކުމެފައި ހުންނަހެން ހީވުމާއި ފޫކޮޅު ފާހަގަކޮށް ބޮޑުކޮށް ފެންނަ ގޮތެކެވެ. މިއީ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ ކަމެއް ކަމަށާއި މިއީ ހަމައެކަނި އޯޓިޒަމް ނުވަތަ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ޚާއްސަ ކަމެއް ނޫން ކަމަށް ސައިކޮލޮޖިސްޓް، ސޯފީ މެތިއު ފާހަގަކުރެއްވާފައިވެއެވެ.
އެޕޯލޯ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ސައިކޭޓްރިސްޓް، ޑރ. ޕްރަވީން އެސް ގޯޕަން ވިދާޅުވި ގޮތުގައި ހަށިގަނޑުގެ ބައްޓަމާއި އޯޓިޒަމާ ގުޅުންހުރި ކަމަށް ބުނާ އެއްވެސް ސައިންޓިފިކް ހެއްކެއް ނެތެވެ. އޯޓިޒަމް އަދި އޭޑީއެޗްޑީއަކީ ސިކުނޑީގެ ކުރިއެރުމާ ގުޅުންހުރި ކަންތައްތަކެކެވެ.
މިއީ ސިކުނޑި މަސައްކަތްކުރާ ގޮތާ ގުޅިފައިވާ ކަންކަމެވެ. ހަށިގަނޑުގެ ބޭރުފުށުގެ ސިފައާ ގުޅުންހުރި ކަންކަމެއް ނޫނެވެ. މިފަދަ ދޮގު ވާހަކަތަކުގެ ސަބަބުން ނަފުސާނީ ސިއްހަތުގެ ސީރިއަސް މައްސަލަތަކުގެ މުހިންމުކަން ކުޑަވާ ކަމަށް ޑރ. ޕްރަވީން ވިދާޅުވެފައިވެއެވެ.

އޯޓިޒަމް ނުވަތަ އޭޑީއެޗްޑީގެ އަލާމާތެއް ކަމަށް ޝައްކުކުރެވޭފަދަ ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް، ގާބިލު ސައިކޭޓްރިސްޓަކަށް ނުވަތަ ސައިކޮލޮޖިސްޓަކަށް ދައްކައިގެން ރަނގަޅު ތަހުލީލެއް ހެދުމަށް ސިއްހީ މާހިރުން ވަނީ އިރުޝާދު ދެއްވާފައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ޑރ. ޕްރަވީން އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ހަގީގީ އަލާމާތްތައް ލޯގަނޑަކުން ނުފެންނާނެއެވެ. އޯޓިޒަމްގެ ކުރީކޮޅުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހަތަރުކަޅި ހަމަނުކުރުމާއި، ވާހަކަދެއްކުން ލަސްވުމާއި، އިޖުތިމާއީ ގުޅުންތަކަށް އުނދަގޫވުމާއި، އެއް ކަމެއް ތަކުރާރުކޮށް ކުރުމެވެ.
އަދި، އޭޑީއެޗްޑީ ހުންނަ ކުދިންގެ ކިބައިން ސަމާލުކަން ނުދެވުމާއި، މާ ގިނައިން ހަރަކާތްތެރިވުމާއި، އަދި ވިސްނާނުލާ ކަންކަން ކުރެވުން ފަދަ ސިފަތައް ފެނެއެވެ. ގިނަ ފަހަރަށް މި ކަންކަމަކީ "ނުބައި އުޅުން" ނުވަތަ "ކަންނެތްކަން" ކަމަށް ބަލައި އަޅާނުލާ ދޫކޮށްލެވޭ ކަންކަމެވެ. މީގެ ސަބަބުން ބައްޔަށް ދެވޭ ފަރުވާ ލަސްވެއެވެ.
ޑރ. ޕްރަވީން ފާހަގަކުރެއްވި ގޮތުގައި، މީސްމީޑިއާގައި ކަންކަން އާދައިގެ ގޮތަކަށް ސިފަކޮށްދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މިފަދަ ވީޑިއޯތަކުގެ ސަބަބުން މީހުން އަމިއްލައަށް ނުބައި ގޮތްގޮތަށް ބަލިތައް ދެނެގަނެ، ހާސްކަން އިތުރުވެ، ހަގީގީ އެހީތެރިކަން ބޭނުންވާ އަލާމާތްތަކަށް ސަމާލުކަން ނުދެވިދާ ކަމަށް ޑރ. ޕްރަވީން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން، މީސްމީޑިއާ މެދުވެރިކޮށް ފެންނަ ޕޯސްޓެއްގެ ސަބަބުން ކަންބޮޑުވުމެއް އުފެދިއްޖެނަމަ، ހާސްނުވުމަށާއި، އަމިއްލައަށް ބަލި ދެނެގަތުމަށް މަސައްކަތް ނުކުރުމަށް ޑރ. ޕްރަވީން ލަފާދެއްވައެވެ.
ކަންބޮޑުވުމެއް އޮތްނަމަ، ގާބިލު ސައިކޭޓްރިސްޓަކަށް ނުވަތަ ސައިކޮލޮޖިސްޓަކަށް ދައްކައިގެން ރަނގަޅު ތަހުލީލެއް ހެދުމަށް ޑރ. ޕްރަވީން އިރުޝާދު ދެއްވައެވެ. ބައްޔެއް ހުރިތޯ ބެލުމަކީ މީސްމީޑިއާގެ ލިސްޓުތަކަށް ބަލައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ސައިންޓިފިކް އުސޫލުތަކުން ކުރަންޖެހޭ ކަމެއް ކަމަށް ޑރ. ޕްރަވީން ވަނީ ވިދާޅުވެފައެވެ.