އެމްޑީން ނެތް ކުންފުނިތަކަށް ވަރަށް އަވަހަށް އެމްޑީން އައްޔަންކުރާނެ، ނަންތައް އަންނަނީ ދިރާސާކުރަމުން: ޕީސީބީ

ޕީސީބީގެ ބައްދަލުވުމެއްގެ ތެރެއިން: ވަރަށް އަވަހަށް އެމްޑީން އައްޔަންކޮށް ނިމޭނެ ކަމަށް ވަނީ ބުނެފައި -- ފޮޓޯ/ ޕީސީބީ

ސަރުކާރު ހިއްސާވާ ފަސް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ހުސްކޮށް އޮތުމާއެކު، އެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމަށްޓަކައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނަންތަކެއް ދިރާސާކުރަން ފަށައިފިއެވެ. ޕީސީބީގެ ރައީސް މުޙައްމަދު އަނަސް ވިދާޅުވިގޮތުގައި ވަރަށް އަވަހަށް މި ކުންފުނިތަކަށް ވެރިން އައްޔަންކުރެވޭނެއެވެ. މި ބަދަލުތައް އައިސްފައިވަނީ ފަހުން ބޭއްވި އިންތިޚާބުތަކުން ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ ހިންގުމަށް ގެނައި ބޮޑެތި ބަދަލުތަކެއްގެ ތެރެއިންނެވެ.

  • ސަރުކާރުގެ 5 ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަންކުރުމުގެ މަސައްކަތް ޕީސީބީން ދަނީ ކުރަމުންނެވެ.
  • މަގާމުތައް ހުސްވެފައިވަނީ ބައެއް ބޭފުޅުން ވަކިކުރުމުންނާއި އަނެއްބައި ބޭފުޅުން އިސްތިއުފާދެއްވުމުންނެވެ.
  • މިހާރު އެ ކުންފުނިތައް ހިންގަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނެވެ.
  • ސަރުކާރުގެ ވުޒާރާތަކަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސް ވުޒާރާތައް ވަނީ މަދުކޮށްފައެވެ.

ސަރުކާރު ހިއްސާވާ ފަސް ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަންކުރުމަށް ޓަކައި ނަންތައް ދިރާސާކުރަމުން އަންނަ ކަމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ބުނެފިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ސަރުކާރުގެ މައި ކަރަންޓު ކުންފުނި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަމާހު މިދިޔަ ޖަނަވަރީ މަހުގެ 11ވަނަ ދުވަހު ވަނީ ވަކިކޮށްފައެވެ.

އޭގެ ފަހުން މިމަހުގެ ހަވަނަ ދުވަހު އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ދީދީއާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާހު ވަކިކުރިއެވެ.

ހަމަ އެ ދުވަހު އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ރިޝްވާން އިސްތިއުފާދެއްވިއިރު، އޭގެ ހަ ދުވަސް ފަހުން ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލްމަތީން މުޙައްމަދާއި މަސް ކުންފުނި މިފްކޯގެ މެނޭޖިން ޑިރެކްޓަރު ފަރުހަތު ޝަހީރު ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ޢަބްދުލްމަތީން އިސްތިއުފާދެއްވިތާ ދެ ދުވަސް ފަހުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ އައްޔަންކުރިއިރު، މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްކޮށް ހުރި ކުންފުނިތައް ވަގުތީގޮތުން ހިންގުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ، އެ ކުންފުނިތަކުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނަށެވެ.

އެހެންކަމުން، މިހާރު މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްކޮށް އަދި ހުރި ކުންފުނިތަކަކީ ސްޓެލްކޯ، ފެނަކަ، އެގްރޯނަޓް، އެމްޕީއެލް، އަދި މިފްކޯއެވެ.

ޕީސީބީގެ ރައީސް މުޙައްމަދު އަނަސް 'ސަން'އަށް ވަރަށް ކުރުކޮށް ދެއްވި ޖަވާބެއްގައި މިއަދު ވިދާޅުވީ، ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް އައްޔަންކުރުމަށްޓަކައި ނަންތަކެއް ލިބިފައިވާ ކަމަށާއި، އެ ނަންތައް ދިރާސާކުރަމުން އަންނަ ކަމަށެވެ.

ވަރަށް އަވަހަށް އެ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން ހަމަޖެހިގެން ދާނެ ކަމަށް އަނަސް ވިދާޅުވި ނަމަވެސް، ސީދާ ތާރީޚެއް ނުދެއްވައެވެ.

ބައެއް ކުންފުނިތަކުގެ ވެރިން ވަކިކޮށްފައި ވަނީ، މިމަހު ކުރީކޮޅު ބޭއްވި ކައުންސިލުތަކުގެ އިންތިޚާބާއި، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނެގި ފެންނަ ނުފެންނަ ވޯޓުން ސަރުކާރު ބަލިވެފައި ވަނިކޮށެވެ.

އިންތިޚާބަށް ފަހު މިދިޔަ އަންގާރަ ދުވަހު މި ސަރުކާރުގެ 10 މިނިސްޓަރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ހަމަ އެ ދުވަހު ސަރުކާރުން ވަނީ، ބައެއް ވުޒާރާތައް އެއްކޮށްލައި، ވުޒާރާތަކުގެ އަދަދު 20ން 15އަށް މަދުކޮށްފައެވެ.

comment ކޮމެންޓް