ފަރުމާކުރުމަށް އެހީތެރިވެދޭ އޭއައި "ކްލޯޑް ޑިޒައިން" ތަޢާރަފުކޮށްފި

މިއީ ހަމައެކަނި އާދައިގެ ތަސްވީރު އުފައްދާ ޓޫލެއްގެ އިތުރުން އަމިއްލައަށް ފަރުމާކޮށްދޭ މޮޑެލްއެއް ---

އެންތްރޮޕިކް ކުންފުނިން ވަނީ ޑިޒައިންކުރުމާއި ފަރުމާކުރުމުގެ މަސައްކަތްތަކަށް ޚާއްޞަ އޭއައި އެސިސްޓެންޓެއް ކަމަށްވާ ކްލޯޑް ޑިޒައިން ތަޢާރަފުކޮށްފައެވެ. މިއީ އެކުންފުނީގެ އެންމެ ފަހުގެ ވިޝަން މޮޑެލް އޮޕަސް 4.7 ގެ މައްޗަށް ބިނާކޮށްފައިވާ ނިޒާމެކެވެ. މި ޓޫލް މެދުވެރިކޮށް ލިޔުމުން ދޭ ކޮމާންޑުތައް ބޭނުންކޮށްގެން ޑިޒައިންތަކާއި، ޕްރޮޓޯޓައިޕް އަދި ސްލައިޑްތައް ފަސޭހަކަމާއެކު އުފެއްދޭނެއެވެ. އަދި ކުންފުނިތަކުގެ ބްރޭންޑިންގ ދެނެގަނެ، ކުލަތަކާއި ފޮންޓުތައް އޮޓަމެޓިކުން ބޭނުންކުރުމުގެ ގާބިލުކަންވެސް މީގައި ހިމެނެއެވެ.

  • އެންތްރޮޕިކް އިން އޮޕަސް 4.7 ގެ މައްޗަށް ބިނާކޮށް ކްލޯޑް ޑިޒައިން ތަޢާރަފުކޮށްފި
  • ލިޔުމުން ދޭ ކޮމާންޑުތަކުން ޑިޒައިން އުފައްދައި، ކޮމެންޓުކޮށްގެން ބަދަލުތައް ގެނެވޭނެ
  • ކުންފުނިތަކުގެ ބްރޭންޑިންގ ދެނެގަނެ، ފޮންޓާއި ކުލަތައް އޮޓަމެޓިކުން ބޭނުންކުރެވޭނެ
  • އުފައްދާ ޑިޒައިންތައް ސީދާ ކްލޯޑް ކޯޑް އަދި ކޭންވާއަށް އެކްސްޕޯޓްކުރެވޭނެ
  • މި ޚިދުމަތް ލިބޭނީ ޕްރޯ، މެކްސް، ޓީމް އަދި އެންޓަޕްރައިޒް ސަބްސްކްރައިބަރުންނަށް

އެންތްރޮޕިކް ކުންފުނިން، ޑިޒައިންކުރުމާއި ފަރުމާކުރުމުގެ މަސައްކަތްތަކަށް ޚާއްޞަ އޭއައި އެސިސްޓެންޓެއް ކަމަށްވާ "ކްލޯޑް ޑިޒައިން" ތަޢާރަފުކޮށްފިއެވެ.

ކްލޯޑް މެދުވެރިކޮށް ޗާޓުތަކާއި ކުރެހުންތައް އުފެއްދޭނެ ގޮތް ހެދިތާ މަހެއްހާ ދުވަސް ފަހުން ނެރުނު މި އާ ޕްރޮޑަކްޓަކީ، ޑިޒައިންތަކާއި، ޕްރޮޓޯޓައިޕް އަދި ސްލައިޑް ފަދަ ތަކެތި ފަސޭހަކަމާއެކު އުފެއްދުމަށް ތައްޔާރުކޮށްފައިވާ ރިސާޗް ޕްރިވިއު އެކެވެ.

އެންތްރޮޕިކް އިން މަޢުލޫމާތު ދޭގޮތުގައި މިއީ ހަމައެކަނި އާދައިގެ ތަސްވީރު އުފައްދާ ޓޫލްއެއް ނޫނެވެ. މީގެ ބަދަލުގައި މިއީ އެކުންފުނީގެ އެންމެ ފަހުގެ އަދި އެންމެ ގާބިލު ވިޝަން މޮޑެލް ކަމަށްވާ "އޮޕަސް 4.7" ގެ މައްޗަށް ބިނާކޮށްފައިވާ ފަރުމާކުރުމުގެ ނިޒާމެކެވެ.

ކްލޯޑް ޑިޒައިންގައި ކޮންމެ ޕްރޮޖެކްޓެއް ވެސް ފަށާނީ ލިޔުމުން ދޭ ކޮމާންޑަކުންނެވެ. އޭގެ ފަހުން ކްލޯޑް އާއެކު ވާހަކަދައްކައިގެންނާއި، ކޮމެންޓުކޮށްގެން އަދި ސީދާ ބަދަލުތައް ގެނެސްގެން ޑިޒައިން އިތުރަށް ފުރިހަމަކުރެވޭނެއެވެ. މީގެ އިތުރުން، އެޑޯބީގެ އޭއައިއާ އެއްގޮތަށް، ޑިޒައިންގެ ވަކިވަކި ބައިތަކަށް ބަދަލުގެނައުމަށް ޚާއްޞަ ސްލައިޑަރުތަކެއް ކްލޯޑް އަމިއްލައަށް އުފައްދައިދޭނެއެވެ. މީގެ ސަބަބުން ޑިޒައިންގެ އަލިކަމާއި ކުލައިގެ ގަދަމިން ފަދަ ކަންކަން ފަސޭހައިން ބަދަލުކޮށްލެވޭނެއެވެ.

މި އޭއައި އެސިސްޓެންޓުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ސިފަޔަކީ ކުންފުނިތަކުގެ ބްރޭންޑިން ދެނެގަތުމުގެ ގާބިލުކަމެވެ. ކުންފުނީގެ ކޯޑުތަކާއި ޑިޒައިން ޑޮކިއުމަންޓުތައް ދިނުމުން، ކްލޯޑް އަމިއްލައަށް އެ ކުންފުންޏެއްގެ ކުލަތަކާއި ފޮންޓުތައް ދަސްކޮށް، ދެން ހަދާ ކޮންމެ ޑިޒައިނެއްގައި އެ މިންގަނޑުތައް އޮޓަމެޓިކުން ބޭނުންކުރާނެއެވެ.

މީގެ އިތުރުން ފޮޓޯއާއި ޑޮކިއުމަންޓު އަޕްލޯޑްކުރުމާއި، ވެބްސައިޓުތަކުން ބޭނުންވާ ބައިތައް ނެގުމަށް ޚާއްޞަ ވެބް ކެޕްޗާ ޓޫލްއެއްވެސް މީގައި ހިމެނެއެވެ.

އެޑޯބީ އަދި ކޭންވާ ފަދަ ކުންފުނިތަކުންވެސް މިފަދަ އޭއައި އެސިސްޓެންޓުތައް ނެރެފައިވާ މި ދަނޑިވަޅުގައި، އެންތްރޮޕިކް އިން ވަނީ ކްލޯޑް ޑިޒައިން އިން އުފައްދާ ޕްރޮޖެކްޓުތައް ސީދާ ކްލޯޑް ކޯޑް އަދި ކޭންވާއަށް އެކްސްޕޯޓް ކުރެވޭނެގޮތް ހަދާފައެވެ.

މި އާ ޚިދުމަތް މިހާރު ލިބެން ހުންނާނީ އެންތްރޮޕިކްގެ ޕްރޯ، މެކްސް، ޓީމް އަދި އެންޓަޕްރައިޒް ސަބްސްކްރައިބަރުންނަށް، އެކައުންޓަށް ކަނޑައެޅިފައިވާ ޔޫސޭޖް ލިމިޓްގެ ތެރެއިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު