ޓީސީ ބަލިކޮށް 13 ވަނަ ފަހަރަށް އެފްއޭ ކަޕްގެ ތަށި ނިއުއަށް

އެފްއޭ ކަޕް 2026 ގެ ޓްރޮފީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން އުފުލާލަނީ-- ސަން ފޮޓޯ: އާފު

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވަނީ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ރާއްޖޭގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން 13 ވަނަ ފަހަރަށް ހޯދާފައެވެ. މިއީ ދެ އަހަރުގެ ސަސްޕެންޝަނަކަށްފަހު އެނބުރި އައިސް، މުޅި މުބާރާތުގައިވެސް ބައިކޮޅަށް އެއްވެސް ލަނޑެއް ވަނަނުދީ ނިއުއިން ހޯދި ވަރަށް ފުރިހަމަ ކާމިޔާބީއެކެވެ. މެޗުގެ 21 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކެޕްޓަން އަލީ ފާސިރު ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިންއިރު، އަނެއް ދެ ލަނޑު ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ އަލްހާޖީ ގެރޯއެވެ. މި ނާކާމިޔާބީއާއެކު ޓީސީ ވެފައިވަނީ ޖެހިޖެހިގެން ތިން ފަހަރު ފައިނަލުން ބަލިވި ޓީމަށެވެ. އަދި މި މުބާރާތާއެކު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނިމިފައިވާއިރު، މާޒިޔާއިން ދިވެހި ޕްރިމިއާ ލީގު އަދި އޮޑި ސްޕޯޓްސް ކްލަބުން ވަނީ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފައެވެ.

  • ނިއު ރޭޑިއަންޓުން 13 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކުރުން
  • ފައިނަލް މެޗުގައި ޓީސީގެ މައްޗަށް 3-0 އިން ކުރިހޯދުން
  • މުބާރާތުގައި ބައިކޮޅަށް އެއްވެސް ލަނޑެއް ނުވަދެ ތަށި އުފުލާލުން
  • ޓީސީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ފައިނަލުން ބަލިވުން
  • ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނިމުމަކަށް އައުން

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 13 ވަނަ ފަހަރަށް ހޯދައި، އެޓީމަކީ އަދިވެސް ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނުކަން ސާބިތުކޮށްދީފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ހާފު ފަށައިގެން ޓީސީން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، މެޗުގެ އޮއިވަރު ނިއުއަށް އެނބުރުނީ 21 ވަނަ މިނިޓުގައި އެޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އަށް އޭރިއާ ތެރެއިން ޓީސީގެ ކެޕްޓަން ހަސަން އީނާޒް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ.

އެފްއޭ ކަޕް 2026 ގެ ފައިނަލް މެޗުގައި ލަނޑު ޖެހުމަށްފަހު ސެންޓޭ އުފާފާޅުކުރަނީ-- ސަން ފޮޓޯ: އާފު

މި ޕެނަލްޓީ ސެންޓޭ ކާމިޔާބުކުރީ ކީޕަރު ސިއްސުވާލުމަށްފަހު ވަރަށް އިތުބާރާއެކު ފޮނުވާލި ހިތްގައިމު "ޕެނަންކާ" އަކުންނެވެ. މި ލަނޑަށްފަހު ނިއުއިން މެޗުގެ ކޮންޓްރޯލް ހޯދިއިރު، ހާފު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް އެޓީމުގެ ނައިޖީރިއާ ފޯވާޑް އަލްހާޖީ ގެރޯ ވަނީ އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައި ނިއުގެ ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފު ފަށައިގެން ޓީސީން ނަތީޖާ ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ޖިމޯ ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސްދަނޑީގައި ޖެހިފައިވާއިރު، ނިއުގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ ޓީސީން އުފެއްދި ނުރައްކާތެރި ހަމަލާތަކުގެ ހުރަހަކަށްވެ، މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ.

އެފްއޭ ކަޕް 2026 ގެ ފައިނަލް މެޗުގައި ލަނޑު ޖެހުމަށްފަހު ނިއުގެ ކުޅުންތެރިން އުފާފާޅުުކުރަނީ ސަން ފޮޓޯ: އާފު

ނިއުއިން މެޗުގެ ތިންވަނަ ލަނޑު ޖަހައި ތަށި ކަށަވަރުކުރީ 83 ވަނަ މިނިޓުގައެވެ. ބްރެޒިލްގެ މިޑްފީލްޑަރު ޑަ ސިލްވާ ނަގައިދިން ރީތި ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑުވެސް ކާމިޔާބުކޮށްދިނީ ގެރޯއެވެ.

މި ނާކާމިޔާބީއާއެކު ޓީސީ ވެފައިވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް އެފްއޭ ކަޕް ފައިނަލުން ބަލިވި ޓީމަށެވެ. މީގެ ކުރިން 2016 ވަނަ އަހަރު ވެލެންސިއާ އަތުން އަދި 2017 ވަނަ އަހަރު ނިއު އަތުންވެސް އެޓީމު ވަނީ ބަލިވެފައެވެ.

އެފްއޭ ކަޕް 2026 ގެ ޗެމްޕިއަންކަން ހޯދި ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ-- ސަން ފޮޓޯ: އާފު

މި ކާމިޔާބީއަކީ ނިއު ރޭޑިއަންޓަށް ވަރަށް ޚާއްޞަ ކާމިޔާބީއެކެވެ. ސަބަބަކީ 2020 އިން ފެށިގެން ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއްގައި އޮތުމަށްފަހު އެނބުރި އައިސް، ކުޅުނު ފުރަތަމަ އެފްއޭ ކަޕްގައި ބައިކޮޅަށް އެންމެ ލަނޑެއްވެސް ވަނަނުދީ ތަށި އުފުލާލެވުމެވެ.

މި މުބާރާތާއެކު ދެ އަހަރަށްފަހު ބޭއްވި ރާއްޖޭގެ ފުރަތަމަ ފުޓްބޯޅަ ސީޒަން މިވަނީ ނިމުމަކަށް އައިސްފައެވެ. މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގު މާޒިޔާއިން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ހޯދިއިރު، ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރީ އަލަށް ފުރަތަމަ ޑިވިޝަނަށް ނުކުތް އޮޑި ސްޕޯޓްސް ކްލަބެވެ. އަދި އެންމެ ފަހު ތަށި، އެފްއޭ ކަޕްގެ ޝަރަފް މިވަނީ ނިއު ރޭޑިއަންޓުން ދިފާއުކޮށް، އެޓީމުގެ ސަޕޯޓަރުންނަށް ބޮޑު އީދެއް ގެނެސްދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު