"ރިހާމްއަށް އެނގޭތަ ރިހާމްގެ ފުރަތަމަ އަނބިމީހާ އުޅޭގޮތެއް؟" ޝާފިޔާ ރިހާމްއަށް ބަލައިލިއިރު، އޭނަ އިނީ ދެބުމަ ގޮށްޖަހާލައިގެންނެވެ.
"ކިހިނެއްވީ މަންމާ؟ އައިރާ... އައިރާ ކީއްކުރީ؟ މަންމައާ ދިމާވީތަ؟" އެއްފަހަރާ ރިހާމްއަށް ސުވާލުތައް ކޮށްލެވުނެވެ.
"އޭރުވެސް މަންމަ ނުބުނަންތަ އައިރާއަކީ ރަނގަޅު ކުއްޖެއް ނޫނޭ. ހަށި ވިއްކާ އަންހެނެއްގެ ދަރިއަކު ރަނގަޅެއް ނުވާނެޔޭ. މައުސޫމްކަމަށް ހެދިގެން އެހެން މީހުންގެ ނާޖާއިޒު ފައިދާ ނަގަން އެމީހުން ނުލާހިކު މޮޅުވާނެޔޭ... އެކަމަކު ރިހާމް ބޭނުމެއް ނުވިއެއްގެ ޤަބޫލުކުރާކަށް... މަންމަމެންގެ ތަޖުރިބާ ހުންނާނެ. ދުނިޔޭގެ ކަންތައްތައް ރިހާމްމެންނަށް ވުރެ ބޮޑަށް އެނގޭނީވެސް މަންމަމެންނަށް. އެކަހަލަ މާހައުލަކުން ނުކުންނަ ކުދިންވެސް އުޅޭނީ ހަމަ އެހެން. މިއަދު ލަދުން ގޮސް މަރުވާވަރު މިވަނީވެސް ހަމަ ރިހާމްގެ ސަބަބުން. ރިހާމްގެ އަންހެނުންގެ ސަބަބުން..." ޝާފިޔާ ބުންޏެވެ.
"ކިހިނެއްވީތަ މަންމާ؟ އައިރާ ކީއްކުރީތަ؟ ސާފުކޮށް ކިޔައިދީބަލަ." ރިހާމްއަށްވެސް ނުތަނަވަސްކަމެއް ލިބިއްޖެއެވެ. ވެގެން މިއުޅޭ ގޮތެއް ނޭނގޭތީއެވެ.
"މަންމަ ނުކިޔައިދިނަސް މި ބަލާލީމަ ދަރިފުޅަށްވެސް އެނގޭނެ ކަންނޭނގެ ހުރިހާކަމެއް. އާން..." ފޯނުނަގާ އޭނަ ނެގި ވީޑިއޯ އަޅުވާލަމުން ޝާފިޔާ ރިހާމްގެ އަތަށް ފޯނު ދިއްކޮށްލިއެވެ.
ރިހާމް ހައިރާންކަމާއެކު އެ ފޯނުގައި ހިފަމުން، އޭގެން ކުޅެވެމުން ދިޔަ ވީޑިއޯއަށް ބަލައިލިއެވެ. އެއާއެކު އޭނަގެ ދެބުމަ ގާތްވެލިއެވެ. އޭގެން އޭނަ ނަގަންވީ ކޮން ކަހަލަ މާނައެއް ހެއްޔެވެ؟
"މީ..." ރިހާމްއަށް ބުނެވުނެވެ. "މީ ކޯންޗެއް؟ އައިރާ...."
"އަދިވެސް މަންމައާތަ ތި ސުވާލުކުރަންވީ؟ ރިހާމްއަށް ތީގެން އެއްވެސް ކަމެއް ދޭހަނުވަނީތަ؟ ތީ މިއަދު ހޮސްޕިޓަލަށް ދިޔައިރު ފެނުނު މަންޒަރު. ނަސީބެއްނު އައިރާއަކީ ރިހާމްގެ އަނތްބެއްކަން މީހުންނަށް ނޭނގޭކަން... ކިހިނެއްތަ އޭނަ އެ އުޅެނީ؟ ރޯމާ ދުވާލު މީހުންނާ އެގޮތަށް ބައްދަލުކުރާއިރު، ރޭގަނޑު އަދި މީހުންނާ ނުފެންނަ ތަންތާ އުޅޭނެ ގޮތް ހިތަށް އަރުވާލިޔަސް... ޕިސް ޕިސް..." ޝާފިޔާއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. "ލަދުން ބޯ ހަލާކޭ ރިހާމް..."
ފަރުވާތެރިކަމާއެކު އައިރާއާ އޭނައާ އެކުގައި ހުރި ފިރިހެން މީހާއަށް ބަލަން އިން ރިހާމްއަށް އެ ފިރިހެންމީހާ ފެނުނު ހަނދާންވާން ފެށިއެވެ. ވިސްނާލުމުން އެއީ އައިރާ އުޅޭ ފްލޯގައި ހުންނަ އަނެއް އެޕާރޓްމެންޓުގައި އުޅޭ މީހާކަން އޭނައަށް ދެނެގަނެވުނެވެ. ހިނދުކޮޅަކަށް ޝާފިޔާއަށް ބަލައިލާފައި އަލުން ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓައިލި ރިހާމްގެ މޫނުމަތީން ރުޅިވެރިކަމާއި ނުރުހުންތެރިކަން ފެންނަމުން ދިޔައިރު ދަތްކުނޑިވެސް ވިކައިލެވުނެވެ. މަންމަގެ ކުރިމަތީގައި އޭނަގެ އަގު ވެއްޓިގެން ދާހެން ހީވާން ފެށުމުން ރުޅިވެސް އާދެވުނެވެ.
އެ ވީޑިއޯ ނިމުމުންވެސް ރިހާމްއަށް އިނދެވުނީ ދެބުމަ ގޮށްޖަހާލައިގެންނެވެ. އޭރު ޝާފިޔާގެ ތުންފަތްމަތީގައި ވިހަ ހިނިތުންވުމެއް ދައުރުވަމުން ދިޔައެވެ. ރިހާމްގެ މޫނުމަތީން ފެނުނީ އޭނަ ބޭނުންވި ފަދަ އަސަރުތަކެކެވެ. އެހެންނަމަވެސް ޝާފިޔާ ރިހާމް އޭނައަށް ބަލައިލުމާއެކު، ކަންބޮޑުވެފައިވާ އަސަރުތައް މޫނުމައްޗަށް ވެރިކޮށްލަމުން ހިނިތުންވުން ހިންދައިލިއެވެ.
"ދެން ކަންތައްކުރަންވީ ގޮތް އެނގޭނީ ދަރިފުޅަށް. އެކަމަކު މަންމަ ބުނަންތަ ރަނގަޅު ވާހަކައެއް؟ ތި ނުބައި ނުލަފާ އަންހެނާގެ ދަލުން ނުކުމެ ރަނގަޅަށް ވިސްނާލީމަ ދެން ކަންތައްކުރަންވީ ގޮތް ސާފުވާނެ. އޭރުން ދާނިޔާއާއެކު ތި ޙަޔާތް އުފާވެރިވެ ބާއްޖަވެރި ވެގެންދާނެ... އަކުރުން އަކުރަށް ކިޔައި ނުދިނަސް އުންމީދުކުރަން ރިހާމްއަށް މި ދެއްކި ވާހަކަތައް ސާފުވާނެކަމަށް." އެހެން ބުނެލުމަށްފަހު ޝާފިޔާ ޑްރައިވަރު އިންތިޒާރުގައި އިންކަމަށް ބުނެ ގޮނޑިން ތެދުވިއެވެ. އޭނަ ގޮސް ނުކުންނަން ދޮރުގައި ހިފާލާފައި އަދިވެސް އެއްފަހަރު ރިހާމްއަށް ބަލައިލިއެވެ. ރިހާމްއަށް ވެފައި އިން ގޮތުން އޭނަ އައިރާއާ ކުރިމަތިނުލާނެ ގޮތަކީ ނެތްގޮތެއްކަން ޝާފިޔާއަށް އެހިނދު އެނގުނެވެ. ޝައްކަކީ އިންސާނާގެ ހަލާކެވެ. ޝައްކުގެ ސަބަބުން ކިތަންމެ ވަރުގަދަ ގުޅުމެއްވެސް ފުނޑުފުނޑުވެގެން ހިނގައިދާނެއެވެ.
ޝާފިޔާ ނުކުތުމުން ލޯޔަރު އައިސް ވަންއިރު ރިހާމް އިނީ ދެއަތް މުށްކަވާލައިގެންނެވެ. ލޯޔަރު އައިސް ގޮވާލުމުން އޭނަ ބަލައިލިއިރުވެސް ނޭވާތައް ދިޔައީ ފުންވަމުންނެވެ. ހީވަނީ ރުޅިގަނޑު މައިތިރިކުރަން މަސައްކަތްކުރަމުން ދިޔަހެންނެވެ. އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ކުރަން މަސައްކަތްކުރާ ހެންނެވެ. އެހެންނަމަވެސް، އެކަން ކުރުމަކީ ރިހާމްއަށް ފަސޭހަކަމަކަށް ނުވިއެވެ. އޭނަގެ ސިކުނޑީގައި ތަސްވީރުވަމުން ދިޔައީ އައިރާ އެ ޒުވާނާއާ ވާހަކަ ދައްކަން ހުރި މަންޒަރެވެ. އެކުގައި ކާރަށް އަރައިގެން ދިޔަ މަންޒަރެވެ.
އެންމެފަހުން ކެތްނުކުރެވުނު ރިހާމް ކުއްލިއަކަށް ތެދުވިއެވެ. އެއަށްފަހު ލޯޔަރަށް ބަލައިލާފައި، އޭނަ ދާން ޖެހިއްޖެކަމުގައި ބުނެފައި ހިނގައިގަތެވެ. ލޯޔަރު މަސައްކަތް ނިންމުމުގެ މުހިންމުކަން ހަނދާންކޮށްލަ ދިނުމާއެކު ރިހާމް އިތުރަށް ރުޅިގަދަވިއެވެ. މިވަގުތު އޭނަ އޮފީހުގައި އިންނަމަވެސް އިތުރުކަމެއް ނުކުރެވޭނެއެވެ. ސިކުނޑީގެ ނާރުތަކަށް ވަނީ ވާންވެފައެވެ.
"މިގަޑިއަކު ނޫން. ޕްލީޒް..." އެހެން ބުނެލާފައި ގޮސް ބަންލާފައި ދޮރު ޖަހާފައި ރިހާން އެތަނުން ނުކުމެއްޖެއެވެ. ލޯޔަރު މޭޒުމަތީގައި ހުރި ލިޔެކިޔުންތަކަށް ބަލާލާފައި ދެފަރާތަށް ބޯ ހޫރައިލިއެވެ. ވީ ބޮޑުކަމެއްކަން އޭނައަށް އެނގުނުނަމަވެސް، އެ މަސައްކަތް ނިންމުމުގެ މުހިންމުކަންވެސް އޭނައަށް އިޙްސާސްވެއެވެ. މިހާރުވެސް މަސައްކަތް ލަސްވެފައިވަނީ ރިހާމްގެ ކުށްވެސް އެކަމުގައި އޮވެގެންނެވެ.
ރިހާމް އެ ދިޔަގޮތަށް ދިޔައީ ތިރިއަށެވެ. ޕާކިން ލޮޓްގައި އޮތް ކާރަށް އަރާ އޭނަ ކާރު ބޭރަށް ނެރިލިއެވެ. އެއަށްފަހު ދުއްވައިލިއެވެ. އެ މަންޒަރު ބަލަން ތަންކޮޅެއް ދުރުގައި އިން ޝާފިޔާގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ރިހާމް އެ ދަނީ އައިރާގެ ކައިރިއަށްކަން އޭނައަށް ޔަޤީންވިއެވެ.
ޝާފިޔާ ޑްރައިވަރަށް ގެއަށް ދިޔުމަށް އަމުރުކޮށްލިއެވެ. ރިހާމްއާ އައިރާއާ ދެމެދުގައި ހިނގާނެ ދެބަސްވުންތަކާ މެދު ވިސްނައިލެވުމުންވެސް އެހިތަށް އުފާވެރިކަމެއް ލިބިގެން ދިޔައެވެ. އެ ގޮތެއް ފޮތެއް ނެތް އަންހެނާގެ ކިބައިން ރިހާމް ސަލާމަތްވުމަކީ އޭނަ އެންމެ ގިނައިން ކުރާ ދުޢާއެވެ. ކޮންމެވެސް އެއްގޮތަކުން ރިހާމްގެ ޙަޔާތުން އެ އަންހެނާ ބޭރުކޮށްލެވުމަކީ އޭނަގެ އުންމީދެވެ. ރިހާމްއާ އައިރާއާ ދެމެދު ދެން ހިނގާނެ ކަންތައްތައް ތަމްސީލެއްގެ ސިފައިގައި ސިކުނޑީގައި ކުޅެލެވުނީވެސް ވީ އުފަލެއްގެ ބޮޑުކަމުންނެވެ.
ބޮޑުތަކުރުފާނު މަގަށް ނުކުމެވުމާއެކު، ރިހާމް ކާރުގެ ސްޕީޑް ބާރުކޮށްލިއެވެ. އޭނަ ބްރިޖަށް އެރުމާއެކު، އެއަށްވުރެވެސް ސްޕީޑް ބާރުކޮށްލައިފިއެވެ. ބްރިޖާ ހައިވޭގައިވެސް ދުއްވަން ޖެހޭ ވަރަށް ވުރެވެސް ބާރަށް ދުއްވާފައި އޭނަ ދިޔައީ "ރިލެކްސް" އެޕާރޓްމެންޓުތައް ކައިރިއަށެވެ. ކާރު ޕާކުކޮށްފައި އެދިޔަ ގޮތަށް ގޮސް ލިފްޓް ލޮބީއަށް ވަނެވެ. ލިފްޓް އަންނަން އެ ހޭދަވި ވަގުތުކޮޅުވެސް ހުއްޓާ ނުލާ ރިހާމް ލިފްޓްގެ ބަޓަނަށް ފިތަން ފެށި ގޮތުން އޭނަ އެވަނީ ނުހަނު ބޮޑަށް ކެތްތެރިކަން ކުޑަވެފައިވާކަން އެނގެއެވެ. ލިފްޓް އައުމާއެކު، ލިފްޓަށް އަރައިގެން ގޮސް އެޕާރޓްމެންޓުގެ ދޮރު ހުޅުވާލައިފިއެވެ. އޭރު އައިރާ އިނީ ސޯފާގައެވެ. އޭނަ އިނީ ޓީވީ ބަލާށެވެ.
ރިހާމް ފެނުމާއެކު، އައިރާއަށް ބަލައިލެވުނެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި އޭނައަށް ނުތަނަވަސްކަމެއް ވެރިވީ ރިހާމްގެ މޫނުމަތީން ފެނުނު ކުލަވަރުތަކުންނެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އައިރާއަށް ނަގައިގަނެވުނެވެ.
"ރިހާމް..." ރިހާމް އޭނައާ ދިމާލަށް އައި އިރު ހުރިގޮތުން އައިރާ ހަމަ ރަނގަޅަށްވެސް ހާސްވެއްޖެއެވެ. އޭނައަށް ސޯފާއިން ވެސް ތެދުވެވިއްޖެއެވެ.
"އަހަރެންގެ އަނތްބެއްގެ ގޮތުގައި ހުރެ އައިރާ ލަދެއް ނުގަނޭތަ ތިވައްތަރަށް އުޅޭކަށް؟" އެންމެ ފުރަތަމަވެސް ރިހާމްގެ ދުލުން ނުކުތް ބަސްތަކާއެކު އައިރާއަށް ލިބުނީ ސިހުމެކެވެ. ރިހާމްގެ އެ ޖުމްލައިގެ މާނަ ނަގާކަށް އޭނައަކަށް ނޭނގުނެވެ. ރިހާމް ދެބުމަ ގޮށްޖަހާލައިގެން ހުރިއިރު އެ އަޑުގައިވެސް ވަނީ ރުޅިވެރިކަމެވެ.
"ރިހާމް... އަހަރެން ކިހިނެއް އުޅުނީތަ؟" އައިރާއަށް ސުވާލުކޮށްލެވުނެވެ. އޭނަގެ ހިތުގެ ތެޅުމަށް ވެސް އޭރު ބަދަލު އަތުވެއްޖެއެވެ. ރިހާމް އެ ސުވާލު އޭނައާ އަމާޒުކުރަންވީ ކީއްވެގެންކަމެއް ވިސްނާ ވިސްނާވެސް އައިރާއަކަށް ނޭނގުނެވެ. އެ ސުވާލު ރިހާމްއާ ކުރުން އެންމެ ހައްޤުކަން ބޮޑީ އޭނައަކަށް ނޫންހޭ އައިރާގެ ހިތަށް އެރިއެވެ. އޭނައަށް ނޭނގި އެހެން އަންހެނުންނާ ވާހަކަ ދައްކަނީވެސް ރިހާމެވެ. ގުޅުން ބާއްވަނީވެސް ހަމަ ރިހާމެވެ. ވީއިރު އެއްވެސް އަސްލެއް ނެތް ތުހުމަތެއް ރިހާމް އޭނަގެ ބޮލުގައި އަޅުވަންވީ ކީއްވެހެއްޔެވެ؟ އަނެއްކާ ރިހާމް އޭނަ ވަރިކުރަން ބަހަނާއެއް ހޯދަނީހެއްޔެވެ؟
"މީސްމީހުންނާ ވާހަކަ ދައްކަމުން ބޭރުތެރޭގަ ދުވެ ނަގާއިރު ނޭނގޭތަ ތީ މީހެއްތެ އަނތްބެއްކަމެއް؟" ރިހާމްގެ އަޑު ދިޔައީ ހިނދެއް ހިނދަކަށް ބާރުވަމުންނެވެ. އެ އަޑުގައިވި ރުޅިވެރިކަމުގެ ސަބަބުން އައިރާއަށް ހައިރާންކަމެއް ވެސް ލިބިގެން ދިޔައެވެ. ހަމައެއާއެކު، ރިހާމް އޭނައަށް ޝައްކުކުރީކަން އައިރާއަށް ޔަޤީންވީ ހިނދު އޭނަގެ ހިތުގައި ހީވީ މީހަކު ގޮށްމުށްކަވާފައި ޖެހިގެންނެވެ. އައިރާއަށް ހިންދިރުވައިލެވުނު އިރު، އޭނަގެ މޫނުމަތި އެކީ މިލައިގެން ހިނގައްޖެއެވެ.
"އަހަރެން ގޮތަކަށް ނޫޅެން ރިހާމް... ހަމަ ހުވާ... އަހަރެން..." އައިރާއަށް އޭނަގެ އަމިއްލަ ނަފްސު ދިފާޢުކުރަން ވާހަކަ ދައްކަން ފެށުނެވެ. ރިހާމްގެ ކުރިމަތީގައި އޭނަގެ ޢިއްޒަތާ އަބުރު ސަލާމަތްކުރަން ބޭނުންވިއެވެ. އެހެންނަމަވެސް، ރިހާމް އެ ފުރުސަތެއް އައިރާއަކަށް ނުދިނެވެ. އޭނަ، އައިރާގެ ވާހަކަ މެނދުކަނޑާލިއެވެ.
"ދެން ކީއްވެ އައިރާ ފިރިހެނުންނާއެކީ އުޅޭތަންތަނުގެ ވީޑިއޯތައް އަހަންނަށް ފެންނަންވީ؟ އެ މަންޒަރުތައް ވީޑުއޯ ކުރުމުގެ ފުރުސަތު އެންމެންނަށް ފަހިވާންވީ؟" ރިހާމްގެ އަޑުގައިވި ރުޅިވެރިކަމަށް ބަދަލެއް ނާދެއެވެ.
"ރިހާމް ކީކޭތަ ތި ކިޔަނީ؟ އަހަރެން ގޮތަކަށް ނޫޅެމޭ...ކާކުތަ ވީޑިއޯ ކުރީ؟ ކޯންޗެއްތަ ވީޑިއޯ ކުރީ؟" އައިރާއަށް ބުނެވުނެވެ. އޭނައަށް ރިހާމްއާ ގާތަށް ފިޔަވަޅެއް އަޅައިލެވުނު ނަމަވެސް، ރިހާމްގެ ވާހަކަ ދައްކަން ފެށުމުން މަޑުޖެހެވުނެވެ.
"ވީޑިއޯ ކުރީއޭ؟ އަދިވެސް އައިރާއަށް މުހިންމީ އަހަންނަށް އެކަން އެނގުނުގޮތްތަ؟ އެން...." ރިހާންގެ ރުޅިގަނޑު ހައްތަހާ ގަދަވަމުންދިޔައެވެ. އައިރާ އެކުރި ސުވާލުން ރިހާމްއަށް އޭގެ މާނަ ނެގުނީ އެންމެ ގޯސްކޮށެވެ.
"ރިހާމް ތިހުރީ މާ ރުޅި ގަދަވެފައޭ... ރުޅި މަޑުކޮށްފަ ހަމަޖެހިލާފަ ރަނގަޅަށް ވީގޮތް ކިޔައިދީބަލަ..." އައިރާއަށް ބުނެވުނެވެ.
"އަހަރެން އަދި ރުޅި މަޑެއްނު. އެހެން ފިރިހެނެއްނަމަ މިހާރު މިހެން ހުންނާނެތަ؟ އެން... މިއަދު ހަވީރު ޖެހިގެން ހުރި ގޭ އެޕާރޓްމެންޓުގައި އުޅޭ ފިރިހެނަކާ އެކީ ބޭރަކަށް ނުދަންތަ؟ އޭނައާއެކީ ކާރެއް ނުދުއްވަންތަ؟" ރިހާމްގެ ދެއަތް މުށްކެވިފައިވީތަނާއި، ވާހަކަ ދެއްކިއިރު ދަތްކުނޑި ވިކާލައިގެން ހުރިތަން ފެނުމުން އައިރާގެ ހިތަށް ބިރުވެރިކަމެއް ވަތްނަމަވެސް، އެ ބިރުގެ މައްޗަށް ތަކުލީފުތައް އަތްގަދަކުރަން ނެގީ މަގު ސިކުންތުކޮޅެކެވެ. ރިހާމްގެ އިތުބާރު ގެއްލޭ ފަދަ ކަމެއް އޭނަ ދުވަހަކުވެސް ނުކުރެއެވެ. އޭނަގެ އަބުރަށް ހުތުރުވާނެ ކަމެއްވެސް ނުކުރެއެވެ. އެންމެ ދެރަވީ ސުވާލުކުރުމުގެ ބަދަލުގައި ރިހާމް އައިސް އޭނަގެ ބޮލުގައި އެފަދަ ދޮގު އިލްޒާމުތަކެއް އެޅުވުމުންނެވެ؟ މިހާ ދުވަސްވީއިރު، ވެސް އޭނަގެ ގޮތް ރިހާމްއަށް ނޭނގުމުންނެވެ. އޭނައަށް އަމިއްލަ މީހާގެ ޢިއްޒަތާ އަބުރަށްވުރެ މުހިންމު އެއްޗެއް ނޯންނާނެކަން ނުވިސްނުމުންނެވެ.
"ތަންތާ ހިލޭ ފިރިހެނުންނާ ވާހަކަ ދައްކަން ހުރުމަކީ މާ ރީތިކަމެއް ނޫނޭ..." ރިހާމްއަށް އައިރާގެ މޫނުމަތީގައިވި ތެދުވެރިކަމުގެ އަސަރުތައްވެސް ނުފެންނަ ފަދައެވެ. ސިކުނޑިއަށް ސަވާރުވެފައިވާ ވަސްވާސްތަކެއްގެ ސަބަބުން ކަންނޭނގެއެވެ. އައިރާއަށް އިތުބާރުކުރަން އޭނަ ބޭނުމެއް ނޫނެވެ.
އައިރާއަށް ކަރުނަވީ ދެލޮލުން ރިހާމްއަށް ބަލައިލެވުނެވެ. ލޯބިވާ ފިރިމީހާ އޭނައާ މެދު ޝައްކުކުރާކަން އެނގުމުން ހިތަށް އިންތިހާ ދަރަޖައިގެ ވޭނެއް ލިބުނެވެ. އައިރާއަށް ވިސްނައިލެވުނެވެ. އޭނައާއި ޒަހްރާންގެ ވީޑިއޯ ކުރީ ކާކުހެއްޔެވެ؟ ހިމޭންކަން އައިރާއަށް އިޚްތިޔާރުކުރެވިގެން ދިޔައީ ސިކުނޑީގައި އުފެދުނު ހައިޖާނުގަނޑުގެ ސަބަބުންނެވެ. އެކަމަކު އޭގެ މާނަ މިފަހަރުވެސް ރިހާމް ނެގީ މުޅީން ގޯސްކޮށެވެ.
"ކިހިނެއްވީ؟ ތެދެއްވީމަތަ އެއްޗެއް ނުބުނީ؟" ރިހާމް ސުވާލުކޮށްލިއެވެ. "އަހަރެން ހިޔެއްނުކުރަން އައިރާ...."
"ރިހާމް ޕްލީޒް. އަހަރެންގެ ބޮލުގައި ތިފަދަ އިލްޒާމެއް ނާޅުވާ. އިނދެގެން ދެ އަހަރުވީއިރުވެސް ރިހާމްއަށް އަހަންނެއް ނޭނގުނުތަ؟ ރިހާމްއަށް ހީވޭތަ އަހަރެން ރިހާމްއަށް ބޭވަފާތެރި ވެދާނެހެން؟ ހައު ކުޑް ޔޫ އީވެން ތިންކް ލައިކް ދެޓް؟ ކީއްވެތަ ތި ފަދަ އިލްޒާމުތަކެއް އަހަރެންގެ ބޮލުގަ ތިއަޅުވަނީ؟ ސުވާލުކޮށްފަ ވީގޮތް އޮޅުން ފިލުވާލިނަމަ..." އައިރާ ރިހާމްގެ ޖުމްލަ މެދު ކަނޑާލާ އަމިއްލަ ނަފްސު ދިފާޢުކުރަން ފެށިއެވެ.
"އޮޅުން ފިލުވަން އޮތީ ކޮން ކަމެއް؟ ލޯ ކުރިމަތިން މިދަނީ ހުރިހާކަމެއް ވެސް ހާމަވަމުންދާ. އަހަރެން ގެއަށް ނާންނާތީ އެކަމުގެ ނާޖާއިޒް ފައިދާ ވިއްޔަ އައިރާ ތިނަގަނީ... " ރިހާމްވެސް ދުލެއް ނުދިނެވެ.
"ހެޔޮނުވާނެ ރިހާމް. އެއްފަހަރުވެސް ވިސްނާލަބަލަ. ފެންނަ އެންމެ މަންޒަރަކުން ގޮތް ނުނިންމަބަލަ. އަހަންނާ މެދު ޝައްކުނުކޮށްބަލަ... ތި ވީޑިއޯގައި އަހަރެމެން ތިބީ ކޮންތާކުކަން ރިހާމް ބުނެދީބަލަ... އަހަރެމެން ތިބީ ތަނެއްގައި މާ ފޮޅުވަންތަ؟ ނޫނީ ބޭއަދަބީކަމެއް ކުރަންތަ؟ ނޫނީ އަހަރެމެން އުޅުނީ ދެ ލޯބިވެރިންހެންތަ؟ ރިހާމް ރަނގަޅަށް ބަލައިލި ނަމަ އެނގޭނެ އެއީ ހޮސްޕިޓަލު ބޭރުކަން..." ރިހާމްގެ ވާހަކަ މެދު ކަނޑާލީ އައިރާއެވެ. ފިރިމީހާގެ ކުރިމަތީގައި އަމިއްލަ ނަފްސު އެގޮތަށް ދިފާޢުކުރަން އޭނައަށް ހިތްވަރު ލިބުނީ ކިހިނެއްކަމެއް ވެސް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އަމިއްލަ ނަފްސުގެ ޢިއްޒަތާއި އަބުރު އެފަދަ ގޮތަކަށް ވެއްޔާ މޮޑެލަން ރިހާމްއަށް ފުރުސަތު ދޭން ބޭނުންނުވާކަމެވެ. ދެލޯ ފެންކަޅިވަމުން ދިޔަ ޙާލު އައިރާއަށް ރިހާމް ފެނުނީ ފުސްކޮށެވެ. އައިރާގެ ވާހަކައިން ރިހާމް ކުޑަ ހިނދުކޮޅަކަށް މަޑުޖެހުނު ނަމަވެސް، އެމޫނުމަތީގައިވި އަސަރުތަކަކަށް ބަދަލެއް ނާދެއެވެ.
"އަހަރެން ބަލިވެ އުޅޭކަން ރިހާމްއަށް ނޭނގެނީތަ؟ ހޮސްޕިޓަލަށް ދިޔައީ ޑޮކްޓަރަށް ދައްކަންވެގެން. އެ ގަޑީގައި ޓެކްސީއެއް ހޯދަން އުނދަގޫވީމަ އޭނަ އަހަންނަށް ހަމައެކަނި ލިފްޓެއް ދިނީ..." އައިރާއަށް ބުނެވުނެވެ.
"ދެކެ ފަރިތަ ނޫން މީހުންނަށް މި ޒަމާނުގައި މީހުން ކަންތައްތައް ކޮށްދޭތަ؟" ރިހާމްގެ ސިކުނޑި އައިރާގެ ވާހަކަތައް ޤަބޫލުކުރަން ދެކޮޅު ހެދިއެވެ. "އެއްވެސް މީހަކު އެދުމެއްނެތި ވެދުމެއް ނުކުރާނެ."
"އެކަނިމާއެކަނި އަހަރެން ވެސް ބަލިވެ އުޅޭތީ އޭނަވެސް އަހަންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނީ. އިންސާނިއްޔަތަށްޓަކައި. ރިހާމް ބުނެދީބަލަ! ރިހާމްގެ ފޯނަށް އަހަރެންގެ ކޯލެއް ނުލިބޭތަ؟ އަހަރެން ރޭގަ ރިހާމްއަކަށް ނުގުޅަންތަ؟ އަހަރެންގެ މިސްކޯލުތަކެއް ނުފެނޭތަ؟ އެއްފަހަރުވެސް ރިހާމްއަށް ފޯނު ނެގުނުތަ؟ އަހަރެންގެ ޙަޔާތުގެ ހުރި ހަމައެކަނި މީހަކީ ތީކަން އެނގޭ ޙާލުވެސް، ކުޑަ މިނުން ފަހުންވެސް ވީގޮތް އޮޅުންފިލުވާލާކަށް ރިހާމްއަކަށް ނުގުޅުނު. އަހަރެންވެސް އަހަރެންގެ ފިރިމީހާއަށް ބޭނުންވެޔޭ.. ލޯތްބަށްވެސް... ޝަކުވާނުކޮށް ހުންނަނީ ބޭނުންނުވާތީއެއް ނޫން... އެކަމަކު... ލޯބިވާތީ... ވަކިވާން ބޭނުންނުވާތީ..." އައިރާއަށް ފުރަތަމަ ފަހަރަށް ޝަކުވާ ކުރެވުނެވެ. ހިތުގެ އުދާސްތައް ފުރަތަމަފަހަރަށް ރިހާމްގެ ކުރިމަތީގައި ބަންޑުންކޮށްލެވުނެވެ. އޭރު އޭނަގެ ދެލޮލުގެ ތެރެއަށް ޖަމާވެފައި ހުރި ކަރުނަތައް ވެސް ކޯތާފަތް މައްޗަށް ފައިބައިގެން ހިނގައްޖެއެވެ.
"އަހަންނަށް ނުދޭވަގުތެއް ރިހާމް ކީއްވެތަ އެހެން މީހަކަށް ދެނީ؟ ކީއްވެތަ އަހަންނާ ދޭތެރޭ ފަރުވާކުޑަކުރަނީ؟ ކީއްވެތަ އަހަންނަށް ބޭފަތާތެރިވީ؟ އަހަންނަށް ފެނުނޭ އައި ފޯނު ކޯލު. އައި މެސެޖު... ކިތަންމެ ވަރަކަށްވެސް ސުވާލުކުރަން ބޭނުންވޭ... އަހަން ބޭނުންވޭ... އޮޅުން ފިލުވަން ބޭނުންވޭ... އަހަރެންގެ ކުށަކީ ކޮބާތަ؟ ރިހާމް އަހަރެންގެ ވަފާތެރިކަމާމެދު ސުވާލު އުފައްދާއިރު އެންމެ ފަހަރަކުވެސް އަމިއްލަ މީހާގެ އަމަލުތަކާ މެދު ވިސްނާބަލަ. ބޭވަފާތެރިވީ އަހެރެންތޯ ވިސްނާބަލަ... އަހަންނާ ދޭތެރޭ ކަންތައް ކުރެވޭ ނާއިންސާރުވެރިކަމާ މެދު އަމިއްލަ ހިތާ ސުވާލުކޮށްލަބަލަ! އަހަރެން އެކަނި މާ ޙާލަށް ދޫކޮށްލާފައި އެހެން އަންހެނުންނާއެކު ރިހާމް އުޅޭ އުޅުމާ މެދު އެއްފަހަރުވެސް ވިސްނާލަބަލަ! ރިހާމް އަހަންނާ ކައިވެނިކުރުމުގެ ކުރިން އަހަންނަށް ވީ ވައުދުތައް މަތިން އެއްފަހަރުވެސް ހަނދާންކޮށްލަބަލަ! އަހަރެންގެ މަންމައަކީ ކޮންމެ ކަހަލަ މީހަކަށް ވިޔަސް އަހަރެން ވިޔާނުދާކޮށް ނޫޅޭނެކަން ރިހާމްއަށް ހަމަ ނޭނގެނީތަ؟ އެވަރުގެ އިތުބާރެއްވެސް ނުކުރެވެނީތަ؟ ކީއްވެތަ އަހަންނަށް ޝައްކުކުރަނީ؟ މިހާ ދުވަސްވީއިރުވެސް ރިހާމްއަށް އަހަރެން ނޭނގުނީމަ ވަރަށް ދެރަވެއްޖެ. ދުވަހަކުވެސް ހިތުގައި ނުޖެހޭވަރަށް ހިތުގައިވެސް ޖެހިއްޖެ..... އަހަރެން ބަނޑުބޮޑޭ ރިހާމް... ރިހާމްގެ ދަރިއަކަށް... އަހަރެން ބޭނުމޭ މި ދަރިފުޅަށް ބައްޕައެއްގެ ލޯބިދޭން... އަހަންނަށް ނުލިބުނު އުފާތައް މި ދަރިފުޅަށް ދޭން ބޭނުމޭ... ރިހާމްއާއެކު އުފާވެރި ދިރިއުޅުމެއް ލިބޭނެކަމަށް ދެކެމުން އައި ހުވަފެންތައް މިހާރު ވިއްސި ވިހާލި ވެއްޖެ. ރިހާމް އަހަރެން ދޫކޮށްލައިފި. އަހަރެން މަތިން ފޫހިވެއްޖެ. އަހަންނަށް ޝައްކު ކޮށްފި...." އައިރާގެ ހިތުގެ ޝަކުވާތައް ދުލާ ހިސާބަށް އައުމުގައި ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. އެހުރިހާ ޝަކުވާއެއް ހުރީ އޭނަގެ ހިތުތެރޭގައެވެ. އެކަމުގެ ސަބަބުން ތޫނު ރިހުމެއް މޭގައި އުފެދިގެން ދިޔައެވެ. އައިރާއަށް ރިހާމްއަށް ބަލައިލެވުނެވެ. އެހިތުގެ އަޑު ރިހާމްއަށް އިވޭނެނަމައެވެ. އެންމެފަހަރަކުވެސް އޭނަގެ ހިތުގައި ރިހާމްގެ އޯގާތެރި އަތުން ފިރުމާލާނެ ނަމައެވެ. އޭނަގެ ހިތަށް ތަސައްލީއެއް ދޭނެ ނަމައެވެ.
"ރިހާމް ފޯނު ނެގިނަމަ އަހަރެން ގެއަށް އަންނާނީ ރިހާމްއާއެކީގަ." އައިރާ ބުނެލިއެވެ. ރިހާމްއަށް ވިސްނައިލެވުނެވެ. އައިރާ އެ ބުނީ ތެދު ވާހަކައެކެވެ. އައިރާގެ ފޯނު ކޯލެއް އޭނައަށް ރޭގައި ލިބުނެވެ. އެންމެ ކޯލެއް ނޫނެވެ. އެތަކެއް ކޯލެކެވެ. ފޯނަށް ޖަވާބު ނުދިނީ އޭނައެވެ. އެވަގުތު ދާނިޔާއާއެކު ހޭދަކުރަމުން އައި ލޯބީގެ ވަގުތުތަކަށް ނިމުން ގެންނަން ބޭނުންނުވާތީއެވެ. އެ ވަގުތުތަކުގެ ކުރިމަތީގައި އައިރާގެ ފޯނު ކޯލުތައް މުހިންމު ނުވީތީއެވެ. އައިރާ ދައްކާނެ ވާހަކަތައް އަޑު އަހަން ބޭނުންނުވީތީއެވެ. ރިހާމް ހިމޭންވިތަން ފެނުމުން އައިރާއަށް އިތުރަށް ވާހަކަ ދައްކަން ފުރުސަތު ލިބިގެން ދިޔައެވެ.
"އަހަރެން ހުވާކޮށްފަ މިބުނަނީ ރިހާމް ނޫން އެހެން ފިރިހެނަކާ ދޭތެރޭ އެފަދަ ގޮތަކަށް އަހަރެން ނުދެކެން. އަހަރެން ދެކެ ރިހާމް ކުޑަކޮށްވެސް ލޯބިވާނަމަ ތި ފަދަ ހުތުރު އިލްޒާމެއް އަހަރެންގެ ބޮލުގައި ނާޅުވާނެ. އެހެން އެއްވެސް ކަމަކުން ނުލިބޭ ފަދަ ވޭނެއް ތިކަމުން އަހަންނަށް ލިބިގެންދޭ..." އައިރާ ބުންޏެވެ. އޭނަ ރިހާމްއަށް އޭނަ ގޯސްގޮތަކަށް ނޫޅޭކަމުގައި ޔަޤީންކަން ދޭން ބޭނުންވީއެވެ. އައިރާ އަތުގެ ނުފުށުން ކަރުނަތައް ފުހެލިއެވެ. އޭނަ ރިހާމްއަށް ފުރަގަސްދެމުން މޭގައި އަތް އަޅައިލިއެވެ. ކެތްނުކުރެވޭވަރަށް މޭގައި ރިއްސަން ފެށިއެވެ. އައިރާ ހަމަޖެހެން މަސައްކަތްކުރިއެވެ.
"އަހަރެން ރިހާމްއަށް ވަރަށް އިތުބާރުކުރިން. ވަރަށް ބޮޑަށް. އެހެން އެއްވެސް މީހަކަށް ނުކުރާ ވަރަކަށް. އަހަރެން ހީކުރީ މުޅި ދުނިޔެ އަހަންނަށް ކެހިދިނަސް، ރިހާމް އަހަންނާއެކީ ހުންނާނެކަމަށް." އައިރާ މާނަފުން ޖުމްލައެއް ބުނެލިއެވެ. އެހެންނަމަވެސް އޭގެ މާނަ ވިސްނައިގަންނަން ރިހާމް ވަނީ ނުކުޅެދިފައެވެ. އޭނަ އަދިވެސް ހީކުރަނީ އައިރާއަށް އެއްވެސް ކަމެއް ނޭނގޭކަމުގައެވެ. އޭނަ ހިތުން އައިރާ އެހުންނަނީ އަދިވެސް އަނދިރީގެ ތެރޭގައެވެ. އޭނަ ނުބުނާހާ ހިނދަކު އެއްވެސް ކަމެއް އައިރާއަށް ނޭނގޭނެކަމުގައި ރިހާމް ހީކުރިއެވެ. އޭނަގެ ބޭވަފާތެރިކަންވެސް މެއެވެ. އައިރާގެ ވާހަކަތަކުން ރިހާމް ވެސް ހިމޭންވެއްޖެއެވެ.
"ރިހާމްއަށް އެނގޭތަ؟ އަހަރެން... އަހަރެން މީނީ ރިހާމްގެ ދަރިއަކަށް ބަލިވެޔޭ..." ހަމަޖެހިލުމާއެކު، އައިރާ ރިހާމްއާ ކުރިމަތިލިއެވެ. އޭރުވެސް ކަރުނައިގެ މުތީތައް އޭނަގެ ބޮޑު ދެލޮލުގައި ވިދަމުން ދިޔައެވެ. އައިރާގެ ވާހަކައާއެކު ރިހާމްއަށް ދެލޯ ބޮޑުކޮށްލެވުނުއިރު އޭނައަށް ލިބިގެން ދިޔަ ޝޮކާއެކު ސިކުނޑީގެ މަސައްކަތް ހިނދުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ.
"ކީކޭ؟" ރިހާމްއަށް ސުވާލުކޮށްލެވުނުއިރު، އޭނަގެ މޫނުމަތީން އުފާވެރިކަމުގެ އަސަރެއް ނުފެނެއެވެ. ފެނުނީ ފާޑެއްގެ ހުސްކަމެކެވެ.
"އަހަރެން ބަނޑުބޮޑޭ ރިހާމް.... މީ ރިހާމްގެ ދަރިއެކޭ... އަހަރެން ހޮސްޕިޓަލަށް ދިޔަ ސަބަބަކީވެސް މިއީ.." ރިހާމްގެ އަޑު މަޑުވެގެން ދިޔުމާއެކު އައިރާ ކުރިއަށް ޖެހިލާފައި، ރިހާމްގެ އަތް ނަގާފައި އޭނަގެ ބަނޑުގައި ޖައްސައިލިއެވެ.
(ނުނިމޭ)