ބާލީހަކުން މޫނު ފޮރުވައިލަމުން އިޒީ އެނދަށް ވެއްޓިގަތެވެ. ފުންކޮށް ވިސްނައިލިއެވެ. އެކި ހިޔާލުތަކުގެ ތެރެއިން އޭނާގެ ހަނދާނަށް އައީ، އޮފީހުގައި ހިނގި ކަންތައްތަކެވެ. ހިތަށް ސިފަވީ، ޔައިލްގެ ލުއި ހިނިތުންވުމެވެ. މޭޒުމަތީގައި ހުރި ކާއެއްޗެއްސާއި ބެހޭގޮތުން ސުވާލުކުރި ވަގުތު، ޔައިލްގެ މޫނަށް ވީގޮތް ސިފަވުމުން، އިޒީއަށް ބޭއިހުތިޔާރުގައި ހިނިތުންވެލެވުނެވެ.
********
"އިޒީ ދުވަހަކުވެސް އަހަންނަށް މާފެއް ނުކުރާނެ..." އާގިސާ ކަރުނަ ފޮހެލިއެވެ. "ހުރިހާވެސް މައްސަލައަކީ އަހަރެން... މަންމައަކަށް ވެ ހުރެ މަންމައެއްގެ ޒިންމާ އަދާނުކުރެވުނީމަ މިދުވަސް މި ދެއްކެވީ..."
"އަދި ހުރިހާ ކަމެއްވެސް ރަނގަޅުވާނެ... އަބަދު ދެން ތިހެން ޝަކުވާ ނުކުރޭ!..." ފަރުހާދު މަސައްކަތްކުރީ އާގިސާއަށް ވިސްނައިދޭށެވެ.
"އެދުވަހު އިޒީއަށް މަޖުބޫރު ނުކުރެވުނުނަމައޭ ހިތަށް އަރާ... އެދުވަހު އިދިކޮޅަށް ވާހަކަ ނުދެއްކުނުނަމަ އިޒީ އަހަރެން ކައިރީ ހުންނާނެ ކަންނޭނގެ... އެކުއްޖާ އަހަރެންގެ އެހީތެރިކަމަށް އެންމެ ބޭނުންވި ދުވަހު، އެހެން މީހުންނެކޭ އެއްގޮތަށް އަހަންނަށްވެސް އޭނަ ދުރުކޮށްލެވުނީ..." އާގިސާއަށް މޭގައި އަތް ޖައްސައިލެވުނީ ދިލަ ރިހުމެއް އިހުސާސް ކުރެވުމުންނެވެ.
ފަރުހާދު އޭނާގެ އަނބިމީހާގެ ގައިގައި ހިފަހައްޓައިލީ ނުހަނު ލޯބިންނެވެ. އޭނާއަށް ކުރެވޭނެހައިވެސް ކަމަކީ، އާގިސާގެ ހިތާމަތަކަށް ލުއިކަމެއް ހޯދައިދޭން ކައިރީގައި ހުރުމެވެ.
"އެ ދުވަހު އާގިސާވެސް ހުރީ އެހެން މީހެއްގެ އެހީތެރިކަމަށް ބޭނުންވެފައޭ... އެއީ އެއްވެސް ހާލެއްގަ އިޒީ ކުށްވެރިކުރަން އާގިސާ ކަންތައް ކުރިގޮތެއް ނޫނޭ... މިވާހަކަ ކިތައް ފަހަރުތަ ބުނަންވީ؟..." އާގިސާގެ ހިތަށް ފަރުވާކޮށްދޭން އަބަދު އެއް ވާހަކައެއް ދައްކާ،ދައްކާ ފަރުހާދު ވަރުބަލިވިއެވެ. "ދެން އެކަމާ ނުވިސްނާ... އިޒީއަށްވެސް އަދި އެދުވަހުގެ ހަގީގަތް އެނގޭނެ... އެދުވަހަކުން، ކުރީގެ ގާތްކަން ލިބޭނެ..."
ފަރުހާދުގެ ވާހަކަތަކުން އާގިސާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާ ވަނީ ކޮޓަރިއަށެވެ. އަލަމާރި ހުޅުވައިލިއެވެ. އަލަމާރިން ނެގީ އަލްބަމެކެވެ. ފަނަރަ އަހަރު ކުރީގެ ތަސްވީރުތައް އޭގައި ހުއްޓެވެ. އާގިސާ ހަލުވިކަމާއިއެކު ގަނޑުތައް އުކައިލިއެވެ. ހުރިހާ ތަސްވީރެއްގެ ތެރެއިން އޭނާ ބޭނުންވި ތަސްވީރު ފެނުމުން، އިނގިލިތަކުގައި މަޑު ތުރުތުރުލުމެއް އުފެދުނެވެ. އެއީ ފަނަރަ އަހަރު ކުރީގެ ތަސްވީރެކެވެ. ހުދު ޔުނިފޯމެއްގައި ހިނިތުންވެގެން ހުރީ ފުރާވަރުގެ އަންހެން ކުއްޖެކެވެ.
"ދައްތައަށް މާފުކުރޭ!..." އާގިސާ އެކުއްޖާގެ ތަސްވީރުގައި ފިރުމައިލިއެވެ. އޭރު އޭނާގެ ދެލޯ ކަރުނައިން ފުރިއްޖެއެވެ.
********
ފޯނުން ވާހަކަ ދައްކަމުން އޮފީހަށް ވަން ޔައިލްގެ ނަޒަރު ހުއްޓުނީ، ލިފްޓްގެ އިންތިޒާރުގައި ހުއްޓިލައިގެން ހުރި އިޒީއަށެވެ. އެހެން ދުވަސް ދުވަހެކޭ އެއްގޮތަށް އިޒީގެ މޫނުން ފެނުނީ ނުނިދާ އުޅުމުގެ އަސަރުތަކެވެ. އެ މޫނުގައި ދިރުމެއް ނެތެވެ.
ލިފްޓްގެ އިންތިޒާރުގައި ތިބި މީހުން އެކަކު އަނެކަކާއި ވާހަކަ ދައްކަމުންދިޔަ ނަމަވެސް، އިޒީގެ ނަޒަރު ހުއްޓިފައިވީ އޭނާގެ ފޯނަށެވެ. ޔައިލް ފޯނު ކުރުކޮށްލާފައި، ޖީބަށް ލިއެވެ. އިޒީގެ ކައިރިއަށް ދާން އުޅުނެވެ.
"ކޮބާ ނިއު ޖޮބް ކިހިނެއް؟..." ޔައިލް ސިހުނީ މީހަކު އޭނާގެ ކޮނޑުމަތީގައި އަތް ބާއްވައިލުމުންނެވެ.
ކައިރީގައި ހުރި ރިއުމާން ފެނުމުން ޔައިލްއަށް ހިނިތުންވެލެވުނެވެ. ރިއުމާނަކީ ޔައިލްގެ ގާތް އެކުވެރިއެކެވެ.
"ޔައިލް މޮޔަކަމުން ކުރި ކަމެއް އިނގޭ އެއީ..." ރިއުމާން ލޮލުގެ އިޝާރާތުން ދައްކައިލީ ލިފްޓްގެ އިންތިޒާރުގައި ހުރި އިޒީއެވެ.
"ކޮންއިރަކު ޗުއްޓީ ނިމުނީ؟..." ރިއުމާނާއި ސަލާން ކުރަމުން، ޔައިލް ސުވާލުކުރިއެވެ. އޭނާ މަސައްކަތްކުރީ ރިއުމާނުގެ ސަމާލުކަން އިޒީ ނޫން ކަމަކަށް ހުއްޓުވާށެވެ.
"އިއްޔެ..." ރިއުމާން ޖަވާބު ދިނެވެ. "ޗުއްޓީ އިތުރުކުރަން އުޅެފަ، ޔައިލް ނުކުތް ވާހަކަ ބުނީމަ އަވަހަށް މިނުކުތީ... ކީއްކުރަންތަ ދެން އޭނަ؟... އެކަކުވެސް އޭނަޔާ އެކީ ވޯކްކުރާކަށް ބޭނުމެއް ނުވޭ... އޭނަ ކައިރީ އެއްވެސް ފިރިހެން މުވައްޒަފަކަށް ނޫޅެވޭ.. ބަރާބަރު ދެތިން ދުވަސް ވާނީ... ވަޒީފާއިން ވަކިވެގެން އެމީހަކު ނައްޓާލާނެ... އަޑުއެހިން ޔައިލް ރިކުއެސްޓް ކޮށްގެންނޭ އެތާ ވޯކް ކުރާ ގޮތަށް ހަމަޖެއްސީ؟... އަނެއްކާ ކުރީގެ ކަމެއްތަ؟... އެހެންވިޔަސް، ތީ ވަރަށް މޮޔަ ކަމެއް އިނގޭ... ރައްޓެއްސެއްގެ ހައިސިއްޔަތުން މިބުނީ..."
ރިއުމާންގެ ސަމާލުކަން އެހެން ކަމަކަށް ހުއްޓޭގޮތެއް ނުވިއެވެ. އޭނާ އިޒީގެ ވާހަކަ ހުއްޓައެއް ނުލިއެވެ. ލިފްޓު ހުޅުވުމުން، އެންމެން ލިފްޓަށް ވަންނަން ދިޔައީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. އެއިން މީހެއްގެ ގައިގައި ޖެހިދާނެތީ، އިޒީ ޖެހުނީ ފަހަތަށެވެ.
"މޮޅަށް ކިޔަވައިގެން ހުއްޓަސް، ފޮނި އަންހެންކުއްޖެއް... ބަލާބަލަ އެ އުޅޭގޮތް... އެ އުޅެނީ ހިރަފުސްކޮޅެއް ގައިގަ ޖެހިދާނެތީ އުޅޭހެން..." ރިއުމާން ދެފަރާތަށް ބޯ ހޫރައިލިއެވެ. "އަހަރެން ބުނާނެކަށް ވާހަކައެއް ނެތް... ތިތާ ވޯކް ކުރަން ބޭނުމިއްޔާ، އޭނައަށް ސަމާލުވެގެން އުޅޭތި!..."
އެންމެން ލިފްޓަށް ވަންއިރުވެސް އިޒީ ހުރީ ދުރުގައެވެ. ރިއުމާން ބުންޏަސް، ޔައިލްއަށް ފެނުނީ އިޒީގެ ފޮނިކަމެއް ނޫނެވެ. އިޒީގެ ކަންބޮޑުވެފައިވާ މޫނުން ހާމަކޮށްދިނީ އެހެން ކަމެކެވެ. ބިރާއި، ސިހުމެވެ. އެހެން މީހުންދެކެ އޭނާ ޖެހިލުންވާކަމެވެ. އެކަން ފޮރުވަން އިޒީ ކިތަންމެ މަސައްކަތް ކުރިޔަސް، ޔައިލްއަށް އެ ދެލޮލުގެ ސިއްރު އެނގޭފަދައެވެ. ސަބަބެއް އޮވެގެން ނޫނީ މީހަކަށް އެވަރުގެ ބަދަލެއް ނާންނާނެއެވެ. ޔައިލްގެ ހިތުގައި އިޒީ އާއިމެދު އުފެދިފައިވި ޝައުގުވެރިކަން އެހެން ހަރުފަތަކަށް ބަދަލުވެގެން ދިޔައެވެ.
"ރިއުމާން ދޭ... އެންމެންނަށް އެއްފަހަރާ ލިފްޓަށް ނޭރޭނެއެއްނު... އަހަރެން މަޑުކޮށްފާނަން..." ޔައިލް ބޭނުންވީ ރިއުމާން ފޮނުވައިލާށެވެ.
ލިފްޓްގެ ދޮރު ލެއްޕުމުން އިޒީ އިސް އުފުލައިލިއެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އިޒީގެ އެ ހަމަޖެހުން ދެމިގެންދިޔައީ ސިކުންތުކޮޅަކަށެވެ. ކައިރީގައި ހުއްޓުނު ޔައިލް ފެނުމުން، އޭނާ އަވަސް އަވަހަށް އިސްޖަހައިލިއެވެ.
"ގުޑް މޯނިންގް..." ޔައިލް ހުރީ ހިނިތުންވެގެންނެވެ.
އިޒީ ޖަވާބެއް ނުދެއެވެ. އަޑު ނީވޭކަމަށް ހަދައިގެން ހުރީއެވެ. ލިފްޓުގައިވެސް ދެމީހުންގެ ދެމެދުގައި އިތުރު ވާހަކައެއް ނުދެކެވެއެވެ. ޔައިލް ވިސްނީ އިޒީގެ އެ ހިމޭންކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކާއި މެދުގައެވެ.
އިޒީ ފެނުމުން ސާރާ ފުންމައިގެން ތެދުވީ ކުށެއް ކުރެވިގެން ތެދުވާ ހެންނެވެ. އިޒީގެ ފަހަތުން ކަހަލަ ގޮތަކަށް އޭނާ ކެބިންއަށް ވަނެވެ.
"މިސްޓޭކެއް ހެދިއްޖެ..." ސާރާގެ ހުރީ ފެންކަޅިވެފައެވެ. އިޒީ އާއި ހަތަރުކަޅި ހަމަކުރާކަށް އޭނާއަކަށް ނުކެރުނެވެ. "ނުބައި ރިޕޯޓެއް ސަބްމިޓް ކުރެވިއްޖެ..."
ޔައިލް ވަނުމުން، ސާރާ ދައްކަން ހުރި ވާހަކަ މެދުކަނޑައިލިއެވެ. ޔައިލްއަށް އެ އަޑު އިވޭކަށް އޭނާ ބޭނުމެއް ނުވިއެވެ.
"މިސްޓޭކަކީ ރަނގަޅު ކުރެވޭނެ އެއްޗެއް..." ސާރާއަށް ބަލައިލުމެއްނެތި އިޒީ ބުނެލިއެވެ.
ސާރާ ކަންބޮޑުވެފައި ޔައިލްއަށް ބަލައިލިއެވެ. ޔައިލް ފަހަރަކު މީހަކަށް ބަލައިލާފައި ގޮސް އޭނާގެ މޭޒު ކައިރީގައި އިށީނެވެ.
"ދެން ކިހިނެއްތޯ މާދަމާ ބާރައިގެ ކުރިން އެ ރިޕޯޓު ނިންމާނީ؟... އަޅުގަނޑު ކަހަލަ އާ ސްޓާފަކަށް އެހާ ބޮޑު ރިޕޯޓެއް ނިންމަން ތިން ދުވަސްވަރު ނަގާނެ... އަޅުގަނޑުގެ މަންމަވެސް ބަލި.. ޑިއުޓީ ނިންމާގޮތަށް ހޮސްޕިޓަލަށްވެސް ދާންޖެހޭ..." ސާރާ ވާހަކަ ދެއްކީ ހަމައެކަނި އިޒީއަށް އިވޭ ވަރަށެވެ. "ފްރޮބޭޝަން މުއްދަތު ނިމެން ބާކީ ހަފްތާއަކަށްވެފަ އޮއްވާ މިހެން މިވީ... ދެން ނޭނގެ ޖޮބް ދާއިމީވާނެކަމެއްވެސް..."
ސާރާގެ ދެލޮލަށް ގިނަވި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބަން ފެށުމުން، އަވަސް އަވަހަށް ފޮހެލިއެވެ. އެމަންޒަރުން އިޒީގެ ހިތަށް އުނދަގޫ ވިއެވެ.
"މިސްޓޭކް ހެދުނީމަ މިސްޓޭކް ރަނގަޅު ކުރާނީ... މިހާރު ފަށައިގެންވެސް ގަޑިއަށް ނިންމާލެވޭތޯ ބަލާ..." މަޑުމައިތިރި ރާގަކަށް އިޒީ ބުނެލިއެވެ.
އިޒީގެ ޖުމުލައިން ސާރާއަށް ލިބުނީ މާޔޫސްކަމެވެ. އެ އަޑު އިވުމުން، ޔައިލްވެސް ސާރާއަށް ބަލައިލީ ހަމްދަރުދީގެ ނަޒަރަކުންނެވެ. ސާރާ ބޭނުންވީ އިޒީގެ އެހީތެރިކަންކަން ޔައިލްއަށް އެނގުނެވެ.
އިރުއޮއްސުނުއިރު، އޮފީސްތެރެ މުޅީންހެން ހިމޭންވެއްޖެއެވެ. ވަރުބަލިވެފައިވާ އިޒީގެ އިނގިލިތަކުގެ މަސައްކަތް ހުއްޓުމަކަށް ނާދެއެވެ. ދެ ކޮފީ ހިފައިގެން ކެބިންއަށް ވަން ޔައިލް، އިޒީއަށް ފުން ނަޒަރެއް ދިނެވެ. މަސައްކަތުގައި އިންނައިރު، އިޒީގެ މުޅި ނަފުސު އެކަމުގެ ތެރެއަށް ގެނބިފައިވާ ކަހަލައެވެ.
އިޒީ ގެންގުޅުނު ފަންސޫރު ކަންފަތް ދަށަށް ޖަހާލައިގެން އިންއިރު، މޭޒުމަތި ފުރިފައިވީ، ފައިލުތަކުންނެވެ. މުޅީންވެސް ސާރާ ބަލަހައްޓަމުންދިޔަ ފައިލުތަކެވެ. އެހެން މީހުން އަރާމުކުރާ ވަގުތު އިޒީ އެތަނުގައި އިނީ އެހެން މުވައްޒަފެއްގެ ކުށަކުން ވީ ކަމެއް އިސްލާހުކުރާށެވެ. ވަރުބަލިވިޔަސް، އަމިއްލަ ނަފުސާއި ދެކޮޅަށް ތެދުވެ އިނީ އެ މުވައްޒަފު ސަލާމަތް ކުރާށެވެ. ޔައިލްގެ ހިތް ތައުރީފުން ފުރުނެވެ. ބޭރުފުށުން ހަރުކަށި އެ އަންހެން ކުއްޖާއަކީ މަޑު ކަފަކޮޅެއްފަދަ ނާޒުކު ކުއްޖެކެވެ. އެއީ ހަމައެކަނި އޭނާއަށް އެނގޭ ސިއްރެކެވެ.
ޔައިލްގެ ތޫނު ނަޒަރު އިޒީގެ ހަށިގަނޑަށް ދަތުރުކޮށްލިއެވެ. ހެނދުނު އޮމާންކޮށްލާފައިވާ އިޒީގެ ފަން އިސްތަށިގަނޑު އޮތީ ތަރުތީބު ގެއްލިފައެވެ. މޭކަޕުގެ އަސަރެއް މިހާރު އެ މޫނުގައި ނެތެވެ. އެހެނަސް، އިޒީގެ ރީތިކަމަށް ފަނޑުކަމެއް ނާދެއެވެ. މޫނުން ފެނުނީ މައުސޫމުކަމެވެ.
ޔައިލް އައިސް ކުރިމަތީގައި ހުއްޓުނުއިރުވެސް އިޒީއަށް ރޭކާނުލައެވެ. ކޮންޕިއުޓަރުން ޓައިޕްކުރަން އިނދެފައި އަތް ދޫކޮށްލި ވަގުތު، ޔައިލް ފެނިފައި އިޒީ ދިޔައީ ސިއްސައިގެންނެވެ.
"ހީކުރީ އަހަރެން މީ ފުރޭތައެއް ކަމަށްތަ؟.." ކޮފީތަށި މޭޒުމަތީގައި ބައިންދަމުން ޔައިލް ބުނެލިއެވެ.
"ގެއަށް ނުދަންތަ؟.." އިޒީ ހައިރާންވެފައި ގަޑި ބަލައިލިއެވެ. އޭނާ ހީކުރީ ޔައިލް ގެއަށް ދިޔައީ ކަމަށެވެ.
"ނިންމަންޖެހޭ މަސައްކަތް ހުރީމަ..." ޔައިލް ހެދީ ދޮގެއްކަން އިޒީއަށް އެނގޭނެކަން އޭނާއަށް އެނގެއެވެ.
"ދޮގު ހަދަން ދަސްކުރަނީތަ؟..." އިޒީ ދެފަރާތަށް ބޯ ހޫރައިލިއެވެ.
ޔައިލްގެ ކައިރިއަށް ހިނި އައެވެ. އެވަރަށްވެސް އިޒީ އޭނާ އާއި ވާހަކަ ދައްކަފާނޭ ކަމަށް އޭނާ ހިއެއް ނުކުރެއެވެ.
"މާދަމާ ހެނދުނު ސާރާ އައިސް ހީކުރާނީ ތި ރިޕޯޓް އަމިއްލައަށް ލިޔެވިފަ އޮތީ ކަމަށް..." ލޮލުގެ އިޝާރާތުން އިޒީ ކުރަން އިން މަސައްކަތް ދައްކައިލަމުން ޔައިލް ބުނެލިއެވެ.
އިޒީ އެއްޗެއް ނުބުނެއެވެ. އަނެއްކާވެސް ޓައިޕްކުރަން ފެށިއެވެ. އިޒީގެ މަސައްކަތްތަކަށް ބަލަން ޔައިލް އެތައް އިރަކު އިނެވެ. އެންމެފަހުން ވަރުބަލިވެގެން ތެދުވިއެވެ. އޭރު އިޒީ ރިޕޯޓު ނިންމާފައި ޕްރިންޓް ކުރަނީއެވެ.
"އޭނަ އެހީތެރިކަމަށް އެދުނުގަޑީ ތިކަން ކޮށްނުދިނީ ކީއްވެ؟..." ޕްރިންޓްވި ގަނޑުތައް ހިފައިގެން އިޒީ އެނބުރުނު ވަގުތު، ޔައިލް ބުނެލިއެވެ.
އެހާ ކައިރިން ޔައިލް ފެނުމުން އިޒީ ސިހުނެވެ. ޔައިލްގެ ގައިގައި ޖެހިދާނެތީ، އޭނާ ފަހަތަށް ޖެހިލީ، ޖެހިލުންވެ ހުރެއެވެ. ޔައިލްއަށް އެކަން އިހުސާސްވުމުން، އަވަހަށް އިޒީ އާއި ދުރަށް ޖެހުނެވެ.
"އޭނަ އެއްވެސް އެހީތެރިކަމަކަށް ނޭދޭ..." އިޒީ މަސައްކަތްކުރީ ޔައިލް އާއި ހަތަރުކަޅި ހަމަނުކުރާށެވެ. "އަހަރެން ބުނެދިނީ ކަން ކުރަންވީ ގޮތް..."
"އެކި މީހުން އެހީތެރިކަމަށް އެދޭނީ އެކި ގޮތަށް... ދެން އެންމެ ރަނގަޅު، ކީއްވެ މިހާރު ތި ހެލްޕް ވަނީ؟... އެންމެން ގެއަށް ދިޔާމަ ސިއްރުން ކީއްވެ؟..." ޔައިލް މަސައްކަތްކުރީ އިޒީ އާއި ހަތަރުކަޅި ހަމަކުރާށެވެ. އިޒީ އެ ފުރުސަތެއް ނުދިނެވެ. "ތި ސިފަ އެހެން މީހަކަށް ދައްކަން ބޭނުން ނުވާތީދޯ އޭނަ ކައިރީ ހެލްޕް ވާނަމޭ ނުބުނީ..."
"ނޯ..." އިޒީ ދެކޮޅު ހެދިއެވެ.
"ޔެސް..." ޔައިލް ބުނެލިއެވެ.
"އަހަރެން މިކަން މި ކުރަނީ އޭނައަށް ހެލްޕްވާކަށް ނޫން... މީ އަހަރެންގެވެސް ޒިންމާއެއް ވީމަ..." އިޒީ މަސައްކަތްކުރީ ދިފާއުވާށެވެ.
"ތި އުޅެނީ ބޭރުފުށުން ހަރުކަށިކަން ދައްކައިގެން... އެއީ އަސްލު ސިފައެއް ނޫން... ގޯސް މީހަކުނަމަ، އެންމެންނަށް ސިއްރުން މީހަކަށް އެހީއެއް ނުވާނެ.." ޔައިލް މަސައްކަތްކުރީ އިޒީގެ ހިތް ހުޅުވާށެވެ. "ތި ރިޕޯޓު ނުފޮނުވައިގެން އޭގެ ގެއްލުން ވާނީ އެ މުވައްޒަފަށް... ތި ރަނގަޅުކުރީ އޭނަގެ މިސްޓޭކެއް... ކީއްވެ؟... އެއީ އޭނައަށް ކެއާ ކުރާތީ... އޭނަގެ ޖޮބު ގެއްލެން ބޭނުން ނުވާތީ... އެހެންނު؟..."
އިޒީ ވިސްނައިލިއެވެ. ޔައިލްއަކީ ނުރައްކާތެރި މީހެކެވެ. އިޒީގެ ހިތުގައި ކަފުންކޮށްފައި ހުރި ސިއްރުތައް ހުދު އޭނާއަށްވެސް ނޭނގެއެވެ. އެތައް އަހަރެއް ކުރިން އޭނާ ވަނީ އަމިއްލަ އިހުސާސްތައް ހިތުގެ އެންމެ ފުނުގައި ވަޅުލާފައެވެ. އެ އިހުސާސްތަކުގެ މައްޗަށް އޭނާ އުފަންކުރުވީ، ހަރުކަށި ކަމެވެ. ވީއިރު، ޔައިލްއަށް އެކަން އެނގެންވީ ކީއްވެ ހެއްޔެވެ؟ އެ ކަންކަން ތިލަކުރަން މަސައްކަތް ކުރަނީ ކީއްވެ ހެއްޔެވެ؟
ޔައިލް ދިޔުމުންވެސް އިޒީ އެތައް އިރަކު އޮފީހުގައި އިނެވެ. ޔައިލް ދެއްކި ވާހަކަ އާއިމެދު ފުންކޮށް ވިސްނިއެވެ. ޔައިލް ބުނިހެން އިޒީއަކީ އޯގާތެރި މީހެއް ހެއްޔެވެ؟ ނޫނެކެވެ. އިޒީގެ އެ ސިފަ ހުރިނަމަ، މިއަދު އޭނާ އެކަނި ނުހުރީހެވެ. ގާތުގައި މީހުން ތިބީހެވެ. އަމިއްލަ މައިންބަފައިންނާއި އޮތް ގުޅުން ރަނގަޅުވީހެވެ. ރަހުމަތްތެރިއަކަށްވިޔަސް، އިޒީ އެމީހަކު ބަހައްޓަނީ ވަކި ހިސާބެއްގައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އޯގާތެރިވުމަކީ އެމީހެއްގެ ބޭނުން ނާޖާއިޒުގޮތުގައި ހިފުމަށް ބަޔަކަށް ދެވޭ ފުރުސަތެކެވެ. އިޒީގެ ދިރިއުޅުމުގައި އެ ފުރުސަތެއް ނެތެވެ.
********
ފެންވަރައިގެން ނުކުމެ ލޯގަނޑުގެ ކުރިމަތީގައި ހުއްޓުނު ވަގުތު، އިޒީގެ ބޮލަށް ތޫނު ތަދެއް އެރިއެވެ. އިޒީ ލޯ މަރާލީ، އެ ތަދު ނިތްކުރިމަތިން ތިރިއަށް ފައިބާހެން ހީވުމުންނެވެ. ތެމިފައިވާ އިސްތަށިގަނޑުގައި އަތް ހިންގައިލި ވަގުތު އިޒީގެ ހަނދާނަށް އައީ މީގެ ފަނަރަ ވަރަކަށް އަހަރު ކުރީގެ ހާދިސާއެކެވެ.
ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރޭގައި އިޒީ ދުވަމުން ދިޔައިރު، ލައިގެން ހުރި ޔުނީފޯމު ވަނީ ތެމި ފޯވެފައެވެ. އަނދިރިކަން ވެރިވެފައިވާ ގޯޅިތެރެ ފަޅެވެ. ދުއްވާ އެއްޗެއް ނެތެވެ. އިޒީގެ ފަހަތުން މީހަކު ދުވަމުން އައީ ވަރަށް ބާރަށެވެ.
(ނުނިމޭ)