ރެޑްބުލް 2 ދަޅާއި ވަކިލާރި ދަޅެއް ވަގަށް ނެގި މީހަކު ޖަލަށް

ފިހާރައެއް ކައިރީ ބަޔަކު މަޑުކޮށްލައިގެން: ރެޑްބުލް 2 ދަޅާއި ވަކިލާރި ދަޅެއް ވަގަށް ނެގި މީހަކު ޖަލަށްލާން ހުކުމްކޮށްފި -- ސަން ފޮޓޯ/ ހުސައިން އާއިޝް އަޝްރަފް

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މާލޭގެ ފިހާރައަކަށް ވަދެ ދެ ރެޑްބުލް ދަޅާއި ވަކިލާރި ދަޅެއް ވަގަށް ނެގި މައްސަލައެއްގައި ހދ. ކުޅުދުއްފުށީ މީހަކު ޖަލަށްލުމަށް ހުކުމްކޮށްފިއެވެ. މި މީހާގެ މައްޗަށް ދައުލަތުން އުފުލި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާއާއި ވައްކަން ކުރުމުގެ ދައުވާއަށް އޭނާ ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ. އިއުތިރާފުވުމާ ގުޅިގެން ލުއި އަދަބެއްގެ ގޮތުން ޖުމްލަ ތިން މަހާއި އަށާރަ ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

  • މާލޭގެ ފިހާރައަކުން ދެ ރެޑްބުލް ދަޅާއި ވަކިލާރި ދަޅެއް ވަގަށް ނެގުން.
  • ދައުވާ ލިބުނު މީހާ ކުށަށް އިއުތިރާފުވެ ދައުލަތާއެކު އެއްބަސްވުމެއް ހެދުން.
  • ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި 2 މަހާއި 12 ދުވަހުގެ ހުކުމެއް އިއްވުން.
  • ވައްކަން ކުރުމުގެ ކުށުގައި 1 މަހާއި 6 ދުވަހުގެ ހުކުމެއް އިއްވުން.
  • ބަންދުގައި ހޭދަކުރި 13 ދުވަސް ހުކުމުގެ މުއްދަތުން އުނިކުރުން.

މާލޭގެ ފިހާރައަކުން ރެޑްބުލް ދެ ދަޅާއި، ވަކިލާރި ފުޅިއެއް ވަގަށް ނެގި މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.

މިއީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މާލޭގައި ހިނގި ވައްކަމުގެ ހާދިސާއެކެވެ. މި މައްސަލައިގައި ދައުލަތުން ދައުވާކުރީ، ހދ. ކުޅުދުއްފުށީ މީހަކާ ދެކޮޅަށެވެ.

ދައުލަތުން މި މައްސަލައިގައި އުފުލާފައި ވަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއާއި ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ފަތިހު، އަސުރުމާގޯޅީގައި ހުންނަ ފިހާރައަކުން ވައްކަން ކުރި މި މައްސަލައިގެ ޝަރީއަތުގައި ދައުވާ ލިބުނު މީހާ ވަނީ ދައުވާއަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދައިފައެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ދައުވާ ލިބުނު މީހާ ވަގަށް ނަގާފައި ވަނީ، އެ ފިހާރައިގެ އައިސް އަލަމާރިން ދެ ރެޑްބުލް ދަޅާއި ފިހާރައިގެ ކައުންޓަރު މަތިން ވަކިލާރި ދަޅެކެވެ.

ދައުލަތުން ދައުވާ ކުރި ދެ މައްސަލައިގެ ތެރެއިން އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ ސާބިތުވުމުން، ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. އެއީ، އިއުތިރާފުވުމުން އިއްވި ލުއި އަދަބެކެވެ.

ވައްކަމުގެ މައްސަލައިގައި އިއްވީ، އެއް މަހާއި ހަ ދުވަހުގެ ހުކުމެވެ. އެއީ ވެސް އިއުތިރާފުގެ އެއްބަސްވުމާއެކު އަދަބު ލުއިކޮށްދިނުމުންނެވެ.

މި ދެ މައްސަލައިގައި އިއްވި ހުކުމުގެ މުއްދަތުން، ދައުވާ ލިބޭ މީހާ ބަންދުގައި ހުރި މުއްދަތު އުނިކުރާނެކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެއީ، 13 ދުވަސް ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް