އިންފަންޓީނޯގެ މެސެޖް: ''އީރާނު ޖެހޭނީ ވޯލްޑް ކަޕަށް އަންނަން''

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ--

އެމެރިކާއާއި އީރާނާ ދެމެދު ހަ ހަފުތާއަށް ދެމިގެންގޮސްފައިވާ ވަރުގަދަ ހަނގުރާމައެއް ހިނގަމުންދިޔަ ނަމަވެސް، މިއަހަރު އެމެރިކާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި އީރާން "ޖެހޭނީ ވޯލްޑް ކަޕަށް އަންނަން'' ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

މި ހަނގުރާމައަކީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ފެއްޓެވި ހަނގުރާމައެކެވެ.

ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމަކަށް ނާދެވި ހަނގުރާމަ ކުރިއަށްދާއިރު، އިންފަންޓީނޯ ސީއެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އީރާން ޓީމު މުބާރާތަށް އަންނާނެކަން ކަށަވަރު ކަމަށާއި، ކުޅިވަރަކީ ސިޔާސީ ކަންކަމާ ވަކިކުރެވިފައިވާ އެއްޗަކަށް ވާންޖެހޭނެ ކަމަށެވެ.

ނަމަވެސް، މި ދަތުރުގެ ރައްކާތެރިކަމާމެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސުވާލު އުފައްދަވާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާން ޓީމުގެ ކުޅުންތެރިންގެ ފުރާނައާއި ސަލާމަތަށް ބަލާއިރު، މިވަގުތު އެމެރިކާއަށް އައުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫނެވެ.

މީގެ ރައްދުގައި އީރާނުގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ދުންޔާމާލީ ވިދާޅުވީ މިފަދަ ހާލަތެއްގައި އެއްވެސް ގޮތަކަށް މުބާރާތުގައި ބައިވެރިވެވެން ނެތް ކަމަށެވެ. އީރާނުން ވަނީ އެގައުމުގެ މެޗުތައް މެކްސިކޯއަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް، ފީފާއިން ވަނީ މިދިޔަ ހަފުތާގައި އެ ހުށަހެޅުން ބޭރުކޮށްލާފައެވެ.

މި މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި "ޝަޓްލް ޑިޕްލޮމަސީ" ނުވަތަ މެދުވެރިއެއްގެ ދައުރު އަދާކުރައްވަމުން އިންފަންޓީނޯ ވަނީ ދާދި ފަހުން ތުރުކީގެ އަންޓަލިއާގައި ކޭމްޕް ކުރަމުންދާ އީރާން ޓީމާ ބައްދަލުކުރައްވާފައެވެ.

އޭނާ ވިދާޅުވީ އީރާނަކީ ހުނަރުވެރި ޓީމެއް ކަމަށާއި، އެމީހުން މުބާރާތުގައި ކުޅެން ބޭނުންވާ ކަމަށެވެ. އިންފަންޓީނޯ ގަބޫލުކުރައްވާ ގޮތުގައި އެހެން އެއްވެސް ބަޔަކު ގައުމުތަކުގެ ދެމެދުގައި ގުޅުން ބަދަހިކުރަން ބޭނުން ނުވި ނަމަވެސް، ފީފާއިން އެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެއެވެ.

ތާވަލު ރޭވިފައިވާ ގޮތުން އީރާން ޓީމު ޖޫން މަހު އެމެރިކާއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގައުމުގެ ފުރަތަމަ މެޗުތައް ލޮސް އެންޖެލިސްގައި ނިއުޒީލޭންޑް އަދި ބެލްޖިއަމްއާ ދެކޮޅަށް ކުޅުމަށްފަހު، މިސްރާއި ދެކޮޅަށް ކުޅުމަށް ސިއެޓްލްއަށް ދަތުރުކުރުމަށް ވަނީ ރޭވިފައެވެ.

ނަމަވެސް، ހަނގުރާމައިގެ ހިޔަނި މުޅި މުބާރާތަށް އެޅިފައިވާއިރު، އީރާން ޓީމު ހަގީގަތުގައި އެމެރިކާއަށް ދާނެތޯ މިއީ އަދިވެސް އޮތް ބޮޑު ސުވާލެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު