ހަނގުރާމައިގެ ސަބަބުން ހަކަތަ ފެސިލިޓީތައް މަރާމާތު ކުރުމުގެ ޚަރަދު 58 ބިލިއަން ޑޮލަރަށް އަރާފާނެ: ރިޕޯޓް

ގަތަރުއެނާޖީގެ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) އުފެއްދުމުގެ ވަސީލަތްތައް.ފޮޓޯ/ރޮއިޓާސް

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހަކަތައާއި ތެލުގެ އިންފްރާސްޓްރަކްޗަރަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކުރުމަށް 58 ބިލިއަން ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކުރަންޖެހިދާނެކަމަށް ރިސްޓަޑް އެނާޖީން ލަފާކޮށްފިއެވެ. މީގެ ތިން ހަފުތާ ކުރިން މި އަދަދު 25 ބިލިއަން ޑޮލަރުގައި އުޅުނު ނަމަވެސް، މިހާރު މި އަދަދު ވަނީ ދެގުނައަށްވުރެ އިތުރުވެފައެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އީރާނަށެވެ. އެގައުމުގެ ފެސިލިޓީތައް މަރާމާތުކުރުމަށް އެކަނިވެސް 19 ބިލިއަން ޑޮލަރު ހޭދަވާނެކަމަށް ބެލެވެއެވެ.

  • ހަކަތަ ފެސިލިޓީތައް މަރާމާތުކުރުމުގެ ޖުމުލަ ޚަރަދު 58 ބިލިއަން ޑޮލަރަށް އަރާފާނެކަމަށް ލަފާކުރުން.
  • އެންމެ ބޮޑު ގެއްލުމެއް އީރާނަށް ލިބިފައިވާއިރު، މަރާމާތަށް 19 ބިލިއަން ޑޮލަރު ބޭނުންވުން.
  • ގަތަރުގެ ރަސް ލައްފާން އިންޑަސްޓްރިއަލް ހަބް މަރާމާތުކުރުން ޓެކްނިކަލް ގޮތުން އުނދަގޫވާނެކަން ފާހަގަކުރުން.
  • މެދުއިރުމަތީގެ 80 އަށްވުރެ ގިނަ ފެސިލިޓީއަށް ގެއްލުންވެފައިވާއިރު، މަރާމާތަށް 2 އަހަރު ނަގާފާނެކަމަށް އައިއީއޭއިން ބުނުން.

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ހަކަތައާ ގުޅުން ހުރި އިންފްރާސްޓްރަކްޗަރު މަރާމާތުކުރަން 58 ބިލިއަން ޑޮލަރު ހޭދަކުރަން ޖެހިދާނެ ކަމަށާއި ހަކަތައާއި ތެލުގެ ފެސިލިޓީތަކަށް އެކަނި ވެސް 50 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ރިޕޯޓެއްގައި ބުނެފިއެވެ.

ހަކަތައާބެހޭ ރިސާޗް ކުންފުންޏެއް ކަމަށްވާ ރިސްޓަޑް އެނާޖީން ކޮށްފައިވާ މި އަންދާޒާއަކީ މީގެ ތިން ހަފުތާ ކުރިން، ދިރާސާކުރާ ފަރާތްތަކުން ލަފާކުރި 25 ބިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެކެވެ.

ރިސްޓާޑްއިން ބުނީ މަރާމާތު ކުރުމަށް ޖުމުލަ ޚަރަދު އެވްރެޖްކޮށް ގާތްގަނޑަކަށް 46 ބިލިއަން ޑޮލަރަށް އަރާނެ ކަމަށާއި އެންމެ ބޮޑު ހިއްސާއެއް ހިއްސާކުރަނީ ޑައުންސްޓްރީމް ރިފައިނިން އަދި ޕެޓްރޯކެމިކަލް އެސެޓްތައް މަރާމާތު ކުރުމަށް ކަމަށެވެ.

ސިނާއީ، ކަރަންޓް، އަދި ޑީސެލިނޭޝަން އެސެޓްތަކުގެ ސަބަބުން އިތުރު ތިން ބިލިއަން ޑޮލަރަށް ހަރަދު އިތުރުވެދާނެ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އެންމެ ބޮޑު ގެއްލުމެއް އީރާނަށް ކުރިމަތިވެފައިވާއިރު، އެ ގައުމުގެ ފެސިލިޓީތައް މަރާމާތު ކުރުމުގެ ޚަރަދު 19 ބިލިއަން ޑޮލަރަށް އަރާނެ ކަމަށާއި ގޭސް ޕްރޮސެސިން، ރިފައިން އަދި އެކްސްޕޯޓް އިންފްރާސްޓްރަކްޗާއަށް އަސަރު ކުރާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މިއާ ހިލާފަށް ގަތަަރަށް ކޮށްފައިވާ އަސަރު ޓެކްނިކަލް ގޮތުން ބަލާއިރު މާ ބޮޑުވާނެ ކަަމަށާއި ޚާއްސަކޮށް ގަތަރުގެ ރަސް ލައްފާން އިންޑަސްޓްރިއަލް ހަބް މަރާމާތުކުރުމުގެ މަސައްކަތް އުނދަގޫ އަދި ޚަރަދު ބޮޑުވެދާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިސްޓާޑްއިން ބުނީ ޚަރަދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާނީ އިންޖިނިއަރިންއާއި އިމަރާތްކުރުމަށް ކަމަށެވެ. ނަމަވެސް، ކޮންމެހެން ބޭނުންވާ ސާމާނު ހޯދުން ލަސްވާނަމަ ޓައިމްލައިންއަށް ވުރެ ލަސްވުން އެކަށީގެންވެއެވެ. ރައިސްޓަޑް ބުނާ ގޮތުގައި އިކުއިޕްމަންޓްތަކާއި މަސައްކަތްތެރިން ހޯދުމަކީ ވެސް ބޮޑު ގޮންޖެހުމަކަށް ވާނެެއެވެ.

އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ)ގެ އެގްޒެކެޓިވް ޑިރެކްޓަރު ފާތިހު ބިރޯލް ވިދާޅުވީ، ފެބްރުއަރީ 28 ގައި އީރާން ހަނގުރާމަ ފެށުނު ފަހުން މެދުއިރުމަތީގެ 80 އަށް ވުރެ ގިނަ ހަކަތަ ފެސިލިޓީތަކަށް ގެއްލުން ލިބިފައިވާ ކަމަށާއި ތިންބައިކުޅަ އެއްބައި މީހުންނަށް ބޮޑެތި ނުވަތަ ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ކުރިން އޮތް ހާލަތަށް އަނބުރާ ގެނައުމަށް ދެ އަހަރު ދުވަސް ނަގާފާނެ ކަމަށާއި އެއީ މުޅި ސަރަހައްދުގެ ތެލާއި ގޭހުގެ ނިޒާމަށް ބުރޫއަރާނެ ކަމެއް ކަމަށް ވެސް ބިރޯލް ވިދާޅުވިއެވެ.

comment ކޮމެންޓް