ވަރަށް ބާރު ސްޕީޑްގައި ޝޫޓިންގް ފެށިގެން ކުރިއަށްދާ ބޮލީވުޑްގެ އެކްޓަރު ޖޯން އަބްރަހަމްގެ ފިލްމު "ފޯސް 3" ސިނަމާތަކަށް ގެންނަ ތާރީހު އިއުލާނުކޮށްފިއެވެ.
މިއީ ޖޯން އަމިއްލައަށް ޕްރޮޑިއުސްކޮށް އެކްޓަރުގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި ޖޭއޭ އެންޓަޓެއިންމަންޓްއިން ގެނެސްދެމުން އަންނަ ފްރެންޗައިސް "ފޯސް"ގެ ތިން ވަނަ ބައެވެ. މި ފްރެންޗައިސްގެ ފުރަތަމަ ބައި ޕްރޮޑިއުސްކޮށް ގެނެސްދިނީ ވިޕުލް އަމްރުތްލާލް ޝާހްއެވެ. ނަމަވެސް ފަހުން ޖޯން ވަނީ "ފޯސް" ފްރެންޗައިސްގެ ކޮޕީ ރައިޓްސް ވިޕުލްގެ ޕްރޮޑަކްޝަން ކުންފުނި ސަންޝައިން ޕިކްޗާސްއިން ގަނެފައެވެ.
ޖޯންގެ އިތުރުން އެކްޓަރު ހަރްޝްވަރުދަން ރާނޭ އަދި ތާނިޔާ މަނިކްތަލާ މުހިންމު ރޯލުތަކުން ފެންނާނެ "ފޯސް 3" ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ މަސައްކަތްވަރަށް ފޯރިއާއެކު ފަށާފައިވާއިރު ތިން ވަނަ ބައިގެ ޑައިރެކްޓަރަކީ ބާވް ދޫލިއާއެވެ. އޭނާ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު "ކާކީ: ދަ ބިހާރު ޗެޕްޓަރ" އަދި "ދަ ފްރީލާންސަ"ގެ ޑައިރެކްޓަރެވެ.
ޖޯން އޭސީޕީ ޔަޝްވަރުދަން ސިންގްގެ ރޯލުން ފެނިގެންދާއިރު، ހަރްޝްވަރުދަންގެ ރޯލާ ބެހޭ ތަފްސީލު އަދި ހާމައެއް ނުކުރެއެވެ. މި ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ޖޯން ބުނީ، "ފޯސް" އަކީ އަބަދުވެސް އޭނާގެ އަމިއްލަ އުފެއްދުމެއްގެ ގޮތުގައި ގެނެސްދޭން ބޭނުންވި ފްރެންޗައިޒެއް ކަމަށެވެ.

ފިލްމު "ފޯސް "ގެ ސެޓުގައި ހަރްޝްވަރްދަން އެކްޓަރު ޖޯން އަބްރަހަމްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ފިލްމާ އަލަށް ގުޅުނު ހަރްޝްވަރުދަން ބުނީ، "ފޯސް 3" ކަހަލަ ވަރުގަދަ އެކްޝަން ފިލްމެއްގެ ބައިވެރިއަކަށް ވުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. އަދި ޖޯން އަބްރަހަމް ފަދަ ތަފާތު މިޒާޖެއްގެ އެކްޓަރަކާއި ޑައިރެކްޓަރު ބާވް ދޫލިއާގެ ތަސައްވުރާ އެކު މަސައްކަތް ކުރަން ލިބުމަކީ އޭނާގެ ފިލްމީ ކެރިއަރަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
ޝީލް ކުމާރު، ޝަހްބާޒް އާލަމް، ޖޯން އަބްރަހަމް، ސަންދީޕް ލޭޒަލް އަދި މިނާކްޝީ ދާސް ޕްރޮޑިއުސަރުންގެ ގޮތުގައި ހިއްސާވާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ ސިމާބް ހާޝްމީއެވެ. ރަވީ ބަސްރޫރު މިއުޒިކް ތައްޔާރުކޮށްފައިވާ "ފޯސް 3" ސިނަމާތަކަށް ގެންނަން ތާވަލުކުރެވިފައި ވަނީ މި އަންނަ އަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހަށެވެ.