ސްކޫލެއްގައި ކިޔަވަމުންދިޔަ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ބަލިވެއިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
އިތުބާރު ހުރި މަސްދަރުތަކުން "ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަލިވެއިން އަންހެން ކުއްޖާއަކީ އުމުރުން 17 އަހަރުގެ ކުއްޖެކެވެ. އޭނާއަކީ ސްކޫލުގެ، ގްރޭޑު 11 ގައި ކިޔަވަމުންދާ ކުއްޖެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަންހެން ކުއްޖާގެ ބަނޑަށް މިހާރު ގާތްގަނޑަކަށް އަށްމަސް ކަމަށް ވެސް ވަނީ އެނގިފައެވެ. އަދި އެ ކުއްޖާ މިދިޔަ ހަފުތާގައި ވެސް ސްކޫލަށް ދިޔަ ކަމަށްވެއެވެ.
އެނގިގައިވާ ގޮތުގައި މިއީ، މާލޭން ދެކުނުގެ ރަށެއްގައި ހިނގައިގެން އުޅޭ ހާދިސާއެކެވެ.
އެ އަންހެން ކުއްޖާ ބަލިވެއިންކަން، ކަށަވަރުވެފައި ވާއިރު، އެކަން މިހާރުވަނީ ރަސްމީކޮށް، ޖެންޑާ މިނިސްޓްރީއަށާއި، ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. އަދި ސްކޫލަށް އެ މައުލޫމާތު ލިބުމާއެކު ރަސްމީކޮށް އެ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ހިއްސާކޮށްފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކާ އަދި މިހާތަނަށް ސުވާލުކޮށްފައިވާ ކަމަށް އެނގިފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ދެކުނުގެ ރަށެއްގައި ޑޮކްޓަރަށް ދެއްކި 17 އަހަރުގެ އަންހެން ކުއްޖަކު ބަލިވެ އިން މައްސަލައެއް މިދިޔަ ހޯމަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ، ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަށާރަ އަހަރުން ދަށުގެ ކުއްޖަކު ބަލިވެއިނުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ވަރަށް ބޮޑަށް ސަމާލުކަންދޭ، އަދި ކަމާބެހޭ މުއައްސަސާތަކުން ފިޔަވަޅު އަޅަންޖެހޭ ކަމެކެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން، ކުއްޖަކަށް ޖިންސީ އަނިޔާއެއް ނުވަތަ އިހުމާލެއްވާ ކަމަށް ޝައްކުކުރެވޭނަމަ، އެކަން ފުލުހުންނަށް ނުވަތަ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމަންޓަށް އެންގުމަކީ ކޮންމެ މީހަކަށްމެ ލާޒިމުކަމެކެވެ. އަދި މިފަދަ ކަމެއް ރިޕޯޓް ނުކުރުމަކީ ވެސް ކުށެކެވެ.
މީގެ އިތުރުން، ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން 18 އަހަރުން ދަށުގެ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމަކީ ވެސް ކުށެކެވެ. ކުއްޖާގެ ރުހުން އޮތްކަމަށް ބެލުނު ކަމުގައިވިޔަސް، ޤާނޫނީ ގޮތުން އެއީ ކުށެއްގެ ގޮތުގައި ބެލެވޭނެއެވެ. އަދި ބަލިވެއިނުމަކީ މިފަދަ އަމަލެއް ހިނގާފައިވާކަމުގެ ހެއްކެއްގެ ގޮތުގައި ބެލެވޭނެއެވެ.
މިފަދަ ހާލަތެއްގައި ކުއްޖާގެ ސިއްޙީ އަދި ނަފްސާނީ ރައްކާތެރިކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ. ބަލިވެއިނުމާ ގުޅިގެން ލިބެންޖެހޭ ޞިއްޙީ ފަރުވާ ހުރަހެއްނެތި ލިބިދޭންޖެހޭނެއެވެ.