އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރި ހިތްގައިމު ހެޓްރިކާއެކު، ބްލޫ ސްޕޯޓްސް ކްލަބްގެ މައްޗަށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މިއަހަރުގެ އެފްއޭ ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ނިއު އިން ވަނީ ފުރަތަމަ ހާފުގެ ފުރަތަމަ 20 މިނިޓް ތެރޭގައި ތިން ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް މުޅިން އަތުލާފައެވެ.
އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި ބްލޫ އާއި ނިއު ކުޅުނު މެޗުގެ ތެރެއިން-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ
މެޗުގެ ތިންވަނަ މިނިޓްގައި ޔާޔާ ބިލިޓީ ލަނޑެއް ޖަހައި ލީޑު ނަގައިދިންއިރު، ސެންޓޭގެ ޕެނަލްޓީއަކާއި، އަލް ހާޖީ ގޭރޯ އަދި ހަންނަ ގެ ލަނޑުތަކާއެކު ފުރަތަމަ ހާފު ނިމުނީ 5-0 އިން ނިއު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން ދެވަނަ މިނިޓްގައި ސެންޓޭ އޭނާގެ ދެވަނަ ލަނޑު ޖެހިއިރު، މެޗުގެ 81 ވަނަ މިނިޓްގައި ހެޓްރިކް ފުރިހަމަކުރީ ބްލޫގެ ކީޕަރު އަތުގައި ޖެހިފައި ވަން ބޯޅައަކުންނެވެ.
މި މެޗުގެ ދެވަނަ ހާފުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވެސް ވަނީ ކުޅެން އަރައި ބްލޫގެ ޑިފެންސަށް ބާރުބޮޑުކޮށްފައެވެ.
ސަސްޕެންޝަނަށް ފަހު އެނބުރި އައިސް، 12 ފަހަރު މި މުބާރާތުގެ ތަށި އުފުލާލާފައިވާ ނިއު ރޭޑިއަންޓުން ފައިނަލުގައި ބައްދަލުކުރާނީ މިރޭ ޓީސީ އާއި ބުރު ސްޕޯޓްސް ކުޅެގެން މޮޅުވާ ޓީމަކާއެވެ.
މި ފޯމުގައި ނިއު އޮތްއިރު، ހޮނިހިރު ދުވަހުގެރޭ އޮންނަ ފައިނަލަށް އެޓީމު ކުރިމަތިލާނީ 13 ވަނަ ފަހަރަށް އެފްއޭ ކަޕްގެ ރަސްކަން ހޯދުމުގެ ވަރުގަދަ އަޒުމަކާއެކުގައެވެ.