ވަންޕްލަސް ޕެޑްގެ އާ މޮޑެލްއެއް ނެރެން ތައްޔާރުވެއްޖެ

ވަންޕްލަސް ޕެޑްގެ އާ މޮޑެލްއެއް ނެރެން ތައްޔާރުވެއްޖެ: މި ޓެބްލެޓްގައި 13.2 އިންޗީގެ 3.4ކޭ އެލްސީޑީ ސްކްރީނެއް ހިމެނޭނެ ---

ވަންޕްލަސް ކުންފުނިން އާ ޓެބްލެޓެއް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ޓެބްލެޓަކީ ވަންޕްލަސް ޕެޑް 3 ޕްރޯ ނުވަތަ ވަންޕްލަސް ޕެޑް 4 ކަމަށް ލަފާކުރެވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މީގައި 13.2 އިންޗީގެ ސްކްރީނަކާއި، ސްނެޕްޑްރެގަން 8 އެލީޓް ޖެން 5 ޗިޕްސެޓެއްގެ އިތުރުން 13،000 އެމްއޭއެޗްގެ ބޮޑު ބެޓެރީއެއް ހިމެނޭނެއެވެ. ނަމަވެސް މި މައުލޫމާތުތައް ކުންފުނިން އަދި ރަސްމީކޮށް ކަށަވަރުކޮށެއް ނުދެއެވެ.

  • ވަންޕްލަސްއިން އާ ޓެބްލެޓެއް ނެރެން އުޅޭކަމުގެ އިޝާރާތެއް ދީފި
  • މިއީ ވަންޕްލަސް ޕެޑް 3 ޕްރޯ ނުވަތަ ޕެޑް 4 ކަމަށް ރިޕޯޓުތައް ބުނޭ
  • 13.2 އިންޗީގެ ސްކްރީނަކާއި ސްނެޕްޑްރެގަން 8 އެލީޓް ޖެން 5 ޗިޕްސެޓް ހިމެނޭނެކަމަށް ލަފާކުރެވޭ
  • 13،000 އެމްއޭއެޗްގެ ބެޓެރީއަކާއި 80 ވޮޓްގެ ފާސްޓް ޗާޖިން ސަޕޯޓްކުރާނެ

ސްމާޓްފޯން އަދި ޓެކްނޮލޮޖީގެ އުފެއްދުންތަކަށް މަޝްހޫރު ކުންފުނި ވަންޕްލަސްއިން އެ ކުންފުނީގެ ޓެބްލެޓް ލައިންއަޕް ފުޅާކުރުމުގެ ގޮތުން އާ މޮޑެލްއެއް ނެރެން އުޅޭކަމުގެ އިޝާރާތެއް ދީފިއެވެ.

މި ޓެބްލެޓްގެ ނަން އަދި ކުންފުނިން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މިއީ "ވަންޕްލަސް ޕެޑް 3 ޕްރޯ" ނުވަތަ "ވަންޕްލަސް ޕެޑް 4" ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކްސްގައި ވަންޕްލަސްއިން އާންމުކުރި ޕޯސްޓެއްގައި ވަނީ މި ޓެބްލެޓްގެ ޑިޒައިން ފެންނަ ކުރެހުމެއް ހިއްސާކޮށްފައެވެ. މި ކުރެހުމުން ފެންނަ ގޮތުގައި ޓެބްލެޓްގެ ފަހަތު ކެމެރާ މޮޑިއުލް އިންނާނީ ވާތްފަރާތު މަތީ ކަނުގައެވެ. އަދި މެދުގައި ވަންޕްލަސްގެ ލޯގޯ އިންނައިރު، ޓެބްލެޓްގެ އެއް ފަރާތެއްގައި ދެ ބަޓަން ހިމެނޭކަން ފާހަގަކުރެވެއެވެ.

ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ފަރާތެއް ކަމަށްވާ ދެބާޔަން ރޯއި ހާމަކޮށްފައިވާ ގޮތުގައި، މި ޓީޒާއިން ފެންނަނީ ވަންޕްލަސް ޕެޑް 3 ޕްރޯއެވެ.

އޭނާ ބުނާ ގޮތުގައި މި ޓެބްލެޓްގައި 13.2 އިންޗީގެ 3.4ކޭ އެލްސީޑީ ސްކްރީނެއް (144ހާޓްޒް ރިފްރެޝް ރޭޓާއެކު) ހިމެނޭނެއެވެ. އަދި މީގައި ބޭނުންކުރާނީ ކުއަލްކޮމްގެ އެންމެ ފަހުގެ ސްނެޕްޑްރެގަން 8 އެލީޓް ޖެން 5 ޗިޕްސެޓެވެ.

މީގެ އިތުރުން 13،000 އެމްއޭއެޗް ނުވަތަ އެއަށްވުރެ ބޮޑު ބެޓެރީއެއް މީގައި ހިމެނޭއިރު، 80W ގެ ފާސްޓް ޗާޖިން ސަޕޯޓްކުރާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަދި ޓެބްލެޓްގެ ފަހަތުގައި އެލްއީޑީ ފްލޭޝް އަކާއެކު 13 މެގަޕިކްސެލްގެ ކެމެރާއެއް އިންނާނެ ކަމަށް ލީކުވެފައިވާ މައުލޫމާތުތަކުން ދައްކައެވެ. ނަމަވެސް މިއީ ކުންފުނިން އަދި ކަށަވަރުކޮށްދީފައިވާ މައުލޫމާތުތަކެއް ނޫނެވެ.

މިހާރު ވަންޕްލަސްގެ އެންމެ ފަހުގެ ފްލެގްޝިޕް ޓެބްލެޓަކީ އިންޑިއާގައި މިދިޔަ އަހަރުގެ ޖޫން މަހު ނެރުނު "ވަންޕްލަސް ޕެޑް 3" އެވެ. 12 ޖީބީގެ ރޭމް އަދި 256 ޖީބީގެ ސްޓޯރޭޖާއެކު 47،999 ރުޕީސް (ގާތްގަނޑަކަށް 172.50 ޑޮލަރު)އަށް ވިއްކަން ފެށި މި ޓެބްލެޓްގައި 13.2 އިންޗީގެ ސްކްރީނަކާއި ސްނެޕްޑްރެގަން 8 އެލީޓް ޗިޕްސެޓް އަދި 12،140 އެމްއޭއެޗްގެ ބެޓެރީއެއް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކުންފުނިން ވަނީ "ވަންޕްލަސް ޕެޑް ގޯ 2" ވެސް ބާޒާރަށް ނެރެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު