ވިލިމާލޭން ފުރި, "ހެދޭ ކުރި" ތެޔޮ ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓަން މަރާލީ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މުހައްމަދު ނިޒާމްގެ މައްޗަށް މަރުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ދެހާސް ބާވީސް ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހު ވިލިމާލޭން ފުރި "ހެދޭ ކުރި" ތެޔޮ ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓަން މަރާލީ އޭނާއަށް ނޭނގި މޫދަށް ކޮށްޕައި ވައްޓައިލައިގެންކަން ފުލުހުންގެ ތަހުގީގުން އޮތީ ހާމަވެފައެވެ. އެ މައްސަލައިގައި ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމުގެ މައްޗަށް ދައުލަތުން ކުރީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އަދި އިތުރު ދެ ދައުވާއެކެވެ.
އޭނާ 2022ގައި ހައްޔަރުކުރިއިރު އުރުމުން 45 އަހަރެވެ. ލިޓަން ގެއްލުނުއިރު އޭނާގެ އުމުރަކީ 35 އަހަރެވެ.
މި މައްސަލައިގައި އުފުލި މަރުގެ ދައުވާއަކީ، ރާއްޖޭގައި ގެއްލިފައިވާ މީހެއްގެ މައްސަލައިގައި މަރުގެ ދައުވާ ކުރި ފުރަތަމަ ފަހަރެވެ. ނިޒާމުގެ މައްޗަށް ދެން އުފުލައިފައިވާ އަނެއް ދެ ދައުވާއަކީ ވައްކަންކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިންއިން މުޢާމަލާތުކުރުމުގެ ކުށުގެ ދައުވާއެވެ. ޑައިމޯފިންއިން މުއާމަލާތް ކުރުމުގެ ދައުވާ ސާބިތުވެ، އޭނާގެ މައްޗަށް ކުރިން އޮތީ ޖަލު ހުކުމެއް ވެސް އިއްވައިފައެވެ. ވައްކަމުގެ މައްސަލަވެސް ސާބިތުވިއެވެ.
މަރުގެ މައްސަލައިގައި މިއަދު ކުރި ހުކުމުގައި، ލިޓަން ވައްޓާލި ސަރަހައްދުގެ ގޮތުން އޭނާ ސަލާމަތްވުމުގެ ފުރުސަތު ކުޑަކަން ފަނޑިޔާރުވަނީ ފާހަގަކުރައްވާފައެވެ. އަދި ލިޓަންއާ މެދު ނިޒާމްގެ އަދާވާތްތެރިކަން އޮތްކަން ސާބިތުވާ ކަމަށާއި ނިޒާމްގެ ތަހުގީގު ބަޔާނުގައި ލިޓަން މޫދަށް ވައްޓާލި ކަމަށް އެއްބަސްވިކަންވެސް ހުކުމުގައި ފަނޑިޔާރުވަނީ ފާހަގަކުރައްވައިފައެވެ.
ނިޒާމުގެ މައްޗަށް، މި މައްސަލައިގައި މަރުގެ ދައުވާ ސާބިތުވި ނަމަވެސް، ގަސްދުގައި މީހަކު މެރުމުގެ ކުށް އިސްލާމީ ޝަރީއަތުގައި ބުނާ އެއްވެސް ޝައްކެއް ނެތް މިންގަނޑުން ސާބިތުވާ މިންވަރުގެ ހެއްކެއް އެ މައްސަލާގައި ނެތެވެ.
އެހެންވެ، ގާނޫނުލްއުގޫބާތުގެ ދަށުން އިންސާނެއްގެ ފުރާނައިގެ މައްޗަށް ފަރުވާލެއް ނެތި ކުރި އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ދައުވާ ގާނޫނުގައި ބުނާ މިންގަނޑުން ނިޒާމްގެ މައްޗަށް ސާބިތުވާ ކަމަށް ނިންމެވީ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މި މައްސަލައިގެ އަދަބެއް އަދި ކަނޑަނާޅައެވެ. އެކަމަކު ދައުލަތުން އެދުނީ 25 އަހަރުގެ ޖަލު ހުކުމެއް އިއްވާށެވެ.