"އާހް..." ހިތަށް ތަދުވެއްޖެއޭ ބުނާ ފަދައިން ޔައިލް އޭނާގެ މޭގައި އަތް ޖައްސައި، ދެލޯ މަރައިލިއެވެ. "އައި ޕްރޮމިސް، ޔަގީނުންވެސް ބޭކާރު މީހަކަށްވިޔަ ނުދޭނަން.. އޯކޭ..."
********
ޔައިލްގެ ޖަވާބުން އިޒީއަށް ހައިރާންކަމެއް ލިބުނެވެ. ޔައިލްގެ މޫނަށް އަވަސް ނަޒަރެއް ދިނެވެ. ޔައިލް ހުރީ ހަމަޖެހިފައެވެ. ހިތްހަމަނުޖެހުމުގެ އެއްވެސް އަސަރެއް އެ މޫނުން ނުފެނެއެވެ. ޔައިލްގެ ހިއްސުތައް ހަމަ ހެއްޔެވެ؟ އޭނާ އެހުރިހާ އެއްޗެއް ކީއިރު، މޫނުން ކުޑަވެސް އަސަރެއް ދައްކައިނުލައެވެ. ޔައިލް އެހާ ހަމަޖެހިގެން ހުރީ ކަން ވާނެގޮތް އެނގޭތީ ހެއްޔެވެ؟ އެހެން މީހަކުނަމަ، އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން، އިޒީއަށް ނަފުރަތު ކުރާނެއެވެ. މޫނުން ކޮންމެވެސް އަސަރެއް ފެންނާނެއެވެ.
"އެ ނިމުނީ؟..." އިޒީއަށް އަހައިލެވުނެވެ. "އިންސަލްޓް ކުރީމަވެސް ތީތަ ޖަވާބަކީ؟..."
"ތީގެ މާނައަކީ ތި އުޅެނީ އަހަރެން ރުޅިއަރުވާށޭތަ؟... އަހަރެން އެހާ ފަސޭހައިން ރުޅިއެއް ނާންނާނެ އިނގޭ.." ޔައިލްއަށް އަމިއްލަ ނަފުސަށް ޔަގީންކަން އޮތެވެ.
އިޒީގެ ހިތުގައި އޮތް ޝައްކު ފިލައިގެނެއް ނުދިޔައެވެ. ޔައިލްގެ އެހެން މަގުސަދެއް އޮތީއެވެ. އޭނާ ގަސްދުގައި އިޒީ ރުޅިއަރުވަނީއެވެ. އިޒީގެ ކުރިމަތީގައި މާތް މީހަކަށް ވާން މަސައްކަތް ކުރަނީއެވެ. އެއީ ހުސް ދަޅައެވެ. ދުނިޔެއަކީ ތެދުވެރިން މަދު ތަނެކެވެ. އެކި ވިސްނުންތަކުން އިޒީގެ ސިކުނޑި ފުރި ބާރުވަމުން ދިޔައެވެ.
"އޯކޭ، ލީވް..." އިޒީ ބޭނުންވީ ޔައިލް އޭނާގެ ކުރިމަތިން ފޮނުވައިލާށެވެ.
"ވަޒީފާއިން ކަނޑާލައިފިއްޔާ ހިނގައިދާނަން..." ޔައިލް ސަމާސާކޮށްލިއެވެ.
އިޒީއަށް މަޖަލެއް ނުވިއެވެ. އޭނާގެ ސިކުނޑި ވަނީ ފިކުރުތަކުން ފުރި ބާރުވެފައެވެ. ޔައިލްގެ ހިނިތުންވުން ފެނުމުންވެސް އިޒީގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. ޔައިލްގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ އިޒީ ކުށްވެރިކުރުން ހެއްޔެވެ؟ ކޮންމެ ކަމަކަށް އިޒީގެ ނުފޫޒު އޮތް މިންވަރު ހާމަކޮށްދިނުން ހެއްޔެވެ؟ ކޮންމެ ޖުމުލައެއް އިޒީއާއި ދިމާއަށް ފޮނުވައިލަނީ، މަލާމާތުގެ ވިހަ ތީރެއް ފަދައިންނެވެ. އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން، އިޒީ ހިނގައިގަތީ އޭނާގެ ކެބިން އާއި ދިމާއަށެވެ. ޔައިލް އިޒީގެ ފަހަތުން ދިޔައެވެ.
"ޑޯންޓް ފޮލޯ މީ..." އިޒީ އަމުރުކުރިއެވެ.
"ފޮލޯއެއް ނުކުރަމޭ..." އިޒީއެކޭ އެއްވަރަށް ހިނގަމުން، ޔައިލް ބުނެލިއެވެ.
"ތި އަންނަނީނު..." ކެބިން އާއި ހަމައަށް ގޮސްފައި އިޒީ ހުއްޓުނެވެ. ކައިރީގައި ހުރި ޔައިލްއަށް ބަލައިލިއެވެ.
"މައި ޑެސްކް..." ޔައިލް އިޝާރާތްކުރީ އިޒީގެ ކެބިންއަށެވެ.
އިޒީގެ ކެބިން ހުރީ އިތުރު މީހަކަށް މަސައްކަތް ކުރެވޭނެހެން ސާމާނު ވައްދައި، ތައްޔާރުކޮށްފައެވެ. އެ މަސައްކަތް ކޮށްފައި ވަނީ އިޒީ އޮފީހުގައި ނެތް ވަގުތު ބަލާފައެވެ.
"ވަޓް؟..." އިޒީއަށް ހިތާއި ހިތުން ބުނެވުނެވެ.
އެހުރިހާއިރު އިޒީ ހިފަހައްޓައިގެން ހުރި ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ޝަކުވާއިން ހިތް ފުރި ބަންޑުންވިއެވެ. އިންތިޒާމްތައް ހަމަޖެއްސިއިރު، ނަސީމް އޭނާއަށް އެއް ކަމެއްވެސް އަންގައިނުލައެވެ. އިޒީ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އޭނާގެ ކެބިންއަށް ވަނެވެ. އިޒީގެ ފަހަތުން އެތެރެއަށް ވަންއިރު، ޔައިލްގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ.
"ނައިސް ސްމެލް..." ޔައިލް ގޮސް ހުއްޓުނީ އިޒީގެ މޭޒުކައިރީގައެވެ. "ރެޑް ރޯޒަސް..."
އިޒީގެ މޭޒުމަތީގައި ބަހައްޓާފައިވާ ބޮޑު ވާސްގެ ތެރޭގައި ހުރި ފިނިފެންމާތަކުގެ މީރުވަސް، މުޅި ތަނުގައި ހަރުލާފައި ހުއްޓެވެ. ކޮންމެ ދުވަހެއްގެ ފެށުން އުޖާލާކުރުމަށް ތާޒާ ފިނިފެންމާ ބެހެއްޓުމަށް ތަނުގެ މަސައްކަތު މީހާއަށް އިޒީ އޮންނަނީ ހަވާލުކޮށްފައެވެ. އިޒީ މަސައްކަތަށް އައުމުގެ ކުރިން ކޮންމެ ދުވަހަކުވެސް އޭނާ އެކަން ކޮށްދެއެވެ. މާތަކުގައި އަތް ޖައްސައިލި ޔައިލްއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ.
"ވާއު..." އިޒީގެ މޭޒުމަތީގައި ބަހައްޓާފައިވާ ކޮންމެ އެއްޗަކަށް ޔައިލްގެ ނަޒަރު ހުއްޓެމުން ދިޔައެވެ.
ގިނަ ލިޔުންތަކެއް ގެންގުޅުނަސް، އިޒީގެ މޭޒު ސާފެވެ. ފައިލުތައް ހުރީ ނަން ޖަހައި، ތަރުތީބުކޮށްފައެވެ. މީރުވަސް ދުއްވުމަށް ބޭނުންކުރާ އެކި ކަހަލަ ސާމާނުގެ އިތުރުން، އިޒީގެ ކުޑައިރުގެ ތަސްވީރުތައް ފޮޓޯފްރޭމްތަކުގައި ހުއްޓެވެ. ތަސްވީރުތަކުގެ ތެރެއިން ޔައިލްގެ ނަޒަރު ހުއްޓުނީ، އިޒީއާއި އޭނާގެ އާއިލާ އެކުގައި ނަގާފައިވާ ތަސްވީރަކަށެވެ. ޔައިލް އެ ތަސްވީރު ނަގަން އުޅުމުން، އިޒީ އަވަހަށް ގޮސް އަތުލިއެވެ. މޭޒުމަތީގައި ހުރި ތަސްވީރުތައް ވަތްގަނޑަށް ލައި، ފޮރުވިއެވެ.
"ސޮރީ.." ޔައިލް މާފަށް އެދިފައި، އޭނާގެ މޭޒާއި ދިމާއަށް ހިނގައިގަތެވެ.
އެހެން ދުވަސްދުވަހާއި ހިލާފަށް އިޒީއަށް އޮފީހުގައި ހަމަޖެހިލާނެ ވަގުތެއް ނުލިބުނެވެ. ފަހަރަކު ފައިލެއް ހިފައިގެން ޔައިލް އައިސް ސުވާލުކުރާތީ، އޭނާ އިނީ ބޮލަށް އުނދަގޫވެފައެވެ. އެއްވެސް މަސައްކަތެއް ކުރެވޭގޮތެއް ނުވިއެވެ. މަސައްކަތުގައި އިންނައިރު، އެހެން އަޑުތައް އިވުމުން އިޒީއަށް އުނދަގޫވެއެވެ. ކުރަން އިންނަ ކަންތަކަށް ސަމާލުކަމެއް ނުދެވެއެވެ. ޔައިލް އައީއްސުރެ، ކެބިންއިން އަޑު މަޑުވީ އިރެއް ނުދެއެވެ. ކޮންމެވެސް އެއްޗެއް ވައްޓައިލައެވެ. ލުއިކާނާ ޕެކެޓެއް ނަގައިގެން ހަފާލައެވެ. އިތުރު އަޑެއް ނީވުނިއްޔާ ޔައިލް ހުންނަނީ އޭނާގެ ކުރިމަތީގައެވެ. ރުޅިގަދަވިޔަސް، އެއްޗެއް ނުބުނެވޭތޯ އިޒީ އެތައް އިރަކު ހިތްވަރު ކުރިއެވެ.
"މި ލިޔުމުގަ އެބައޮތް މިސްޓޭކެއް..." އިޒީގެ މޭޒުމަތީގައި ފައިލެއް ބާއްވަމުން ޔައިލް ބުނެލިއެވެ.
އިޒީ ފައިލަށް ބަލައިލީ ޔަގީންކަން ކުޑަ ގޮތަކަށެވެ. އޭގެ ކުރިން އޭނާގެ މަސައްކަތަކުން އެއްވެސް މީހަކަށް މައްސަލައެއް ފާހަގަވެފައިނުވާތީއެވެ. އެހެނަސް، ޔައިލް ބުނިހެން، ލިޔުމުގައި މައްސަލައެއް އޮތެވެ. ވަރަށް ބަލައިގެން ނޫނީ ފާހަގަނުވާވަރުގެ މައްސަލައެކެވެ. އިޒީ ޔައިލްގެ މޫނަށް ބަލައިލުމުން، ޔައިލް ހިނިތުންވެލިއެވެ. އިޒީއަށް ހީވީ އެއީ އޭނާއަށް ކޮށްލި މަލާމާތެއް ހެންނެވެ.
"އޯކޭ، ދެން އެންމެ ރަނގަޅު ދިޔަސް.." އިޒީ ބޭނުންވީ ޔައިލް ފޮނުވައިލާށެވެ.
"ތީތި ރަނގަޅުކޮށްލަންދެން މިތާ އިންނާނީ...." އިޒީގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން ޔައިލް ބުނެލިއެވެ.
"ކީއްވެ؟.." އިޒީއަށް އަހައިލެވުނެވެ.
"އަނެއްކާވެސް ތިކަހަލަ މިސްޓޭކެއް ހެދިދާނެތީ..." ޔައިލް ބުނީ އޭނާގެ ހިތުގައި އޮތް ގޮތަށެވެ.
"ސޯ އެނޯއިންގް..." އިރުކޮޅަކު ޔައިލްގެ މޫނަށް ބަލަން އިނދެފައި އިޒީ ބުނެލިއެވެ.
"ތިއަށްވުރެ ގޯސްކޮށްވެސް މީހުން އަހަންނާ ދޭތެރޭ ދެކޭ..." ޔައިލް ދެއްކީ އިޒީގެ ވާހަކައެވެ. އިޒީއަށް އެކަން އެނގުނެވެ. "މާ ޑައިރެކްޓް އެއްޗެހި އެބަހުރި ބުނެފަ..."
"އެހެންވެ، ބަދަލުހިފީތަ؟..." އިޒީ ދެލޯ ހަނިކޮށްލިއެވެ.
********
ބޭރަށް ނުކުމެލާހިތުން، ޔައިލް އިނީ ބްރޭކް ގަޑި ނުޖެހިގެންނެވެ. ޔައިލް ދިޔުމުން މުޅި ތަން ހިމޭންވިއެވެ. އިޒީއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ އޭގެ ފަހުންނެވެ. މޭޒުމަތީގައި ބޯ އަޅާލައިގެން އިރުކޮޅަކު އޮވެފައި، އޭނާ ތެދުވިއެވެ. އަޑެއް ނީވުމުންވެސް އޭނާއަށް އުނދަގޫވިއެވެ. އެކަނިވުމުން، އިޒީގެ ހަނދާނަށް އަންނަން ފެށީ އޭނާއަށް ފެންނަ ހުވަފެނެވެ. އިޒީ އޮފީހުން ބޭރަށް ނުކުމެލީ ތާޒާ ވައިކޮޅެއް ބޭނުންވެގެންނެވެ.
މަގުތައް ހަލަބޮއްޔެވެ. ދުއްވާ އެއްޗެހިން ފުރިބާރުވެފައިވާ މަގުގައި ހިނގާ މީހުންނަށް ޖާގައެއް ނެތެވެ. އިޒީގެ ނަޒަރު ގޮސް ހުއްޓުނީ މަގު ހުރަސްކުރަން ތައްޔާރުވެގެން ހުރި ދުވަސްވީ އަންހެނަކަށެވެ. އަސާގަނޑެއްގެ އެހީގައި ކޮޅަށް ހުރިއިރު، ގަދަ އަވީގައި އޭނާ ހުރީ ދާހިއްލާ ފޯވެފައެވެ. އެގޮތުގައި އޭނާ ހުރީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. މަގުގެ ދެކޮޅުން ދަތުރުކުރަމުންދިޔަ ދުއްވާ އެއްޗެހީގެ ސަބަބުން މުސްކުޅިއަކަށް އެކަނި އެ މަގު ހުރަސްކުރުން ވާނީ އުނދަގޫ ކަމަކަށެވެ.
ކުއްލިއަކަށް އިޒީއަށް ސިފަވީ އޭނާގެ މަންމަ އެތަނުގައި ހުއްޓައެވެ. މުސްކުޅިވެ، ގައިބާރު ދެރަވެފައިވާ އެ މަންމަ ހުރީ ދަރިއެއްގެ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައެވެ. އެހެނަސް، ކައިރީގައި އެކަކުވެސް ނެތެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ މީހަކު ނުވިއެވެ. އިޒީގެ ދެލޮލަށް ކަރުނަ ޖަމާވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. އެމީހާގެ ހާލާއިމެދު ހަމްދަރުދީ ވެވުނެވެ. އިޒީ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް މުސްކުޅިމީހާގެ ކައިރީގައި ހުއްޓުނެވެ. އެމީހާގެ އަތުގައި ހިފައިގެން މަގު ހުރަސްކުރިއެވެ. ކައިރި ފިހާރައަކުން ފެންފުޅިއެއް ގަނެފައި އެމީހާއަށް ދިނެވެ. އެމީހާ ގޮސް، ލޮލުގެކޮޅަށް އޮބާލަންދެން އިޒީ ބަލަން ހުއްޓެވެ. އިޒީއަށް ނޭނގުނަސް، އޭނާގެ ހަރަކާތްތަކަށް ބަލަން ދުރުގައި ޔައިލް ހުއްޓެވެ.
ކޮފީއެއް ހިފައިގެން އިޒީ އޭނާގެ ކެބިންއަށް ވަންއިރު، މޭޒުމަތީގައި ބަތް ޕާރުސަލަކާއި، ޖޫސް ފުޅިއެއް ހުއްޓެވެ. އެއީ ޔައިލްގެ ކަމެއްކަން އެނގޭތީ، އިޒީ ޔައިލްއަށް ބަލައިލީ ތަފްސީލް ދޭށޭ ބުނާ ފަދައިންނެވެ. ޔައިލް އިނީ ކޮންޕިއުޓަރުން އެއްޗެއް ލިޔާށެވެ. އެތައް އިރެއް ވީއިރުވެސް އިޒީ އާއި ދިމާއަށް ބަލައެއް ނުލިއެވެ.
"ތިހާވަރަށް ނުބަލާ.. ހިތް ކިޔައިފިއްޔާޔޯ؟..." އިޒީއަށް ބަލައިލުމެއްނެތި ޔައިލް ބުންޏެވެ.
"އަހަރެން އަދި އެއްޗެއް ނުބުނަމެއްނު..." ޔައިލްގެ ޖުމުލަ އަޑު އިވުމުން، ކޮފީ ބޯން ހުރި އިޒީ ކޮށި ނޭރީ ކިރިޔާއެވެ.
"ބުނާކަށްނު ތިއުޅުނީ..." ޔައިލް ބަލައިލީ އިޒީގެ ދެލޮލަށެވެ.
މީ ޔައިލްގެ ކަމެއްދޯ؟..." ބަތްޕާރުސަލް ދައްކައިލަމުން އިޒީ ސުވާލުކުރިއެވެ.
"ނޯ..." ޔައިލް ވަގުތު ދެކޮޅުހެދިއެވެ. އަނެއްކާވެސް ކުރަން އިން މަސައްކަތަށް ސަމާލުކަން ދިނެވެ. އިޒީއަށް އެނގުނީ ދޮގުހަދަން ޖެހުމުން، ޔައިލްއަށް އޭނާއާއި ހަތަރުކަޅި ހަމަކުރަން އުނދަގޫވިކަމެވެ.
ދެމީހުންގެ ދެމެދަށް ވެރިވީ ހިމޭންކަމެވެ. ޔައިލް އިސްޖަހައިލާފައި އަލުން އިސްއުފުލައިލިއެވެ. އޭރުވެސް އިޒީ ހުރީ ޔައިލްއަށް ބަލާށެވެ.
"ފަހަރެއްގަ ވެދާނެ... އަހަރެންގެ އަތް ހިމޭނުން ނޯންނާތީ ކުރެވުނު ކަމަކަށްވެސް...." އިޒީ ކަޅިޖަހާނުލައި ބަލަން ފެށުމުން، ޔައިލް ދުރުދުރުން އެއްބަސްވިއެވެ.
އިޒީ އިށީނެވެ. ކާއެއްޗެހި އެއްފަރާތަށް ޖައްސައިލިއެވެ. ޔައިލް ހީކުރީ އިޒީ ރުޅި އައިސްގެން އެއްޗެހި ކިޔާނެކަމަށެވެ. އެކަމަކު، އެހެނެއް ނުވިއެވެ.
********
ނިދާ ހެދުން ލައިގެން އިޒީ ގޮސް ހުއްޓުނީ ލޯގަނޑުގެ ކުރިމަތީގައެވެ. އަމިއްލަ ސޫރައަށް ބަލައިލި އިޒީގެ ހިތް އޭނާގެ އަމިއްލަ ނަފުސާއި ސުވާލެއް ކުރިއެވެ. މައްސަލައަކީ ކޮބައި ހެއްޔެވެ؟ އިޒީ އެހާ ހަރުކަށީ ކީއްވެ ހެއްޔެވެ؟ އެތައް އަހަރެއް ފަހުން އިޒީއަށް އެއްކަމެއް ވިސްނުނެވެ. މައްސަލައަކީ ޔައިލް ނޫންކަމެވެ. މައްސަލައަކީ އިޒީއެވެ. އިޒީގެ މާޒީއެވެ. އޭނާގެ މިޒާޖެވެ. އެހެން މީހުންނާއިމެދު ދެކެވޭ ގޮތެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އިޒީއަށް އެކަން ވިސްނުނީ ކީއްވެ ހެއްޔެވެ؟ ޔައިލްދެކެ ނަފުރަތު ކުރަންވާ ވަރަށް ނުކުރެވުނީ ކީއްވެ ހެއްޔެވެ؟
އިޒީ ފޯނު ނެގިއެވެ. "ޑޭޑް" ޖަހައި ސޭވްކޮށްފައިވާ ނަންބަރަށް ބަލައިލިއެވެ. އެ ނަންބަރަށް ފިތައިލިއިރު، އިޒީގެ އިނގިލިތަކުގައި މަޑު ތުރުތުރުލުމެއް އުފެދިއްޖެއެވެ. އޭނާ އިނީ ދެ ފިކުރެއްގައެވެ. ފޯނު ރިންގުވުމުގެ ކުރިން ކަނޑައިލަން އެތައް ފަހަރަކު ހިތް ބުންޏެވެ.
"ހަލޯ... ދަރިފުޅާ!..." ފަރުހާދުގެ އަޑު އިވުމުން، އިޒީއަށް ދެލޯ މަރައިލެވުނެވެ. "ދަރިފުޅު ކިހިނެއްތަ؟... ހުރިހާ ކަމެއް ރަނގަޅުތަ؟..."
އިޒީގެ ދެލޯ ފުރައިލި ކަރުނަތަކުން ދެ ކޯތާފަތް ތެންމައިލިއެވެ. އެތައް ދުވަހެއް ފަހުން، ބައްޕަގެ އޯގާތެރި އަޑު އިވުމުން، އިޒީއަށް ކަރުނަ ނުހިފޭއްޓުނެވެ. އެ އޯގާތެރި އަޑު އަހައިލަން އިޒީގެ ހިތް ބޭނުންވެފައިވާތާ ކިތަންމެ ދުވަހެކެވެ. އަޑުން އެކަނިވެސް އެ ބައްޕަ މުސްކުޅިވަމުން ދިޔަކަން އޭނާއަށް އެނގުނެވެ. ވާހަކަ ނުދެއްކިގެން އިޒީ ފޯނު ކަނޑައިލީއެވެ. ދެން އޭނާ ފޯނު ނެގީ ފަރުހާދު ދެވަނަ ފަހަރަށް ގުޅުމުންނެވެ.
"ކުޑަކޮށް ބިޒީވީމަ ކަނޑާލީ..." އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އިޒީ ބުނެލިއެވެ.
"ރޭގަނޑުވެސް ދަރިފުޅު މަސައްކަތް ކުރަންތަ؟..." ފަރުހާދު ކަންބޮޑުވެފައި ސުވާލުކުރިއެވެ.
"ހޫމްމް..." އިޒީގެ އަޑު ފަރުހާދަށް އިވުނީ ކިރިޔާއެވެ. އެހާވެސް އަޑު މަޑެވެ.
"ދަރިފުޅު ކިތަންމެ ބިޒީވިޔަސް، ކައިގެން ހުންނާތި!... ރަނގަޅަށް ނިދާތި!... އަރާމުކުރާތި!..." ފަރުހާދުގެ އަޑުގައިވީ އަޅާލުމާއި އޯގާތެރިކަމެވެ. އިޒީ ވަގުތު ނުދިނަސް، އެ ޝަކުވާއެއް ނުކުރެއެވެ.
"މަންމަ ކިހިނެއް؟.." އިޒީގެ ދޫ ހަރަކާތްކުރީ އެތައް ހިތްވަރަކުންނެވެ.
"މަންމަވެސް ރަނގަޅު... ދަރިފުޅު ރަނގަޅުތަ؟..." ފަރުހާދުގެ ހިތުން ހީވީ ބޮޑު ބުރައެއް ނެގުނު ހެންނެވެ. އިޒީގެ އެ ސުވާލުން ފަރުހާދު އުފާވިވަރު އޭނާއަށް އިހުސާސް ކުރެވުނެވެ.
"ކާކު ގުޅީ؟..." ފަރުހާދު ފޯނެއްގައި އިންތަން ފެނުމުން އާގިސާ ސުވާލުކުރިއެވެ.
އިޒީގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. އަވަސް އަވަހަށް ފޯނު ކަނޑައިލިއެވެ. އޭރު އޭނާގެ ހިތުގެ ތެޅުން ވަނީ އިތުރުވެފައެވެ. މަންމަ އާއި ވާހަކަ ދައްކަން ބޭނުންވިޔަސް، އެ އަޑު އަހައިލަން ކެތްމަދުވިޔަސް، އިޒީއަށް ދުވަހަކުވެސް އެ ހިތްވަރު ލިބިދާނެ ހެއްޔެވެ؟ އިޒީ ހީކުރީ ފަރުހާދު އަލުން ގުޅާނެކަމަށެވެ. އެކަމަކު ފަރުހާދު ދެނެއް ނުގުޅައެވެ. ވީ ކީއްކަން ފަރުހާދަށްވެސް އިހުސާސްވީ ކަހަލައެވެ.
ބާލީހަކުން މޫނު ފޮރުވައިލަމުން އިޒީ އެނދަށް ވެއްޓިގަތެވެ. ފުންކޮށް ވިސްނައިލިއެވެ. އެކި ހިޔާލުތަކުގެ ތެރެއިން އޭނާގެ ހަނދާނަށް އައީ، އޮފީހުގައި ހިނގި ކަންތައްތަކެވެ. ހިތަށް ސިފަވީ، ޔައިލްގެ ލުއި ހިނިތުންވުމެވެ. މޭޒުމަތީގައި ހުރި ކާއެއްޗެއްސާއި ބެހޭގޮތުން ސުވާލުކުރި ވަގުތު، ޔައިލްގެ މޫނަށް ވީގޮތް ސިފަވުމުން، އިޒީއަށް ބޭއިހުތިޔާރުގައި ހިނިތުންވެލެވުނެވެ.
(ނުނިމޭ)