ޝިއާއުގެ މަރު: ޚުލާސާ ބަޔާން އިއްވުން މާދަމާ

ޝިއާއުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ޝާހިލް ފުލުހުންގެ ވެހިކަލަށް އަރުވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އޮގަސްޓް 6، 2022 ގައި މާލޭގެ ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު 22 އަހަރުގެ ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް ނިމުމަކާ ގާތްވެއްޖެއެވެ. މި މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ލިބޭ އަލީ ޝާހިލްގެ ޝަރީއަތުގެ ޚުލާސާ ބަޔާން އިއްވުން މާދަމާއަށް ވަނީ ތާވަލުކޮށްފައެވެ. ސިއްރުކޮށްގެން ކުރިއަށްގެންދާ މި ޝަރީއަތުގެ ހުކުމް މި މަހުގެ ތެރޭގައި އިއްވުމަށް ކްރިމިނަލް ކޯޓުން ދަނީ މަސައްކަތް ކުރަމުންނެވެ.

  • ޝިއާއުގެ މަރުގެ މައްސަލައިގެ ޚުލާސާ ބަޔާން އިއްވުން މާދަމާއަށް ތާވަލުކުރުން.
  • މި މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވައިނުލައި ސިއްރުކޮށްގެންކަން.
  • ޝާހިލްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާގެ އިތުރުން ސިއްރު ދައުވާތަކެއް ކޮށްފައިވުން.
  • ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވާގޮތުގައި މަރާލުމަށްފަހު ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވުން.
  • މި މައްސަލައިގެ ނިހާއީ ހުކުމް މި މަހުގެ ތެރޭގައި އިއްވުމަށް ކޯޓުން މަސައްކަތްކުރަމުން ދިއުން.

މާލޭގެ ގެއެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ އަލީ ޝާހިލްގެ ޝަރީއަތުގެ ޚުލާސާ ބަޔާން އިއްވުން މާދަމާއަށް ތާވަލުކޮށްފިއެވެ.

ހ. ޝީރީންވިލާ ގޭގެ ތެރޭގައި، ޏ. ފުވައްމުލަކަށް ނިސްބަތްވާ 22 އަހަރުގެ ޝިއާއު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނީ އޮގަސްޓް 6، 2022ގައެވެ.

އެ މައްސަލައިގައި، ފ. ނިލަންދޫ، ފިނިފެންމާގޭ، ޝާހިލްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި އިތުރު ދައުވާތަކެއް ކުރެއެވެ. ބައެއް ދައުވާތަކުގެ ބާވަތްތައް ދައުލަތުންވަނީ ސިއްރުކޮށްފައެވެ.

އެ މައްސަލައިގެ މުޅި ޝަރީއަތް ވެސް އާންމުކޮށް ހުޅުވައި ނުލައި ކުރިއަށް ގެންދާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ އޮންނާނީ ޚުލާސާ ބަޔާން އިއްވުމެވެ.

ކްރިމިނަލް ކޯޓުގެ އަޑުއެހުމެއް ނިންމާލުމަށްފަހު ޝާހިލް ގެންދަނީ: އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ޚުލާސާ ބަޔާނަކީ ޝަރީއަތުގެ މަރުހަލާގައި ދެ ފަރާތުން ހުށަހެޅި ހެކިތަކާއި، ގާނޫނީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، މައްސަލަ ނިންމަންވީ ގޮތާ ގުޅޭގޮތުން ޝަރީއަތަށް ހުށަހަޅާ އެންމެ ފަހުގެ ވާހަކަތަކެވެ. މިއީ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލުމުގެ ކުރިން އޮންނަ އެންމެ ފަހު މަރުހަލާއެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 151 ވަނަ މާއްދާގެ ދަށުން، މައްސަލައިގެ ހެކިބަސް ނަގައި ނިމުމުން، ދެ ފަރާތުންވެސް ޚުލާސާ ބަޔާން ހުށަހަޅަންވާނެއެވެ. ފުރަތަމަ ޚުލާސާ ބަޔާން އިއްވާނީ ދައުވާކުރާ ފަރާތުންނެވެ.

އެއަށްފަހު ދައުވާލިބޭ ފަރާތުން ބަޔާން އިއްވާނެއެވެ. މި ބަޔާނުގައި މައިގަނޑު ގޮތެއްގައި ދައްކަންޖެހޭނީ ހުށަހެޅިފައިވާ ހެކިތަކުން ދައުވާ ސާބިތުވާކަން ނުވަތަ ނޫންކަމާއި، އެ މައްސަލައަކާ ގުޅޭ ގާނޫނީ އުސޫލުތަކެވެ.

https://sun.mv/211116

ޝިއާއުގެ މަރުގެ މައްސަލައިގެ ޝަރީއަތަށް ތިން އަހަރުވެފައިވާއިރު، ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން އޮގަސްޓު 7، 2022ގައި ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލައިގައި ފުލުހުން ކުރިން ބުނި ގޮތުގައި، ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި، ޝިއާއު މަރަށް ހުށަހެޅުނީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ހުކުމް، މި މަހުގެ ތެރޭގައި ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކްރިމިނަލް ކޯޓުންވަނީ ކުރިން ބުނެފައެވެ.

comment ކޮމެންޓް