އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޗެލްސީގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރިހޯދައި، ތާވަލުގެ އެއްވަނާގައި އޮތް އާސެނަލާ ދެމެދު އޮތް ފަރަގު މެންޗެސްޓާ ސިޓީން ކުޑަކޮށްފިއެވެ.
ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސިޓީން ވަނީ ދެ ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް ހޯދާފައެވެ.
ސިޓީގެ ފުރަތަމަ ލަނޑު 51 ވަނަ މިނެޓުގައި ނިކޯ އޯރައިލީ ކާމިޔާބުކޮށްދިންއިރު، އޭގެ ހަ މިނެޓު ފަހުން މާކް ގުއޭހީ ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. މެޗުގެ ފަހު ލަނޑު 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖެރެމީ ޑޮކޫއެވެ.
މި މޮޅާއެކު ސިޓީ މިހާރު އޮތީ އެއްވަނާގައި އޮތް އާސެނަލަށްވުރެ ހަ ޕޮއިންޓް ފަހަތުގައެވެ. ނަމަވެސް ސިޓީއަށް އާސެނަލަށްވުރެ އިތުރަށް އެއް މެޗު ކުޅެން އޮތުމުން، ލީގު ހޯދުމުގެ އަމިއްލަ ބާރު އަދިވެސް އެޓީމަށް އެބައޮތެވެ.
އާސެނަލް ވަނީ ހޮނިހިރު ދުވަހު ބޯންމައުތު އަތުން 2-1 އިން ބަލިވެ، ލީގުގެ ރޭހުގައި ސިޓީއަށް ފުރުސަތު ބޮޑުވެފައެވެ. ކުރިއަށް އޮތް އެޕްރީލް 19 ގައި އިއްތިހާދު ސްޓޭޑިއަމްގައި މި ދެ ޓީމު ބައްދަލުކުރާ މެޗަކީ ލީގު ޗެމްޕިއަން ކަނޑައެޅުމުގައި އެންމެ މުހިންމު މެޗަށް ވާނެއެވެ.
ޗެލްސީއަށް ބަލާއިރު، މިއީ އެޓީމުން ލީގުގައި ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ. ކޯޗު ލިއަމް ރޮސީނިއާގެ އިރުޝާދުގެ ދަށުން ފުރަތަމަ ހަތަރު މެޗުން މޮޅުވި ނަމަވެސް، އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އެޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ.
މި ބައްޔާއެކު ޗެލްސީ މިހާރު އޮތީ ތާވަލުގެ ހަވަނައިގައެވެ. ގަދަ ފަހެއްގެ ތެރޭގައި ހިމެނި ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް އެޓީމަށް މިހާރު ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ އިތުރުން ޓީމުގެ މުހިންމު މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް ސްކޮޑުން ބާކީކުރުމާ ގުޅިގެން ކޯޗަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
އާދިއްތަ ދުވަހުގެ އެހެން މެޗުތަކަށް ބަލާއިރު، ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ޓޮޓެންހަމް ކުޅުނު ފުރަތަމަ މެޗުގައި ސަންޑަލޭންޑް އަތުން 1-0 އިން ވަނީ ބަލިވެފައެވެ.
މި ބައްޔާއެކު ޓޮޓެންހަމް އަދިވެސް އޮތީ ރެލިގޭޝަން ޒޯނުގައެވެ. އެޓީމު އެންމެ ފަހުން ލީގު މެޗަކުން މޮޅުވެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.
މީގެ އިތުރުން ކްރިސްޓަލް ޕެލަސް އިން ވަނީ ފަހަތުން އަރައި 2-1 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފައެވެ. ނޮޓިންހަމް ފޮރެސްޓާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.