ރެބްޑޯމައިއޮލިސިސް: ކިހާ ސީރިއަސް ކަމެއްބާ؟

ޑޮކްޓަރުން ބަޔާންކުރައްވާފައިވާ ގޮތުގައި 'ރެބްޑޯ' ނުވަތަ ރެބްޑޯމައިއޮލިސިސް އަކީ ހަމައެކަނި ކުޅިވަރުގެ ތެރެއިން ލިބޭ އަނިޔާއެއް ނޫންކަމަށް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ރެބްޑޯމައިއޮލިސިސް އަކީ ހަށިގަނޑަށް ކެތްނުވާ ވަރަށް މަސައްކަތް ކުރުމުން ނުވަތަ ކަސްރަތު ކުރުމުން މަސްތަކުގެ ސެލްތައް ހަލާކުވެ، އޭގެ ވިހަ މާއްދާތައް ލޭގެ ތެރެއަށް ފެތުރިގެންދާ ނުރައްކާތެރި ބައްޔެކެވެ. މިއީ އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ތިލަކް ވަރްމާއަށް މި ބަލި ޖެހުމާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާ ސިއްހީ މައްސަލައެކެވެ. މި ބަލީގެ ސަބަބުން ކިޑްނީ ފޭލްވުމާއި ހިތުގެ މައްސަލަތައް ދިމާވުމުގެ ނުރައްކާ ބޮޑެވެ.

  • މަސްތައް ހަލާކުވުމުން މައިއޯގްލޯބިން ލޭގެ ތެރެއަށް ގޮސް ކިޑްނީއަށް ގެއްލުންވެއެވެ.
  • ބަލީގެ މައިގަނޑު އަލާމާތްތަކަކީ މަސްތަކުގައި ރިއްސުމާއި، ބާރު ދެރަވުމާއި ކުލަ ގަދަކޮށް ކުޑަކަމުދެވުމެވެ.
  • ބަލިމީހުންނަށް އަވަސް ފަރުވާގެ ގޮތުގައި އައިވީ ފްލުއިޑް ދޭންޖެހެއެވެ.
  • ކިތަންމެ ދުޅަހެޔޮ މީހަކަށްވެސް މާބޮޑަށް ބާރުބޮޑުކުރުމުން މި ބަލި ޖެހިދާނެއެވެ.

މަސައްކަތުގައި ނުވަތަ ކަސްރަތުގައި މާބޮޑަށް ގަދަ ދެއްކުމަކީ އަބަދު ހިތްވަރުގަދަކަމުގެ ނިޝާނެއް ނޫނެވެ. މާބޮޑަށް މަސްތަކަށް ބާރު ބޮޑުވުމުގެ ސަބަބުން ދިމާވާ، މަދު ނަމަވެސް ނުރައްކާތެރި ބައްޔެއް ކަމަށްވާ 'ރެބްޑޯމައިއޮލިސިސް'އާ ބެހޭގޮތުން ޑޮކްޓަރުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ދާދިފަހުން ވަނީ ފާޅުކޮށްފައެވެ.

މިކަން ގިނަ ބައެއްގެ ސަމާލުކަމަށް އައީ އުމުރުން އެންމެ 22 އަހަރުގެ އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ތިލަކް ވަރްމާ، ރެބްޑޯމައިއޮލިސިސް ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކުރި ހަބަރާއެކުގައެވެ.

މި ބައްޔަކީ އާންމުކޮށް ސިއްހީ ފޮތްތަކުން ފެންނަ، އާންމުންނަށް ބީރައްޓެހި ނަމެކެވެ. އެހާ ދުޅަހެޔޮ، ވަރުގަދަ ކުޅުންތެރިއަކު މިފަދަ ބައްޔެއްގެ ސަބަބުން ހޮސްޕިޓަލުގައި އޮންނަން ޖެހުމުން ގިނަ ބަޔަކަށް ހައިރާންކަމެއް ލިބި ގިނަ ސުވާލުތަކެއް ސިކުނޑީގައި އެނބުރެން ފެށިއެވެ.

ޑޮކްޓަރުން ބަޔާންކުރައްވާފައިވާ ގޮތުގައި 'ރެބްޑޯ' ނުވަތަ ރެބްޑޯމައިއޮލިސިސް އަކީ ހަމައެކަނި ކުޅިވަރުގެ ތެރެއިން ލިބޭ އަނިޔާއެއް ނޫނެވެ. މިއީ މަސްތަކުގެ ސެލްތައް ވަރަށް އަވަހަށް ހަލާކުވެ، އޭގެ ސަބަބުން އުފެދޭ ވިހަ މާއްދާތައް ލޭގެ ތެރެއަށް ފެތުރިގެން ދިއުމުން ދިމާވާ ކަމެކެވެ. މި ވިހަ މާއްދާތައް ސާފުކުރުމުގެ މަރުހަލާގައި ކިޑްނީއަށް ބާރުބޮޑުވެއެވެ.

މާބޮޑަށް މަސްތަކަށް ބާރުބޮޑުވުމުގެ ސަބަބުން ވެސް ރެބްޑޯމައިއޮލިސިސް ބަލި ޖެހިދާނެ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އެޕޯލޯ ހޮސްޕިޓަލްސްގެ ސީނިއާ ކޮންސަލްޓަންޓް ނެފްރޮލޮޖިސްޓް ޑރ. ޖީ.ސަތްޔަނާރާޔަނާ ވިދާޅުވި ގޮތުގައި، މަސްތަކުގެ ސެލްތައް ހަލާކުވުމުން 'މައިއޯގްލޯބިން' ކިޔާ މާއްދާއެއް ލޭގެ ތެރެއަށް ބޭރުވެއެވެ. މި މާއްދާގެ ސަބަބުން ކިޑްނީގެ ފިލްޓަރުތައް ބެދި، އަވަސް ފަރުވާ ނުލިބިއްޖެނަމަ ކިޑްނީ ފޭލްވުމަށް މެދުވެރިވެއެވެ.

ރެނޯވާ ސެންޗަރީ ހޮސްޕިޓަލްސްގެ އިންޓާނަލް މެޑިސިން ޑިރެކްޓަރު ޑރ. ކޭ. ކްރިޝްނާ ޕްރަބާކަރު ފާހަގަކުރެއްވި ގޮތުގައި، މިއީ އިންސާނާގެ ހަށިގަނޑުގެ މަސައްކަތްތައް ހުންނަ ނާޒުކު މިންވަރު ހަނދާންކޮށްދޭ ކަމެކެވެ.

މަސްތަކުގެ ޕްރޮޓީންތައް ލޭގެ ތެރެއަށް ދިއުމުން ކިޑްނީއަށް ބާރުބޮޑުވުމުގެ އިތުރުން، ހިތުގެ ވިންދު އަވަސްވުން ފަދަ ނުރައްކާތަކާ ކުރިމަތިވެ، މިއީ ވަގުތުން ހޮސްޕިޓަލުގައި ފަރުވާ ހޯދަންޖެހޭ ކުއްލި ސިއްހީ ހާލަތެއް ކަމަށް ޑރ. ކޭ. ކްރިޝްނާ ޕްރަބާކަރު ވަނީ ވިދާޅުވެފައެވެ.

މިއީ ހަމައެކަނި ކުޅިވަރު ކުޅުންތެރިންނަށް ދިމާވާ ކަމެއް ކަމަށް ހީވިޔަސް، ހަގީގަތަކީ މިއީ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ ކަމެކެވެ. ބޮޑެތި އަނިޔާތައް ލިބިގެން ރަނގަޅުވަމުން އަންނަ މީހުންނާއި، ބައެއް ކަހަލަ އިންފެކްޝަންތައް ޖެހިފައިވާ މީހުންނަށް ވެސް މިކަން ދިމާވެއެވެ.

ކިތަންމެ ސިއްހަތު ރަނގަޅު މީހަކަށްވެސް ރެބްޑޯމައިއޮލިސިސް ތަހައްމަލުކުރަން ޖެހިދާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ނަމަވެސް، މިހާރު އެންމެ އާންމުކޮށް މިކަން ދިމާވަނީ ހަށިގަނޑަށް ކެތްނުވާ ވަރަށް މަސައްކަތްކުރުމުން ނުވަތަ ކަސްރަތު ކުރުމުންނެވެ. ހާއްސަކޮށް ހޫނުގަދަ މާހައުލެއްގައި، ހަށިގަނޑުން ފެން މަދުވެފައި ހުއްޓާ ނުވަތަ އާދަވެގެން ނުކުރާ ވަރުގެ ބުރަ ކަސްރަތެއް ކުރުމަކީ މިކަމަށް މަގުފަހިވާ ކަންކަމެވެ. މީގެ އިތުރުން ފިިޓުޖެހުމާއި، ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުން ވެސް މި ބަލި ޖެހިދާނެއެވެ.

ޑރ. ކްރިޝްނާ އިތުރަށް ވިދާޅުވި ގޮތުގައި ހަކުރުބަލި ނުވަތަ ތައިރޮއިޑް މައްސަލަ ހުންނަ މީހުންނާއި، ކޮލެސްޓްރޯލް ދަށްކުރާ ބޭސް ބޭނުންކުރާ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑެވެ.

މި ބަލީގެ އެންމެ ނުރައްކާތެރި ކަމަކީ، ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތަކަކީ ކަސްރަތަށް ފަހު އާންމުކޮށް ވާ ތަދުތަކާ އެއްގޮތް އަލާމާތްތަކަކަށް ވުމެވެ.

މި ބަލީގެ މައިގަނޑު ތިން އަލާމާތަކީ މަސްތަކުގައި ރިއްސުން، މަސްތަކުގެ ބާރު ދެރަވުން އަދި ކުލަ ގަދަ ކުޑަކަމުދާ ތަކެތި ބޭރުވުމެވެ. ކަސްރަތަށް ފަހު މަސްތައް ދުޅަވުން، މާބޮޑަށް ވަރުބަލިވުން ނުވަތަ މޭ ނުބައިކުރުން ފަދަ ކަންކަން ދިމާވާނަމަ އެއީ އާދައިގެ ކަމެއް ކަމަށް ބަލައި ދޫކޮށްލައިގެން ނުވާނެ ކަމަށް ޑރ. ކްރިޝްނާ އިރުޝާދު ދެއްވައެވެ.

މި ބަލި ޖެހޭ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ގިނަ އަދަދަކަށް އައިވީ ފްލުއިޑް ދީގެން ލޭގައި ހުންނަ ވިހަ މާއްދާތައް ސާފުކުރަން ޖެހެއެވެ. އަދި ކިޑްނީގެ މަސައްކަތް ދަށްވާނަމަ ޑަޔަލަސިސް ހަދަންވެސް ޖެހިދާނެއެވެ.

ބަލިން ފަސޭހަވުމަށްފަހު ވެސް އަވަސް އަވަހަށް ކަސްރަތަށް އެނބުރި ނުދިއުމަށް ޑޮކްޓަރުން ނަސޭހަތްތެރިވެއެވެ. މަޑުމަޑުން ކަސްރަތު އިތުރުކުރުމާއި، ގިނައިން ފެން ބުއިމާއި، ހަށިގަނޑަށް ބާރުބޮޑުވިޔަ ނުދިނުމަކީ މުހިންމު ކަމެކެވެ.

އެއްފަހަރު މި ބަލި ޖެހިފައިވާ މީހުން ދެވަނަ ފަހަރަށް ބަލި ޖެހުނަ ނުދިނުމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. ސަބަބަކީ ތަކުރާރުކޮށް މިކަން ދިމާވުމުން ކިޑްނީއަށް ދާއިމީ ގެއްލުން ލިބިދާނެތީއެވެ.

ކިތަންމެ ދުޅަހެޔޮ މީހަކަށްވެސް މިފަދަ ބައްޔެ ޖެހިދާނެކަން ދެނެގަނެ ހަށިގަނޑުން ދޭ އިންޒާރުތަކަށް ސަމާލުކަން ދެވިއްޖެނަމަ ސިއްހީ އެހީތެރިންގެ އެހީގައި މިފަދަ ކަންކަމުން ރައްކާތެރިވެވިދާނެއެވެ.

comment ކޮމެންޓް