"އައި ކާންޓް ރެސިސްޓް ދިސް ފީލިންގ އައިރާ... އައި... އައި ޓްރައިޑް އަ ލޮޓް... ބަޓް އައި ކުޑުންޓް ގެޓް ރިޑް އޮފް އިޓް. އެންޑް މޭބީ އައި ވޯންޓް ވީ އޭބަލް ޓު..." ޒަހްރާނަށް އަމިއްލަ ހިތާ ވާހަކަ ދެކެވުނެވެ.
އޭނާއަށް އެއްކަމެއް ޔަޤީންވެއްޖެއެވެ. އައިރާއާ މެދު އޭނަގެ ހިތުގައިވާ އިޙްސާސްތައް ހިންދައިލުމަކީ ފަސޭހަކަމެއް ނޫންކަމެވެ. އެ ހަނދާންތަކާ ދުރުވާން އޭނައަށް އެކުރެވެނީ ބޭކާރު މަސައްކަތެއް ކަމެވެ. އަމިއްލަ ހިތުގެ އިޙްސާސްތަކާ ދެކޮޅަށް ހަނގުރާމަކޮށްކޮށް އޭނަ ވަރުބަލިވެއްޖެއެވެ. ކޮންމެ ފަހަރަކުވެސް ޖެހެނީ ބަލި ޤަބޫލުކުރާށެވެ. އެހިތުގެ ނުކިޔަމަންތެރިކަމުގެ ކުރިމަތީގައި ހަތިޔާރު ބަހައްޓާ ގޮތް ދޫކުރާށެވެ. ޒަހްރާނަށް އެތަނުގައި އެކަނިމާއެކަނި ވިސްނަން އެތަކެއް އިރެއް ވަންދެން އިނދެވުނެވެ.
*****
ޖެހިގެން އައި ދުވަހެވެ. ލެޕްޓޮޕްގެ އިތުރުން މުހިންމު ލިޔެކިޔުންތަކެއް ހިމެނޭ ފައިލެއް ހިފައިގެން ގޮސް، އަޔާޝްވަނީ އޮފީހުގެ އެންމެ މަތީ ފަންގިފިލާގައި ހުންނަ މީޓިން ހޯލަށެވެ. ދިގަށް ހުރި މޭޒުގެ އެއްފަރާތުގައި އޭނަ އިށީނދެލިއެވެ. އެއަށްފަހު، ގަޑި ބަލައިލިއެވެ. އޭރު ދިހައެއް ޖަހަން ފަނަރަ ވަރަކަށް މިނެޓް ހުއްޓެވެ. ބައްދަލުވުމަށް ގަޑި ކިޔާފައިވަނީ ދިހައެއް ޖަހާއިރު ކަމުން، ލެޕްޓޮޕް ހުޅުވާލާފައި، ބޭނުންވާ ސްލައިޑް ފާރުގައި ހަރުކޮށްފައި ހުރި ޓީވީއިން އަޅުވާލުމަށްފަހު، އޭނަ ފައިލްތަކަށް ބަލައިލިއެވެ. ބައްދަލުވުން ފެށުމުގެ ކުރިން އަދިވެސް އެއްފަހަރު ކޮންޓްރެކްޓާ މުހިންމު ލިޔެކިޔުންތައް ރަނގަޅަށް ކިޔައިލިއެވެ. ދިހައެއް ޖަހަން ދެމިނެޓަށް ވެފައި ހުއްޓާ އޭނަގެ ސެކެޓްރީ ދޮރުގައި ޓަކި ޖަހާލާފައި އެތެރެއަށް ވަދެލިއެވެ. އެއަށްފަހު އޭނަ ބޯ ޖަހައިލީ އެހެން އެންމެންވެސް އައިކަން އަންގައިލުމުގެ ގޮތުންނެވެ. ސެކެޓްރީގެ ފަހަތުން އައި މީހުން ވަނުމާއެކު، އަޔާޝް އިން ގޮނޑިން ތެދުވެލިއެވެ. އޭނަ އެމީހުންނަށް މަރްޙަބާ ކިޔެވެ. އެންމެ ފުރަތަމަ ވަނީ ރަޝީދެވެ. އޭނަ އަޔާޝްއާ ސަލާމްކޮށްލިއެވެ. އޭނަ ފަހަތުން ވަތް ރިހާމްވެސް އަޔާޝްއާ ސަލާމްކޮށްލުމަށްފަހު، ހިނިތުންވެލިއެވެ. ދެން އެތެރެއަށް ވަނީ "އާރބަން ކޮންސްޓްރަކްޝަން" ކުންފުނީގެ ޤާނޫނީ ވަކީލެވެ. އޭނަގެ ފަހަތުން ކަހަލަ ގޮތަކަށް އަޔާޝްމެންގެ ކުންފުނި، "މޭޕަލް ހެރިޓޭޖް ޕްރައިވެޓް ލިމިޓެޑް" ކުންފުނީގެ ވަކީލުވެސް އެތެރެއަށް ވަދެއްޖެއެވެ. ކަމެއް ބޭނުންވެއްޖެނަމަ ގޮވާލާނެކަމަށް ބުނެ އަޔާޝް، އޭނަގެ ސެކެޓްރީ ފޮނުވާލިއެވެ. ދެ ކުންފުނީގެ ދެމެދު ތަފާތު އެއްބަސްވުންތައް ހެދިފައިވުމާއެކު، އަޔާޝްއަށް ރަޝީދާ ލޯޔަރުވެސް އެނގެއެވެ. އޭނައަށް ނޭނގެނީ ރިހާމްއެވެ. އަޔާޝް ރިހާމްއަށް ތަޢާރަފްވެލިއެވެ.
"އައެމް އަޔާޝް. އެންޑް ދިސް އިޒް އަވަރ ލޯޔަރ. ނާޒިފް.." އަޔާޝް ބުނެލިއެވެ.
"ރިހާމް. ޕްރޮޖެކްޓް މެނޭޖަރ." ރިހާމް އޭނަގެ ތަޢާރަފެއް ދިނުމާއެކު، އަޔާޝް ހިނިތުންވެލިއެވެ.
"އެންމެފަހުން ހަދަން ދިން ރިސޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ޑިލޭވެގެން ދިޔައީ އަސްލު ކީއްވެގެންބާ؟ކޮންޓްރެކްޓަށް ވުރެ އަވަހަށް މަސައްކަތް ނިންމޭނެކަމަށް އޭރު ވިދާޅުވީމެއް ނޫންތޯ؟ އެ ޔަޤީންކަން ވެސް ދެއްވީމެއް ނޫންތޯ؟" ބައްދަލުވުން ފެށުމާއެކު، އަޔާޝް އެންމެ ފުރަތަމަ ވާހަކަ ދެއްކީ ރަޝީދާއެވެ. ހުރިހާ އެއްބަސްވުމެއްގައި ސޮއިކުރީ ރަޝީދުކަމަށް ވާތީއެވެ. އަޔާޝްގެ ސުވާލާއެކު، ރަޝީދަށް ބަލައިލެވުނީ ރިހާމްއަށެވެ. އޭނަ ހުރިހާކަމެއް ހަވާލުކޮށްފައިވަނީ ރިހާމްއާ ކަމުގައިވާތީއެވެ. އަދި އެ ސުވާލުތަކުގެ ޖަވާބު އެންމެ ފުރިހަމައަށް ދެވޭނީވެސް ރިހާމްއަށް ކަމަށް ވާތީއެވެ. އެހެންނަމަވެސް ރިހާމް ވާހަކަ ފެށުމުގެ ކުރިން އޭނަ މާފަށް އެދުނެވެ.
"އަޅުގަނޑުމެންގެ ސައިޑުން މަސައްކަތް ޑިލޭވެގެން ދިޔައީތީ ވަރަށް ބޮޑަށް މާފަށް އެދެން. މިފަދަ ކަމެއް އަދި މިވީ އަލަކަށް ނޫންތޯ!" ރަޝީދު ބުނެލިއެވެ.
"ކޮންޓްރެކްޓްގައި އޮންނާނެ މުއްދަތަށް ނުނިންމައިފިނަމަ މަސައްކަތް އަތުލުމުގެ ހައްޤު އަޅުގަނޑުމެންނަށް ލިބޭނެކަމަށް." އަޔާޝް ލޯޔަރަށްވެސް އަވަސް ނަޒަރެއް ދިނެވެ. އެއާއެކު ލޯޔަރު އެކަމަށް ބާރު ދިނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
"އަޅުގަނޑުމެން ބޭނުން އަދި މުއްދަތު އިތުރުކޮށްލަން. ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އެއްކޮށް މަސައްކަތް ނިންމާނެކަމުގެ ޔަޤީންކަން އަރުވަން..." ރިހާމް ވާހަކަ ދެއްކިއެވެ. "މޭޕަލް ހެރިޓޭޖް ޕްރައިވެޓް ލިމިޓެޑް" ކުންފުންޏަކީ، ރާއްޖޭގެ އެންމެ ފުންނާބު އުސް ކުންފުންޏެވެ. އެހެންކަމުން، އެމީހުންނަށް އެންމެ ބޮޑަށް ފައިދާ ލިބެނީވެސް އެ ކުންފުނީގެ ޕްރޮޖެކްތަކުންނެވެ. ފަރުވާކުޑަވުމުގެ ސަބަބުން، މަސައްކަތް ލަސްވެ ވަގުތަށް ނުނިންމާ ކުންފުނިތަކާއެކު ހެދިފައިވާ އެއްބަސްވުންތައް "މޭޕަލް ހެރިޓޭޖް" ކުންފުނިން އަބަދުވެސް އުވާލާކަން ރިހާމްއަށް އެނގެއެވެ. އަދި އަމްދުން އިތުބާރު ގެއްލުމަށްފަހު، އަލުން އަނބުރާ މަސައްކަތް ހަވާލުނުކުރާނެކަންވެސް މެއެވެ. އެހެންކަމުން، އެމީހުންނާ އެ ކުންފުންޏާ އޮތް ގުޅުން ހީނަރުވެއްޖެނަމަ ހުރިހާ ގޮތަކުން ގެއްލުންވާނީ ހަމަ އެމީހުންނަށެވެ.
"މަސައްކަތްކުރާ ވަރަށް ގިނަ ބިދޭސީންތަކެއް ކުންފުންޏާ ވަކިވުމާއެކު މަސައްކަތް ޑިލޭވެގެން ހަޤީޤަތުގެ މިދިޔައީ..." ރިހާމް އިތުރަށްވެސް އޮޅުން ފިލުވައިލަދިނެވެ.
"އެންމެ ރަނގަޅު. ބެލި ބެލުމުން ފާހަގަވީ މި ނޫނީ ދުވަހަކުވެސް މަސައްކަތެއް ޑިލޭ ވެފަ ނެތްކަން. އެހެންވީމަ އިތުރަށް އަދި ދެމަސް ދުވަހުގެ އެކްސްޓެންޝަނެއް ދޭން މި ނިންމަނީ. އެކަމަކު އެ މުއްދަތުގެ ތެރޭގައި ރިސޯޓުގެ މަސައްކަތް ނުނިމިއްޖެނަމަ ކޮންޓްރެކްޓް މިކޮޅުން އުވާލާނަން." އަޔާޝް ފަހު ފުރުސަތު ދިނުމުގެ ގޮތުން ބުނެލިއެވެ.
"ފަހުން ސޮއިކުރި ދެ ޕްރޮޖެކްޓްގެ އެއްބަސްވުންތަކަށް މިކަމުން އެއްވެސް އަސަރެއް ނުކުރާނެ ދެއްތޯ؟" ރަޝީދު ޔަޤީންކަން ބޭނުންވާފައެވެ. އެމީހުން އަތުން އެހުރިހާ ޕްރޮޖެކްޓެއް ގެއްލިއްޖެނަމަ ކުންފުންޏަށް ކުރިމަތިވާ ގެއްލުންތައް ފޫބެއްދުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.
"އާދެ. އެކަމަކު ކުރިއަށް ވާހަކަ ދެކެވިފަ ހުރި ޕްރޮޖެކްޓުގެ ކޮންޓްރެކްޓް އެހަށް މަޑު ޖައްސައިލާނަން." އަޔާޝް ބުނެލިއެވެ. ރަޝީދުމެން ވެސް އެގޮތާ އެއްބަސްވިއެވެ. އެއްބަސްވުމުގެ މުއްދަތު އިތުރު ކުރިކަމަށް ސޮއިކުރުމަށްފަހު، ބައްދަލުވުން ނިންމާލިއެވެ. ރަޝީދުމެން ދިޔުމުން އަޔާޝްވެސް ދިޔައީ އޭނަގެ ކެބިންއަށެވެ. ގޮނޑީގައި ހަމަޖެހިލާފައި އޭނަ ޒަހްރާނަށް ގުޅައިލިއެވެ. އޭނަގެ ބޭނުމަކަށް ވީ ޒަހްރާން އޮފީހަށް ގެނައުމެވެ. އެމީހުން މިހާރު މަސައްކަތްކުރާ އޮފީސް އިމާރާތް އެޅި ފަހުން، ޒަހްރާން އަދި އޮފީހަކަށް ނާދެއެވެ. ބައްޕަ އެދޭ ގޮތަށް ޒަހްރާނާ ވާހަކަ ދައްކަން އެންމެ ރަނގަޅުވާނީ އޭނަ އޮފީހަށް ގެނެސް ކަންތައްތައް ހިނގާގޮތް ކިޔައިދީފައިކަމުގައި އަޔާޝްއަށް ޤަބޫލުކުރެވެއެވެ. އޭނަ ޒަހްރާނަށް ގުޅިއިރު ޒަހްރާން އޮތީ ނިދާފައެވެ. އޭރު މެންދުރު އެކެއް ޖަހައިފިއެވެ.
"އަދިވެސް ނިދަނީތަ؟" އަޔާޝް ސުވާލުކޮށްލިއެވެ.
"ހޫމް...." ޒަހްރާން ހޫމްއެއް ލައްވައިލިއެވެ. އޭރުވެސް އަޑުގައިވަނީ ނިދި ބަރުކަމެވެ. "ކަމަކުތަ ދޮންބޭ؟"
"ހޫމް.. އޮފީހަށް އާދެވޭނެތަ؟" އަޔާޝް ސުވާލުކޮށްލިއެވެ.
"އޮފީހަށޭ؟ އެއީ ކީއްކުރަން؟" ޒަހްރާން ސުވާލުކޮށްލިއެވެ. އޭނަގެ އަޑުގައި މާބޮޑު ޝައުޤުވެރިކަމެއް ނެތެވެ.
"ކުޑަ ވާހަކައެއް ދައްކާލަންވެގެން. އެހެން ނޫނަސް ރެން އަދި އޮފީހަށް ނުވެސް ވަދެލަމެއްނު." އަޔާޝް ބުނެލިއެވެ.
"އެހެން ދުވަހަކުން ދޯ..." ޒަހްރާން ބުނެލިއެވެ. އަޔާޝް އަނެއްކާވެސް އޮފީހަށް އައުމަށް އެދުނެވެ.
"ބައްޕައެއްވެސް މިހާރަކު އޮފީހަކު ނޫޅޭނެޔޭ..." އޭނަ ބުނެލިއެވެ.
"ޕްލީޒް. ފަހުން ދޮންބޭ... ޕްލީޒް..." ނިދިއަޑުން ޒަހްރާން ބުނެލިއެވެ. އޭނަ ހަމަ އެއްގޮތަކަށްވެސް އެކަމަކަށް އެއްބަހެއް ނުވިއެވެ.
"އޯކޭ... ސީޔޫ ފަހުން އެހެންވީމަ..." އެހެން ބުނެލާފައި އަޔާޝް އެންމެފަހުން ހަތިޔާރު ބެހެއްޓިއެވެ.
*****
ފަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް ރިހާމްއާ ވާހަކަ ދައްކާލާނެ ފުރުސަތެއް އައިރާއަކަށް ނުލިބުނެވެ. އަނެއްކޮޅުން ޑޮކްޓަރަށް ދައްކަން ދާން ޖެހޭ ދުވަސްވެސް ޖެހެނީއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނަ ބަނޑުބޮޑު ވާހަކަ ބުނަން އައިރާ ބޭނުންވިއެވެ. އެހެންނަމަވެސް މެސެޖަކުން ނޫނެވެ. ރިހާމް ކައިރީގައި ހުރެގެންނެވެ. އައިރާގެ އެތަކެއް އާދޭސްތަކަކަށްފަހު، ވެސް ރިހާމް އޭނަ ކައިރިއަކަށް ނާދެއެވެ. އަންނަ ކޮންމެ ފަހަރަކު ޝަކުވާ ކުރަނީކަމުގައި ބުނެ ރިހާމް އައިރާގެ ވާހަކަތައް އަޑު އަހަން އުޒުރުވެރިވަނީއެވެ. އައިރާގެ ވާހަކަތަކުން ބޮލަށް އުނދަގޫވާކަމަށާއި، އޭނަ ހަމަޖެހިލަން ވަގުތު ކޮޅެއް ބޭނުންވާކަމުގައި ބުނަމުންނެވެ. އިތުރަށް ބުނާނެ އެއްޗެއް އައިރާއަށް ވެސް ނޭނގެނީއެވެ. ފުންމިން ނޭނގޭ އަނދަވަޅަކަށް އޭނަ ވެއްޓެމުން ދާ ފަދަ އިޙްސާސެއް ކުރެވެމުން ދިޔައެވެ. ކިރިޔާވެސް ހިތްވަރުކުރެވެނީ ބަނޑުގައި އުފެދެމުންދާ ދަރިފުޅުގެ ސަބަބުންނެވެ. އޭނަ ހިތްވަރުނުކޮށްފިނަމަ އެ ދަރިފުޅަށް އެކަމުން އަސަރުކުރާނެތީއެވެ. ކިތަންމެ ފަހަރަކު އައިރާ ކަރުނަތައް ހިންދައިލައެވެ. ދެލޯ ފުލެލާފައި ހިނިތުންވެލައެވެ. ހަމަ ދަރިފުޅުގެ ހައްޤުގައެވެ.
ޑޮކްޓަރަށް ދައްކަން ދާން އޮތް ދުވަސް އައިއިރުވެސް އައިރާއަށް އެ ފުރުސަތެއް ނުލިބުނެވެ. އެންމެފަހުން އޭނަ ދާން ނިންމީ އެކަންޏެވެ. ތައްޔާރުވެލައިގެން ރިޕޯޓްތައް ހުރި ފައިލް ހިފައިގެން ނުކުމެގެން އޭނަ ތިރިއަށް ދިޔައިރު، އީލާފް ލިފްޓް ލޮބީގައި ޒަހްރާނާއެކު ހުއްޓެވެ. ޒަހްރާނަށް އައިރާ ފެނުމާއެކު އޭނަ އެދަނީ ހޮސްޕިޓަލަށް ކަން އެނގުނީ އެ އަތުގައި އޮތް ފައިލް ފެނުމުންނެވެ. އޭނަގެ ހިތަކަށް މިފަހަރުވެސް ކެތެއް ނުކުރެވުނެވެ. ނުކިޔަމަންތެރިކަމާއެކު ތެޅެމުން ދިޔަ ހިތުގެ އާދޭސްތަކަށް އިޖާބަދެމުން ޒަހްރާން ވާހަކަ ދެއްކިއެވެ.
"ޑޮކްޓަރަށް ދައްކަންތަ؟" ޒަހްރާން ސުވާލުކޮށްލިއެވެ. "ހުރިހާކަމެއް އޯކޭތަ؟"
"ހޫމް... އޯކޭ..." އެހެން ބުނެލާފައި ޒަހްރާނަށް އަވަސް ނަޒަރެއް ދިން އައިރާ ގޮސް ލޮބީއިން ނުކުތެވެ. ޒަހްރާން އައިރާއަށް ގޮވާލަން އުޅެފައިވެސް މަޑުޖެހިލިއެވެ.
"އޭނަ ބަލީތަ؟" އީލާފް ޒަހްރާނާ ސުވާލުކޮށްލިއެވެ.
"ޝީޒް ޕްރެގްނެންޓް..." ޒަހްރާނަށް ބުނެވުނެވެ.
"ވަޓް... ޕްރެގްނެންޓޭ... އޯ ގޯޑް. ކޮން ކަހަލަ އަންހެން ކުއްޖެއްތަ އެއީ؟" އީލާފްއަށް އަނގަޔަށް ގޮތެއް ހަދައިލެވުނެވެ. އޭނައަށް އެކަމުގެ މާނަ ނެގުނީ އެންމެ ނުބައިކޮށެވެ. "ކުޑަބެ ޕްލީޒް ސްޓޭއި އަވޭ ފްރޮމް ހާ... ޝީޒް..... ސޯ ޗީޕް..."
"އީލާފް... ޕްލީޒް... އެއީ ތި ހީކުރާކަހަލަ ކުއްޖެއް ނޫނޭ..." އީލާފްގެ ދުލުން އިވުނު ލަފުޒުތަކުން ޒަހްރާނަށް އޭނަގެ އިޙްސާސްތައް ކޮންޓްރޯލްކުރަން އުނދަގޫވިއެވެ. އަޑު ބާރުވީވެސް ހިތްހަމަ ނުޖެހުނުވަރުންނެވެ. ޒަހްރާން އޭނަގެ ނަމުން ގޮވާނީ ވަރަށް ހިތްހަމަ ނުޖެހުމުންކަން އެނގުމާއެކު، އީލާފްއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. އޭނަ ކުޑަކޮށް ދެރަވެސް ވިއެވެ. ދެބުމަ ގޮށް ޖަހައިލުމާއެކު، އޭނަ ޒަހްރާނަށް ބަލަން ހުރެފައި އެތަނުން ނުކުންނަން ހިނގައިގަތެވެ. އީލާފް ހިތްހަމަނުޖެހިގެން ދަނީކަން ވިސްނުނު ޒަހްރާން ވެސް އީލާފްގެ ފަހަތުން ގޮސް ބޭރަށް ނުކުތެވެ. އޭރު އީލާފް ފޯނުން ކޮންމެވެސް މީހަކަށް ގުޅަނީއެވެ.
"ސޮރީ..." ޒަހްރާން މާފަށް އެދުނު ނަމަވެސް، އީލާފް އެއްޗެއް ނުބުންޏެވެ.
"އީލު. ސޮރީ އޭ... މައްޗަށް އަރާފަ ހުރިހާ ވާހަކައެއްވެސް ކިޔައިދޭނަން..." ޒަހްރާން ބުނެލިއެވެ. އީލާފް އޭނައަށް ސުވާލުގެ ނަޒަރަކުން ބަލައިލި ނަމަވެސް، އެހާ އަވަހަށް ދޫދޭކަށް ބޭނުމެއް ނޫނެވެ. ޒަހްރާނެކޭ އެއްވަރަށް ނޫނަސް އީލާފްގެ މިޒާޖުގައިވެސް ކޮންމެވެސް ވަރަކަށް ގޮތް ދޫނުކުރުމުގެ ސިފަ ހުރެއެވެ. ޒަހްރާންގެ ވާހަކައަށް ސަމާލުކަން ނުދީ ވޭތޯ ބަލަމުން ފޯނު ނަގާ ކަންފަތުގައި ޖައްސައިލީ ޑްރައިވަރަށް ގުޅާލަމުންނެވެ. އެހެންނަމަވެސް ރިންގްވިހެން ހީނުވެ ޒަހްރާން އޭނަގެ އަތުން ފޯނު ޖަހައިގަނެފައި ކަނޑާލައިފިއެވެ.
"ގެނޭ ފޯނު... މިދަނީ ގެއަށް ދާން." އީލާފް ބުނެލިއެވެ.
"އީލޫ... ސޮރީ އޭ ބުނެފީމެއްނު. ހުރިހާ ވާހަކައެއް ވެސް ކިޔައިދޭނަމޭ. ޝީ އިޒް ނޮޓް ލައިކް ދެޓް އޭ..." ޒަހްރާން ބުނެލިއެވެ. "ޝީ އިޒް މެރީޑް އޭ..."
ޒަހްރާންގެ ވާހަކައާއެކު އީލާފްއަށް ލިބުނީ ހައިރާންކަމެކެވެ. އޭނައަށް ދެލޯ ބޮޑުކޮށްލައިގެން ޒަހްރާނަށް ބަލަހައްޓައިގެން ހުރެވުނެވެ. ޒަހްރާން ބޯ ޖަހައިލީ އެކަން އީލާފްއަށް ޔަޤީންކޮށްދޭން ބޭނުންވެފައިވާ ފަދައަކުންނެވެ.
"ހިނގާ މައްޗަށް..." އީލާފް ބޯ ޖަހައިލުމާއެކު، ޒަހްރާނަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެވަގުތު ޒަހްރާންގެ އަތުގައި އޮތް އީލާފްގެ ފޯނު ރިންގުވިއެވެ. ޒަހްރާން ފޯނު ނަގާ ބަލައިލިއިރު، ގުޅަނީ ޑްރައިވަރެވެ. އޭނަ އީލާފް އަތަށް ފޯނު ދިނުމާއެކު، އީލާފް ފޯނު ނަގާފައި އޮޅިގެން ގުޅުނީކަމުގައި ބުންޏެވެ. އެއަށްފަހު ޒަހްރާންއާއެކު މައްޗަށް އަރަންވެގެން ދިޔައެވެ. އެ ދެމީހުން އެ އައީ ހަވީރުގެ ސައިބޮއިގެންނެވެ.
*****
އެކަނިމާއެކަނި ހޮސްޕިޓަލަށް ދިޔަ އައިރާ އޭނައަށް ލިބުނު ނަންބަރު ޖެހުމާއެކު ގޮސް ޑޮކްޓަރު ކޮޓަރިއަށް ވަނެވެ. އެއާއެކު އޭނަ މިހާރު އާއްމުކޮށް ދައްކަމުންދާ އަންހެނުންގެ ޚާއްސަ ޑޮކްޓަރު ނައުމާ ވާހަކަ ދެއްކިއެވެ. އައިރާގެ ޙާލު އޭނަ އޮޅުންފިލުވިއެވެ. އެއަށްފަހު އައިރާގެ ޙާލަތު ބެލިއެވެ. މިވަގުތަށް ހުރިހާކަމެއްވެސް ރަނގަޅުކަމަށް ބުނި ނަމަވެސް، އަދިވެސް ބެޑްރެސްޓްކުރުމަށާއި، ބުރަކޮށް ނޫޅުމަށް ނަޞޭޙަތްތެރިވިއެވެ. އެއަށްފަހު ދެން ދައްކަން އަންނައިރު އިތުރު ސްކޭނެއް ހަދައިގެން އަންނަން ބުނެލިއެވެ. ޝުކުރު އަދާކޮށްފައި އައިރާ ނުކުމެލިއެވެ. އޭނަ ގޮސް ހޮސްޕިޓަލުން ނުކުތްތަނުން ވަރަށް ފަސޭހައިން ޓެކްސީއެއް ވެސް ލިބިއްޖެއެވެ.
ގެއަށް ދިޔުމަށްފަހު އައިރާ ރިހާމްއަށް ގުޅައިލިއެވެ. ފޯނު ނުނެގުމުން މިރޭ ރިހާމް އެގެއަށް އައުމަށް އެދި އައިރާ މެސެޖު ކޮށްލިއެވެ. ރިހާމްގެ ފަރާތުން ޖަވާބެއް ނުލިބުމުން މާޔޫސްވިއެވެ. އައިރާ ހީކުރީ ރިހާމް ނާންނާނެކަމަށެވެ. އެހެންނަމަވެސް އޭނަ ހީކުރި ގޮތާ ޚިލާފަށް އެރޭ ރިހާމް އެގެއަށް އަތުވެއްޖެއެވެ. އޭރު އައިރާ އޮތީ ސޯފާގައި އޮށޯވެލައިގެންނެވެ.
"ރިހާމް..." އޭނަ ރިހާމްއަށް ގޮވާލަމުން ތެދުވެ އިށީނެވެ.
"އޯކޭތަ؟" އައިރާގެ މޫނުމަތީން ރިހާމްއަށް މިފަހަރު ތަފާތުކަމެއް ފާހަގަކުރެވިއްޖެއެވެ. ކުޑަކޮށް ބަލި ވައްތަރު ޖަހާހެން ހީވިއެވެ. ބަރުބަލިކަންވެސް އެ މޫނުމަތީގައި ވެއެވެ. ފަހަރުގައި އެހާ ދުވަސްފަހުން ފެނުނީމަ ކަމަށްވެސް ވެދާނެއެވެ. އޭނައަށް އައިރާ ނުފެންނަތާ މިހާރު ހަފްތާއެއް ހާ ދުވަސްވެއްޖެއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އޭނަ މިހާރު ގިނަ ވަގުތު ހޭދަކުރަނީ ދާނިޔާއާ އެކުގައެވެ. ދާނިޔާގެ ފަރާތުން ލިބޭ ލޯތްބާއެކު އޭނައަށް މިހާރު އައިރާ މުހިންމެއް ނޫނެވެ. އެކަމުގެ ސަބަބުން އައިރާ ގާތަށް އައުން އޭނައަށް މުހިންމެއްވެސް ނޫނެވެ. އޭނަގެ ހިތުގައި މިހާރު، އައިރާއާ މެދު ލޯބިވާކަމާ މެދުވެސް ރިހާމްއަށް ޝައްކުވެއެވެ. އެހެންނަމަވެސް، އޭނަ އަދިވެސް އައިރާ ވަރިކުރާކަށް ބޭނުމެއް ނޫނެވެ. ކީއްވެކަމެއް ނޭނގެއެވެ. ފަހަރުގައި އައިރާގެ އެކަނިވެރިކަން އެނގޭތީ ޙަމްދަރުދީ ވެވެނީ ކަންނޭނގެއެވެ. ސީދާ ސީދަލަށް އޭނަ އައިރާ ދެކެ ލޯބިވާ ވާހަކަ ނުބުނާތާ ވީ ދުވަހެއްވެސް ނޭނގެއެވެ.
"ހޫމް.. އޯކޭ... ކުޑަކޮށް ހޮޑުލެވޭތީ މިއުޅެނީ..." އައިރާ ބުނެލިއެވެ.
"ބޭސް އެބަހުރިތަ؟" ރިހާމްއަށް އަހައިލެވުނެވެ.
"ހޫމް..." އައިރާ ބުނެލިއެވެ. އޭނަ ދިނީ ކުރު ޖަވާބެކެވެ. އެއަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. ރިހާމްގެ މޫޑު ހުރި ރަނގަޅަށްކަން ޔަޤީންވުމާއެކު، އެއީ އޭނަ ބަނޑުބޮޑުކަން ބުނަން އެންމެ ރަނގަޅު ވަގުތެކޭ އައިރާގެ ހިތަށް އެރިއެވެ. ރިހާމް ވެސް އައިސް ސޯފާގައި އިށީނެވެ. ފަހަތު ޖީބުގައި އޮތް ފޯނު އެވަގުތު ސޯފާ މައްޗަށް ވެއްޓުނުކަމެއް އޭނައަކަށް ނޭނގުނެވެ.
"ރިހާމް..." އައިރާ ގޮވައިލީ މަޑުމައިތިރިކަމާއެކުގައެވެ. ރިހާމް މިފަހަރު "ހޫމް" އެއް ލައްވައިލިއެވެ. އައިރާގެ އަޑުގައިވި މަޑުމޮޅިކަމުގެ އަސަރުތައް މިފަހަރު އޭނައަށް ރަނގަޅަށް ފާހަގަކުރެވުނެވެ. އެ ވާހަކަ ބުނަން އުޅުނު އައިރާއަށް ހިނދުކޮޅަކަށް ހިމޭންވެވުނެވެ.
"އައިރާ... ކިހިނެއްވީ؟" ރިހާމް ބުނެލިއެވެ. "ވަރަށް ބޮޑު ވާހަކައެއްތަ؟"
އައިރާ ބޯ ޖަހައިލިއެވެ.
"ވެއިޓް... އެބަ އަންނަން އިނގޭ ޓޮއިލެޓަށް ވަދެލާފަ." ރިހާމް ބުނެލިއެވެ. އެއަށްފަހު އޭނަ ސޯފާއިން ތެދުވިއެވެ. އައިރާއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ރިހާމް ގޮސް ކޮޓަރިއަށް ވަތްހެން ހީނުވެ ސޯފާ މަތީގައި އޮތް ފޯނުގެ ސްކްރީން ދިއްލިގެން ދިޔައެވެ. ސައިލެންޓަށް ލާފައި އޮތުމުން، އަޑެއް ނީވުނަސް ސްކްރީން ދިއްލުމުން އައިރާއަށް އެ ފޯނަށް ބަލައިލެވުނެވެ. އެއާއެކު އޭނައަށް ހީވީ މީހަކު އޭނަގެ މޫނުމަތީގައި ބާރުގަދަ އެތިފަހަރެއް ވީއްލައިލިހެންނެވެ. ހިތުގައި ގޮށްމުށްކަވާފައި ޖެހިގެންނެވެ. ލޯ މައްޗަށް ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން އުނދަގޫވިއިރު، އަވަސް އަވަހަށް އެސްފިޔަ ޖަހައިލެވުނެވެ. އެހެންނަމަވެސް، ފެންނަމުން ދިޔަ މަންޒަރު ބަދަލެއް ނުވިއެވެ.
"ލަވް" ޖަހާފައިވާ ނަންބަރުން ރިހާމްއަށް އެ އައި ފޯނު ކޯލު ވެގެން ދިޔައީ އައިރާގެ ހިތަށް ލިބުނު ފުން ޒަޚަމަކަށެވެ. މޭތެރޭގައި ހިނގަމުން ދިޔަ ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެގެން ދިޔުމާއެކު، އޭނައަށް ތުރުތުރު އަޅަމުން ދިޔަ އަތަކުން އެ ފޯނު ނަގާ ބަލައިލެވުނެވެ. އެއާއެކު އައިރާއަށް މެއާ ދިމާލުގައި އަތް އަޅައިލެވުނެވެ. ފޯނަށް ބަލަހައްޓައިގެން އިތުރު ހަރަކާތެއް ގެންނަން ނޭނގިފައި އިންދާ، ފޯނު ކެނޑިއްޖެއެވެ. ދެން އައީ މެސެޖެކެވެ. ނޮޓިފިކޭޝަން ބާރއިން އައިރާއަށް އެ މެސެޖު ކިޔައިލެވުނެވެ.
"ވެއާރ އާރ ޔޫ ބޭބް. ދެން އާދެބަ... އައި މިސް ޔޫ ސޯ މަޗް...." އައިރާގެ ތުންފަތުގައިވެސް ތުރުތުރު އެޅުމެއްގެ އަސަރުވިއެވެ. އެވަގުތު ހިތުގެ ހިނގުން ކުއްލިއަކަށް ހުއްޓުނުހެން ހީވިއެވެ. ހީވީ ކޮންމެވެސް މީހެއްގެ އަތުތެރޭގައި އޭނަގެ ހިތް ފިއްތައިލިހެންނެވެ. ދެލޯ ފެންކަޅިވެގެން ދިޔުމާއެކު މަންޒަރު ފުސްވާން ފެށިއެވެ. އެހިނދު ވެއްޓުނު ކަރުނަތިކި ގޮސް ފޯނުގެ ސްކްރީނުގައި ޖެހުނެވެ. އައިރާއަށް އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލުންވީ އުނދަގޫކަމަކަށެވެ. ރިހާމް ކޮޓަރީގެ ދޮރު ހުޅުވައިލި އަޑު ކަންފަތުގައި ޖެހުމާއެކު، އޭނަ އަވަސް އަވަހަށް ފޯނު ސޯފާ މަތީގައި ބަންޑުން ބާއްވައިލިއެވެ. އެއަށްފަހު ދެލޯ ފުހެލިއެވެ. އިޙްސާސްތައް ހިންދައިލަން އޭނަ މަސައްކަތްކުރިއެވެ. ރިހާމް އައިސް ސޯފާގައި އިށީނދެލުމަށްފަހު، ފޯނު ނަގާ ބަލައިލިއެވެ. އޭރު ދާނިޔާގެ މިސްކޯލެއްގެ އިތުރުން މެސެޖެއްވެސް ލިބިފައި ވެއެވެ. އައިރާއަކީ އެއް އިރެއްގައިވެސް އޭނަގެ ފޯނު ބަލާ މީހެއް ނޫނެވެ. ކޮންމެ ތަނަކު ބާއްވާފައި އޮތް ނަމަވެސް، އޭނަގެ ފޯނުގައި އައިރާ އަތްނުލާނެކަން ރިހާމްއަށް އެނގެއެވެ. އަނެއްކޮޅުން ފޯނުވެސް އޮތީ ސައިލެންޓަށް ލާފައެވެ. އެހެންކަމުން ދާނިޔާގެ ކޯލާ، މެސެޖު ނުފެންނާނެކަމުގެ ޔަޤީންކަން ރިހާމްއަށް އޮތެވެ. ރިހާމްއަށް އައިރާއަށް އަވަސް ނަޒަރެއް ދެވުނެވެ. އޭނައަށް އެ މޫނުމަތީން ތަފާތުކަމެއް ފާހަގައެއް ނުވިއެވެ.
"ކިޔާބަލަ... ކޮން ވާހަކައެއްތަ؟" ރިހާމް ސުވާލުކޮށްލިއެވެ.
(ނުނިމޭ)