ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ އޮފީސް ލީގުގައި، ރެކޯޑް މޮޅަކާއެކު ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ގްރޫޕް އޭގައި ހިމެނޭ ސްޓެލްކޯއިން ރޭ ކުޅުނު މެޗުގައި މާލެ ސިޓީ ކްލަބް (ސީއެމްސީ) ބަލިކުރީ 23-1 ގެ ބޮޑު ތަފާތަކުންނެވެ. މިއީ މިދިޔަ އަހަރު މި މުބާރާތް ފެށި ފަހުން މިހާތަނަށް ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.
މި މެޗުގައި ސްޓެލްކޯގެ މުހައްމަދު އައްފާން އަދި އަބްދުﷲ ފަހުމީ ހެޓްރިކް ހެދިއިރު، މުއާޒް އަލީ، އިބްރާހީމް ރިމާހު، އަހުމަދު ނައުފަލް، މުހައްމަދު ސަމާހު، މޫސާ ފަތުހީ، މުހައްމަދު ސިރުޚާން އަދި ހުސައިން ޒަޔާން ހަސަން، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއެވެ.
މީގެ އިތުރުން ކީޕަރު އަލީ ސަމީރާއި، ޝުއައިދު ސައީދު، މުހައްމަދު ޒަޔާން އަދި ހާރޫން އިބްރާހީމް ވެސް ވަނީ ލަނޑު ކާމިޔާބުކޮށްފައެވެ. ސީއެމްސީގެ ހަމައެކަނި ލަނޑު ޖަހައިދިނީ އެމްޑީ އަޒީޒެވެ. މި ގްރޫޕުގެ އަނެއް މެޗުގައި މިފްކޯއިން ވަނީ ކްލަބް ހައްޖު 5-0 އިން ބަލިކޮށްފައެވެ.
މިހާރު ގްރޫޕް އޭގެ އެއްވަނައިގައި 6 ޕޮއިންޓާއެކު ސްޓެލްކޯ އޮތްއިރު، މިފްކޯ އާއި ހައްޖަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.

އޮފީސް ލީގު 2026 ގެ މެޗެއްގެ ތެރެއިން-- ފޮޓޯ: އޮފީސް ލީގު
ގްރޫޕް ބީ އަށް ބަލާއިރު، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ވެސް ވަނީ ވަރުގަދަ އެމްޓީސީސީ 3-2 އިން ބަލިކޮށް ކުއާޓާގެ ޖާގައެއް ޔަގީންކޮށްފައެވެ. ބީސީސީގެ ލަނޑުތައް އަޔާން ހަސަން، ލުބައިން މުހައްމަދު އަދި ސާމީ އަބްދުއްރަހްމާން ކާމިޔާބުކޮށްދިންއިރު، އެމްޓީސީސީގެ ލަނޑުތައް ޖެހީ ހުސައިން ޝަރީފް (މުޑާ) އާއި އުނައިޝް އަހުމަދެވެ.
ހަމަ މި ގްރޫޕުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވަނީ ކްލަބް އެމްސީއެލްޕީ 6-0 އިން ބަލިކޮށްފައެވެ. މި މެޗުގައި އެމްއައިބީގެ މުހައްމަދު ނާއިޝް އިބްރާހީމް ހެޓްރިކެއް ހެދިއިރު، އިމްދާދު އިބްރާހީމް ދެ ގޯލު އަދި އަހުމަދު މައާޝް އެއް ގޯލު ޖެހިއެވެ.
ގްރޫޕް ބީގެ އެއްވަނައިގައި 6 ޕޮއިންޓާއެކު ބީސީސީ އޮތްއިރު، ދެވަނައިގައި 4 ޕޮއިންޓާއެކު އޮތީ އެމްއައިބީއެވެ. އެމްޓީސީސީއަށް އެއް ޕޮއިންޓް ލިބިފައިވާއިރު، އެމްސީއެލްޕީ އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައެވެ.
މުބާރާތުގެ ފޯރިގަދަ މެޗުތަކެއް މިރޭވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.