ހަނދު ވަށައިގެން 10 ދުވަހުގެ ދަތުރެއް ނިންމުމަށްފަހު، ނާސާގެ އާޓެމިސް 2 މިޝަންގެ ހަތަރު އެސްޓްރޮނޯޓުން ރައްކާތެރިކަމާއެކު ދުނިޔެއަށް އެނބުރި އަތުވެއްޖެއެވެ.
މިއީ ފާއިތުވި ބައި ގަރުނަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އިންސާނުން ހަނދަށް ކުރި ފުރަތަމަ ދަތުރެވެ.
އެސްޓްރޮނޯޓުން ދަތުރުކުރި "އިންޓެގްރިޓީ" ނަމަކަށް ކިޔާ އޮރަޔަން ކެޕްސޫލް، ޕެސިފިކް ކަނޑަށް ޖެއްސީ ރާއްޖެގަޑިން ރޭ ފަތިހު 5:03 ހާއިރެވެ.

ދަތުރުގައި ބައިވެރިވި ހަތަރު ފަޅުވެރިން --- ފޮޓޯ: ނާސާ
މި ދަތުރުގައި އެސްޓްރޮނޯޓުން ވަނީ 694,000 އަށްވުރެ ގިނަ މޭލުގެ ރާސްތާއެއް ކަޑަތުކޮށްފައެވެ. މިއީ މީގެ ކުރިން އިންސާނަކު ފަޒާގެ ތެރެއަށް ދަތުރުކުރި އެންމެ ދުރެވެ.
މި ތާރީޚީ މިޝަންގައި ބައިވެރިވީ އެމެރިކާގެ ތިން އެސްޓްރޮނޯޓުން ކަމަށްވާ ރީޑް ވައިޒްމަން، ވިކްޓާ ގްލޯވާ، އަދި ކްރިސްޓީނާ ކޮކްގެ އިތުރުން ކެނެޑާގެ އެސްޓްރޮނޯޓް ޖެރެމީ ހެންސަންއެވެ.
މީގެ ތެރެއިން ވިކްޓާ ގްލޯވާ އަކީ ހަނދަށް ދަތުރުކުރި ފުރަތަމަ ކަޅު ނަސްލުގެ މީހާއެވެ. ކްރިސްޓީނާ ކޮކް އަކީ ހަނދަށް ދަތުރުކުރި ފުރަތަމަ އަންހެން އެސްޓްރޮނޯޓެވެ. އަދި ޖެރެމީ ހެންސަން އަކީ ހަނދަށް ދަތުރުކުރި އެމެރިކާ ނޫން ގައުމެއްގެ ފުރަތަމަ މީހާއެވެ.

އާޓެމިސް 2 ގެ ކެޕްސޫލް ޕެސިފިކް ކަނޑުގައި -- ފޮޓޯ: ރޮއިޓާސް
އެނބުރި ދުނިޔެއަށް އައުމުގެ މަރުހަލާގައި ކެޕްސޫލް ދުނިޔޭގެ ޖައްވަށް ވަދެގެން އައިއިރު، އޭގެ ބޭރުގެ ހޫނުމިން 5,000 ޑިގްރީ ފެރަންހައިޓަށް (2,760 ޑިގްރީ ސެލްސިއަސް) އެރިއެވެ. މިއީ ނާސާގެ އައު ޓެކްނޮލޮޖީއާއި ކެޕްސޫލްގެ ހީޓް ޝީލްޑަށް ކުރިމަތިވި ވަރުގަދަ އިމްތިހާނެކެވެ.
އާޓެމިސް 2 އަކީ ނާސާގެ އާޓެމިސް ޕްރޮގްރާމްގެ ދަށުން އިންސާނުން ގޮވައިގެން ކުރި ފުރަތަމަ ޓެސްޓް ދަތުރެވެ.
މި ޕްރޮގްރާމްގެ އަމާޒަކީ 2028 ވަނަ އަހަރުގެ ތެރޭގައި އިންސާނުން އަލުން ހަނދުގެ ފަސްގަނޑަށް ބޭލުމެވެ. އަދި މިއީ އިންސާނުން މާސް އަށް ފޮނުވުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށް ނާސާއިން ބުނެއެވެ.
ނާސާގެ އެސްްއެލްއެސް ރޮކެޓުގައި މި މަހުގެ އެއް ވަނަ ދުވަހު ފްލޮރިޑާއިން ފުރި މި ހަތަރު އެސްޓްރޮނޯޓުން މިހާރު ތިބީ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރެއްގައެވެ. މިއަދުގެ ވަގުތެއްގައި އެ މީހުން ހިއުސްޓަންއަށް ގެންގޮސް އާއިލާތަކާ ބައްދަލުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.