މި ލިޔުމަކީ ވާހަކައިގެ ދިހަވަނަ ބައިގެ މައްޗަށް އެކުލަވާލެވިފައިވާ ޚުލާޞާއެކެވެ. މި ބައިގައި އެންމެ ފުރަތަމަ ފެނިގެންދަނީ ކަންޒާއާއި ކާދިން އެކީގައި ހިނގަމުންދަނިކޮށް ކާރުތަކެއް ފެނުމުން ކަންޒާއަށް އަންނަ ބަދަލުތަކެވެ. ކާރުގެ ދުވެލީގެ ސަބަބުން އޭނާގެ މަންމަ ނިޔާވި ހާދިސާ ހަނދާންވެ، ކާދިންއަކީ އެކަމުގެ އަސްލުކަން ކަންޒާގެ ހިތަށް އަރައެވެ. މިކަމުގެ ސަބަބުން ކަންޒާގެ ހިތުގައި ބިރުވެރިކަމާއި ކުށްވެރިކަމުގެ އިޙުސާސް އުފެދެއެވެ. އަނެއްކޮޅުން ކާދިން އޭނާގެ މަންމަ މެހެރް ގާތުގައި ކަންޒާއާ ކައިވެނިކުރަން ބޭނުންވާކަން އަންގައެވެ. މެހެރް އެކަމާ ނުރުހުންވެ، ކަންޒާއަކީ ފައިސާއަށް އުޅޭ މީހެއްކަމަށް ތުހުމަތުކުރި ނަމަވެސް ކާދިން ކަންޒާ ދިފާޢުކުރެއެވެ. އޭގެ ފަހުން ބަގީޗާ ތެރޭގައި ކަންޒާ އުޅެނިކޮށް ކާދިން އައިސް ކުއްލިއަކަށް ކައިވެންޏަށް ހުށަހަޅައެވެ. މިކަމާ ކަންޒާ ވަރަށް ބޮޑަށް ހައިރާންވެ ބަސްހުއްޓެއެވެ. ފަހުން އޮފީހުގައި ކުރިއަށްދިޔަ ސެޝަންގައި ކާދިން އޭނާއަށް ތަކުރާރުކޮށް ފެންނަ ހުވަފެނެއް ކިޔައިދެއެވެ. އެ ހުވަފެނުގައި ކަންޒާ ކައިވެންޏަށް އެއްބަސްވާކަން ކާދިން ހާމަކުރެއެވެ.

  • ކަންޒާއަށް އޭނާގެ މަންމަ ނިޔާވި ހިތާމަވެރި ހާދިސާ ހަނދާންވުން.
  • ކާދިން އޭނާގެ މަންމަ ގާތުގައި ކަންޒާއާ ކައިވެނިކުރަން ނިންމާފައިވާކަން ބުނުން.
  • މެހެރް ނުރުހުންވި ނަމަވެސް ކާދިން އޭނާގެ ނިންމުމުގައި ސާބިތުވެ ހުރުން.
  • ބަގީޗާ ތެރޭގައި ކުއްލިއަކަށް ކާދިން ކަންޒާއަށް ކައިވެންޏަށް ހުށަހެޅުން.
  • ބައްދަލުވުމުގެ ތެރެއިން ކާދިން އޭނާއަށް ފެންނަ ހުވަފެން ކިޔައިދީ، އޭގައި ކަންޒާ ކައިވެންޏަށް އެއްބަސްވާކަން ހާމަކުރުން.

"ކޮންމެ ރެއަކު ނިދަން ގޮސްފައި އަމިއްލަ ނަފުސާއި ސުވާލުކޮށްބަލާށެވެ. މިއަދު ފަސް ނަމާދުކުރެވުނުހެއްޔެވެ؟ އެއްވެސް މީހަކަށް އަނިޔާއެއް ދެވުނު ހެއްޔެވެ؟ ފުދޭވަރަށް ޒިކުރުކުރެވުނު ހެއްޔެވެ؟ އެންމެ ހަތަރު ސުވާލުންވެސް ދިރިއުޅުމަށް ހެޔޮބަދަލުތަކެއް އަތުވެދާނެއެވެ."

***

އެ ލަފުޒުތަކުން ފެންނާންނެތް ނާރެއްގައި ކޮށްޓައިލިއެވެ. ހީލިކެރުވުމެއް ނާރުތަކުގައި ދަތުރުކޮށް ފޮރުވާފައިވާ އެއްޗެއް ހިރިލުމުގައި ކާމިޔާބު ހޯދިއެވެ.

ދެމީހުން އެކީ ވާހަކަދައްކަމުން ހިނގަމުންދަނިކޮށް ކާރު ޕާކްކޮށްފައިވާ ދިމާލަކަށް ނުކުމެވުނެވެ. އެއީ ރިޒޯޓްގެ ވިންޓޭޖް ކާރުތަކެވެ. އިރުގެ އަލީގައި އޮފް އަރައެވެ. ކަންޒާގެ ލޮލުގައި އަޅައިގަތީ އެތަނުން އެންމެ ކާރެކެވެ. އޭނަގެ ހިތަށް ފުން އަސަރުތަކެއްކުރުމާއެކު ލޮލުން ކަރުން ހިލުނެވެ.

"މި ފުދޭވަރަކަށް ފާސްޓްވާނެ.."ކަންޒާގެ މޫނަށް އައި ކުލަވަރު ކާދިންއަށް ފެނުނެވެ."އަހަރެން އެހެންވެ ފަރުވާކުޑަވިޔަ ނުދެން. ބައެއް އެއްޗެހި...ޑިޒާވް ރެސްޕެކްޓް...."

ކަންޒާގެ ހިތުގެ ވިންދު އަވަސްވިއެވެ. ކޮންމެ ލަފުޒަކީވެސް އޭނަ ވަޅުލުމަށް މަސައްކަތްކުރި ހަނދާނެއްގެ އެނބުރި އައުމެވެ. އޭނަގެ ހަޔާތުގެ އެންމެ ބިރުވެރި ސަފުހާތައް ލިޔެވުނީ ދުވެލީގެ ސަބަބުންނެވެ. އޭނަގެ ހުރިހާ އުފަލެއްކަމުގައިވި މަންމަގެ ހަޔާތުގެ ބައްތި ނިވައިލެވުނީވެސް އެފަދަ ދުވެއްޔަކުންނެވެ. އޭނަގެ އަތް މުށްކަވައިލެވުނެވެ. ސިކުނޑިއަށް ވާންވެ ފަޅައިގެންގޮސްދާނެހެން ހީވިއެވެ.

"އަސްލުވެސް ދޯ...."

"ބިރުން ތިހިރީ ކީއްވެ؟ ސްޕީޑް ދެކެ؟"ކާދިން އޭނަގެ މޫނުމަތީގައިވި ޝުއޫރު ދެނެގެންފިއެވެ.

"ބައެއްފަހަރު..."އޭނަގެ ކަރުތެރެ ބެދޭގޮތްވިއެވެ. ހިތްވަރުކޮށްފައި އޭނައަށް ބަލައިލެވުނީ އެލޮލަށެވެ. އެލޮލުން ފެންނަނީ ކަނޑެއްފަދަ ހިމޭންކަމެވެ. އޭނަގެ އެތެރެހަށީގައި ތޫފާނެއްފަދައިން އެނބުރިގަތީ ކުށުގެ އިހުސާސެވެ. ކާދިންގެ ލޮލަށް ރަގަޅަށް ބަލައިލެވުމުން ޔަގީންވިއެވެ. ހެކިދިނީ ހަމަ މަންމަގެ ގާތިލުކަމެވެ. އެއާއެކު އޭނަވެސް ކާދިން މަރުގެ ތުންފަތްމައްޗަށް ކޮށްޕާވައްޓައިލިކަމެވެ. ކަރާމާތަކުން މަރުގެ އުނގުގެ ތެރެއިން އެރިގެން އޭނަގެ ދިރިއުޅުމަށް އަނެއްކާ ވަނީއެވެ. ކޮންފަދަ އިމްތިހާނެއްހެއްޔެވެ؟

"ސައިކޮލޮޖިސްޓަކަށްވުމުން ނަފްސާނީގޮތުން ބަލިކަށިވެދާނެކަމަކަށް ހިޔެއްނުކުރަން.އެކަމަކު ހީވާގޮތުން ކޮންމެވެސް ހާދިސާއެއްގެ ސަބަބުން ހިތުގައި ލަކުނުލާފައިހެން ހީވޭ. ސޮރީ.............."

"އިޓްސްއޯކޭ...."

"ދަމާ ހިނގާ. ލަސްވެއްޖެ...." ކާދިން ޖިންސްގެ ޖީބަށް އަތް ޖެހިއެވެ.

***

މެންދުރުގެ އަލިކަން ތަންކޮޅެއް މަޑުވެ ފަޒާވެސް ފިނިވެލައިފިއެވެ. ވިލާގެ ބިއްލޫރި ދޮރުތަކާއި ތަޅުންމައްޗަށް އަލީގެ ވާރޭ ވިއްސަމުން ދިޔައިރު އޮފް އަރާފައިވާ ވަކަރު ތަޅުންމައްޗަށް ރަތް އޮރެންޖްކުލައެއް ވެރިވެފައި ވިއެވެ. ކާދިން ކާބައިގާ އިންއިރު ކުރިމަތިން ފެންނާން އޮތީ ފުން ވިލެވެ. ފެހިކުލައާއި ނޫކުލަ ކޮންމެވެސް ހިސާބަކުން ލާމެހިފައިވާއިރު އެ ފެންނަ މަންޒަރުތަކުން ހިތްތަކަށް ހަމަޖެހުން ލިބޭނެކަން ޔަގީނެވެ.އޭނަ ދަތްދޮޅީގައި އަތް ވިއްދާލައިގެން އިންއިރު ވައިރޯޅިތައް އިސްތަށިގަނޑާއި ކުޅެމުން ދިޔައެވެ. ކޮފީ މޭޒުމަތީގައި ހުރީ ކޮފީ މަގަކާއި ކާއެއްޗެހި އަޅާފައިވާ ތަށްޓެކެވެ.

"ހެލޯ ދަރިފުޅު...ކިހިނެއްވެފައި؟" މެހެރް ކުރިމަތީގައި ހުރި ވަށް މޭޒުމަތީގައި މޭވާތަށި ބެހެއްޓިއެވެ.

"މަންމާ...ވާހަކައެއް ބުނަން ބޭނުން...."

"އަވަހަށް ބުނޭ......"

"މަންމަ އަބަދު އުޅެމެއްނު އަޅުގަނޑު ކައިވެނިނުކޮށްގެން...އެކީގައި އުޅެން ބޭނުންވާވަރުގެ އަންހެންކުއްޖަކު ފެނިއްޖެ އޭ ބުނެފިއްުޔާ..."

"އެ ނަސީބުވެރި އަންހެންކުއްޖަކީ ކާކު؟" މެހެރްގެ ލޮލުގެ ވިދުންގަދަވިއެވެ.

"ކަންޒާ...."

މެހެރްގެ ތުންފަތް މަތީގައިވާ ހިނިތުންވުން ގެއްލުނެވެ." އެ ނަފްސާނީ ފަރުވާ ދޭ އަންހެންކުއްޖާ އަމިއްލައަށް ބޭސްކުރާވަރުވެފައި ހުރީ...އޭނައާއި ކައިވެނިކުރަން ތިއުޅެނީ؟ "

"ލައްބަ މަންމާ..."

"މޮޔަވީތަ ދަރިފުޅު؟ ކިތައް މަޝްހޫރު މޮޅުމީހުންގެ އަންހެންދަރިން ކައިވެނިކުރަން އަހާފައި އޮތްވާ އެއްވެސް ހައިސިއްޔަތެއް އަގެއްނެތް އަންހެނަކާއިހެދި..ކާދިން..ސީރިޔަސްކޮށް ނޫނީ ސަމާސާއަކަށް ބުނި އެއްޗެއްތަ؟"މެހެރް ސުވާލުކުރިއެވެ.

"ސީރިޔަސްކޮށް ބުނީ...... ކައިވެންޏަކީ ސީރިޔަސް ގުޅުމެއް. އެފަދަ ކަމަކާއި ސަމާސާކުރުމުގެ މާނައެއްނުފެނޭ..މަންމައަށް ކަންޒާ ކަމުނުދިޔައީ ކީއްވެ؟" އޭނަ މަންމަގެ މޫނަށް ބަލަހައްޓައިގެން އިނެވެ.

"އޭނަ އުޅެނީ ކާދިންގެ ފައިސާއާއިހެދި."

"އޭނައަކަށް އަދި ނޭގޭ...ކައިވެންޏަށް ނާހަން..އެކަމަކު އެގޮތަށް ނިންމައިފިން..އެއީ ފައިސާއާއިހެދި އުޅޭކަހަލަ ކުއްޖެއްނޫން މަންމާ..އުފަލަކީ ހަމައެކަނި މުއްސަދިކަމެއްނޫން..."

މެހެރްގެ ހިތުގައި އުއްމީދުގެ ކަންޏެއް ފިޔަޖަހައިލިއެވެ. ވީއިރު އަދި ހީކުރިހާ ބިރުވެރި މިސްރާބަކަށް މި ދެމީހުންގެ ގުޅުން ނުދަނީތާއެވެ. ކާދިން އަދި ކަންޒާއާއި ކައިވެނިކުރަން ނިންމިޔަސް ކަންޒާގެ ހިތެއް ނޭގެއެވެ. އޭނަ ބޭނުންވަނީ ކަންޒާގެ އާއިލާގެ މައުލޫމާތު ދެނެގަތުމަށެވެ.

***

ކަންޒާ ހުރީ ގޭގެ އެއްފަރާތުގައި އޮތް ކުޑަ ބަގީޗާގެ ތެރޭގައެވެ. އަތުކުރި އޮޅާލައިގެން ހުރީ ތެތް ފަތްތަކުން ލައިގެން ހުރި ހެދުން ކިލާނުވެ ސަލާމަތް ކުރެވޭވަރަށެވެ. ގާ ޖަހާގައިވާ ހަނި މަގުތަކަށްވެސް އިރުގެ އަލި އެޅި ވިދައެވެ. ކޮންމެ ފިޔައެއް ރޫރޫއަޅާއިރު އެހާ ނާޒުކްވެފައިވެސް ހަލާކުވިޔަނުދީ ހިފަހައްޓާލާފައިވެއެވެ. އޭނަ ކުޑަ ކުރައަކުން ވަށިތަކުގައި އިންދާފައިވާ ފިނިފެންމަލަށް ފެންދޭންހުރިއިރު ޚިޔާލުގައިވީ ކާދިންއެވެ. އޭނަ ފޮޅުވައިލަން އުޅުނަސް ސިކުނޑި ދައްކަނީ އެ މަންޒަރެވެ. ކަންފަތަށް އިވުނީ ބިންމަތީގައި ބޯޖެހުނު ބިރުވެރި އަޑެވެ. ކަންޒާގެ އަތް ތުރުތުރުލާންފެށުމުން އަތްތިލައަށް ބަލައިލެވުނެވެ. އޭނައެކޭ ކާދިންއެކޭ ހުރީ ކޮންތަފާތެއް ހެއްޔެވެ؟ ތަފާތު އެބަހުއްޓެވެ. ކާދިންގެ ދުވެލި އޭނަގެ މަންމަ ދުނިޔެއާއި ވަކިކޮށްލީއެވެ. އޭނަގެ ކޮށްޕައިލުމުން ކާދިންއަށް ދެވަނަ ފުރުސަތެއް ލިބުނީއެވެ.

"ފިނިފެންމާވެސް ޑިމާންޑްކުރަނީ ކެތްތެރިކަމަށް........"އޭނަ އާދައިގެ މަތިން އަމިއްލަ ނަފުސާއި ވާހަކަދެއްކިއެވެ. އެކަނި ހުރެ ވާހަކަދައްކާތީ އެންމެންވެސް ދިމާކުރެއެވެ.

"ނޫނީ ފަހަރެއްގައި ހަމަ ސަމާލުކަން ބޭނުންވެގެން ކަން ނޭގޭ..."ފަަހަތުން އިވުނީ ކާކުގެ އަޑެއްކަން އެނގޭތީ އޭނަ އެނބުރި ބަލާކަށް ނޫޅުނެވެ. ކެތްކުރެވުނީ އިރުކޮޅަކަށެވެ. އެމޫނު ދެކޭހިތުން ނުހުރެވިގެން އެނބުރި ބަލައިލެވުނެވެ. އަވިން ރަންކުލަ އަރާފައިވާ މޫނުގައި ވަނީ ހަމަޖެހުމެވެ. ކާދިންގެ ލޯ ހުއްޓިފައިވީ މާތަކަށެވެ.

"މިއަދު މާ އަވަހަށް ތި އާދެވުނީ. އަދި ސެޝަން ފެށެން ގަޑިއެއްހާއިރު އެބައޮތް...." އޭނަ ހިނިތުންވެލިއެވެ.

"މިއައީ ސެޝަނަކަށް ނޫން.."އޭނަ ގަސްތަކާއި ކައިރިއަށް ފިޔަވަޅެއް އެޅިއެވެ."މި ބަލައިލަންވެގެން ހަމަ އައީ...ބައެއްފަހަރު ކަންޒާ މި މާތަކުގެ ވާހަކަދައްކަމެއްނު..."

ކަންޒާއަށް ބަލަހައްޓައިގެން ހުރެވުނީ ފަރުވާތެރިކަމާއެކުގައެވެ. އޮބްޒާވްކުރުމާއިއެކު އެލޮލުން ފެންނަ ކޮންމެ ކުދި ޝުއޫރެއް ކޮންމެ ވަންނިއެއް އޭނަ ދެނެގަންނަން މަސައްކަތްކުރިއެވެ. "އެންމެ ރަގަޅު..ދެން ކިހިނެއް މި މާތަކައިމެދު ދެކެނީ؟"

"ވަރަށް ރަގަޅަށް ކުއްޖަކު މި މާތަކާއި އަޅާލާކަން އެބަ އެނގޭ...ލައިކް....ވަރަށް އަވަހަށް ފޮޅިދާނެހެން...."

"އެއީ ބޭނުންވާގޮތަކީ.."ކަންޒާ ހީލިއެވެ.

ކާދިން މަޑުމަޑުން އަތްދިއްކޮށްލިގޮތުން ހީވީ މަލުގެ ފިޔައެއްގައި އަތްލާފާނެހެންނެވެ.

"ދުވަހަކުވެސް މި މާ އެކަމާއި ދެކޮޅުހެދިތަ؟"

"ބައެއްފަހަރު...ކޮންޑިޝަން ރަގަޅު ނޫނިއްޔާ..."

"އިންސާނުންގެ ރޫހާއި ސިކުނޑި މަސައްކަތްކުރަނީ ހަމަ މި މާތައް ފަދައިން؟"

"ގިނަފަހަރު....ކީއްވެ ތިހެން އެހީ؟ އަނެއްކާ ރޭވެސް ނުނިދުނީ؟"

"ނޫން....ހުވަފެނެއް ފެންނަނީ....ހަމަ ތަކުރާރުކޮށް އެއް ހުވަފެން މި ފެންނަނީ............"ކާދިން ބުނެލިއެވެ.

"އެ ހުވަފެން ކިޔައިދޭން ބޭނުންތަ؟" އޭނަ ހަށަން ބަދެލަމުން ހުއްޓިލިއިރު ހިތް ތެޅެން ފަށައިފިއެވެ. މެޔަށް ފިނިވާންފެށިއެވެ. ކާދިން ޖަހައިގެން ހުރި ސެންޓްގެ ވަސްއެކުލެވޭ ވައިރޯޅިއެއް އޭނަގެ މޫނުގައި ބީހެމުން ބުރުގާއާއި ކުޅެލައިފިއެވެ.

"އެއީ ހަގީގަތުގައި ހުވަފެނެކޭވެސް ނުބުނެވޭނެ.."ކާދިން ފާރަށް ލެނގިލިއެވެ." އެއީ ބޮޑަށް އަހަރެން އަބަދުހެން ނިންމަމުން ނިންމަމުން ދާ ޑިޒިޝަންއަކާއި ވައްތަރީ.."

"އައިމް ގޮއިން ޓު މެރީ ޔޫ......" ސީދާ އޭނަގެ ލޮލަށް ބަލަހައްޓައިގެން ހުރެ ނިކަން ހަމަޖެހިލާފައި ކާދިން ބުނެލިއެވެ. އޭނަގެ މުޅި ޟަމީރު ސިއްސުވައިލާ ލޮޅުން އަރުވައިލަމުންނެވެ. ފާޑަކަށް އަނގަ ހޭވި ރަކިވީއެވެ. ކާދިން އެ ލަފުޒުތައް ބަންޑުންކޮށްލީ ކަނޑާ ވައްޓައިލި ރުކެއްހެންނެވެ. އެއްވެސް އިންޒާރަކާއި ނުލައެވެ. ހިމޭންކަން ކަމުގެ ތެރެއިން އިވުނީ އެ އަޑު އިވުނުގޮތުން ހަގީގަތެއްހެން ހިޔެއްނުވިއެވެ. ސިކުންތުކޮޅެއްވާންދެން ހުރިހާ އެއްޗެއް ހިމޭންވިއެވެ. ވައިރޯޅިއާއި ހެލެމުންދިޔަ ފަތްތަކާއިއެކު އޭނަގެ ނޭވާވެސްމެއެވެ. އޭނައަށް ގަބުވެފައި ބަލަން ހުއްޓާ ސިކުނޑި ހަރަކާތްތެރިވެގަތެވެ. ވިސްނަންފެށީ ރަސްމީގޮތަކަށް ޖަވާބެއްދިނުމަށެވެ. އެކަމަކު އެއްވެސް އެއްޗެއް ނުބުނެވުނެވެ. އާއްމުކޮށް ބޭނުންކުރަން ދަސްކޮށްފައިވާ އިބާރަތެއްވެސް ވިސްނުމަކަށް ނައެވެ.

"އަހަރެމެން......"އޭނަގެ އަޑުވެސް އޭނައާއި އެއްބައިވާކަށް ނޫޅުނެވެ."ތިބުނާފަދަ ގުޅުމެއްނުވެސް ނެތް..."

"އަހަންނަށްވެސް ތިކަން އެނގޭ...އަދި ނެތް..." ކާދިންގެ އަޑުގައި އެހެރަ ޔަގީންކަމެއްގެ ސަބަބުން އޭނަ އިތުރަށް ސިއްސުވާލައިފިއެވެ. އޭނަ ޖެހެނީ ކާދިންގެ ވާހަކަ ރަގަޅުކޮށްދޭށެވެ. ކާދިން އިމުގެ ތެރޭގައި ހުންނަން ސާފުކޮށް ބުނެދޭށެވެ. އޭނަ ތަމްރީނުވެފައިވަނީ އެފަދައިންނެވެ. އެކަމަކު އޭގެ ބަދަލުގައި ޝޮކްގެ ފުރަގަހުގައި ފިލާހުރެފައި ލަދުވެތިކަން ގަދަކޮށްލިއެވެ. މޫނަށް ރަތްކުލަ ވެރިވެއްޖެއެވެ.

ކާދިންއާއި ކައިވެނިކުރަންވީހެއްޔެވެ؟

އޭނަގެ ޚިޔާލުތައް އޭނައަށް ކެހިދިނެވެ. ސިކުނޑި ފުރައިލީ އެހެން ކަހަލަ ވިސްނުންތަކުންނެވެ. ކާދިން މުއްސަންޖެވެ. ޒިންމާދާރު މީހެކެވެ. މި ހިމޭން އަރާމު ދިިރިއުޅުމާއިހެދި ދުނިޔޭގެ އެންމެ މުއްސަދިންވެސް މޮޔަވެފައިވާއިރު އޭނަ ނުވާންވީ ކިއްވެހެއްޔެވެ؟ޚުދު އޭނަވެސް މި ވަޒީފާއަށް އައި މަގުސަދަކީވެސް އެއީއެވެ. އެކަމަކު ކާދިންގެ ދުލުން އެވާހަކަ ބުނުމުން ހަމަ ގަނޑުވީއެވެ. އޭނަ ނަފުސް ހަމަޔަކަށް އަޅުވަމުން މޫނުމައްޗަށް ވެރިވި އަސަރުތައް ކުޑަކޮށްލަން ހިނިތުންވެލިއެވެ.

"ތިއީ ހީވާގޮތުން ދެމީހުން ވަރަށް ރަގޅަށް ޚިޔާލު ބަދަލުކުރަންވީ ކަމެއް..."އޭނައަށް އަޑަށް ސާބިތުކަމެއް ގެންނަން މަސައްކަތްކރިޔަސް ނުކުޅެދުނެވެ.

"ވީ ވިލް.."ކާދިން ހިނިތުންވެލީ ކުރިންވެސް އެޖަވާބު އަހާފައިވާފަދައިންނެވެ. ކަންޒާއަށް ބަލައިލެވުނީ ފިނިފެންމާތަކަށެވެ. އޮއްސެމުންދާ އަލީގައި އެ މާތައް ފެންނަނީ ކޮންފަދަ ނާޒުކްކޮށްހެއްޔެވެ؟

އަނެއް ސެޝަން ބަރާބަރު ގަޑިއަށް ފެށުނެވެ. އޭނައަށް އޮފީސް ފެނުނީ ތަފާތު ތަނެއްގެގޮތުގައެވެ. އެއްވެސް އެއްޗެއް ބަދަލުވުމަކާއި ނުލައެވެ. ހަމަ އެ ފާރުތަކެވެ. ފޮތްތައްވެސް ރީތިކޮށް ތަރުތީބުކުރެވިފައެވެ. ދެމީހުންވެސް އެހެން ދުވަސްފަދައިން އެކަކު އަނެކަކަށް ކުރިމަތިލައިގެން ވާހަކަދައްކާ ހިއްސާކުރަން ތައްުޔާރުވެގެންނެވެ. ނަމަވެސް ދެމީހުންގެ ދޭތެރޭވީ ނުތަނަވަސްކަމެވެ. ހިމން ނުތަނަވަސްކަން އާވިހެން ލޮލަށް ނުފެނި ވައިގެ ތެރޭގައި ފެތުރެމުންދާއިރު ކަންޒާއަކަށް ނުދެނެހުރިކަމަށް ހަދާލައިގެން ނީދެވުނެވެ. ކާދިންގެ ހަމަޖެހޭވަރު ގފެނުމުން އޭނަ ހަމަ ޕެނިކްވަނީއެވެ.

"ހުވަފެން ހީވީ ހަމަ ނެގި ޑިޒިޝަނެއްހެންނޭ ބުނީމެއްނު...އެތަނުން ފަށަމާ.."އޭނަ ރަސްމީވެލިއެވެ.

"އަބަދުވވެސް ފެންނަނީ ހަމަ އެއްގޮތަކަށް. އަހަރެން ހުންނަނީ ކަންޒާގެ މި ގާޑަންގައި..."

"ހޫމް؟" އޭނަ ތަންކޮޅެއް ބާރަށް ގަލަމުގައި ހިފެހެއްޓިއެވެ.

"ފިނިފެންމާތައް ހުންނަނީ ހަމަ އެއްކޮށް ފޮޅިފައި...؛ލޮލަށް ފެންނަވަރަށްވުރެ މާ ބޮޑަށް ވިދާ... ހަގީގަތަކާއި ވައްތަރެއްވެސް ނޫން....އަދި ކަންޒާ...ހުންނަނީ ފެންދޭން...."ކާދިންގެ ތުންފަތަށް ލުއި ހިނިތުންވުމެއްވެރިވިއެވެ."އަހަރެން ފެނުނީމަ ކަންޒާ ހައިރާނެއްނުވޭ..."

އޭނަ އަނގައިން ނުބުނެ އަޑުއަހަން އިނެވެ،

"އެއަށްފަހު ކިހިނެއްވަނީ؟" އޭނަ އެހިއެވެ.

"އަހަރެން ކަންޒާ ކައިރިން ކަމަކަށް އެދުނީ..."ކާދިންގެ ލޯ އޭނައަށް ހުއްޓުނެވެ." އަހަރެން އެހިން އަހަންނާއި އިންނަން ވީ ނޫންހެއްޔޭ.."

"ހުވަފެނުގައި ..އަހަރެން ކީކޭ ބުނީ؟"

ކާދިން ބޯ އަރިކޮށްލަމުން ވިސްނަން އިނީ އެ ވާހަކަ ތެދުތެދަށް ބުނަންވީ ހެއްޔޭ ޟަމީރާއި ސުވާލުކުރަމުންނެވެ.

"އެއްވެސް އެއްޗެކޭ ނުބުނޭ.."އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު އޭނަ ބުނެލިއެވެ."އެންމެ ކުރިން ނުބުނޭ.....ހަމަ ފިނިފެންމަލަށް ބަލަން ހުރީ..."

"އެފަހުން؟' އޭނަގެ ކަރުތެރެ ހިކުނެވެ.

"އާއެކޭ ބުނީ..." ކާދިން އާދައިގެ ގޮތަކަށް ބުނެލިއެވެ.

ނުނިމޭ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު