މި ބައިގައި ފެނިގެންދަނީ އަޔާޝް އޭނާގެ މަންމަގެ ޑައިރީ ކިޔުމަށްފަހު ހިތާމަކުރާ މަންޒަރެވެ. ޔަލްވީ އޭނާއަށް ހިތްވަރުދީ، ދޮންމަންމަގެ ރަނގަޅުކަން ކިޔައިދެއެވެ. އަނެއްކޮޅުން މިނާހް އަދި ހަޔާ މަސައްކަތްކުރަނީ ހޮސްޕިޓަލުން ދޭ ވެކްސިނެއްގެ ސަބަބުން މީހުން މަރުވަމުންދާ މައްސަލަ ފަޅާއަރުވާލުމަށެވެ. ނަމަވެސް އަޔާޝް މިކަމާ ދެކޮޅުހަދައި މިނާހް އަތުން މަޢުލޫމާތުތައް އަތުލައެވެ. ލީވަންގެ ދެފުށްކެހެރިކަންވެސް މި ބައިން ފާހަގަވެއެވެ.

  • އަޔާޝް އޭނާގެ މަންމަގެ ޑައިރީ ފެނި ހިތާމަކުރުން
  • ޔަލްވީ އަޔާޝްއަށް އޯގާތެރިކަން ދައްކައި ހިތްވަރުދިނުން
  • މިނާހް ހޮސްޕިޓަލުގެ ސިއްރު ފައިލްތަކެއް ހޯދުމަށް މަސައްކަތްކުރުން
  • އަޔާޝް އަދި މިނާހްގެ ދެމެދުގައި ވެކްސިންގެ މައްސަލައިގައި ބަޙުޘްކުރުން
  • ލީވަންގެ އަމިއްލަ އެދުން ބޮޑުކަމާއި ދެފުށްކެހެރިކަން ފާޅުވުން

"ހަގީގީ އުފާވެރިކަމަކީ ގެދޮރާއި މުދަލާއި ދަރިންފަދަ ނިއުމަތްތަކުންވެސް ހޯދޭނެ އެއްޗެއް ނޫނެވެ. އެ އުފާވެރިކަން ގުޅިފައިވަނީ ހެއްދެވި ފަރާތާއި ތިބާއާއި ދެމެދު އޮތް ގުޅުމެއްގެ މައްޗަށެވެ. ނަމާދާއި ޒިކުރާއި ގުރުއާން ކިޔެވުންފަދަ ކަންތައްތަކުގައި ގިނައިރު ހޭދަކުރުމުން ރޫހާނީ އުފާވެރިކަމުން ހިތް ފުުރިގެންދާނެއެވެ."

***

އަޔާޝް ކޮޓަރިއަށް ވަންއަޑަށް ޔަލްވީ ސިހިފައި އެނބުރުނެވެ. އަޔާޝް ޓައީ ނަގާ އެނދުމައްޗަށް އެއްލައިލަމުން ލޯ މަރައިލިއެވެ. މާޔޫސްކަމަކީ އެމޫނުން ފެނުނު ބީރައްޓެހި ސިފައެކެވެ.

"އަޔާ..ހާދަ އަވަހަށް.."އޭނަ އަވަހަށް އަލަމާރީގެ ދޮރު ލައްޕައިލިއެވެ.

އަޔާޝް އޭނައާއި ދިމާލަށް އަންނާން ފެށުމުން ހިފަހައްޓައިގެން ހުރި ފޮތް މޭގައި ޖައްސާ ބާރުކޮށްލެވުނެވެ. ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. އޭނަ ހީކުރީ ނުރުހުމާއެކު އަތް އިސްކުރާނެކަމުގައެވެ. ނަމަވެސް ފެނުނީ ހީނުކުރާފަދަ މަންޒަރެކެވެ. ނުތަނަވަސްކަމާއެކު ލޮލުން ފެނުނު ފިނިކަމުގެ ޝުއޫރުތައް މޮޅިވެރިކަމާއި ކެކުޅުމަށް ބަދަލުވިއެވެ.

އަޔާޝް އޭނަގެ އަތުން އޯގާތެރިކަމާއެކު އެ ފޮތް އަތުލިއެވެ. އެއާއެކު ބޯ އަޅައިލީ އޭނަގެ ކޮނޑުގައެވެ. އަޔާޝްފަދަ ޒުވާނަކު އޭނަފަދަ އަންހެންކުއްޖެއްގެ ކައިރީ އެގޮތަށް ބަލިކަށިކަން ދައްކާނީ ހާދަ ވަރެއްވީމައެވެ. މިހާ ފައުޅުގައި ޖަޒުބާތުތައް ބަންޑުންކޮށްލާނެކަމަށް ދުވަހަކު އުއްމީދެއްނުކުރެއެވެ. ސީރިޔަސްކަމާއި ހަރުކަށިކަމާއެކު މުއާމަލާތުކުރުން ނޫންގޮތެއް އޮންނާނެކަމަކަށް ހިޔެއްނުކުރެއެވެ. އެތައް ދުވަހެއްވާންދެން ސިކުނޑީގައި ބަންދުކޮށްގެން ހުރި އުދާސްތައް އެއްފަހަރާ ބަންޑުންކޮށްލީ ރުއިމުންނެވެ.

އަޔާޝް ކުޑަކުއްޖެއްހެން ކަރުނަ އޮއްސިއިރު ޔަލްވީގެ ލޯވެސް ތެމުނެވެ. އަޔާޝް މިވަރަށް ހިތާމަކުރަނީ ހަޔާ އަތުން ބީވީމަހެއްޔެވެ؟ މިއީ ހަޔާގެ އަތުން ލިޔެފައިވާ ޑައިރީއެއް ބާވައެވެ. މި ވަތްގަނޑުގައި ފޮރުވާފައި މިހިރީ ހަޔާގެ ހަނދާންތައްކަން ކަށަވަރުވީ އަމަލު ހުރިގޮތުންނެވެ. އަޔާޝް އެވަރަށް ހިތާމަކުރަނީ ނުލިބުނު ލޯބީގެ ހައްގުގައެވެ.

"މި ޑައިރީ ކިޔައިފިންތަ؟"

"އަނ...ސޮރީ......ވީގޮތަކީ.........."އޭނަ ހިންދިރުވައިލިއެވެ. ހަޔާގެ ޑައިރީކަމުގެ ޔަގީންކަން އޮތްވަރުން ބޭނުންވީ އަޔާޝް ތަޅުވައިލުމަށެވެ. އޭނައައި އަޔާޝްއާއި ދޭތެރޭ މިއޮތް ބިއްލޫރިކޮޅެއްހާ ނާޒުކް ގުޅުމުގައި ރެނދުލަފާނެކަމެއް ކޮށްލަން އޭނަ ބޭނުމެއްނޫނެވެ. ނަމަވެސް ހެދުނީ ދޮގެކެވެ.

އަޔާޝް އޭނަގެ އަތުގައި ހިފައިގެން އައިސް ސޯފާގައި އިށީނެވެ.

"ކީއްވެ އަހަރެންގެ ހުއްދަނެތި.....މަންމަގެ އެހާ ޕާސަނަލް އެއްޗެއް....."

ޔަލްވީގެ ލޯ ބޮޑުވިއެވެ. މިވަތްގަނޑުގައި އެވަނީ އަޔާޝްގެ މަންމަގެ ޑައިރީހެއްޔެވެ؟ ހަޔާގެ އެއްޗަކަށް ނުވިއެވެ. އޭނަގެ އަރުތެެރެ ހިކުނެވެ. ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އެއް ދޮގު ފޮރުވަން ހާސް ދޮގު މަތިމައްޗަށް ހަދަންޖެހުނީއެވެ. އޭނަވެސް އަނެއްކާ އެ ދޮގާއިގެން ވާހަކަ ކުރިއަށް ގެންދިޔައިރުވެސް އަޔާޝްގެ ހިތުގައިވާ އެއްޗެއް ސާފުނުވާތީ ކަންބޮޑުވިއެވެ.

"ޔަލް ހީކުރީ ވާހަކައެއްކަމަށް..ކުރީގައި އަތުން ލިޔެފައި ފޮތްތައް ހުއްޓެއްނު...ސޮރީ...."ދެވަނަ ފަހަރަށްވެސް އޭނަ މާފަށް އެދުނެވެ. އަޔާޝްގެ ތުންފަތަށް ވެރިވީ ހިތާމަވެރި ހިނިތުންވުމެކެވެ.

"މަންމަގެ ހަގީގަތް އެނގިއްޖެއެއްނު. އިންސާނުން ވީމަ ފާފަ ކުރެވިދާނެ. މަލާއިކަތުން ނޫނެއްނު.......ޔަލް..އެއްވެސް އިތުރު މީހަކާއި ޝެއާ ނުކުރައްޗޭ...ޕްލީޒް...މަންމަގެ ޑައިރީ އަހަންނަށްވެސް ބަލައިލެވުނީ އިއްޔެ...ހަނދާންނެތި ތަޅުނުލާ ދެވުނީ....."

"ޔަގީން...ޓޫ ހަންރެޑް ޕަސެންޓް..."

"މިހުރިހާ ދުވަހު ދޮންމަންމަދެކެ ރުޅިއާދެވުނީ...އެކަމަކު ދޮންމަންމައަކީ ކިހާ މާތްމީހެއް...އަހަރެން މިހާ ނަފްރަތުކުރިއިރު މަންމަ ގޯސްކޮށްފައި އަދި އަމިއްލަ ދިފާއުގައި އެންމެ ލަފުޒެއްވެސް ބުނެނުލާ..ބައްޕަވެސް އެހާ ކެތްތެރި..އިނަސެންޓް ބަޔަކު ކުށްވެރިކޮށްގެން ބައްޕައާއި ދުރުގައި އުޅެވުނީ. މަންމަ އަތުން ލިޔެފައި ހުރި އެއްޗެއްކަން ޔަގީންވާއިރުވެސް ހިތް ގަބޫލުކުރަން ބޭނުމެއްނުވޭ......."އަޔާޝް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ. ނުނިދުމާއި ފިކުރުބޮޑުވުމުގެ ސަބަބުން ލޮލަށް ރަތްކަމެއް ވެރިވެފައި ހުއްޓެވެ.

އޭނަ އަޔާޝްގެ އިސްތަށިގަނޑުގައި މޫނު ޖައްސައިލަމުން އަތް ވަށައިލިއެވެ." އިޓްސްއޯކޭ...ކުށެއްކުރެވުނީމަ މާފަށް އެދުމަކީ އެންމެ ރީތި ސިފަ....ދޮންމަންމަ ހަގީގަތުގައި ވަރަށް ސްވީޓް...."

ޔަލްވީ ކިޔައިދިނީ އޭނަ ދޮންމަންމައަށް ކުރި ގޯނާތަކެވެ. ޖެއްސުންކުރުމާއި ދުއްތުރާކުރުން ނޫންކަމެއް ނުކުރެއެވެ. އެވެސް އަޔާޝް އެހާ ނަފްރަތުކުރާ މީހަކަށްވުމާއެކު އެހެން އަމަލުކުރުމުން އަޔާޝްގެ ލޯބި ލިބޭނެކަމުގެ އުއްމީދުގައެވެ. ފަހުން އަޔާޝް އަށް ކެއްކުމާއި ހަވާލުކުރިއެވެ. އޭނަ ބުނަންފެށީ އުދަގޫވާނެހާ ރެސިޕީއެއް ހޯދާފައެވެ. ދޮންމަންމަ އެއިން ކޮންމެ އެއްޗެއް ތައްޔާރުކޮށްދެނީ އުފަލާއެކުގައެވެ. ނުރުހުމުގެ ނޫނީ ޝަކުވާގެ އެންމެ ލަފުޒެއްވެސް ބުނުމަކާއި ނުލައެވެ. މާތް ތަގުވާވެރި އަންހެނުންނަކީ އެއީއެވެ. އެހާ ހިތްހެޔޮ އަލި މޫނެއްގެ ވެރިއެކެވެ.

އަޔާޝް ވިސްނަމުން ދިޔައީ އޭނަގެ މަންމައާއި މެދުގައެވެ. މަންމަގެ ކުށާއިމެދުގައެވެ. މަންމަ ﷲ ތައާލާގެގެ ހަޟުރަތަށް ދިޔައީ ތައުބާވެގެން ކަމެއް ނޫންކަމެއް އޭނައަކަށް ނޭގެއެވެ. މައިންބަފައިން ދުނިޔެއާއި ވަކިވެގެން ދިޔުމުން ސާލިހު ދަރިންގެ ދުޢާ އިޖާބަކުރައްވައެވެ. މައިންބަފައިންނަށް މަތިވެރި މަގާމުލިބެއެވެ. އޭނަ މިއުޅެނީ ފަރުޟު ނަމާދުތައް ހަމަޔަށް ނުކުރެވިގެންނެވެ. އޭނަ ނަމާދާއި ގުރުއާނާއި ދުރުހެލިވީ ސަބަބަކީވެސް ތަގުވާއެވެ. ތަގުވާ ނަމާދުކުރުމާއި އަޅުކަމަށް ބާރު އެޅުމުން އޭނަ ފޫހިވީއެވެ.

އަޔާޝްގެ ހިތުގައި ބިރުވެރިކަމުގެ ފިނި ރާޅެއް ނެގިއެވެ.

އޭނަ މަންމަދެކެ ލޯބިވުމުން މިއަދު މަންމައަށް ހުރީ ކޮންފައިދާއެއް ހެއްޔެވެ؟ އޭނަގެ ފަރާތުން އެންމެ ދުޢާއެއް އެންމެ ސަދަގާތެއްވެސް އަދި ހައްޖެއްވެސް ކޮށް ނުދެވުނެވެ. ފައިސާއާއި ލޯބީގެ ހުރީ ކޮން އަގެއްހެއްޔެވެ؟ޅައިރު މަންމަ ނިޔާވެގެން ދިޔައީއެވެ. ބައްޕަ ހޯދައިދިނީ ސޯލިހު ތަގުވާވެރި އަންހެނެކެވެ. ނަފްރަތުގެ ސަބަބުން އޭނަގެ ލޯ ކަނުވީއެވެ. އަލިކަން ނުފެނުނީއެވެ. ހިތް ހަރުވީއެވެ. އޭނަ ތަގުވާވެރިއަކަށް ނުވިޔަސް ކޮއްކޮ އެފަދަ މީހަކަށް ވާނެނަމައެވެ. މަންމައަށްޓަކައެވެ. އެންމެން އެކީ ޖަންނަތުން ބައްދަލުވުމަށެވެ.

"ދޮންމަންމަ ކައިރިން މާފަށް އެދެންވީނު...އޭރުން ހިތަށް ހަމަޖެހުން ލިބިދާނެ.."

ޔަލްވީ އަޔާޝްގެ ކޯތާފަތުގައިވި ކަރުނަތިކިތައް ފޮހެލިއެވެ.

"އިޓް ބްރޭކްސް މައި ހާޓް ޓު ސީ ޔޫ ކްރައި..."

އަޔާޝް އޭނަގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. ހަގީގަތުގައިވެސް ތެމިފައިވާ އެސްފިޔަތަކާއި ކަރުނައިގެ އަސަރު ހުރި ލޯ އޭނަގެ ހިތަށް ބަޔާންނުކުރެވޭފަދަ އަސަރުތަކެއް ކުރުވައިފިއެވެ. ކުރިން އެލޮލުގައި ހުރީ ފިނިކަމެވެ. ނަމަވެސް މިހާރު ލޯބީގެ ހޫނުކަން އެކުލެވޭފަދައެވެ. މިއީ ޔަލްވީ ދުނިޔެއިން ދުށް އެންމެ ރީތި ލޮލެވެ. މޮޔަވާހާ ރީއްޗެވެ. އޭނަ އެދެނީ އަޔާޝް އަބަދު ހިނިތުންވެގެން ހުރުމެވެ. ކޯތާފަތުން އަޑިކޮޅު ފެނުމެވެ.

***

މިނާހް ކެބިންއަށް ވަނުމާއެކު ލޮލުގައި އަޅައިގަތީ ފައިލްތަކެވެ. ހުރިހާ ފައިލްތަކެއް ހާވާލާފައިކަން ޔަގީންވިއެވެ ކޮމްޕިއުޓަރުގެ ސްކްރީނަށް ބަލައިލުމާއެކު ލޮގިންވެފައި ހުރިކަން އެނގުނެވެ.

"ކިހިނެއްވީ ؟"ހަޔާއަށް އަހައިލެވުނެވެ.

"ކޮންމެވެސް މީހަކު ވަދެފައި މިހިރީ....ބައެއް އެއްޗެހި ޑިލީޓްކޮށްފައިވެސް އެބަހުރި..ޑޭމް...ކިހާ ދެރަކަމެއްތަ؟ އެމީހުން މިތާތެރޭގައިވެސް އެބައުޅޭ ހަޔާ......އަހަރެމެން ބަލިމީހުން ސަލާމަތްކުރަން ކިހިނެއް ހަދަންވީ؟"

ހަޔާގެ އަތުތެރޭގަިއ އޮތް ޕެންޑްރައިވަރަށް ބާރުކޮށްލެވުނެވެ."އަހަރެމެން މި ރައްކާތެރިކަމާއެކު ބޭރަށް ގެންދަން އެބަޖެހޭ..ޕަވާ ހަންގްރީވިޔަސް މިއީ ބޮޑުވަރު. "

ފިޔަވަޅުތަކެއްގެ އަަޑާއެކު ދެމީހުންނަށްވެސް ދޮރާއި ދިމާލަށް ބަލައިލެވުނެވެ.

"ލީވަން..."

"މިތާައި އެކަނި ތިބުން ރަގަޅެއްނޫން..."ލީވަންގެ ނަޒަރު ހުއްޓުނީ ހަޔާގެ އަތުތެރޭގައި އޮތް ޕެންޑްރައިވަށެވެ.

"މިއުޅެނީ އިތުބާރުކޮށްފައި ނުކުރަންވީ މީހަކުވެސް ނޭގިގެން...ލީވަން ކިހިނެއް ތިހަދަނީ؟އަހަރެމެންގެ ފްރެންޑެއްނޫންތަ ތިއީ؟"

" އެވާހަކަ އަހަރެން މިބުނަނީ....އަމިއްލަ ހިޔަންޏަށްވެސް ޓްރަސްޓްކުރާނެކަމެއް ނެތް...."ލީވަން މަޑުމަޑުން ބުނެލިއެވެ."ފަތިސްވަންދެން ވަގުތު އޮންނާނެ...ކުރަން އުޅޭ ކަމެއް ނިންމާލަންވާނެ އިނގޭ...."

***

ބޯކޮށް ވާރޭވެހިފައި ހުއްޓައިލިއިރު ފަޒާ އޮތީ ދުންފިނި ހިފާފައިކަހަލަ ގޮތަކަށެވެ. ހެނދުނުގެ އަޅި ކުލައިގެ އަލީގެ ތެރެއިން ހޮސްޕިޓަލް ފެންނަމުން ދިޔައީ ވަރުގަދަ ކިއްލާއެއް ހެންނެވެ. ބޭރުފުށުން އަމާން ހިމޭން ތަނެއްކަމަށް ފެނުނަސް އެތެރޭގައި ކުރެވެމުންދަނީ ވޭނާއި ކެކުޅުމުގެ ހަގުރާމައެވެ.

މިނާހް ޑިއުޓީއަށް އައިގޮތަށް ޕެންޑްރައިވަށް އަނެއްކާވެސް ފައިލްތަކެއް ޑައުންލޯޑްކޮށްލިއެވެ. ކާމިޔާބުވެދާނެކަމުގެ ޔަގީންކަން ނަފުސަށް ދޭން މާ އަވަހެވެ. އޭނަގެ ހަރަކާތްތަށް އަޔާޝްވެސް ދެކޭނެއެވެ. ކިއުރެކްސިއާމީހުންވެސް އެކަމުގެ ރައްދުދޭނެއެވެ. އަދި ކޮންމެވެސް ދިމާލެއްގައި އެ މަންޒަރުދެކެން ލީވަންވެސް ހުންނާނެކަމާއިމެދު ޝައްކެވެ.

"އަހަރެމެންނަށް ވަގުތު ވަރަށް ކުޑަ..."މިނާހް ހަޔާއަށް މެސެޖްކޮށްލިއެވެ.

"ﷲ ތައާލާ ވަގުތުގައި ބަރަކާތްލައްވައިފިއްޔާ ހުރިހާ ކަމެއް ރަގަޅުވާނެ..ޓްރަސްޓް ހިމް...."

މިނާހް ހިނިތުންވެލިއެވެ. ހަޔާގެ އެއިން ކޮންމެ ޖުމްލައެއް އޭނަގެ ސިކުނޑީގެ ފުންމިނުގައި ރައްކާކުރެވެއެވެ.

***

މެންދުރުވީއިރު ކަޅުކުލައިގެ ކާރެއް ހޮސްޕިޓަލުގެ ޕާކިން އޭރިއާގައި މަޑުކޮށްލިއެވެ. ކިއުރެކްސިއާގެ މުޝީރުގެ މިސްރާބު ހުރީ ސީދާ އަޔާޝްގެ އޮފީހަށެވެ. އިރުކޮޅެއްނުވެ އެޑްމިންއަށް އަމުރުއައީ އެކުންފުނީގެ އިރުޝާދުތަކަށް އަމަލުކުރުމަށެވެ. އޭގެ ތެރޭގައި ބަލިމީހުންގެ ފައިލްތައް އޮޑިޓްކުރުމާއި، ޑޭޓާ ލީކްވެގެން އުޅޭގޮތެއް ހޯދުމާއި، ބޭރުގެ އެއްވެސް ފަރާތެއް އެކަމުގެ ތެރެއަށް އެއްވެސް ވަރަކަށް ވަނަނުދިނުމަށެވެ.

"މިވަރުން އެ ސިއްރު ހިފަހައްޓައެއްނުލެވޭނެ. މި ވެކްސިނުގައި މައްސަލައެއް އުޅޭކަން އާއްމުންނަށް އެނގިއްޖެ.."އަޔާޝްއަށް މޭގައި ފިރުމައިލެވުނެވެ. ހުސްކަމެއް އިހުސާސްކުރެވުނީއެވެ. އަޔާޝް ކަޅުކޮފީތަށި ބޯލުމަށްފަހު އޮފީހުން ނިކުމެގެން ގޮސް އައިސީޔޫ ކޮރިޑޯއަށް ނުކުތްތަނާ މިނާހްއާއި ދިމާވިއެވެ.

"މިނާހް....ވީ ނީޑް ޓު ޓޯކް...އެކަނި........."

މިނާހްގެ ހިތް އަވަސްވިއެވެ. ދޮންބެ އުޅެނީ އޭނައަށް ވަރުގަދަ އިންޒާރެއް ދޭންކަން ޔަގީނެވެ.

"މިހާރު؟"

އާނ..މިހާރު..."އަޔާޝްގެ ކޮލުކަށިގަނޑަށް ވާންވެލިއެވެ.

ދެމީހުން ގޮސްވަނީ ހުހަށް ހުރި ބަލިމީހުން ބަލާކޮޓަރިއަކަށެވެ. އަޔާޝް ދޮރު ތަޅުލިއެވެ.

"ޔޫ އަޕްލޯޑެޑް ޑާޓާ...."އަޔާޝްގެ އަޑު ކިތަންމެ މަޑުވިޔަސް ނުރައްކާތެރިގޮތެއް ހުއްޓެވެ."އެނގޭތަ ތިކުރީ ކިހާވަރެއްގެ ކަމެއްކަން؟ މަނާކަމެއްކަން؟"

އޭނަ އަޔާޝްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ."އަހަންނަށް އެނގޭވަރަކީ މީހުން މަރުވަމުންދާކަން....އަދި މި ހޮސްޕިޓަލުން އެކަން ފޮރުވާކަން....."

"މިނާހްއަށް އެކަން ހައްލުކުރެވޭނެތަ؟ ސިކުނޑި ޅައީ މިނާހް..ވަރަށް ނުވިސްނޭ.....ބޮޑު ކުންފުނިތަކެއްގެ މަސައްކަތަކަށް ހުރަސް އަޅަން ތީ މެޑިކަލް ކުންފުނިތައް ހިނގާގޮތް އެއްވެސް ވަރަކަށް އެނގޭ މީހެއްނޫނޭ....ތިކުޅެނީ އަލިފާނާއި...ފިހިދާނެ...ސަލާމަތްނުވެވޭވަރަށް....މިނާހް....ޕްނެޑްރައިވް ގެނޭ..."

އޭނަ އިރުކޮޅެއްވާންދެން ވިސްނަން ހުރެފައި ކޯޓުގެ ޖީބުން ޕެންޑްރައިވް ނަގާފައި ދިއްކޮށްލިއެވެ."އެމީހުންނާއި ބައިވެރިވުމަކީ ކުށެއްނެތް ބަލިމީހުންތަކެއް މަރައިލުމުގައި ބައިވެރިވުން...."

"މިނާހް....ތި ވިސްނަނީ ރަގަޅަކަށް ނޫން..."އަޔާޝް ސޯފާގައި ޖައްސައިލިއެވެ. މިނާހްއަށް ވިސްނައިދިނުމަކީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމެކެވެ. "މިކަހަލަ ވައިރަސްއެއް އަންނައިރު ރާސްލާފައި އެތައް މިލިއަން މީހުންނެއް މަރުވެގެންދާކަން އެނގެއެއްނު..ވައިރަސްއަށް އޮތް އެކަނި ހައްލަކީ ވެކްސިން...އެފަދަ ޕެންޑަމިކްއެއްގައި ސައިންޓިސްޓުންނަށް އޮތް އެކަނި ގޮތަކީ ވިހާވެސް އަވަހަށް އެ ވައިރަސްއަށް ވެކްސިންއެއް ތައްޔާރުކޮށް އާއްމުންނަށްދިނުން...ތިބުނާހެން ކޮންމެ ބޭހެއްގައި ވެކްސިނެއްގައި ސައިޑްއިފެކްޓެއް ހުރެދާނެ..ގެއްލުމެއްނެތް އެއްޗެއް ކޮބާ؟ ކާބޯތަކެތިންވެސް ގެއްލުންވޭ..ބައެއްމީހުން ޕީނަޓްކޮޅެއް ކައިލިޔަސް ނުގުޅި މަރުވޭ...ގަބޫލުކުރާން ބޭނުންވިޔަސް ނުވިޔަސް އެއީ ހަގީގަތަކީ މިނާހް............"

"ތިއީ އުފެއްދި ވައިރަސްއެކޭ ބުނެފިއްޔާ ގަބޫލުކުރާނަންތަ؟" މިނާހް ބުމަ ގާތްކޮށްލިއެވެ."އަދި ބަލިމީހުންނަށް ވެކްސިންދީގެން ތަޖުރިބާކުރަނީ.....ލެބް ރެޓްސްހެން..."

"ލައިކް އައި ސެޑް....ވެކްސިންގައި ސައިޑް އިފެކްޓް ހުންނާނެ. އެކަމަކު އޭގެ ސަބަބުން ދެތިން މީހަކު މަރުވިޔަސް އެތައް މިިލިއަން ބަޔެއްގެ ފުރާނަ ސަލާމަތްކުރެވިއްޖެ މިނާހް..އެއީ ޝުކުުވެރިވާންވީ ތަންކޮޅަކީ..ބޭހަކުން ގެއްލުންވެއޭ ކިޔާފައި ބަލިމީހުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަން ކުރާ ކޮންމެ ކަމަކާއި އަހަރެން ދެކޮޅު....ތި ޖައްސަން އުޅޭ މޮޔަ ސްޓަންޓް ހުއްޓައިލާ. އެއްވެސް މީހަކަށް ފައިދާއެއް ނުކުރާނެ...މަރުވާ މީހަކު ނުވެސް ދިރުވޭނެ...ހުރިހާ އެންމެންގެ މަރު ލިޔުއްވާފައިވަނީ.......ދެރައީ ހަޔާވެސް އެކަމުގެ ތެރެއަށް ވައްދައިގެން އަދި..."

ހަޔާގެ ނަން އިވުމާއެކު މިނާހްގެ މޫނުގެ ކުލަ ބަދަލުވިއެވެ. ވަގުތުން އެނބުރުނީ އަނެއް ފަރާތަށެވެ.

"ކުރިން ބުނީމެއްނު ހަޔާއާއި ދުރުން އުޅޭށޭ...ޚިޔާލަކީ ބަދަލުވާ އެއްޗެއް...އޭނަދެކެ ލައިކްވަންޏާ....ހަމަ މެރީކުރަންވީ..އައި ޑޯންޓް މައިންޑް.."

"ސީރިޔަސްކޮށް މިބުނީ..."

އަޔާޝް ތެދުވެގެން އައިސް އޭނަގެ ކޮނޑުގައި މަޑުމަޑުން އަތް ޖައްސައިލިއެވެ. އެއަތުގެ އޯގާތެރި ފިރުމުމެއް ލިބިދާނެކަމަށް ދުވަހަކުވެސް އުއްމީދެއްނުކުރެއެވެ. ހައިރާންވިއެވެ. އެ ލަފުޒުތަކަކީ ސީރިޔަސްކޮށް ދޮންބެ ބުނެލި އެއްޗެއްހެއްޔެވެ؟ ނޫނީ އޭނަ ތަޅުވައިލަންވެގެން އެހެން އުކުޅެއް ބޭނުންކުރަން ފެށީބާވައެވެ. އެވަރުގެ ލޮލުމެއް މިޒާޖަށް އައުމަކީ ހަމަ ކަރާމާތެކެވެ. އަޔާޝްގެ އެ ކުދި އަދާއިން ރަކި ހިނިތުންވުމެއް ދީފައި އޭނަ ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރި ލީވަން ފެނުމުން އެއްޗެކޭ ބުނަން އުޅެފައިވެސް އަނގަ ލައްޕައިލިއެވެ.

"ތިތާ ކީއްކުރަނީ؟ "ލީވަން ބޯ ދިއްކޮށްލިއެވެ.

މިނާހް މަޑުކޮށްލުމެއްނެތި އަވަސްވެގަތީ މިސްކިތަށް ދިޔުމަށެވެ.

"އަހަރެން ހުރިހާ ފައިލްތަކާއި އެއްޗެހި އަތުލައިފިން...އަދި ކޮއްކޮއަކަށް އެކަމެއް ރޭކާނުލާ އެކަމަކު މަގު ސާފުވެއްޖެ..." ލީވަން ހަމަޖެހިލާފައި ބުނެލިއެވެ.

"އަހަރެންގެ ފަޅީގައި ތިހިރީ؟" އަޔާޝްގެ ހިނިތުންވުމުން ތޫނު ދަތްތަކެއް ފެނިލިއެވެ.

"އަނެއްހެން ވަކި ފަޅިއަކަށް ހުރީއެއްނޫން..އަމިއްލަ ނަފުސާއިމެދު އެކަނި މިވިސްނަނނީ....އަޔާ ބޭނުންވަނީ މިނާހް މަގުން އެއްފަރާތްކޮށްލުން....އަހަރެން ބޭނުންވަނީ މިނާހް މި ކުޅިގަނޑުގައި ކިހާ ދުރަކަށް ދާނެތޯ ބަލަން..އޭގެ ފަހުން ސަވައިވްވަނީ ކާކުކަން އެނގޭނީ.."

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު