"އެނގޭނެ..."
"ނޫން..." އިޒީ އޭނާގެ ދެކަންފަތުގައި އަތް އެޅިއެވެ.
********
ކުރިއާއި ހިލާފަށް މިފަހަރު އެކުއްޖާ ދިޔައީ އިޒީ އާއި ދިމާއަށެވެ. އިޒީ ބޭނުންވީ ފަހަތަށް ޖެހޭށެވެ. އެހެނަސް، ކުރިއެކޭ އެއްގޮތަށް އޭނާގެ ދެފައިގައި ވަނީ ކަސްތޮޅު އެޅިފައެވެ.
"ދުވަހަކުވެސް ހަނދާން ނައްތައެއް ނުލެވޭނެ..."
އިޒީ ފުންމައިގެން ތެދުވިއެވެ. ގަޑި ބަލައިލިއެވެ. ގަޑިން ތިންގަޑި ސަތާރައެވެ. ކުރިއެކޭ ތަފާތެއް ނެތެވެ. އެއް ވަގުތެކެވެ. އެއް ހުވަފެނެކެވެ.
"ކީއްވެތަ އަބަދު އެއް ހުވަފެނެއް ފެންނަނީ؟..." ބާލީސް ހޫރައިލަމުން އިޒީ ހަޅޭއްލަވައިގަތެވެ. އިޒީއަށް ރުޅި އާދެވުނީ އަމިއްލަ ނަފުސުދެކެއެވެ.
އޭސީއިން އިޒީގެ ހަށިގަނޑަށް ފިންޏެއް ނުވިއެވެ. ފަންކާ ޖެހިއެވެ. ދެންވެސް އަރާމެއް ނުލިބުނެވެ. ކަރުނައިން ތެމިފައިވި ދެކޯތާފަތުގައި އަތް ހިންގައިލިއިރު، އިޒީގެ އިނގިލިތަކުގައި ވަނީ މަޑު ތުރުތުރުލުމެއް އުފެދިފައެވެ. ހުވަފެނުން އޭނާއަށް ފެންނަ އަންހެން ކުއްޖާގެ ސޫރަ ބަދަލެއް ނުވެއެވެ. މޫނުމަތީގެ އަސަރުތައް ހުންނަނީ އެއް ގޮތަކަށެވެ. ލައިގެން ހުންނަނީ ހުދު ޔުނީފޯމެކެވެ. އެކުއްޖާ ދައްކާ ވާހަކަ އާއި ވަށައިގެން ފެންނަ މަންޒަރު ބަދަލެއް ނުވެއެވެ. ކީއްވެ ހެއްޔެވެ؟ މާޒީގައި އިޒީއަށް ގޯހެއް ހެދިފައި ވަނީ ހެއްޔެވެ؟
"ކީއްވެތަ އެއީ ކާކު ކަން ނޭނގެނީ؟... ކީއްވެތަ ހޭލާއިރު އޭނަގެ ސޫރަ ހަނދާން ނުހުންނަނީ؟..." އިޒީ އޭނާގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހައިލިއެވެ. "މީ އަހަރެންގެ މައްސަލައަކުން ފެންނަ ހުވަފެނެއް ނޫން... އަހަރެން އެއް ކަމެއްވެސް ނުކުރަން..."
އަމިއްލަ ނަފުސަށް އޮޅުވާލެވޭތީ ހިތުގެ ކަނަކުން، އިޒީއަށް އެކަން ކުށްވެރި ކުރެވެއެވެ. އެހެނަސް، އޭނާ މަސައްކަތް ކުރަމުންދިޔައީ ހިތި ހަގީގަތަށް ފިލާށެވެ.
********
ފޯނު އެލާމުވީ އަޑު މުޅި ކޮޓަރީގައި ގުގުމައިލިއެވެ. ހޭލެވުނު ނަމަވެސް، އިޒީ އޮތީ ދެލޯ ހުޅުވައިލަންވެސް ބޭނުން ނުވެފައެވެ. ހުއްޓުމެއްނެތި ކޮޓަރިތެރެއިން އެލާމުގެ އަޑު އިވިއިވި ހުއްޓެވެ. ބްލޭންކެޓް އެއްފަރާތްކޮށްފައި އިޒީ ތެދުވިއެވެ. އެލާމް ކަނޑައިލިއެވެ. އެވަގުތު ފޯނުގެ އިސްކްރީން ދިއްލުނެވެ. އިސްކްރީނަށް އަރާފައިވާ ނަމަށް ބަލަން އޭނާ އިނެވެ. ފޯނު ކެނޑުނީ އިޒީ އިސްކްރީނަށް ބަލަން އިންދައެވެ.
"ނުނަގާތަ؟..." އާގިސާ ހުރީ ފަރުހާދުގެ މޫނަށް ވެރިވާ އަސަރުތަކަށް ފާރަވެރިވެގެންނެވެ.
"އެމަންޖެ އުޅޭނީ ވަރަށް ބުރަކޮށޭ ބުނީމެއްނު..." ފޯނު ޖީބަށް ލަމުން ފަރުހާދު ގަދަކަމުން ހިނިތުންވެލިއެވެ.
އާގިސާގެ މޫނު މިލައިގެން ދިޔައެވެ. އާއިލާ އާއި ދުރުގައި އިޒީ އެކަނިމާ އެކަނި ދުވަސްތައް ހޭދަކުރާތާ އަހަރުތަކެއް ވެއްޖެއެވެ. އެކަނިވެރިކަމަށް އެ ދަރިފުޅު ހޭނުނީ އާގިސާއަށް ހެދުނު ޅައެއްޗަކުންނެވެ. އެއީ އާގިސާ ގަބޫލުކުރާ ގޮތެވެ.
"އަހަންނަށް ރަނގަޅު މަންމައަކަށް ނުވެވުނީމަ މިހެން މިވީ..." އާގިސާ އިސްޖަހައިލީ ކުށްވެރިއަކު ފަދައިންނެވެ.
"ތިއޭ އެއްކަލަ..." އާގިސާގެ ކައިރިއަށް ޖެހިލާފައި، ފަރުހާދު އޭނާގެ އަނބިމީހާގެ މޫނަށް ބަލައިލިއެވެ. "އަހަރެމެން ފަހުރުވެރިވާ ކަހަލަ ކުއްޖަކަށް އެމަންޖެވީމަ އުފަލެއް ނޫންތަ ވާންވީ... މިހާރު އެއީ ވަކީލެކޭ... ރަށު އެންމެން އެ ތިބެނީ އެމަންޖެއަށް ތައުރީފު ކޮށްކޮށް... ވަކީލުންނަކީ ކިހާ ޒިންމާ ބޮޑު ބައެއް... އަބަދު ކޮންމެވެސް މައްސަލައެއްގެތެރޭ އުޅޭނީ..."
"ޒުބޭދާ ބުނި، އެގޭ އާމިރު ބުންޏޯ އިޒީއަކީ ކުޅަދާނަ ކުއްޖެކޭ..." ނުތަނަވަސްކަމުގެ ތެރެއިން އާގިސާއަށް ހިނިތުންވެލެވުނީ އަވަށްޓެރިންގެ ވާހަކަތައް ހަނދާންވުމުންނެވެ.
"އެހެންވެއޭ މި ބުނަނީ... ދެން މާލެ ގޮސް އެމަންޖެއަށް ގުޅާނީދޯ..." ފަރުހާދު ބޭނުންވީ އާގިސާ ރުއްސާށެވެ. ހަގީގަތަކީ އިޒީގެ ދުރުކަމުން ހުދު ފަރުހާދުގެ ހިތްވެސް ނުތަނަވަސްވެފައިވި ކަމެވެ.
********
ލޯގަނޑުގެ ކުރިމަތީގައި ހުއްޓި، އިޒީ އޭނާގެ ދެލޮލަށް ފުން ނަޒަރެއް ދިނެވެ. ރަތްވެފައިވާ ދެލޯ، އިޒީގެ އަމިއްލަ ނަފުސަށް ނުކިޔަމަންތެރިވެފައިވާ ފަދައެވެ. އެއްފަހަރު މޫނު ދޮވެގެން އިޒީގެ ހިތެއް ނުފުރުނެވެ. ދެވަނަ އަދި ތިންވަނަ ފަހަރަށްވެސް މޫނު ދޮވުނެވެ. ދެލޮލުގެ ރަތްކަމަށް ބަދަލެއް ނައެވެ. އިޒީގެ ބަލިފައި އެހެން މީހުންނަށް ފެންނަނީ އެ ދެ ލޮލުންނެވެ. މިފަހަރު އޭނާގެ ސިކުނޑީގައި ޓަކި ދިނީ، ޔައިލްގެ ޖުމުލަތަކެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް އެހެން މީހުން ބަސްކިޔާ ހެދުމަކީ އިޒީ ރުހޭ ކަމެއް ނޫނެވެ. އަމުދުން ޔައިލް ކަހަލަ ނުވެސް ދަންނަ މީހަކަށް އެ ފުރުސަތު ލިބިގެން ނުވާނެއެވެ. އިޒީގެ ދެއަތް މުށްކެވުނެވެ. މޫނުދޮންނަ ތަށީގައި އަތުން ޖެހިއެވެ.
ލިފްޓްގެ އިންތިޒާރުގައި ހުރި އިޒީ އޭނާގެ އަތުކުރީގައި އަޅާފައިވާ ގަޑިއަށް އަވަސް ނަޒަރެއް ދިނެވެ. ލައިގެން ހުރި ހުދުކުލައިގެ އަތްދިގު ގަމީސްކޮޅު، ކަޅު ސްކާޓްގެ ދަށަށް ޖަހާލާފައި ހުރިއިރު، އިޒީގެ ހިމަތޮޅި ހަށިގަނޑުގެ ވަނާތައް ރީތިކޮށް އެނގެން ހުއްޓެވެ. އެއް އަތުން ފައިލުތައް ހިފައިގެން ހުރިއިރު، އިޒީގެ ކޮނޑުގައި އަތްދަބަހެއް އަޅުވާފައި އޮތެވެ. އިޒީގެ ފަން އިސްތަށިގަނޑު އޮތީ ވޫލުކޮޅަކުން އައްސާލާފައެވެ. އާދައިގެމަތިން އޭނާ ކޮށްފައި ހުރީ ލުއި މޭކަޕެކެވެ. ތުންފަތުގައި ޖައްސާފައިވާ މަޑު ފިޔާތޮށިކުލައިން އިޒީގެ ތުނި ތުންފަތުގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.
ލިފްޓްގެ ދޮރު ހުޅުވުނު ވަގުތު، އިޒީގެ ކައިރީގައި މީހަކު ހުއްޓުނުކަމުގެ އިހުސާސް އޭނާއަށް ވިއެވެ. އެމީހަކު ޖަހައިގެން ހުރި ފިރިހެން ސެންޓުގެ މީރުވަސް އޭނާގެ ނޭފަތުގައި ހަރުލިއެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރި އިޒީއަށް ކައިރީގައި ހުރީ ކާކުތޯ ބެލުން މުހިއްމެއް ނުވިއެވެ. އޭނާ ހަލުވިކަމާއިއެކު ލިފްޓްގެ ތެރެއަށް ދެމިގަނެފައި ދާންވީ ފަންގިފިލާގެ ނަންބަރަށް ފިތައިލިއެވެ. އޭރުވެސް އިޒީގެ ސަމާލުކަން ހުއްޓިފައިވީ ފޯނުގެ އިސްކްރީނަށެވެ.
"ގުޑް މޯނިންގް..." އިޒީ ފެނުމުން، ސާރާ ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ.
"މޯނިންގް..." ސާރާއަށް ބަލައިލުމެއްނެތި އިޒީ ބުނެލިއެވެ.
އިޒީގެ ފަހަތުން ކަހަލަ ގޮތަކަށް ލިފްޓުން ނުކުތް ޔައިލް ފެނި، ސާރާ ބުނަން އުޅުނު ޖުމުލަވެސް ހަނދާންނެތުނެވެ. އަވަސްއަވަހަށް ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލާފައި، ޔައިލްއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ސާރާއަށް ވީގޮތް ފެނި، ފަސްއެނބުރި ބަލައިލަން އިޒީއަށް މަޖުބޫރުވިއެވެ. ޔައިލް ފެނުމުން، އިޒީގެ މުޅި މޫޑު ހަރާބުވިއެވެ. ޔައިލްއަކީ އިސްކޮޅުން ދިގު ޒުވާނެކެވެ. ހަމުގެ ކުލަ އައްޔެވެ. ގުދުރަތީގޮތުން ލިބިފައިވަނީ ރީތި ދެ ލޮލެވެ. އެ ދެލޮލުގެ ޖާދޫގައި ކޮންމެ އަންހެން ކުއްޖަކުވެސް ޖެއްސިދާނެއެވެ. އިޒީ ފިޔަވައެވެ.
އިޒީ ފުސްމޫނު ހަދައިލިގޮތުން ޔައިލްގެ ކައިރިއަށް އައީ ލާނެތް ހިންޏެކެވެ.
"ނުވައެއް ޖަހާއިރު މީޓީންއެއް އެބައޮތް..." ސާރާ ވާހަކަ ދެއްކީ އޭގެ ކުރިން ދުވަހަކުވެސް ވާހަކަ ދައްކާފައި ނުވާހާ ތުއިކޮށެވެ.
"އޯކޭ..." ޔައިލްއަށް ފާޑަކަށް ބަލައިލުމަށްފަހު އިޒީ ހިނގައިގަތެވެ.
"ނިއު ސްޓާފްވެސް މީޓިންއަށް ޖޮއިން ކުރާނެ..." ސާރާ ދެން ބުނެލި ޖުމުލައިން އިޒީގެ ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ. އެއްޗެއް ބުނަން އުޅެފައިވެސް އޭނާ އެ ހިޔާލު ދޫކޮށްލިއެވެ.
ނަސީމްގެ ކެބިންއަށް ވަންއިރު، އިޒީ ހުރީ ވަކި ގޮތެއް ނިންމާފައި ނޫނީ އެ ކެބިންއިން ނުނުކުންނަށް އަޒުމުކަނޑައަޅައިގެންނެވެ. ނަސީމަކީ އިޒީގެ ވެރިމީހާއެވެ. އިޒީ އެތެރެއަށް ވަންތަން ފެނުމުން، ނަސީމް އަވަސް އަވަހަށް ފައިލެއް ނަގައިގެން އެއަށް ބަލަން އިނެވެ.
"ކީއްވެ އަންގާވެސްނުލާ އިތުރު މުވައްޒަފެއް ނެގީ؟..." އިޒީ ހުރީ ދެލޯ ހަނިކޮށްލައިގެންނެވެ. "އަހަރެން ބޭނުމެއް ނޫން އޭނަގެ ހެލްޕެއް...."
ނަސީމް އިނީ އެ ޝަކުވާ އަންނާނެކަން އެނގި، އެކަމަށް ތައްޔާރުވެގެންނެވެ. ޔައިލްއާއި އެކުގައި މަސައްކަތްކުރަން އިޒީ ނުރުހޭނެކަން ނަސީމަށް މާ ކުރިންވެސް އެނގެއެވެ. އިޒީގެ ހުންނަ ސިނގު ރުޅިގަނޑު ނަސީމަށް އޮތީ ކުރިން ފެނިފައެވެ. ނަސީމަކީ އިޒީގެ ވެރިމީހާ ނަމަވެސް، އޭނާ އިޒީދެކެ ޖެހިލުންވެއެވެ.
"އިހަށް އިށީނދެބަލަ..." ގޮނޑިއަށް އިޝާރާތް ކުރަމުން ނަސީމް އެދުނެވެ.
"ރިކުއެސްޓެއް ނުކުރަމެއްނު ކޮންސަލްޓަންޓެއް ބޭނުންވެގެނެއް..." ގޮނޑީގައި އިށީންނާކަށް އިޒީ ބޭނުމެއް ނުވިއެވެ.
"ދެކޮޅުހަދާށެކޭވެސް ނުބުނަމެއްނު..." ނަސީމް އުޅުނީ ވެރިއެއްގެ ދައުރު އަދާކުރާށެވެ.
އިޒީގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ކުއްލިއަކަށް ފައިލުތައް މޭޒުމަތީގައި ބެހެއްޓި އަޑު މުޅި ތަނުގައި ގުގުމައިލިއެވެ. ނަސީމް ދިޔައީ ސިއްސައިގެންނެވެ.
"ސިއްސައިގެންނޭ..." ނަސީމް އެއްޗެއް ބުނަން އުޅުނެވެ.
"އަހަރެންގެ މަސައްކަތް ކަމުނުދަނީތަ؟..." ގޮނޑީގައި އިށީންއިރު، އިޒީގެ މޫނު ވަނީ މިލާފައެވެ.
"އެއީއެއް ނޫނޭ މައްސަލައަކީ..." ނަސީމް ދޫކޮށްލީ ފުން ނޭވާއެކެވެ. ދައްކަންޖެހޭ ވާހަކައިގެ ބާވަތުން، އޭނާއަށް އެ ވާހަކަ ބުނަން އުނދަގޫވިއެވެ.
"ދެން ކޮބާ މައްސަލައަކީ؟..." ނަސީމްގެ މޫނަށް ބަލައިލަމުން އިޒީ ސުވާލުކުރިއެވެ.
"އެ ކޭސް..." ނަސީމް ބުނެލިއެވެ. "މައްސަލައަކީ އެ ކޭސް..."
ދެމީހުންގެ ދެމެދަށް ވެރިވީ ހިމޭންކަމެވެ. ބުނާނެ އެއްޗަކާއިމެދު އިޒީއަށް ޖެހުނީ ވިސްނައިލާށެވެ.
"މިނިސްޓަރެއްގެ ކޭސްއެއް ވީމަތަ؟..." ޝަކުވާގެ ރާގަކަށް އިޒީ އަހައިލިއެވެ. "އަދިވެސް އަހަންނަށް ޓްރަސްޓް ނުކުރެވެނީތަ؟..."
"ޓްރަސްޓް ނުކުރާތީކީ ނޫނޭ..." ނަސީމް އުޅުނީ އިޒީއަށް ވިސްނައިދޭށެވެ.
"އަހަރެން އެކަނި ހޭންޑްލް ކުރެވޭނެ..." އިޒީ ދެންވެސް ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ. "އޭނަ ކޮންމެވެސް އެހެން މީހެއްގެ ކައިރިއަށް ފޮނުވާ!..."
"އިޒީ ބޭނުން ވިޔަސް، ނުވިޔަސް، ދިސް އިޒް ފައިނަލް..." ނަސީމް ފަހުގެ ނިންމުން އިއްވިއެވެ.
ނަސީމްގެ ކެބިންއިން ނުކުތްއިރު، އިޒީގެ މުޅި މޫޑު ވަނީ ހަރާބުވެފައެވެ. ކަންނެތް ގޮތަކަށް ހިނގާފައި ކެބިންއަށް ވަންނަން ދިޔަ އިޒީގެ ފިޔަވަޅުތައް ހުއްޓުނީ ދޮރުމަތީގައި ހުރި މީހަކު ފެނުމުންނެވެ. ޔައިލް ހުރީ ދޮރުކަނީގައި ލެނގިލައިގެންނެވެ. އިޒީގެ އިންތިޒާރުގައި ހުރި ކަހަލައެވެ. ދުވަހަކުވެސް މީހަކު އޭނާގެ އިންތިޒާރުގައި އެގޮތަށް ނުހުރެއެވެ. އިޒީ އަނބުރާލާފައި ދާން ހިނގައިގަތެވެ. ޔައިލް ފަހަތުން އައީ ކޮން އިރަކު ކަމެއްވެސް އޭނާއަށް ނޭނގުނެވެ. އިޒީއަށް ފެނުނީ ޔައިލް އޭނާގެ ކުރިމަތީގައި ހުއްޓައެވެ.
"ޔޫ އާރ ލޭޓް..." އަތުކުރީގައި އޮތް ގަޑި ދައްކައިލިއިރު، ޔައިލް ހުރީ ހިނިތުންވެލައިގެންނެވެ.
އިޒީ ޔައިލްގެ މޫނަށް ފުން ނަޒަރެއް ދިނެވެ. އެ މޫނުގެ އަސަރުތައް ތަރުޖަމާކޮށްލިއެވެ. އިއްޔެ ދިމާވި މީހަކު އޭނާ އާއި އެހާ ގާތްކޮށް ވާހަކަ ދައްކަންވީ ކީއްވެ ހެއްޔެވެ؟ ޔަގީނުންވެސް ޔައިލްގެ ސިއްރުވެރި ގޮތެއް ހުއްޓެވެ.
"ސެވަން ފިފްޓީ އެއިޓް..." ގަޑިއަށް އިޝާރާތްކުރަމުން އިޒީ ބުނެލިއެވެ. "މިއައީ ބޮސްއާ ވާހަކަ ދައްކާފަ..."
"އެހެން ހީވެއްޖެއޭ..." ޔައިލް ބުނެލީ މަޖާ ރާގަކަށެވެ.
"ދެން އަހަންނާ އެކީ ވޯކް ކުރާކަށް ނުޖެހޭނެ... ޓާސްކް ރީއެސައިން ކުރާނެ..." އިޒީގެ އަޑުގައިވީ ޔަގީންކަމެވެ.
"ނުކުރާނެ..." އިޒީއަށްވުރެ ޔަގީންކަންބޮޑު ރާގަކަށް ޔައިލް ބުންޏެވެ.
"ކުރާނެ، ބަލަން ހުރޭ!..." އިޒީ އިންޒާރު ދިނެވެ.
ޔައިލް ހުރީ ހަމަޖެހިފައެވެ. އިޒީގެ އިންޒާރަށް އޭނާ ނުސިހެއެވެ. އެއަށްވުރެ ޔައިލްއަށް ޔަގީންކަން ބޮޑެވެ. މޫނުން ހާސްކަމެއް ނުފެނެއެވެ. އިޒީ ރުޅި އަޔަސް، އޭނާގެ ފަރުވާލެއް ނެތޭ ބުނާ ފަދައެވެ.
"ތިކަހަލަ މީހުންނާއެކީ އަހަންނަށް ވޯކެއް ނުކުރެވޭނެ..." ޔައިލް ރުޅިއަރުވައިލަން އުޅުނަސް، އެކަން ކާމިޔާބު ނުވުމުން، އިޒީ ހިތްހަމަނުޖެހުނެވެ.
"ކޮންސަލްޓަންޓުންނާ އެކީ؟..." ޔައިލް އަހައިލިއެވެ.
"ބޭކާރު މީހުންނާ އެކީއޭ މިބުނީ...." އެއްގޮތަކުން ނުވިއްޔާ، އަނެއް ގޮތަކުންވެސް އިޒީ ބެލީ ޔައިލް ރުޅިއަރުވައިލެވޭތޯއެވެ.
"އާހް..." ހިތަށް ތަދުވެއްޖެއޭ ބުނާ ފަދައިން ޔައިލް އޭނާގެ މޭގައި އަތް ޖައްސައި، ދެލޯ މަރައިލިއެވެ. "އައި ޕްރޮމިސް، ޔަގީނުންވެސް ބޭކާރު މީހަކަށްވިޔަ ނުދޭނަން.. އޯކޭ..."
(ނުނިމޭ)