އިންޑިއާގެ ޝިމްލާގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ޖޫނިއާ ޓޭބަލް ޓެނިސް (ޓީޓީ) މުބާރާތުން ރާއްޖޭގެ 15 އަހަރުން ދަށުގެ އަންހެން ޓީމު ފަހުރުވެރި ރިހި މެޑަލްއެއް ހޯދައިފިއެވެ.
މި މަހުގެ 8 އިން 11 އަށް ކުރިއަށްދާ މި މުބާރާތަކީ އަންނަ ޖޫން މަހު އޮމާންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް ބާއްވާ މުހިންމު މުބާރާތެކެވެ.
ރާއްޖޭގެ ކެޑޭޓް އަދި ޖޫނިއާ ކެޓަގަރީން ވާދަކުރި މި މުބާރާތުގައި، 15 އަހަރުން ދަށުގެ އަންހެން ޓީމުން ރިހި މެޑަލް ކަށަވަރުކުރީ ލީގު އުސޫލުން ކުޅުނު މެޗުތަކުގެ ދެވަނަ ހޯދައިގެންނެވެ.
ކާމިޔާބީ ހޯދި ޓީމުގައި ހިމެނެނީ:
- އައިޝަތު މަލަކް ތާސީން
- އައިޝަތު އަލްސާ ނާފިޒް
- ސާރާ މޫސާ ޖަލީލް
މި ޓީމުން ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި، ނޭޕާލާއި ސްރީލަންކާގެ މައްޗަށް 3-2 އިން ކުރިހޯދާފައެވެ. އަދި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވީ 3-1 ސެޓުންނެވެ. މި ކެޓަގަރީން ރާއްޖެ ބަލިވީ ހަމައެކަނި ބާރުގަދަ އިންޑިއާ އަތުންނެވެ.
މުބާރާތުގެ އެހެން ނަތީޖާތަކަށް ބަލާއިރު، 19 އަހަރުން ދަށުގެ ޖޫނިއާ އަންހެން އަދި ފިރިހެން ޓީމު އިވެންޓުން ރާއްޖެއަށް ލިބުނީ ހަތަރުވަނައެވެ. އަދި 15 އަހަރުން ދަށުގެ ފިރިހެން ޓީމު މުބާރާތް ނިންމާލީ ފަސްވަނައިގައެވެ.
މި މުބާރާތުގެ ގިނަ އިވެންޓުތަކުން ރަން މެޑަލް ކާމިޔާބުކުރީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އިންޑިއާއިންނެވެ.