މިއަހަރުގެ ޒޯން ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން މެޗުތައް ކުރިއަށް ގެންދާނެ ހަ ރަށެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަނޑައަޅައިފިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ މެޗުތައް ހޯސްޓްކުރާނީ ހއ. ދިއްދޫ، ބ. އޭދަފުށި، އދ. މަހިބަދޫ، ދ. މީދޫ، ލ. ގަން އަދި ގދ. ގައްދޫގައެވެ. މި މުބާރާތުގެ ގުރުއަތުލުން މިއަދު އެފްއޭއެމް ހައުސްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ ތާވަލު ރޭވިފައިވާ ގޮތުން ނޯތު ރީޖަންގެ ޒޯން އެކެއްގެ މެޗުތައް މި މަހުގެ 18 އިން 28 އަށް ދިއްދޫގައި ކުރިއަށްދާއިރު، ނޯތު ރީޖަން ދޭއްގެ މެޗުތައް އޭޕްރީލް 15 އިން 30 އަށް ބާއްވާނީ އޭދަފުށީގައެވެ.
ސެންޓްރަލް ރީޖަންގެ ފޯރި ފެންނާނީ މަހިބަދޫ އާއި މީދޫއިންނެވެ. އެގޮތުން މަހިބަދޫގައި ޒޯން އެކެއްގެ މެޗުތައް މި މަހުގެ 15 އިން 30 އަށް ކުޅޭއިރު، މީދޫގައި ޒޯން ދޭއްގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 16 އިން 28 އަށެވެ.
ސައުތު ރީޖަންގެ ކޮލިފައިން މެޗުތައްވެސް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. މި ރީޖަންގެ ޒޯން އެކެއްގެ މެޗުތައް ލ. ގަމުގައި ބާއްވާއިރު، ޒޯން ދޭއްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ގދ. ގައްދޫގައެވެ.
މި ދެ ޒޯންގެ މެޗުތައްވެސް މި މަހުގެ 28 އަށް ނިމޭނެއެވެ. ކޮންމެ ޒޯނަކުންވެސް އެއްވަނަ ހޯދާ ޓީމުތައް މާލެއަށް ދަތުރުކޮށް، ޝަރަފުވެރި "ޒޯން ޗެމްޕިއަންސް ލީގު" ގައި ވާދަކުރާނެއެވެ.