ޕީއެސްޖީ އަތުން ބަލިވިޔަސް ވެން ޑައިކް ހުރީ ހިތްވަރު އެލުވާލާ ގޮތަކަށްނޫން

ވާޖިލް ވެން ޑައިކް--

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން 2-0 އިން ލިވަޕޫލް ބަލިވި ނަމަވެސް، ދެވަނަ ލެގުގައި ނަތީޖާ އަނބުރާލެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އެ ޓީމުގެ ކެޕްޓަން ވާޖިލް ވެން ޑައިކް ބުނެފިއެވެ.

ފްރާންސްގެ ޕެރިހުގައި ކުޅުނު މި މެޗުގައި ޕީއެސްޖީގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމާއެކު، ޑެސިރޭ ދޫއޭ އަދި ހްވިޗާ ކްވަރަޓްސްހޭލިއާ ވަނީ އެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދީފައެވެ.

އާނޭ ސްލޮޓްގެ އިރުޝާދުގެ ދަށުން ނުކުތް ލިވަޕޫލަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނު އިރު، މުޅި މެޗުގައިވެސް ބޮޑަށް ފެނިގެންދިޔައީ ޕީއެސްޖީގެ ބާރުގެ ދަށުގައި އޮތް މަންޒަރެވެ.

މެޗަށްފަހު ޓީއެންޓީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ވެން ޑައިކް ބުނީ މިއީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި، ބައިކޮޅަށް ވަން ފުރަތަމަ ލަނޑަކީ ''ޑިފްލެކްޝަނަކުން'' ވަން ލަނޑެއް ކަމަށެވެ.

ބަލިވުމުން އެކަމާ ހިތާމަކުރާ ކަމަށާއި، ނަމަވެސް އޮތް ހަމައެކަނި އުއްމީދަކީ އަންނަ ހަފުތާގައި އަމިއްލަ ދަނޑުގައި ކުޅެން އޮތް މެޗު ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި މި މެޗުން ބަލިވި ނަމަވެސް، ކުރިއަށް އޮތް ފުލަމް މެޗަށް ސަމާލުކަންދީ، އެއަށްފަހު ދެވަނަ ލެގުގައި މޮޅު ކުޅުމެއް ދައްކަންޖެހޭނެ ކަމަށް ވެން ޑައިކް ބުންޏެވެ.

މި މެޗުގައި ލިވަޕޫލްގެ ގޯލް ބެލެހެއްޓި ގިއޯގީ މަމަރްދާޝްވިލީ ދެއްކި ހިތްވަރުގަދަ ކުޅުމަށް ވެން ޑައިކް ވަނީ ތައުރީފުކޮށްފައެވެ.

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި އެލިސަން ބެކާގެ ބަދަލުގައި ކުޅެން ނުކުތް ޖޯޖިއާގެ ކީޕަރު ވަނީ ޕީއެސްޖީގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

ވެން ޑައިކް ބުނި ގޮތުގައި މަމަރްދާޝްވިލީގެ އެ ސޭވްތަކަކީ ދެވަނަ ލެގަށް ދާއިރު ލިވަޕޫލަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. މީގެ ކުރިންވެސް މިފަދަ ހާލަތްތަކުން އަރައިގަނެފައިވާކަން ހަނދާންކޮށްދެމުން، އަންފީލްޑްގައި ކުޅޭ މެޗުގައި ނަތީޖާ އަނބުރާލެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އޮތްކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު