އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން ޖެހުނު ލިވަޕޫލްގެ ފޯވާޑް އަލެކްސެންޑަރ އިސާކް، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި މިރޭ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި ހިމަނައިފިއެވެ.
އުމުރުން 26 އަހަރުގެ އިސާކް ކުޅުމާ ދުރުގައި ހުރީ މިދިޔަ ޑިސެމްބަރު މަހު ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ފައިގެ ކޮޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެންނެވެ.
މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި 125 މިލިއަން ޕައުންޑުގެ ބޮޑު އަގަކަށް ނިއުކާސަލް ޔުނައިޓެޑުން ލިވަޕޫލާ ގުޅުނު އިސާކަށް، އަނިޔާގެ ސަބަބުން މިހާތަނަށް ކުޅެވުނީ އެންމެ 16 މެޗެވެ.
ޕެރިހަށް ދަތުރުކުރާ ސްކޮޑުގައި އިސާކް ހިމެނި ނަމަވެސް، އޭނާ މެޗުގެ ފުރަތަމަ އެގާރައިގައި ނުހިމެނޭނެ ކަމަށް ލިވަޕޫލްގެ ކޯޗު އާން ފްލޮޓް ވަނީ ކަށަވަރުކޮށްދީފައެވެ.
"އޭނާ މިހާރު ވަނީ ޓީމާ އެކު ތަމްރީނުތަކުގައި ހަފުތާއެއް ހޭދަކޮށްފައި. އޭނާ މެޗުގެ ބައެއްގައި ބައިވެރިވެވިދާނެތީ ސްކޮޑުގައި ހިމެނީ. އެކަމަކު މެޗު ފަށާނީ އޭނާ ނުލައި،" ސްލޮޓް ބުންޏެވެ.
މި މެޗަކީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ހަމަލާތައް އަމާޒުކުރި ދެ ޓީމުގެ ކުރިމަތިލުމެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ޕީ.އެސް.ޖީ އިން މިހާތަނަށް 34 ލަނޑު ޖަހާފައިވާއިރު، ލިވަޕޫލަށް ކާމިޔާބުކުރެވުނީ 24 ލަނޑެވެ.
ލިވަޕޫލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ނުހިފޭ މައްސަލައެވެ.
އިސާކް އެނބުރި އައުމަކީ، ގޯލު ޖެހުމަށް ދަތިވެފައިވާ ލިވަޕޫލަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މި ދެ ޓީމުގެ ފުރަތަމަ ލެގު އޮންނާނީ މިރޭ ޕީއެސްޖީގެ ދަނޑުގައެވެ.
އަންނަ ހަފުތާގައި ކުޅޭ ދެވަނަ ލެގުން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި ބައްދަލުކުރާނީ ރެއާލް މެޑްރިޑް ނުވަތަ ބަޔާން މިއުނިކާއެވެ.